އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެ އެތަނެއްގެ ކަނޑުގައި އޮންނަކަމަށް ބުނެވޭ ޖަޒީރާކަމުގައިވާ އިންޑިޔާއަށް ކުރެވުނު ދަތުރުގައި އެޅުނު ފުރަތަމަ ފިޔަވަޅާއެކުވެސް ކުރެވުނީ ތަފާތު އިޙްސާސެކެވެ. މުއްސަނދި ތާރީޙަކާއި، އުފެއްދުންތެރިކަމާއި ސަގާފަތުން ފުރިފައިވާ ދުނިޔެއަކަށް ފިޔަވަޅު އެޅުނުކަމުގެ އިޙްސާސެވެ. ހައިދްރަބާދުގެ ހަލަބޮލި މަގުތަކުން ފެށިގެން، ފަންނުވެރިކަމުން ޖަރީކުރެވިފައިވާ އަދި، އުފެއްދުންތެރިކަން ހާމަކޮށްދޭ ދެއްލީގެ ބިނާތަކާއި އިމާރާތްތަކުން ހޫނު މަރުޙަބާއެއް ކިޔަމުން ދިޔަ ކަހަލައެވެ. އެ މަންޒަރުތަކުން ހިތަށް ގެނުވީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. ދަތުރު ކުރިޔަށް ގެންދިޔުމުގެ ޖޯޝާއި ފޯރިއެވެ.
ދަތުރުގެ ފުރަތަމަ މަރުހަލާ ފެށިގެން ދިޔައީ ހައިދްރަބާދުގައި ބޭއްވުނު އޭޝިޔާގެ މުނިފޫހިފިލުވުމުގެ ދާއިރާގައިވާ އެންމެ ބޮޑު މަހާސިންތާގައި (އޭޝިޔާ'ޒް ލާޖެސްޓް ޑިޖިޓަލް އެންޓަޓެއިންމެންޓް ސަމިޓްގައި) ބައިވެރިވުމުގެ ތެރެއިންނެވެ. އުފެންދުންތެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިޔާގެ ފިޔުޗަރ ނުވަތަ މުސްތަޤުބަލު ފެންނާނެ ގޮތްތައް ދެނެގަތުމުގެ ތެރެއިންނެވެ. އެ މަހާސިންތާއިން ފެނިގެންދިޔައީ ތަފާތު މޮޅެތި ޙިޔާލުތަކެވެ. އުފެއްދުންތެރިކަމުން މުއްސަނދިވެފައިވާ ވިސްނުންތަކެވެ. ގޭމިންގެ ދާއިރާއިން ފެށިގެންގޮސް، އެނިމޭޝަނާއި ވިޒުއަލް އެފެކެޓްސްގެ ގިންތިތަކަށް ނިސްބަތްވާނެހެން ހުށަހަޅާފައިވާ ޙިޔާލުތަކެވެ. އެ ޙިޔާލުތަކުން އިންޑިޔާގެ މުސްތަޤުބަލު ބިނާކޮށް ބައްޓަން ކުރެވޭނެކަން ބުނެދެމުން، ދައްކައިދެމުން ދިޔައެވެ. މި މަހާސިންތާގައި އިންޑަސްޓްރީގެ ލީޑަރުންނާއި ބައްދަލުކޮށް، މުނިފޫހި ފިލުވުމުގެ ގޮތްތަކަށް ގެންނަ ބަދަލުތައް ބިނާވެފައިވާ މައިގަނޑު ޙިޔާލުތަކާމެދު ވާހަކަ ދެކެވުނުކަމީ، ހިތަށް ހަމަޖެހުމާއި ތަސައްލީ ލިއްބައިދިން ކަމެކެވެ.
