ދުނިޔޭގައި 2019 ވަނަ އަހަރުން ފެށިގެން ފެތުރެމުންދާ ޢާލަމީ ވަބާއެއް ކަމުގައިވާ ކޮވިޑް-19 އަށް މިހާތަނަށް އައި އިރުވެސް ސީދާ ފަރުވާއެއް ހޯދިފައެއް ނެތެވެ. ނަމަވެސް އެ ބަލިން ރައްކާތެރި ވުމަށްޓަކައި އެތައް ވެކްސިނެއް އުފައްދާ އެ ވެކްސިންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އެބަ ދެއެވެ. ނަމަވެސް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ފަރުވާއެއް ކަމަށް ބެލެވޭ ބޭހެއް އެމެރިކާއިން މި ވަނީ އުފައްދާފައެވެ.

އެގައުމުގެ އޮފިޝަލުން ބުނާގޮތުން މި ބޭހުގެ ސަބަބުން ކޮވިޑުން ދިފާއު ކޮށްދިން ނަމަވެސް، ބަލި އެއްކޮށް ނައްތާލުމަށް ވެކްސިން ޖަހަން ޖެހޭނެއެވެ. މި ބޭސް ފުރިހަމައަށް މަސައްކަތް ކުރާނީ ވެކްސިނާއި އެކުގައެވެ.

އެމެރިކާގެ ނިއުޔޯކުގައި ބޭސް އުފައްދަމުން އަންނަ "މާކް" އިން ހާމަކުރާގޮތުން އެ ބޭސް މިވަގުތު ތައްޔާރު ކޮށްފައި ހުރި ނަމަވެސް، އަދި އެ ބޭހުގެ އެއްވެސް ޓެސްޓު މަރުހަލާއެއް ފުރިހަމައެއް ނުކުރެއެވެ. އެކަން ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެން ކުރިއަށް ދާނެއެވެ. މި ބޭސް ބޭނުން ކުރަން ފެށުމުން ހޮސްޕިޓަލުގައި ފަރުވާ ދޭން މީހުންގެ އަދަދާއި ކޮވިޑުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވާނެ ކަމަށް ކަމުގެ މާހިރުން ލަފާ ކުރެއެވެ.

އެމެރިކާގެ ޗީފް މެޑިކަލް އެޑްވައިޒަރ އެންތޮނީ ފައުޗީ ވިދާޅުވާ ގޮތުގައި، އެކުންފުނިން ކޮވިޑަށް ބޭހެއް އުފެއްދުން އެއީ އުފާވެރި ހަބަރެކެވެ. އަދި ބޭހުގެ ސަބަބުން ހެޔޮ ނަތީޖާއެއް ނުކުންނާނޭ ކަމަށް ގަބޫލުކުރެވެއެވެ. ހަމައެއާއި އެކު އެ ނަތީޖާ ތަކާއި އެކު ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ކޮވިޑް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވިދާޅުވާ ގޮތުގައި، ކޮވިޑަށް ފަރުވާއެއް ނުވަތަ ބޭހެއް އުފެއްދި ނަމަވެސް، ކޮވިޑުން ދިފާއު ވުމަށް ޖަހާ ވެކްސިން ޖެހުން ހުއްޓާނުލާ ކުރިއަށްދާނެ އެވެ. މުޅި ދުނިޔެއިން ބަލި ނައްތާލެވޭނީ ވެކްސިންގެ އެހީގެވެ. ބޭހަކީ ވެކްސިނާއި އެއްގޮތަށް މަސައްކަތް ކުރާ އެއްޗެއް ނޫނެވެ. ބަލި ޖެހި، ފަރުވާ ކުރުމަށް ވުރެ ބަލި ނުޖެހި ހުރުން މާ ބޮޑަށްވެސް އެދެވިގެން ވެއެވެ. އެހެން ކަމުން ބޭހަކަށްވުރެ ބޮޑު ސަމާލުކަމެއް އަދިވެސް ދޭންވީ ވެކްސިނަށެވެ.

ކަން މިހެން ހުރި ނަމަވެސް އެމެރިކާގެ ސަރުކާރުން ވަނީ އެގައުމުން 1.7 މިލިއަން ގުޅަ ބޭސް ގަންނާނެ ކަމަށް ބުނެފައެވެ. ބެލެވޭ ގޮތުގައި މިއީ ބަލި ޖެހިފައިތިބި މީހުންނަށް ފަރުވާކުރުމަށް ހޯދާ ބޭސްތަކެކެވެ.

އައު ބޭހެއް އުފެއްދި ކަމުގެ ހަބަރާއި އެކު ގިނަބަޔަކު އުފާކުރަމުން ދިޔަ ނަމަވެސް މިއީ ވިޔަފާރި އުކުޅެއް ކަމަށާއި ބޮޑެތި މުއްސަނދި ވިޔަފާރި ވެރިން ނިކަމެތި ރައްޔިތުންގެ ސިއްހަތުން ވިޔަފާރި ކުރާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވެން ފަށާފައެވެ. މި ތުހުމަތުތައް ކުރަނީ ވެކްސިނާއި ދެކޮޅު ފަރާތް ތަކުންނެއް ނޫނެވެ. ވެކްސިން ޖެހުމަށް ގޮވާލާ ބައެއް ފަރާތް ތަކުންވެސް މި ބޭހުގެ ހަގީގަތް ގަބޫލު ކުރާނީ ޓެސްޓު މަރުހަލާ ނިމުމުން ކަމަށް ވަނީ ބުނެފައެވެ. އަދި ބޭހުގެ އިންތިޒާރުގައި ނުތިބެ ވެކްސިން ޖެހުމައިގެން މަޝްޣޫލު ވުމަށް އިލްތިމާސްވެސް ކޮށްފައިވެއެވެ.