ޤުދުރަތީގޮތުން ދިވެހި ރާއްޖެ އުފެދިފައި މިވަނީ ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައެވެ. ވަށައިގެން މާސިންގާ ކަނޑުތައް އޮންނަ އިރު ކޮންމެ ރަށެއްގެ ހިމާޔަތަށްޓަކައި ވަށައިގެން ތޮއްޓެއް ލެވިފައިވެއެވެ. އޭގެ އަތްދޮށުން ފަޅެއް އޮވެއެވެ. ރަށުގެ ފަސްގަނޑު ވަށައިގެން އާނުފަށެއް ލެވިފައިވެއެވެ. މިއާނުފަށަކީ ރަށުގެ ފަސްގަނޑު ހިފެހެއްޓުމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ހަމަ އެއާއި އެކު ހޭޅީގައި ހުންނަ ގަސްގަހަކީވެސް ރަށްގިރުން ހުއްޓުވުމަށް އެހީވެދޭ ގަސްގަހެވެ. ކަންމިހެން ހުރިނަމަވެސް ރަށް ގިރުމަކީ މިއަދު ދިވެހި ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ.

ދުނިޔޭގެ ހޫނުމިން މިދަނީ ދުވަހަކަށްވުރެ ދުވަހެއް މަތިވަމުންނެވެ. އިރުގެ ދޯދިތަކުން ދުނިޔެ ހިމާޔަތްކުރުމަށް ލައްވާފައިވާ އޯޒޯން ފަށަލަ ތުނިވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރުދެއެވެ. މިފަދައިން ދުނިޔެ ހޫނުވާ ހޫނުވުމުގެ ނަތީޖާއަކަށްވަނީ ދުނިޔޭގެ ދެ ދަނޑީގައި (އުތުރު ދަނޑި އާއި ދެކުނު ދަނޑި) ވާ ގަނޑުފެންތައް ވިރުމެވެ. އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލޭ ގޮތް ދިމާވެއެވެ. މިގޮތަށް ކަނޑުގެ ލޮނުގަނޑު އުފުލޭނަމަ، ރާއްޖެފަދަ ބިންތިރި ގައުމުތަކާއި ރަށްތައް ކަނޑުގެ އަޑިއަށް ޣަރަގު ވެދާނެއެވެ. މިއަދު މިފަދަ މަންޒަރުތައް މި ރާއްޖެއިންވެސް ފެންނަން ފަށައިފިއެވެ.

ކޮންމެ ސަބަބަކާލައިގެން ނަމަވެސް ދުނިޔެ ހޫނުވާ ހޫނުވުމުން، ވިރޭ ގަނޑުފެންތަކުން ކަނޑުގެ ލޮނުގަނޑު އުފުލޭނަމަ މި ބިންތިރި ރަށްތަކުގެ ފަސްގަނޑު ގިރާލުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. މިކަމުގެ ހެއްކަކީ ބ. އަތޮޅު ބަތަލާއެވެ. މިއީ މީގެ ދެތިން އަހަރު ކުރިން ރަށެކެވެ. ވިނަ އާއި ގަސް ހެދިފައި ހުރި ރަށެކެވެ. މަގޫގަސްގަހާއި ބޯކެޔޮ ގަސްގަހާއި ރުށްވެސް އެރަށުގައި ހުއްޓެވެ. ދަނޑިފަނުން އަޅާފައިވާ ގެގަނޑެއްވެސް އެރަށުގައި ހުއްޓެވެ. ރިޒޯޓުތަކުން ފަތުވެރިން އެރަށަށް ގޮސްހަދައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ މީހުން ޕިކުނިކު ދަތުރުތަކަށް އެރަށަށް ގޮސްއުޅުނެވެ.

މޫސުމަށް އައި ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި އެކު އެރަށަށް ރާޅުއަރަން ފެށިއެވެ. މަޑު މަޑުން ގިރަމުން ގިރަމުން ގޮސް 2019 އަހަރު ރަށުގެ ބޮޑެތި ގަސްތައް މޫދުގެ ތެރެއަށް ދިޔައެވެ. އޭގެފަހުން 2020 ވަނަ އަހަރު ބަތަލާ ފިނޮޅަކަށްވެ 2021 ވަނަ އަހަރު އައިއިރު އެރަށަކީ ރަށެއް ނޫނެވެ. ބޮޑު ދިޔައިގައި ފިނޮޅުގަނޑުވެސް ނުފެނެއެވެ. ކުރިން ރަށެއްގެ ސިފައިގައި އޮތް ބަތަލާ މިއަދު ފަރަކަށް ވަނީ ބަދަލުވެފައެވެ. 

ބ. އަތޮޅު ބަތަލާ އަކީ ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަގީގަތެއްކަމާއި އެކަމުގެ ނުރައްކާބޮޑުކަން ހާމަކޮށްދޭ ދަލީލެކެވެ. ވީ އިރު ކަމާބެހޭ ފަރާތްތަކުން ރަށްގިރުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުން ވަރަށްވެސް މުހިންމެވެ. ބ. އަތޮޅު ބަތަލާއަށްވީ ގޮތް އިތުރު އެހެން ރަށަކަށް ވިޔަ ނުދިނުމަށް މަސައްކަތް ކުރުން ވަރަށްވެސް މުހިންމެވެ.