ބިރިޔާނީތަކަށް ހައިދްރަބާދުގެ ނަން ޒަމާނުއްސުރެވެސް މަޝްހޫރެވެ. ހައިދްރަބާދުގެ ބިރިޔާނީއަކީ ފަތުރުވެރިންގެ ސަމާލުކަން އަތުލާފައިވާ، ހައިދްރަބާދުގެ ސުފުރާމަތިތައް ފަޅުފިލުވައިދޭ ކެއުމެކެވެ. އިންޑިޔާއަށް ކުރެވުނު މި ދަތުރުގައި ބަވާޗީއަށް ގޮސް، ހައިދްރަބާދުގެ ބިރިޔާނީ ތަޖުރިބާ ކޮށްލީމެވެ. ރަހަތަކަށް އިންސާފު ކޮށްލީމެވެ. އަބަދުވެސް ތަފާތު އެކި ރަހަތަކުގެ މަސާލާ ނުވަތަ ހަވާދުތަކަށް ނަން މަޝްހޫރު އިންޑިޔާއަކީ ތަފާތު އެކި ވައްތަރުގެ ރަހަތަކުން މުއްސަނދިވެފައިވާ މަސާލާތަކުގެ ގޮވެއްޗެކެވެ. ހައިދްރާބާދުގެ ބިރިޔާނީ ތަފާތުވާ އެއް ސަބަބަކީވެސް މިއެވެ. ހައިދްރަބާދުގެ ބިރިޔާނި ޚާއްސަވަނީ އޭގައި ބޭނުން ކުރެވޭ ތަފާތު މަސާލާއާއި، އިންޑިޔާގެ މުއްސަނދި ތާރީޙުގެ ކުލަވަރުގެ އިތުރުން ސަގާފީ ކޭންތަކުގެ އަސަރު އެއިން އިޙްސާސް ކުރުވާތީއެވެ. ބިރިޔާނީގެ ތެރެއިންވެސް އެންމެ ރަހަމީރު ބިރިޔާނީ ގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ ބަވާޗީ ރެސްޓޯރެންޓުން ލިބެން ހުންނަ 'ބަވާޗީ ހައިދްރަބާދް ބިރިޔާނީގެ' ނަމުން ނަންދެވިފައިވާ ބިރިޔާނީގެ ވައްތަރެވެ. 2022 ވަނަ އަހަރު އޮރީސް ރެސްޓޯރެންޓު އެވާޑްސްގެ ތެރެއިން 'ބެސްޓް ބިރިޔާނީ ރެސްޓޯރެންޓް އެވާޑް' ބަވާޗީއަށް ލިބިފައިވެއެވެ. މިކަމުންވެސް ހެކި ދެނީ ބަވާޗީ ބިރިޔާނީގެ މަޤުބޫލުކަމާއި ކާމިޔާބުކަމެވެ.
މުޅި ދަތުރުގެ އެންމެ ކަމުދާ ބާބު ގުޅިލާމެހިވެފައިވަނީ 'ރާމޯޖީ ފިލްމު ސިޓީއަށް' ކުރެވުނު ޒިޔާރަތާއެވެ. ދުނިޔޭގައިވާ އިތުރު ދުނިޔެއެއްފަދަ ތަނެކެވެ. ހަޤީޤީ ފިލްމު ސެޓެއްހެން ލޯ މައްޖަށް ސިފަވާ އެ ތަނަކީ ޖާދުވީ މަންޒިލެކެވެ. އެތަނަށް ކުރެވުނު ޒިޔާރަތުން ދަސްވެ އެނގިގެން ދިޔައީ ބޮލީވުޑް ފިލްމުތައް އުފައްދާ ގޮތެވެ. ޙިޔާލެއްގެ މައްޗަށް އުފަންވާ ބޮލީވުޑް ފިލްމުތަކަށް ހަޤީޤީ ދިރުމެއް ގެނައުމަށް، ކެމެރާގެ ފަހަތުގައި ހިނގާ ހައިރާން ކުރުވަނިވި މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރިޔަށްދާ ގޮތްތަކެވެ. ހަމަމިއާއެކު، އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ ގުޅިލާމެހި ކުރުވުމަށްފަހު، 'ބާހުބަލީ' އާއި 'ދިލް ޗާހްތާހޭ' ފަދަ ފިލުމުތައް ސިނަމާގެ ދުނިޔެއަށް ތަޢާރަފު ކުރުވި އަޖާއިބު ކުރުވަނިވި ގޮތްތަށް ފެނިގެންދިޔައެވެ.
މީގެއިތުރުން، ޑރ. ރެޑީ'ސް ލެބަށް ކުރެވުނު ޒިޔާރަތަކީ މި ދަތުރުގެ ބާބުން އުނިކުރުމަށް ތަންދޭ ޒިޔާރަތެއް ނޫނެވެ. ޑރ. ރެޑީ'ސް ލެބަށް ކުރެވުނު ޒިޔާރަތުން ހާމަވެގެން ދިޔައީ ސިއްޙީ ދާއިރާއަށް ގެނެސްފައިވާ އައު އީޖާދުތަކާއި އެކި ހޯދުންތަކުން ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރެވެ. ސިއްޙީ ދާއިރާގެ ހޯދުންތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އިންޑިޔާއިން އިސްކަންދޭ މިންވަރެވެ. ދުނިޔޭގެ ސިއްޙަތަށް ޙެޔޮ އަސަރުތަކެއް ގެނައުމުގެ މަޤުސަދުގެ ތެރެއިން، ސައިންސާއި ޓެކްނޮލޮޖީގެ ޒަރީޢާއިން ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް ފެނުމަކީ އެކަމާމެދު ވިސްނާ ފިކުރު ކުރުމަށް މަޖުބޫރު ކުރުވި ކަމެކެވެ. އިންޑިޔާގެ މި ހޯދުންތަކުން މަންފާ ކުރަނީ ހަމައެކަނި އިންޑިޔާގެ ރައްޔިތުންނަކަށް ނޫނެވެ. ޑރ.ރެޑީ'ސްގެ އެންމެ ފަހުގެ އުފެއްދުންތައް އެސް.ޓީ.އޯ މެޑިކަލްގެ ޒަރީޢާއިން ރާއްޖެއަށްވެސް ފޯރުކޮށްދެއެވެ.
ހަމަމިއާއެކު، އިންޑިޔާގެ ވިޔަފާރިވެރިކަމުގެ ދާއިރާއިން ނަން ވިދަމުންދާ ޓީ-ހަބް (T-Hub) އާއި ޓީ-ވޯކްސް (T-Works) އަޅުގަނޑުމެންގެ ލޯތައް ހުޅުވައިދިނީ މުޅިން އެހެން ދުނިޔެއަކަށެވެ. އެންމެ ޒަމާނީ އަދި އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރުމުގެ މަގުތައް ފަހި ކޮށްދިނުމުގެ އިތުރުން، އަލަށް ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރިތައް ފެށޭނެ ގޮތްތަކާއި އައު އީޖާދުތައް އުފެއްދުމުގެ މަގުވެސް މި މަރުކަޒުތަކުން އަންނަނީ ފަހި ކޮށްދެމުންނެވެ. ވިޔަފާރީގެ މައިދާނަށް އަލަށް ނުކުންނަ ކުންފުނިތަކަށް ބާޒާރުގައި ތަޢާރަފު ވެވި، ކުރިއަރައި، އަދި އެހެން ކުންފުނިތަކާ ފައި ހަމަ ކުރެވޭނެ ގޮތްތަށް މި މަރުކަޒުތަކުން ފަސޭހަ ކޮށްދެއެވެ. ޙާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ ސަމާލުކަން އަތުލައިގަނެ، އެންމެ ހައިރާންކަމެއް ގެނުވީ އެ މަރުކަޒުތަކުން އުފައްދަމުން އަންނަ އެޕްލިކޭޝަންތަކާއި އައު އީޖާދުތަކެވެ. އެ އުފެއްދުންތަކުން ހެކި ދެނީ ދުނިޔޭގެ ފެންވަރުގައި އިންޑިޔާގެ ނަން، ޓެކްނޮލޮޖީގެ ދާއިރާގައި ތަރައްޤީވަމުން އަންނަކަމެވެ. އެ އުފެއްދުންތަކުން ރަމްޒު ކޮށްދެނީ، އިންޑިޔާއަކީ ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަރަމުން އަންނަ ލީޑަރެއްކަމެވެ.
އިންޑިޔާގެ ހިތްގައިމު މަންޒިލުތަކުގައި އަތްފުނާ އަޅަމުން ދަތުރު ކުރިޔަށް ގެންދިޔުމުގެ ތެރޭގައި އިންޑިޔާގެ އާސާރުތަކަށް ޒިޔާރަތް ކުރީމެވެ. ހައިދްރަބާދުގެ 'ޗާރްމިނާރަށް' ކުރި ޒިޔާރަތުން ހާމަވީ އިންޑިޔާއަކީ މުއްސަނދި ތާރީޚެއް އޮންނަ ޤައުމެއްކަމެވެ. މީގެ އިތުރުން 'ސަލާރް ޖަންގް މިޔުޒިއަމް' އިން ފެނިގެން ދިޔައީ އުފެއްދުންތެރިކަމާއި ފަންނަށް، 'އާރޓް' އަށް، އިންޑިޔާ ފަށްކާވެފައިވާ މަންޒަރާއި މިންވަރެވެ. އިންޑިޔާގެ ޒަމާންވީ ތަރިކަތަކާއި ތާރީޙީ އާސާރުތަކެވެ.
އިންޑިޔާގެ އާސާރީ ބިނާތަކާއި، ޤަދީމީ އިމާރާތްތަކުގެ އިތުރުން ތާރީޙް ރަމްޒުކޮށްދޭ މަންޒިލުތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މި ދަތުރުގެ ތެރެއިން ލިބިގެން ދިޔައެވެ. ހައިދްރަބާދުގެ 'ގޮލްކޮންޑާ ފޯޓަށް' ޒިޔާރަތް ކުރި ވަގުތުގައި ހީވެގެން ދިޔައީ އިންޑިޔާގެ ޤަދީމީ ޒަމާނާއި ތާރީޙުގެ ތެރެޔަށް ފީނައިގަނެވުނުހެނެވެ. ވަށައިގެން ފެންނަމުންދިޔަ ޗާލު ފަންނުވެރި ބިނާތަކާއި މުއްސަނދި ތާރީޙް ރަމްޒުކޮށްދޭ ސިފަތަކުގެ ސަބަބުންނެވެ. ދިގު ތާރީޙެއް އޮތް މި އާސާރުން ފެންނަން ހުންނަނީ ހިންދޫ ސަގާފަތާއި އިސްލާމީ ސަގާފަތް އެކުއެކީ ދައްކައިދޭ ޑިޒައިންތަކާއި ފަންނުވެރިކަމެވެ. މި ބިނާއަށް ވަނުމުގެ 8 ދޮރާށި ނުވަތަ ގޭޓު ހުރިކަމުގައިވިޔަސް، ރަސްމީ ދޮރާއްޓަކީ 'ފަތެޙް ދަރްވާޒާ' ގެ ނަމުން ނަންދެވިފައިވާ ދޮރާއްޓެވެ. އެއީ 'ގޮލްކޮންޑާ ސަލްތަނެޓް' ނަމަކަށް ކިޔުނު ދަރިފަސްކޮޅުން ކުރަމުން އައި ރަސްކަން ނިމުމަކަށް ގެނެސް، އެތަން ފަތަޙަ ކުރެއްވުމަށްފަހު، 'އޯރަންގްޒޭބް ރަސްގެފާނު' އެ ބިނާއަށް ވަދެވަޑައިގަތުމަށް ބޭނުންކުރި ދޮރާއްޓެވެ. މީގެ އިތުރުން، އިންޑިޔާގެ 38 ޑައިމަންޑް މައިންސްގެ (ޖަވާހިރާއި ބިމު އަޑީގެ މައުދަނާއި، ޚަޒާނާއާއި ރިކާޒުތައް ހުންނަ ކިއްލާތަކުގެ) ތެރެއިން 23 ޑައިމަންޑް މައިންސް ހުންނަނީ ގޮލްކޮންޑާ ފޯޓުގެ ކައިރީގައެވެ. ބިމު އަޑީގެ މައުދަނާއި ޚަޒާނާތަކުގެ ކިއްލާތަކުން މުއްސަނދިވެފައިވާ ސަރަހައްދުގައި މި ބިނާ ހުރުމުގެ ސަބަބުން 'ޑައިމަންޑް ކެޕިޓަލްގެ' ނަމުންވެސް މި ތަނަށް ނަން ދެވިފައިވެއެވެ. ހަމަމިއާއެކު، ފޮރުވިފައިވާ ބިންގަރާހެއް، ގޮލްކޮންޑާ ފޯޓުގެ ކޮންމެވެސް މާލަމެއްގައި ވާކަމަށް މީހުން ޤަބޫލުކުރެއެވެ. ގޮލްކޮންޑާ ފޯޓުގައިވާ 'ބަލާ ހިޞާރް ޕަވިލިއަން' ކިޔާ ތަނަކީ މުޅި އެ ބިނާގައިވެސް ހުންނަ އެންމެ އުސް މަންޒިލެވެ. އެ މަންޒިލުގައި ހުރެގެން ވަށައިގެންވާ ހުރިހާ ތަނެއް ރީތިކޮށް ބަލައިލެވެއެވެ. މައި ދޮރާށީގެ 1 ކިލޯމީޓަރު ދުރުގައި ހުންނަ 'ބަލާ ހިޞާރަކީ' ވެސް ހައިރާން ކުރުވަނިވި ސިފަތަކުން ފުރިފައިވާ ގޮލްކޮންޑާ ފޯޓަށް ލިބިފައިވާ އިތުރު ޚާއްސަކަމެކެވެ.
ގޮލްކޮންޑާ ފޯޓަށްފަހުވެސް އެކި ބިނާތަކާއި އާސާރުތަކަށް ޒިޔާރަތް ކުރީމެވެ. އިންޑިޔާގެ ވެރިކަމާއި، ސަރުކާރުގެ އިތުރުން ސަގާފީ ތަރިކައެއްގެ ގޮތުގައި 'ރާޝްތްރަޕަތީ ބަވަން' ފެންނަން ހުރި އިރު، އިންޑިޔާގެ އެކި ހަޟާރާތްތަކާއި، ވެރިކަން ކުރި މީހުންނާއި، އެބަޔަކާ ގުޅުން ހުރި މަޢުލޫމާތުތައް އެ ބިނާއިން ލިބެން ހުއްޓެވެ. އަދި އިންޑިޔާއާއި އިނގިރޭސިވިލާތުގެ (ދެ ޤައުމުގެ) ފަންނުވެރިކަމާއި ޑިޒައިންތައް ގުޅިލާމެހިވެފައިވާ މަންޒަރު އެ ބިނާގެ މެދުގައިވާ ޤުއްބާއިން ދައްކައިދެއެވެ. މީގެ އިތުރުން 'ހުމާޔުން ތޮމްބް' އާއި 'ކުތުބް މިނާރް' އިން ފާޅުވާން ހުރީ އިންޑިޔާގައި މަގަލް އިން ވެރިކަން ކޮށްފައިވާ ކަމުގެ ހެކިތަކާއި މަގަލްގެ ހައިބަތެވެ. ތާރީޙުގެ ފަތްފުއްތަކަށް އެވެރިން ދޫކޮށްފައިވާ ނިޝާންތަކެވެ.
ރާޝްތްރަޕަތީ ބަވަން ހުމާޔުން ތޮމްބް
އިންޑިއާގައި ބާއްވާ އެންމެ ބޮޑު އިންޓަރނޭޝަނަލް ޓްރޭޑް ފެއާ 2024 އަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ދަތުރުގެ ބައިވެރިންނަށް ލިބުނެވެ. ހައިދްރަބާދާއި ދިއްލީގެ ދިގު ދަތުރަށްފަހު އަޅުގަނޑުމެންގެ މަންޒިލަކަށްވީ ތާޖް މަހަލްގެ ގޮވެތި ކަމުގައިވާ އާގްރާއެވެ. ލޯބީގެ އެންމެ މަޝްހޫރު އެއް ރަމުޒުކަމުގައިވާ 'ތާޖް މަހަލްގެ' ތަޖުރިބާއަކީ ދުލުން ބަޔާން ކުރެވޭ ވަރަށްވުރެ ބޮޑަށް އަޖާޢިބުން ފުރިފައިވާ، ހައިރާން ކުރުވަނި ތަޖުރިބާއެކެވެ. ފެންނަމުން ދިޔައީ ލޯމައްޗަށް ޤަބޫލުކުރަން ދަތި ބިނާއެކެވެ. އަތްތެރި މަސައްކަތުގެ ފުރިހަމަކަމާއި ފަންނުވެރިކަމުގެ ޗާލުކަމެވެ. ދުރުން ބަލައިލުމުގައިވެސް އެހާމެ ފުރިހަމަ ތާޖް މަހަލްގެ ކޮންމެ ތަނބެއްގައި ކަނޑާ ނެގިފައިވާ ތަފްސީލީ މަންޒަރުތަކާއި ޑިޒައިންތަކެވެ. 