ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކުން ޒަޙަމްވަމުން އަންނަ ކުޑަކުދިންނެވެ. ކުދިންގެ ޅަ ދުވަސްވަރު ނުވަތަ 'ޗައިލްޑް ހުޑް' އެކުދިންގެ ދިރިއުޅުމުން ފޭރިގަނެވިފައިވާ ތުއްތު ކުދިންނެވެ. އުމުރަށްވުރެ އަވަހަށް ބޮޑުވުމަށް މަޖުބޫރުވެފައިވާ ޅަ ސިކުނޑިތަކެވެ. ފެންނަން ނުވާނެ ކިތަށްމެ އަނިޔާއަކާއި ރަޙުމެއްނެތް ޤަތުލުތައް ދެކެމުން އަންނަ މައުސޫމު ލޯތަކެވެ. ކުރިމަތީގައި އަމިއްލަ މައިންބަފައިން ޝަހީދުކޮށްލާތަން ފެނި، އޭގެ ވޭނާއި ކެކުޅުންތައް ތަޙައްމަލު ކުރަމުންދާ ކުދިކުދި ހިތްތަކެވެ. އާއިލާގެ އެންމެން ޝަހީދުކޮށްލުމުން ދުނިޔެއަށް ބިކަވެފައިވާ ޔަތީމު ކުޑަކުދިންނެވެ. ބޮންތަށް އަޅާ އަޑާއި، އިމާރާތްތަށް ފުނޑުފުނޑުވެގެން ބިމަށް ތިރިވާ އަޑު އިވެމުން އަންނަ އެ ނާޒުކު ކަންފަތްތަކެވެ. މިވަނީ ކީއްކަމެއް ނޭނގޭ ޙާލު، މަގުމަތީގައި އެކަނިމާއެކަނި އިންނައިރު، ކަރުނައިން ކޯތާފަތް ތެމެމުންދާ ފުރާނަތަކެވެ. ޞަހްޔޫނީންގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ ކުޑަކުދިންނެވެ. އެ ލޯތަކުން އަމާޒުކުރާ ސުވާލުތަކެވެ. އެ ކޮންމެ ބަލައިލުމެއްގައި ފޮރުވިފައިވާ ވާހަކަތަކެވެ.
އެ ތުއްތު ދެލޮލުން ސުވާލުކުރާ ކަހަލައެވެ. އަޅުގަނޑުމެންނަށް ހަދަމުންދާ ގޮތްތައް ދުނިޔޭގެ ލޮލަށް ނުފެންނަނީ ހެއްޔެވެ؟ މަންޒަރު ސާފުކޮށް ފެންނަން އޮތަސް، ހިތަށް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އަޅުގަނޑުމެންގެ ގައިގެ ތަންތަން ފިހި، ގައިގެ ކަށިތައް މަސްގަނޑު ފޫ އަޅުވާލައިފައި ނުކުމެ، މުޅި ގަޔާއި އަންނައުނު ލެއިން ތަތްތެޅިފައިވާ މަންޒަރުތައް ބަލަން ކެތްވޭ ހެއްޔެވެ؟ ބޮންތަކުގެ އަމާޒަކަށްވެ، ހަށިގަނޑުގެ ގުނަވަންތައް މާ ދުރަށް ވިއްސައިގެން ދާތަން ފެނުނަސް އެއްޗެއް ހިތަށް ނާރަނީ ހެއްޔެވެ؟ ލިބިފައިވާ ޒަޙަމްތަކުގެ ބޮޑުކަމުން، ހަށިގަނޑުގައި އަޅަނީ ކިހާ ވޭނެއްކަން ބަޔާން ކުރުމަށްޓަކައި އަރުތެރެއިން އަޑެއް ނުނެރެވިގެން އުޅޭ މަންޒަރު ބަލަން' ތިޔަ ދެ ލޮލަށް ކުޅަދާން ހެއްޔެވެ؟ އަނިޔާއާއި ވޭން ލިބިފައިވާކަން އެންގުމަށް ރޯލާނެ ހިތްވަރުވެސް ނެތިގެން ބިންމަތީ ފުރޮޅެން އޮންނަތަން ފެނި، ތިޔަ ދެލޮލުން ކަރުނަ ނާދޭ ހެއްޔެވެ؟ އައްސިކުރާނޭ ބޭސް ނެތިގެން އައްސި ނުކޮށް އޮޕަރޭޝަންތައް ކުރާއިރު އެ ނުކުންނަ ވޭނީ އާޙްގެ އަޑު އިވި، ތިޔަ ލޯތަކަށް ހަމަ ނިދި ލިބޭ ހެއްޔެވެ؟ ޓެންޓުތަކުގައި ތިއްބާ އެ ޓެންޓުތަކުގައި ރޯކޮށް، އަންދާ އަޅިއަށް ހަދަމުން، އާއިލާތައް މި ވުޖޫދުން ފޮހެމުންދާއިރު، ތިޔަ ހިތްތަކުގައި ހިތާމައިގެ ވިންދެއް ޖަހާ ހެއްޔެވެ؟ މެސައިލްތަކުގެ ޝިކާރައަކަށްވެ، އެކި ދިމަދިމާލަށް ބުރުއްސައިގެން ގޮަސްފައިވާ އަތްތަކާއި ފައިތަކުގެ އިތުރުން، ހަށިގަނޑުގެ މަސްތަށް ހޮވާ އެއްކުރަމުން، ކޮތަޅުތަކަށް އަޅަން އުޅުނު މަންޒަރުތަކަކީ އާދައިގެ މަންޒަތުތައްކަމުގައި ތިޔަ ސިކުނޑިތަކުން ޤަބޫލުކުރީ ހެއްޔެވެ؟
އެ މައުސޫމު ދެ ލޯ ބުނާ ކަހަލައެވެ. ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަ އިހަށް ބާއްވާށެވެ. އެންމެ ކުޑަމިނުން ދިރިހުރުމުގެ ޙައްޤުންވެސް އަޅުގަނޑުމެން ދަނީ މަޙުރޫމު ކުރަމުންނެވެ. އުފަންދުވަހުގެ ސެޓްފިކެޓަށްވުރެ ކުރިން އަޅުގަނޑުމެންނަށް މަރުގެ ސެޓްފިކެޓް ލިބެމުން އެބަދެއެވެ. އިންސާނީ ޙައްޤުތަކާއި އިންސާނިއްޔަތުގެ ވާހަކަވެސް ނުދައްކާށެވެ. ފަލަސްތީނަށް އުފަންވީތީ އިންސާނިއްޔަތުކަމެއް އަޅުގަނޑުމެންނާ ދޭތެރޭ ނުހުންނާނެކަން މިހާރު ޤަބޫލުކޮށްފީމެވެ. އިންސާނީ ހައްޤުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ނުލިބޭނެ އެއްޗެއްކަންވެސް މިހާރު ފަހުމުވެއްޖެއެވެ. އަޅުގަނޑުމެން މި ޙާލުގައި އުޅޭތަން ދުނިޔެއަށް ފެންނަކަންވެސް އެނގެއެވެ. ނަމަވެސް ހުރިހާކަމެއް ބަލަމުންވެސް ދުނިޔެ ހަނު ހުރިތަށް ދެކެފީމެވެ. އަޅުގަނޑުމެންގެ ރުއިމުގެ އަޑަށް ދުނިޔެ ދެއްކި ބީރު ކަންފަތްވެސް ފެނިއްޖެއެވެ. މި އަނިޔާވެރި ޤަތުލުޢާއްމު ހުއްޓުވައި މި ކަމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ޤާބިލުކަމާއި ބާރު ލިބިފައިވީނަމަވެސް، ދެ އަތް އުރާލައިން ތިބި ވެރިންގެ ސޫރަވެސް ސާފުވެއްޖެއެވެ. އެއް އުންމަތެއްކަމަށް ދުލުން ބުނެ، އެ އުންމަތުގެ މުސްލިމު އަޚުންނާއި އުޚުތުންގެ ލެއިން މި މުޤައްދަސް ބިން ތަތްތެޅެމުން ދާއިރު، ދުލުން ބުނި ލަފްޒުތައް ޢަމަލުން ދައްކަން ނުކުޅެދުނު އިސްލާމީ ވެރިންގެ ސިފަތައްވެސް ވަރަށް ރަނގަޅަށް ހިތުގައި ބިންވަޅު ނެގިއްޖެއެވެ. އެކަންތައް އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެއެވެ. މި އެއްވެސް ކަމެއް އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން