ކޯވިޑުގެ އާލަމީވަބާ ދުނިޔެއަށް ކުރިމަތިވެ މުޅި ދުނިޔޭގައި ފެތުރެމުން ދިޔުމާއި އެކު، މި ބަލިން ރައްކާތެރިވުމަށް ވެކްސިން މިވަނީ އުފައްދާފައެވެ. ވީއިރު މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންގެންދާ ވެކްސިން ނުޖަހާ މީހުން ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުން އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެެވެންޝަން (ސީ.ޑީ.ސީ) އިން ދިރާސާކޮށް ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވެކްސިން ނުޖަހާ މީހުން އެނދުމަތިކުރުން ވަނީ 29 އިންސައްތައަށް އިތުރުވެފައެވެ. އަދި މީގެ އިތުރުން ވެކްސިން ޖަހާފައިވާ މީހުންނާއި އަޅާކިޔާއިރު ވެކްސިން ނުޖަހާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު، ވެކްސިން ޖަހާފައިވާ މީހުންނަށްވުރެ ފަސް އިންސައްތަ އިތުރުވާކަން ފާހަގަ ކޮށްފަައިވެއެވެ.

ސީޑީސީއިން ބުނީ މި ދިރާސާގެ ނަތީޖާއަކީ ލޮސް އޭންޖެލަސްގައި މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި 25 ވަނަ ދުވަހަށް ރައްކާކޮށްފައިވާ ޑޭޓާތަކަށް ބަލައި ކޮށްފައިވާ ދިރާާސާއެއް ކަމަށެވެ. އަދި މި ދިރާސާގައި ބޭނުންކޮށްފައިވަނީ 43،127 މީހުންގެ މައުލޫމާތުކަން ސީޑީސީއިން ފާހަގަ ކޮށްފައިވެއެވެ. ހޮސްޕިޓަލުގައި އެނދުމަތިކުރުން ސީޑީސީއިން މާނަކޮށްފައިވަނީ ކޮވިޑަށް ފައްސިވާތާ 14 ދުވަހުގެ ތެރޭގައި ހާލު ދެރަވެ އެޑްމިޓް ކޮށްފައިވުމަށެވެ.

ސީޑީސީގެ ޑައިރެކްޓަރު ރޮޝޭލް ވެލަންސްކީ ވައިޓް ހައުސްގައި ނޫސްވެރިންނަށް ވިދާޅުވީ ކޮވިޑަށް ވެކްސިން ދޭން ފެށުމުން ހާލަތަށް ބަދަލު އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ރޯގާއެއް ކަހަލަ ބައްޔެއް ކަމަށާއި، މި ބަލީގެ ވޭރިއެންޓްތަކުން އެކި މީހުންނަށް އަސަރުކުރާ މިންވަރު ތަފާތުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިތިބޭ މީހުންނަށް ވެސް ބަލިޖެހުމުގެ ފުރުސަތު އޮންނަ ކަމަށާއި، ނަމަވެސް، ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ނިސްބަތުން ކުޑަވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސިއްހީ މާހިރުންގެ ނަސޭހަތް އަޑުއަހާ އެމީހުންގެ އިރުޝާދުތަކަށް ބޯލަނބާ ވެކްސިން ޖެހުން ވަރަށްވެސް މުހިންމެވެ. އަދި ދެ ޑޯޒް ޖަހާ ވެކްސިންތަކުގެ ދެ ޑޯޒް ފުރިހަމަ ކުރުންވެސް ވަރަށްވެސް މުހިންމެވެ.