23 ފީޓުގެ އުސްމިނުގެ ބިންގަލެއްމަތީ ހުރި މަޤްބަރާ ހަދާފައިވަނީ ހުދުކުލައިގެ މާބްލްސް ނުވަތަ ބިއްލޫރިއޮށްތަކެއް ބޭނުންކޮށްގެނެވެ. ބޭނުންކޮށްފައިވާ އެ މާބްލްސްއަކީ އިރުގެ އައްޔަށާއި ހަނދުވަރުގެ އަލިކަމަށް ބަދަލުވާ އެއްޗެކެވެ. އެ އަލިތަކަށް 'ރިއެކްޓް' ކުރާ އެއްޗެކެވެ. އެހެންކަމުން އެކި ވަގުތުތަކުގައި ތާޖް މަހަލްގެ މަޤްބަރާއިން ފެންނަމުންދާނީ ތަފާތު އެކި އަލިތަކާއި އެކި ކުލައެވެ. އިމާރާތުގައި އެއްގޮތް ކުރެވިފައިވާ ހަތަރުފާރުގެ މެދުގައި 108 ފީޓުގެ އުސްމިނަށް އުފުލިފައިވާ ތަނބެއް ހުންނައިރު، އޭގެ ވަށައިގެން ކުދި ތަނބުތައް ބިނާކޮށްފައިވެއެވެ. މުޅި އިމާރާތް ނުވަތަ ބިނާގެ މެދުގައި، 240 ފީޓުގެ އުސްމިނުގައިވާ ޤުއްބާ ސިފަވަނީ ތާޖް މަހަލްގައި އަޅުވާފައިވާ ތާޖެއްހެނެވެ. މައި ޤުއްބާގެ ވަށައިގެން ކުޑަ 4 ޤުއްބާ ހުންނައިރު، ތާޖް މަހަލްގެ މެދުގައިވާ މައި ޤުއްބާ ތައްޔާރު ކުރެވިފައިވަނީ އެތަނުގެ ތެރޭގައި 'އަޑު' ވަރަށް ރަނގަޅަށް ދަތުރުކުރާ ގޮތަށެވެ. މިކަމުގެ ސަބަބުން އަޑުތައް 5 ފަހަރަށް އެކޯވެ ތަކުރާރުވެގެން ދެއެވެ. މީގެ އިތުރުން، ތާޖް މަހަލްގެ އެތެރޭގައި 8 ފަރާތުން ނުވަތަ 8 ފާރުން ނިވާކޮށް ހަދާފައިވާ މާބްލްސްގެ (ބިއްލޫރިއޮށުގެ) ކޮޓަރިއެއްވެއެވެ. އެތަން ޒީނަތްތެރިކޮށް ޖަރީކޮށްފައިވަނީ މުތީތަކުންނާއި ހިރިގަލުގައި ކަނޑާ ނަގާފައިވާ އެކި މަންޒަރުތަކުންނެވެ. މުމްތާޒާއި ޝާހު ޖަހާންގެ ހަށިކޮޅު ބެހެއްޓިފައިވާކަމަށް ދައްކުވައިދޭ މިންބަރެއް މި ކޮޓަރީގައި ހުރެއެވެ. މިންބަރުގެ ވަށައިގެންވަނީ މާބްލްސްއިން ހަދާފައިވާ ތުނި ފޮއްޗެއް ނުވަތަ ފަރުދާއެކެވެ. މުމްތާޒާއި ޝާޙް ޖަހާންގެ އަސްލު ހަށިކޮޅު ވަޅުލެވިފައިވަނީ ތާޖް މަހަލްގެ ބަގީޗާ ހުންނަ ފަންގިފިލާގައެވެ. އިމާރާތުގެ ކޮންމެ ބިންގަލެއްގެ ކަންމަތީގައި ޖާދުވީ ރީތި މުންނާރުތައް ހަދާފައިވާއިރު، ކޮންމެ މުންނާރެއްވެސްވަނީ މައި އިމާރާތާއި ގުޅިލާމެހި ވެފައެވެ. އެބިނާގެ ކޮންމެ ބިތަކުން ފާޅުވަމުން ދިޔައީ ޝާހް ޖަހާނާއި މުމްތާޒްގެ ލޯބީގެ ދާސްތާނެވެ. އެއީ ފަންނާއި ހުނަރުން ފުރިފައިވާ ސިކުނޑިތަކުންނާއި، ތަޖުރިބާކާރު އަތްތަކުގެ ބުރަ މަސައްކަތުން ވުޖޫދަށް ގެނެސްފައިވާ ފުރިހަމަ ތާޖް މަހަލްއެވެ.
އިންޑިޔާގެ ސީ.އީ.އީ.ޑަބްލިޔު (CEEW)، ފުރިހަމަ ނަމުން ނަމަ 'ކައުންސިލް އޮން އެނާޖީ، އެންވަޔަރަމަންޓް އެންޑް ވޯޓަރ' އަކީ އޭޝިޔާ ބައްރުގައި ކުރިއަރަމުން އަންނަ ދިރާސާ ކުރާ މަރުކަޒެކެވެ. ސީ.އީ.އީ.ޑަބްލިޔު އުފެއްދުމުގެ މަޤްސަދަކީ، ހަކަތައާއި، ތިމާވެއްޓާއި، ފެނާ ގުޅުން ހުރި މުހިންމު މައްސަލަތަކަށް އަލިއަޅުވާލާނޭ ދިރާސާ މަރުކަޒެއް އިންޑިޔާގައި ޤާއިމް ކުރުމެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ މި މަރުކަޒުން ޚާއްސަ ސަމާލުކަމެއް ދެނީ ހަކަތައާއި ފެން ފަދަ ތަކެތި އަހަރުމެން ބޭނުންކުރާ ގޮތާއި، ދެވަނަ ފަހަރަށް އެތަކެތި ބޭނުން ކުރެވޭނެ ގޮތްތަކުގެ އިތުރުން އެތަކެތި އިސްރާފުކޮށް ނަހަމަ ގޮތުގައި ބޭނުންކުރާ ގޮތްތަށް ދެނެގަތުމަށެވެ. މި ދިރާސާތަކުން ހޯދާ މަޢުލޫމާތާއި ފުރިހަމަ ހެކިތައް އެންމެ ފުރިހަމަ ގޮތުގައި މުޢާމަލާތް ކޮށްގެން މީހުންނަށް އޮޅުން ފިލުވައިދެއެވެ. އަދި އެ ރިސޯސްތައް އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރު އަޅައެވެ. ހަމަމިއާއެކު، ސީ.އީ.އީ.ޑަބްލިޔުއިން ވަނީ ދަނޑުވެރިކަމަށް ބޭނުންވާ އުފެއްދުންތައް ތައްޔާރުކޮށް، އެތަކެތި ދަނޑުވެރިންނަށް ފޯރުކޮށްދީފައެވެ. އިންޑިޔާއަށް ކުރެވުނު ދަތުރުގެ ތެރެއިން މި ދިރާސާ މަރުކަޒާ ގުޅިފައިވާ ތަޖުރިބާ ފާހަގަ ކުރުން މުހިންމެވެ. މި ދަތުރުގައި އެންމެ ފުރިހަމަ މެހެމާންދާރީއެއް އަދާކުރި ބަޔަކީވެސް ސީ.އީ.އީ.ޑަބްލިޔުއެވެ. ދަތުރުގެ ބައިވެރިންނާ މެދުގައި އެ މަރުކަޒުގެ ފަރާތުން ހަވާލުވީ ފަރާތްތަކުން ބޭއްވި ގާތްކަމުގެ ސަބަބުން ބީރައްޓެހި ކަމުގެ އިޙްސާސެއް ނުކުރެވެއެވެ. މީގެ އިތުރުން، ބޭނުންތެރި އަދި ތަފްސީލީ އެތައް މަޢުލޫމާތެއް ފޯރުކޮށްދިން ސެޝަންތައް ކުރިޔަށް ގެންދިޔުމުގައި އެ މަރުކަޒުން ގެންގުޅުނީ ބައިވެރިންގެ ސަމާލުކަން ދަމައިގަންނަ ފަދަ އުކުޅުތަކެކެވެ. އެކަމުގެ ސަބަބުން ނުހަނު ޝައުގުވެރިކަމާއެކު އެ މަޢުލޫމާތުތައް އަޑުއެހުމުގައި ބައިވެރިވެވުނެވެ.
'ޝިލްޕާރާމަމް' ގެ ޗާލު އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތަކުން ފެށިގެން ގޮސް 'ސީ.އީ.އީ.ޑަބްލިޔު' (CEEW) ގައި ކުރިޔަށް ގެންދެވުނު މަޝްވަރާތަކާ ހަމައަށް ވެސް، ޒިޔާރަތް ކުރެވުނު ކޮންމެ ތަނަކުން އަޅުގަނޑުމެނަށް ހަދިޔާ ކުރީ އަގުހުރި ފިލާވަޅުތަކަކާއި މަޢުލޫމާތުތަކެކެވެ. ސަގާފަތާއި އާދަކާދަތަކާއި ގުޅޭ ގޮތުންނާއި ޓެކްނޮލޮޖީއާ ގުޅޭ ގޮތުންނެވެ. އިންޑިޔާގެ ތާރީޙުގެ އިތުރުން އިންސާނީ އީޖާދުތަކާއި ބެހޭ ގޮތުންނެވެ. މި ދަތުރަކީ ޤައުމެއްގެ ރޫޙު ދަސްކޮށް، މަޢުލޫމާތުގެ ކަނޑަކުން، މަޢުލޫމާތުގެ ޙަޒާނާއަށް އެތަކެއް އައު މުތީއާއި ޔާގޫތު އެއްކުރެވުނު ދަތުރެކެވެ. އެއީ އިންޑިޔާގެ ތާރީޙް ދެނެގަތުމުން ގޮސް، އިންޑިޔާގެ މުސްތަޤުބަލު ދެނެގަތުމަށް ވިޔަސް މެއެވެ.
