ކަންކަން ހަމަމަގުން އެޅުވުމަށްޓަކައި ކުރެވޭ އެއްމެ ބޮޑު އެއް މަސައްކަތަކީ ގަވާއިދުތަކާއި ގާނޫނުތައް ހެދުމެވެ. ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށް، ތަންފީޒު ކުރުމަށްޓަކައި ގަވާއިދުތަކާއި ގާނޫނުތަކަކީ މުހިއްމު ކަމެކެވެ. ނަމަވެސް ބައެއްކަހަލަ ކަންކަން ހަރުދަނާ ވެފައި ހުންނަނީ ހަރުވެ ގުދުނުވެބޭ ގޮތަށެވެ. ތަނާއި ހާލަތަށް ކިޔަމަން ނުވެވޭ ގޮތަށެވެ. ބައެއްފަހަރު، ބުއްދީގެ ހަމަތަކުންވެސް މިފަދަ ކަންކަން ނެއްޓިގެން އެބަ ދެއެވެ. އެފަދަ އެއް ކަމަކީ ބައެއް ރަށްރަށުގައި ދޫކުރާ ލައިސަންސެވެ. އެއްގަމު އުޅަނދުގެ ލައިސަންސެވެ. ހާއްސަކޮށް ސައިކަލު ލައިސަންސެވެ.

އާދޭހެވެ! މިފަދަ ހިދުމަތްތައް ރަށްރަށުގައި ލިބޭ ކަމީ އުފާ ކުރާ ކަމެކެވެ. މިއީ ރަށްޔިތުންނަށް ލިބޭ ބޮޑު ލުޔެއްވެސް މެއެވެ. ގާބޫލު ކުރަމެވެ! ރަށްރަށުގައި ވެސް ގަވާއިދުތަކާއި ގާނޫނުތަން ހިނގާ ތަންފީޒުވާން ޖެހޭނެެެވެ. އާބާދީ މަދަސް، ބިން ކުޑަޔަށް ގާނޫނު ހިނގަން ވާނެއެވެ. އެހެނަސް ރަށްރަށުގައި ދޫކުރާ ސައިކަލު ލައިސަންސުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މިއީ ލިޔެކިޔުމުގެ އިޖުރާތެއް ފުރިހަމަ ކުރަން ކުރާ ކަމެއް ތޯއެވެ؟ ގާނޫނު ބުނާތީ ކުރާ ކަމެއް ތޯއެވެ؟ ނުވަތަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ކުރާ ކަމެއް ތޯއެވެ؟ ގަބޫލު ކުރެވޭ ގޮތުގައި ހަގީގަތުގައި މިއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ ކަމެކެވެ. ނަމަވެސް ސުވާލަކީ އެކަން އެމަގުން ހިނގާތޯއެވެ؟

އާދައިގެ މަތިން އަތޮޅުތެރޭ ރަށެއްގައި ލައިސަންސު ދޫކުރާ ތަނަކަށް ގޮސް ސައިކަލު ލައިސަންސެއް ނަގަން އުޅުނީމެވެ. ލިޔެކިޔެމުގެ އިމްތިހާނެއް ހަދައިފީމެވެ. ދުއްވަން ހަމަޖެހިފާ އޮތް ސަރަހައްދަށް ގޮސް، އަތުން ކޮއްޕާ ފައިން ކޮއްޕާ ސައިކަލު ދުއްވައިފީމެވެ. ބުނިގޮތަކަށް ފައި ނުޖައްސާ އަށެއް އަޅައިފީމެވެ. ބުނި ތަނަކު ގެނެސް ޕާކަށް ޖަހައިފީމެވެ. ބުނީމާ ފަހަތަށް މީހަކު އަރުވައިގެން ރަށުތެރޭ ދެތިން މަގެއްގައި ދުއްވައިފީމެވެ. މާ ގިނަ ދުވަހެއް ނުވެ، ލައިސަންސު ލިބިއްޖެއެވެ!

ދެން ގަތީ އަގުބޮޑު ސައިކަލެކެވެ! އެއަށް އަރާ ދުއްވަން ފަށައިފީމެވެ! މިސްކިތު ކަންމަތިން ލަނބާލެވުނީ ކިރިޔާއެވެ! އެކަމަކު އަށެއް އެޅީމެވެ! ފައެއް ނުޖައްސަމެވެ! ދެން ކަތީބު ގޯތި ކަންމަތިން އައީ ފާރުގައި ގާނާލައިގެންނެވެ! އެކަމަކު އަށެއް އެޅީމެވެ! ފައެއް ނުޖައްސަމެވެ! ދެން ގޮސް ސުކޫލު ކައިރިން އަޅާލިތަނާ ދެފުރޮޅު އެއްފަހާ ގަނބައިގަނެޖެއެވެ. މިފަހަރު ޖައްސަން ޖެހުނީ ދެފައި އެކަންޏެއް ނޫނެވެ! ދެ އަތްވެސް ޖެއްސީމެވެ! ތެދުވެ ފޮޅާލައިފައި ދެފަރާތް ބަލާލާފައި އަނެއްކާ ދުއްވާލީމެވެ! އެކަމަކު އަށެއް އެޅީމެވެ! ފައެއް ނުޖައްސަމެވެ! ދެން އަވަހަށް ގޭދޮށަށް ދިއުމަށް ދުއްވީމެވެ! ހުސޭނުބޭ ގޯތި ކަންމަތިން ލަނބާލިތަނާ އަނެއްކާ ފައި ޖައްސަން ޖެހުނެވެ! އޮށްވަޅުގޮނޑިއެއް ކަހަލަ ކަންމައްޗެކެވެ! އެކަމަކު އަށެއް އެޅީމެވެ! ފައެއް ނުޖައްސަމެވެ! ދެން ގޮސް ގޭ ދޮރުމައްޗަށް އެރިތަނާ އެ ކައްސާލީ އަދި މާ ގަދަޔަށެވެ! މިފަހަރު އަތާ ފައިގެ އިތުރުން، މުޅި މީހާވެސް ބިމުގައި ޖެއްސީމެވެ! އެ ކުޑަ ގޯޅި ފުރިފައި އޮތީ އޮތް ބޮޑު އެންބިއުލާންސަކުންނެވެ! ގޯޅީގައި އޮތީ ފެން ހެދި ޗަކަވެފައެވެ! އެކަމަކު އަށެއް އެޅީމެވެ! ފައެއް ނުޖައްސަމެވެ! ގަންނާ ކުރެއްވި ބިރުން ގެނެސް އަތުން ކޮއްޕާފައި ސައިކަލު އަނބުގަސްދޮށަށް ލާފާ ގެއަށް ވަނީމެވެ! 

ގެއަށް އައިސް ފެންވާރާލައިގެން އެނދުގައި އޮށޯވެލީ ލިބިފައި ހުރި ޒަހަމްތަކުގައި ބޭސްކޮޅެއް ހާކާލަމުންނެވެ! ހިތަށް އެރިއެވެ! މަރީ އާއި ފާތުން އަށާއި އައްޔައަށް އަދި މޯޑަށް ކަނޑާނެ ފޮންޏެއް ނެތެވެ! އެ އެންމެންނަށްވުރެ ކުރިން ލައިސަންސް މި ނެގީ އަހަންނެވެ! އެކަމަކު އެމީހުން ދުއްވާލެއް މާ ފަރިތައެވެ! އަހަރެންގެ ފަހަތަށް ވާ ޖިންނިއަކަށްވެސް އަރާކަށް ނުކެރޭނެއެވެ! އެކަމަކު އަހަރެންވެސް އަށެއް އެޅީމެވެ! ފައެއް ނުޖައްސަމެވެ! ލައިސަންސުވެސް އެބަ އޮތެވެ!  

އަނެއްކާ އިތުރަށް ވިސްނާލީމެވެ! މިއީ ކީއްކުރާ ލައިސަންސެއް ހެއްޔެވެ؟ މި އޮތަސް، ނެތް މީހުންގެ ފަރާތުން އެ ލިބޭ ރައްކާތެރިކަން މާ ބޮޑެއް ނޫން ހެއްޔެވެ؟ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރަން އަހަރެން ކަހަލަ މީހަކަށް ލައިސަންސު ދީގެން ކަށަވަރު ވާނެ އެއްވެސް ރައްކާތެރިކަމެއް އެބައޮތް ހެއްޔެވެ؟ އަނެއްކާ ވިސްނާލީމެވެ! ލައިސަންސު ނެގީ މާލޭގައި ނަގާ ގޮތަށެވެ. ލައިސަންސު ނަގަން ދުއްވީ ގައުޖެހި އެއްވަރު އޮމާން ހަރު ތަނެއްގައެވެ. ފައި ނުޖައްސާ އަށެއްވެސް އެޅީ އެތަނުގައެވެ! ލައިސަންސު ދިނީ އެތަނުގައިވެސް ދުއްވައިގެންނެވެ! ލައިސަންސު ހިފައިގެން ނުކުމެ ދުއްވަން މި ޖެހުނީ އޮށްވަޅު ގޮނޑިއެއްގެ މަތީގައެވެ! ފަސްމަޑު ޖަޒީރާ ގޯޅިތަކެއްގައެވެ! ފެން ހެދިފައި ހުރި ޗަކަ މަގުތަކެއްގައެވެ! ހަނި ކުދި ގޯޅިތަކެއްގައެވެ! ވަން ވޭ އެއް ޓޫ ވޭ އެއް ވެސް ނެތް ތަނެއްގައެވެ! މިވީ ކޮން އެއްޗަކަށް ހެއްޔެވެ؟ އެންމެންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދިން ލައިސަންސު ދީފައި މިއޮތި އަމާބުނީތީ ފަރަށް ދާ އުސޫލުންނެވެ!

މާލޭގައި ކަން ކުރާ ގޮތް އެއީ އެންމެ މޮޅު ގޮތެއް ނޫނެވެ! އަދި އެންމެ ފުރިހަމަ ގޮތެއްވެސް ނޫނެވެ! އެގޮތަށް ޖަޒީރާ ކުދި ރަށްރަށުގައި ކަންކަމެއް ނުހިނގާނެއެވެ! ބުއްދިއަށްވެސް ގަބޫލެއް ނުކުރެވޭނެވެއެވެ! ގައުޖެހި ތަނަކު ދުއްވައިގެން ފަސްމަޑު ތަނެއްގައި ދުއްވުމުގެ ލައިސަންސު ދިނުމަކީ ކޮސް ކަމެކެވެ! އެއީ ބުއްދި ގަބޫލު ކުރާ ހަމައެއް ނޫނެވެ! ފައި ނުޖައްސާ އަށެއް އެޅުމުން އެއީވެސް ލައިސަންސު ދޭންވީ ކަމެއް ނޫނެވެ! ދެނެގަންނަ ކަމަކީ ފަރިތަ މިންވަރުކަމުގައިވާނަމަ މައްސަލައެއް ނެތެވެ! އެކަމަކު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަރިތަ ވިޔަސް ނުވިޔަސް، ފައި ޖައްސަން ޖެހޭނެއެވެ! ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނީ އެއިރުންނެވެ!

އަމާބުނީތީ ފަރަށްދާ އުސޫލުން ދޭ އެއްޗަކަށް ލައިސަންސުތައް ނުހަދާށެވެ! ކުޑަކޮށް ބުއްދީގެ ތެތްކަމުގެ ބޭނުން ކުރާށެވެ! މާލެ އެއީ އެންމެ ފުރިހަމަތަން ކަމުގައި އަބަދު ނުދެކޭށެވެ! މާލެއާއި ރަށްފުށުގެ ދިރިއުޅުމާއި ހާލަތު، އުޑާއި ބިމާ ހާ ތަފާތެވެ! އުސޫލުތަކާއި ގަވާއިދުތަކާއި ގާނޫނުތައް، ތަނާއި ހާލަތަށް ފެތެން ޖެހޭނެއެވެ! ނޫންނަމަ އެއީ ބުއްދި ހަމަޖެހޭ ގޮތްތަކެއް ކަމުގައި ނުވާނެއެވެ!