ރިޝްވަތަކީ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރެވޭ ވަރުގަދަ ޒަހަރެއް ކަމަށެވެ. އަދި މުޖުތަމައުގެ ސަފުތައް ރުޅާލާ ފިތުނައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުދަނގޫއެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ. އެއީ ވަރަށް ސިއްރު ގޮތެއްގައި ކުރެވެމުންދާ ކަމަކަށްވާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތު އަމަލުތައް އާއްމުވެފައިވާ ކަމަށާއި، ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކައި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. މިފަދަ މުޖުތަމައުތަކުގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މިފަދަ ކަންކަމަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަމެއް ކަމަށާއި، ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެއް ކަމަށެވެ.

ާމިކުޑަކުޑަ މުޖުތަމައުވެސް މިނުރައްކާތެރި ވަބާގައި ޖެހިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށެވެ. ޚުތުބާގައި ބުނީ މާތް ﷲ ރިޝްވަތު ހަރާމް ކުރައްވާފައިވަނީ ރިޝްވަތަކީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތަކަށްވާތީ ކަމަށާއި، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުން ކުރެވޭ ހަތިޔާރަކަށްވާތީ ކަމަށެވެ. ރިޝްވަތުގެ ކަންތައްތައް އާއްމުވެއްޖެ މުޖުތަމައުއެއްގައި ހަމަޖެހުން ގެއްލި އަމާންކަން ގެއްލޭނެ ކަމަށާއި، ރުޅިވެރިކަމާއި، އަދާވާތްތެރިކަމުގެ ޝިކާރައަކަށް އެ މުޖުތަމައުގެ ފަރުދުން ވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރިޝްވަތަކީ ހަރާމް އެއްޗަކަށްވީއިރު އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެ ކަމަށާއި، އެފަދަ އެއްޗެއް އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށް ކާން ދީގެން ނުވާނެ ކަމަށެވެ.

ރިޝްވަތު ދޭ މީހުންނާއި އުފުލާ މީހުންނާއި ބަލައިގަންނަ މީހުން މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލައި ޚުތުބާގައި ބުނީ ތިމާ ކަށްވަޅުގައި އޮންނަންޖެހޭ ވަގުތު ހަނދާން ކުރަންޖެހޭ ކަމަށާއި، ރިޝްވަތު ވާނީ ކަށްވަޅު އަނދިރިކުރާ އެއްޗަކަށް ކަމަށެވެ. އަދި އީމާންކަމުގެ ނޫރު ނިއްވާލާ އެއްޗަކަށް ކަމަށާއި، މިފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ ހަރާމް ގޮތުގައި ހޯދާފައިވާ ތަކެތިން ކައިބޮއެ އުޅުމާއި، އުނުފޭރާން ލުމަކީ އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލުނުކުރައްވާނެ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ އެންމެ ހަލާލު އެއްޗަކީ ހަލާލު މަސައްކަތް ކޮށްގެން އިންސާނާ އަމިއްލައަށް ހޯދާ އެއްޗެއް ކަމަށެވެ. އޭގައި ބަރަކާތްލެއްވިގެންވާ ކަމަށާއި، އޭގެ ސަބަބުން ތިމާއާއި ތިމާގެ ހަޔާތުގައި ބާއްޖަވެރިކަން ލެއްވިގެންވާ ކަމަށެވެ. އެހެންކަމުން ދުންޔަވީ ވަގުތީ ހިތްހަމަ ޖެހުމަށް ރިޝްވަތުގައި ހިފުމުގެ ބޭނުމެއް ނެތް ކަމަށާއި، އެކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.