މި ދަތުރުގައި އިންޑިޔާގެ އެމްބަސީގެ ފަރާތުން އަދާކުރި މެހެމާންދާރީއަކީ ތަޢުރީފު ޙައްޤު މެހެމާންދާރީއެކެވެ. ކެއުމާއި ހުރުމުންގޮސް ދަތުރުގެ ޙިދުމަތްތައް ބައިވެރިންނަށް ފޯރުކޮށްދީފައިވަނީ ނުހަނު ފެންވަރުގައިކަން ފާހަގަ ކުރަމެވެ. ދަތުރުގެ ބައިވެރިންނަށް ބޭނުންވާ އެއްވެސްކަމެއް އޮތްތޯ ޔަޤީންކޮށް، ބައިވެރިންގެ ކަންކަން ވަރަށް ގާތުން ބެލުމުގައި އެކްސްޓާނަލް އެފެއާޒިން އަވަދިނެތި ހަރަކާތެރިވެ އުޅުނެވެ. ދަތުރަކީ ބައިވެރިންނަށް ކަމުދާ، ހިތްހަމަޖެހޭފަދަ ތަޖުރިބާއަކަށް ހެދުމަށްޓަކައި ދަތުރާއި ދަތުރުގެ ބައިވެރިންގެ ކަންކަމުގައި މަޝްއޫލުވެ އުޅުންކަން ބަލައިގަނެ، އެކަމަށްޓަކައި އެކްސްޓާނަލް އެފެއާޒަށާއި އިންޑިޔަން ހައި ކޮމިޝަނަށް ހައްޤު ޝުކުރު އަދާކުރަމެވެ. އެފަދަ އަހައްމިޔަތުކަމާއި މެހެމާން ނަވާޒީއެއް ނެތްނަމަ، މި ދަތުރު މިހާ އަމާން އޮމާންކަމާއެކީ ކުރިޔަށް ނުދިޔައީސްކަން ޔަޤީނެވެ.
އަޅުގަނޑުމެންގެ ރާއްޖެއިން ގިނަ ބައެއްގެ މަންޒިލަށް އިންޑިޔާވެފައިވަނީ ބޭސްފަރުވާ ކުރުމަށް ދާ ތަނެއް ގޮތުގައެވެ. ނަމަވެސް ހަސްފަތާލުތަކާއި ބޭސްފަރުވާގެ ބޭރުން އިންޑިޔާއަށް ނަޒަރެއް ހިންގާލުން މުހިންމެވެ. އިންޑިޔާއަކީ ތަފާތުތައް ގުޅިލާމެހިފައިވާ ބިމެކެވެ. ގަދީމީ އާދަކާދަޔާއި ސަގާފަތްތަކުގެ ރާސްތާ ގޮސް ގުޅެނީ އެންމެ ޒަމާނީ ހޯދުންތަކާއި އެކުއެކީ، އެއް ބިމުގައެވެ. ތާރީޚާއި މުސްތަޤުބަލުގެ ވިންދު ޖަހަނީ އެއް ހިތެއްގައެވެ. ޗުއްޓީ ހޭދަކޮށްލުމަށް ގޮސް، ބަލައިލާނެ ޗާލު ތަންތަނުން މުއްސަނދިވެފައިވާ ޤައުމަކަށް އިންޑިޔާ ވެފައިވުމަކީ ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތް ކުރާނެ މަންޒިލަކަށް އިންޑިޔާ ހަދަން ޖެހޭ މައިގަނޑު ސަބަބެވެ. މި ދަތުރަކީ އަޖާޢިބުތަކުން ހިތްތައް ފުރާލި، އާދަޔާޙިލާފު އެތައް ޗާލު މަންޒަރެއް ލޮލަށް ދެއްކި ދަތުރެކެވެ. އެ ކޮންމެ މަންޒަރަކުންވެސް ފަހުމުވެގެންދިޔަ ކަންތައްތަކުގެ ތެރެއިން އިންޑިޔާގެ ކުރިއެރުމާއި، މުއްސަނދި ތަރިކައިގެ އިތުރުން އިންޑިޔާގެ އިމެއް ނެތް ޤާބިލިކަމަށް ހިތުގައި އުފެއްދީ ޤަދަރާއި އިޙްތިރާމެވެ. ކައިރީ މިއޮތް އިންޑިޔާއަކީ މުއްސަނދި ސަގާފަތްތަކާއި ތާރީޙުގެ އިތުރުން ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ކުޅަދާނަ ސިކުނޑިތަކާއި އާސާރީ ތަރިކަތަކުން ފުރިފައިވާ ޙަޒާނާއެކެވެ. ތަފާތު އެތައް މަންޒަރެއް ބަލައިލުމަށް އެއްވަނައިގެ ތަނެކެވެ. ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާނެ އެއް މަންޒިލެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން