ރީތި ކުދި ޖަޒީރާތަކާއި ލަގްޒަރީ ރިސޯޓުތަކުގެ ސަބަބުން މަޝްހޫރު ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފަތުރުވެރިންގެ މަންޒިލެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް އާމްދަނީ ލިބޭ މައިގަނޑު މަސްދަރެވެ. މި ސިނާއަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ އެމެރިކާ ޑޮލަރުންނެވެ. ރިސޯޓް އިންޑަސްޓްރީގެ މަސައްކަތްތެރިންނަށް ޑޮލަރުން މުސާރަ ލިބޭއިރު، ރިސޯޓްތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ގިނަ ދިވެހި ވިޔަފާރިތަކަށް ވެސް ފައިސާ ލިބެނީ ޑޮލަރުންނެވެ. ނަމަވެސް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވަނީ ޑޮލަރުގެ ބޮޑު ދަތިކަމެކެވެ. އެކަމުގެ އަސަރު ސަރުކާރަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް ކުރަމުންއެބަ ދެއެވެ. އެއްބަޔަކު މިކަމާ ސުވާލު އުފައްދާއިރު، އަނެއްބަޔަކު މިއީ ހަގީގަތެއްކަމަށް ގަބޫލު ކުރެއެވެ.

 

ފަތުރުވެރިކަން: އިގްތިސާދީ މައިގަނޑު ތަނބު!

ދިވެހިރާއްޖޭގެ ޖީޑީޕީގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ސިނާއަތުން އެކުލެވިގެންވާއިރު، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ %60 އަށްވުރެ ގިނަ އިންސައްތައެއް ހިއްސާ ކުރަނީވެސް ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރިސޯޓުތަކަށާއި، ގެސްޓުހައުސްތަކަށާއި ސަފަރީތަކަށް އެތައް ޑޮލަރެއް ހަރަދުކުރެއެވެ. ރިސޯޓު މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުން ކަމުން، ފަތުރުވެރިކަމުގެ ސިނާއަތް ވެގެން މި ދަނީ ދިވެހިންނަށް ޑޮލަރުގެ އާމްދަނީ ލިބޭ މައިގަނޑު އެއް ސިނާއަތެވެ. މީގެ އިތުރުން ރިސޯޓްތަކުން މަހާއި ތަރުކާރީ، އަދި އިމާރާތްކުރުމުގެ ތަކެތި ފަދަ މުދަލަށް ޑޮލަރުން ފައިސާ ދައްކާ ހަދައެވެ. މިފަދަ ގިނަ ވިޔަފާރިތަކަކީވެސް ދިވެހި ވިޔަފާރިތަކެވެ.

މޫނުމަތިން ބަލާއިރު މި ނިޒާމަކީ އިގްތިސާދުގެ ތެރޭގައި ޑޮލަރު ދައުރުވަމުން ގެންދިއުމަށް އެހީތެރިވެދޭން ޖެހޭ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ ތެރެއިން ވެސް ދިވެހިރާއްޖޭގައި ޑޮލަރު ދައުރުނުވެ، އޭގެ ދަތިކަން ބޮޑުވެފައިވާ ވުމަކީ އެކަމާ ގިނަބަޔަކު ކަންބޮޑުވާ ކަމެކެވެ.

 

ޑޮލަރުގެ ދަތިކަން ދިމާވަނީ ކީއްވެގެން؟

1. ފަތުރުވެރިކަމުގައި ބޭރުގެ މިލްކުވެރިކަން ބޮޑުވުން:

 ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކަކީ ބޭރުގެ ކުންފުނިތަކުގެ މިލްކުވެރިކަމުގައި އޮންނަ ތަންތަނެވެ. އެމީހުންނަށް ފަތުރުވެރިންގެ ފަރާތުން ބޮޑު އާމްދަނީއެއް ލިބޭއިރު، މި ފައިސާގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި، ބޭރުގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރުމުގެ ސަބަބުން، ހަގީގަތުގައި ރާއްޖޭގެ އިގްތިސާދުގައި ހުންނަ ޑޮލަރުގެ އަދަދު މަދުވެގެންދެއެވެ.

2. އިމްޕޯޓް ކުރުމަށް އޮންނަ ތަރުހީބު ބޮޑުވުން:

 ކާބޯތަކެތިން ފެށިގެން ތެލާއި އަދި އިމާރާތްކުރުމުގެ އަސާސީ ތަކެއްޗާއި އަދި ރާއްޖެއަށް ބޭނުންވާ ގިނަ ތަކެއްޗަކީ ބޭރުން އެތެރެކުރާ ތަކެއްޗެވެ. މި މުދާތަކަށް ފައިސާ ދައްކަނީ ޑޮލަރުންނެވެ.

3. ސަރުކާރުގެ ދަރަނި:

 އެއާޕޯޓާއި، ބަނދަރުތަކާއި، ބޯހިޔާވަހިކަމުގެ ތަރައްގީ ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ސަރުކާރުތަކުން ބޮޑެތި ދަރަނިތައް ނަގައެވެ. މި ލޯނުތަކަކީ ގިނަ ފަހަރަށް ޑޮލަރުން ނަގާ ލޯނުތަކެއް ކަމުން، އެ ލޯނުތައް އަނބުރާ ދެއްކުމުން ގައުމުގެ ޑޮލަރުގެ ރިޒާވަށް އިތުރު ބުރައެއް އިތުރުވެއެވެ.

4. ކަޅު ބާޒާރުގެ ހަރަކާތް:

 ރަސްމީ އެކްސްޗޭންޖް ރޭޓް ޑޮލަރަކަށް 15.42 ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު، ކަޅު ބާޒާރުގައި 19 ރުފިޔާ އަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކޭތީ، ވިޔަފާރިތަކާއި، ޑޮލަރުން މުސާރަލިބޭ މީހުން އިސްކަންދެނީ ނުރަސްމީކޮށް ޑޮލަރުގެ ވިޔަފާރި ކުރުމަށެވެ. މިކަމުގެ ސަބަބުން ރަސްމީ ބޭންކިންގ ޗެނަލްތަކުން ޑޮލަރު ލިބުން މަދުވެ، މާލީ ނިޒާމު އިތުރަށް ބަލިކަށިވެގެންދެއެވެ.

 

ދައުލަތުގެ ފަރާތުން، ޑޮލަރު މަދުވުމުގެ ސަބަބުތަކެއް ގޮތުގައި ދައްކަނީ މިހިރަ މިހިރަ ސަބަބުތަކެވެ. ނަމަވެސް އިގްތިސާދު ދިރާސާކުރާ ބައެއް ފަރާތްތަކުން މި ވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. މިއިން ޒަމާނަކު މި ރާއްޖެއަށް ނުވި ކަމެއް، މިއަދު ކުއްލިއަކަށް ވުމުން، އެއީ އެބައިމީހުން ސުވާލު އުފައްދާ ކަމެކެވެ.

 

މިކަމުގެ އެކަމުގެ އަސަރު ކުރަނީ ކާކަށް؟

1. އާއްމު ދިވެހިންނަށް:

 ތަޢުލީމާއި، ބޭސްފަރުވާ، ނުވަތަ ދަތުރުފަތުރު ފަދަ ބައިނަލްއަޤްވާމީ ޚަރަދުތަކަށް ޑޮލަރު ބޭނުންވާ މީހުންނަށް އެ ޚަރަދުތައް ލިބުން ދަތިވެއެވެ. ގިނަ ފަހަރަށް ކަޅު ބާޒާރުގެ ރޭޓް ބޮޑުކޮށް ޑޮލަރު ގަންނަން މަޖުބޫރު ކުރުމުން އެމީހުންގެ މާލީ ބުރަ އިތުރުވެގެން ދެއެވެ.

2. ކުދި ވިޔަފާރިތަކަށް:

 ސީދާ ރިސޯޓްތަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭއިރު، އިމްޕޯޓަށް ބަރޯސާވާ އަނެއް ވިޔަފާރިތަކަށް ބޭރުން މުދާ ގަތުމަށް ބޭނުންވާ ޑޮލަރު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން އެމީހުންގެ ކުރިއެރުމާއި ފައިދާ ހުއްޓި ތާށި ވެއެވެ.

3. ސަރުކާރަށް:

 ދިވެހިރާއްޖޭގެ ސަރުކާރަށް ޑޮލަރުގެ ރިޒާވް ދެމެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ. ޒަރޫރީ އިމްޕޯޓްތަކަށް ފައިސާ ދެއްކުމާއި ބޭރުގެ ދަރަނިތަކަށް ދަރަނި އަދާކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ. އަދި މިކަންކަން ހައްލު ނުކޮށްފިނަމަ އިގްތިސާދީ އަނދަވަޅަކާއި ކުރިމަތިވެދާނެ އެވެ.

ދިވެހިރާއްޖެ އަކީ އެންމެ ފަތުރުވެރިކަމުގެ އެއްމެ ވަރުގަދަ އެއް މަންޒިލެވެ. ރާއްޖެއަށް މި ހައިސިއްޔަތު އޮތް ނަމަވެސް، ރާއްޖެއަށް ޑޮލަރުގެ ބޮޑު ދަތިކަމެއް މިވަނީ ކުރިމަތިވެފައެވެ. ރިސޯޓުތަކުގެ މަސައްކަތްތެރިންނާއި ދިވެހި ވިޔަފާރިތަކަށް ޑޮލަރުން މުސާރަ ދިން ނަމަވެސް، ގިނަ ފައިސާ ރާއްޖެއިން ބޭރަށް ދަނީ އިމްޕޯޓް ކުރުމާއި، ބޭރުގެ މިލްކުވެރިކަމާއި، ދަރަނި ދެއްކުމުގެ ސަބަބުންނެވެ. ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ އިއްޔެއަކު މިއަދަކު ވާ ކަންކަމެއް ނޫނެވެ. ދިވެހިރާއްޖެ ބަވަނަވެފައިވާ މި ދުނިޔެއަށް ލޯ ހުޅުވުނީއްސުރެ، މިކަންކަން އައީ މިމަގުން ތަރުތީބުވެ ހިނގަމުންނެވެ. ނަމަވެސް މިއަދު ހަމަ ކުއްލިއަކަށް މިފަދަ ބޮޑު ދަތިކަމަކާއި ކުރިމަތިވުމުން އެއީ އެތައް ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

ކުރިމަތިވި މި ބޮޑު، ޑޮލަރުގެ ދަތިކަމާއި އެކު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އަރައިފިއެވެ. ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެމުންދާ އެތައް ހިދުމަތަކަށް ބަދަލު ގެނެސްފިއެވެ. އަސާސީ އެތައް ހިދުމަތަކަށްވެސް މެއެވެ. މިފަދަ ބޮޑު އިގުތިސާދީ އަނދަވަޅަކަށް ވެއްޓުނީ ހަމަ ލޯނު ނަގައިގެން ބާވައެވެ؟ ދަރަނި އަދާކުރަން ދައުލަތުގެ ރިޒާވުގައި ހުރި ޑޮލަރުކޮޅު ހުސްކޮށްލީ ބާވައެވެ؟ އެ ރިޒާވުން މަދުވަމުން ދާކަން ނޭނގުނީ ބާވައެވެ؟ މިފަދަ އެތައް ސުވާލުތަކަކީވެސް ރައްޔިތުން ކުރިމަތިކުރުވަމުން އަންނަ ސުވާލުތަކެކެވެ. މި ސުވާލުތައް ކުރުމުގެ ޖާގަ ދެނީ މީގެ ކުރިން އައި ކޮވިޑުގެ ޢާލަމީ ވަބާގައި، ފަތުރުވެރިކަން ހުއްޓި، ރާއްޖެއަށް ޑޮލަރު ލިބުން އެއްކޮށްހެން ބަންދުވެފައި އޮތް އިރުގައިވެސް މިފަދަ ދަތިކަމެއް ރާއްޖެ ދެކެފައި ނުވާތީއެވެ. އެއިރު ރުފިޔާ ޗާޕު ކުރިއެއް ކަމަކު، ދިވެހި ދައުލަތަކަށް ޑޮލަރެއް ޗާޕެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ޑޮލަރުގެ ދަތިކަމެއް، މި މިންވަރަކަށް އެއިރަކު އިހުސާސްކުރާކަށް ނުޖެހެއެވެ. ކޮންމެއަކަސް ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ޑޮލަރުގެ ދަތިކަމެއް އުޅޭކަމަށް ދައުލަތުން އެބަ ބުނެއެވެ. ދައުލަތުގެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އެކަން އިހުސާސް ވެއެވެ. ނަމަވެސް މިކަން މިމަގުން ހިނގައިގެން ނުވާނެކަމަށް ގަބޫލުކުރާ އެތައް ބަޔަކުވެސް މި ފަސްގަނޑުގައި އެބަ އުޅެއެވެ.