މިފަހަކުން އެންމެ ގަދައަށް އިވެންފެށި އަޑަކީ މަސްތުވާ ތަކެތި ހޯދުމަށް އޮޕަރޭޝަންތަކެއް ހިންގި ކަމުގެ އަޑުތަކެވެ. އަދި ދިވެހި ރާއްޖޭގައި ކެފޭ އުސޫލުން އެތަކެތި ވިއްކާ ބޮއެ ހަދާކަން ވަނީ އާންމުވެފައެވެ. މި ހުރިހާ ކަމެއްވެސް ނޫސްތަކުގެ ޒަރިއްޔާއިން އެންމެނަށް މިދަނީ އެނގި ހާމަވަމުންނެވެ. ނަމަވެސް މަސްތުވުމޭ މިބުނާ ބަހުގެ މާނައަކީ ކޮބައިތޯއެވެ؟ މަސްތު ވުމަކީ ކޮބައިތޯއެވެ؟ މަސްތު ވަނީ ކިހިނެއް ކޮންގޮތަކުން ކީއްވެގެންތޯއެވެ؟
ސިކުނޑިއަކީ އިންސާނާގެ ހުރިހާ ހަރަކާތަކާއި ހަށިގަނޑުގައި ހިނގަންޏާ ހިނގާހާ ކަމެއް ކޮންޓުރޯލު ކުރާ މައި މަރުކަޒެވެ. އެތައް މިލިއަން ނިއުރޯންސް ތަކެއްގެ މައްޗަށް އެކުލެވޭ ސިކުނޑީގައި އެތައް ހާސް މެސެޖުތަކެއް އެއްފަހަރާ ދައުރުކުރަމުން ހިނގައިދާނެއެވެ. މިއިން ކޮންމެ މެސެޖަކީވެސް މިދެންނެވި ކޮންމެ ނިއުރޯނަކުން އަނެއް ނިއުރޯނަކަށް ދަތުރުކުރަމުން ސިކުނޑިތެރޭ ދައުރުވާ މެސެޖުތަކެކެވެ. ކޮންމެ ނިއުރޯނެއް އަނެއް ނިއުރޯނާއި ގުޅިފައި ހުންނަ އިރު ދެ ނިއުރޯނުގެ ދޭތެރޭގައި ހުސްތަންކޮޅެއް ހުރެއެވެ. އެތަނަށް ސިނެޕްސްއޭ ކިޔައެވެ. މެސެޖުތައް ދައުރުކުރަނީ މިދެންނެވި ސިނެޕްސް ހުރަސްކޮށެވެ. އެހެން ގޮތަކަށް ބުނާނަމަ "ފުއްމާލައިގެން" ނެވެ. މިއީ ވަރަށް ފުރިހަމަ ކަމާއެކީ ތަރުތީބު ކުރެވިފައިވާ އޭގެ އަޖައިބު އެހާމެ ބޮޑު ނިޒާމެކެވެ. ނުވަތަ ގުނަވަނެކެވެ. މި ނިޒާމުގެ ތަރުތީބަށް ކުޑަވެސް ބުރޫއެއް އެރުމަކީ އިންސާނާގެ ހަށިގަނޑުގެ ހިނގުމަށް އަސަރު ކުރުވާނޭ ކަމެކެވެ. ނުގޮތަކަށް ބުނާނަމަ މާލޭ މަޖީދީމަދު ބަންދު ވުން ކަހަލަ ކަމެކެވެ.
އިންސާނާ މަސްތުވުމަށްޓަކައި ބޭނުން ކުރާ އެއްޗެއް، އޭނާ އެ އެއްޗެއް، ބުއިމުން ނުވަތަ ވަސްބެލުމުން ނުވަތަ ނާރުގެ ތެރެއަށް އިންޖެކްޓު ކުރުމުން، ހަށިގަނޑުގެ ލޭހޮޅިތަކަށް އެތަކެތި ފޯރައެވެ. އެއާއެކު ސިކުނޑިއަށްވެސް ފޯރައެވެ. މިފަދަ ކޮންމެ މަސްތުވާ އެއްޗަކުންވެސް ކުރާހާވެސް ކަމަކީ އިސްވެ ދެންނެވުނު ނިއުރޯންތަކުގެ ދޭތެރޭގައި ބަދަލުވާ މެސެޖުތަކަށް ބުރޫ އެރުވުމެވެ. އެކި މަސްތުވާ ތަކެތިން އެކިގޮތަށް ބުރޫ އަރުވައެވެ. ބައެއް އެއްޗެހިން މާ ހަލުއި ކަމާއެކު މެސެޖުތައް ދައުރުކުރުވާ ތަރުތީބު ބޮއްސުން ލައްވާލައެވެ. އަނެއްބައި މަސްތުވާ ތަކެތީގައި މެސެޖު ދައުރުވުނުގެ ދުވެލި ލަސްކޮށް ވާންވީ ގޮތާއި ވަމުންދާގޮތް އޮޅުވާލައެވެ. މި ހިސާބުން އިންސާނާގެ އާންމު ސިކުނޑި ހުންނާނީ މުޅިން އެހެން ރާގެއްގައި ނަށަނަށައެވެ. މިހާލަތުވައި އިންސާނާގެ ނަފްސަށް ކުރެވޭ އިހުސާސްތައް ދެނެގަތުމުގައި ސިކުނޑި ނުކުޅެދޭނެއެވެ. އެއީ ފެންނަ އެއްޗެއް ނުވަތަ އިވޭ އަޑެއް ކަމުގައި ވީނަމަވެސް މެއެވެ. އިންސާނާގެ ފަސް ހިއްސުން ދެނެގަންނަން ޖެހޭ މެސެޖުތައް ދެނެގަތުމުގައި ސިކުނޑި ނުކުޅެދެއެވެ. ނަތީޖާއަކީ އިންސާނާއަށް ވާނުވާ ނޭނގުމެވެ. މިހާލަތުގައި ހުންނަ އިންސާނަކާއި ދިމާލަށް މަސްތުވެފައިވާ މީހެކޭ ބުނެވެއެވެ. މިގޮތަށް މިކަން ދިމައިވުމަކީ އެ ނިއުރޯންތަކުގެ ބާރު ވަރަށް އަވަހަށް ދަށްކޮށްލާނޭ ކަމެކެވެ. ބޮޑެތި އެތައް ސިއްހީ ބަލިތަކަށް އިންސާނާ ހުށަހޮޅިގަންނަ ނަޖިސް ކަމެކެވެ.
މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު ސިކުނޑީގައި މި ހިނގާ ހައިޖާނު މަޑުމަޑުން ހަމައަކަށް އެޅެން ފަށައެވެ. ސިކުނޑީގެ މަސައްކަތްތަކުގެ ތަރުތީބު އަލުން އެކުލަވާލެވެއެވެ. އެހިސާބުން އިންސާނާގެ ހިއްސު ތަކުގެ މެސެޖުތައް ދެނެގަންނަން ފަށައެވެ. މީހާ އަށް ވާނުވާ އަދި ވާންވީގޮތް އިނގެން ފަށައެވެ.
ދަންނާށެވެ! ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. މަސްތުވުމުގެ އެކި އެކި މާނަތައް ހުރެއެވެ. އިސްވެ މިދެންނެވީ މަސްތުވާތަކެތީގެ ސަބަބުން އިންސާނާ ވާ މަސްތުގެ ވާހަކައެވެ. އެއްޗެއް ބޭނުންވާލެއް ބޮޑުކަމުން އެޔަށްވެސް މަސްތުވުމެކޭ ދިވެހި ބަހުގައި ކިޔައެވެ. ކޮންމެ އަކަސް މަސްތުވާތަކެތި ބޭނުން ކުރުމުން މިވާ މަސްތަކީ ކޮބައިކަމާއި މި މަސްތު މިވަނީ ކީއްވެ އަދި ކިހިނެތްކަން ސާފުވެއްޖެކަމަށް އުންމީދުކުރަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން