ދުނިޔޭގައި ކޮވިޑުގެ އާލަމީ ވަބާ ފެތުރި ދުނިޔޭގެ ބޮޑެތި އެތައް ގައުމެއް މި ބަލީގެ ކުރިމަތީގައި ވަނީ ކުޑަކަކޫ ޖަހާފައެވެ. މުޅި ދުނިޔޭގައި ކޮވިޑް ފެތުރިފައިވާއިރު، އަވައްޓެރި އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އެގޮތުން މިހާތަނަށް އެގައުމުން 33،895،052 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، 449،899 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވެގެން ދިޔައީ ކުއްލި ގޮތަކަށެވެ.
ކޮވިޑް-19 އިންޑިޔާގައި ފެތުރި އެގައުމުގެ އިގްތިޞާދާއި އިޖްތިމާއީ ތަރުތީބު ގެއްލިގެން ދިއުމުގެ ސަބަބުން ދިގު މުއްދަތަކަށް އެ ގައުމު ވަނީ ފަތުރުވެރިންނަށް މުޅިންހެން ބަންދުކޮށްފައެވެ. ނަމަވެސް އެގައުމުގައި މިހާރު ހިންގަމުންދާ ވެކްސިންގެ ވަރުގަދަ ޕްރޮގުރާމްތަކަށްފަހު ފަތުރުވެރިންނަށް ހުޅުވާލަން މިވަނީ ނިންމާފައެވެ. އިންޑިޔާގެ ތާޖް މަހަލް އަކީ ދުނިޔޭގެ 7 އަޖައިބުން ކުރެ އަޖައިބެކެވެ. އަދި މިއީ މުޅި ދުނިޔޭގައި މަޝްހޫރު ފަތުރުވެރިންގެ އެެއް މަންޒިލްވެސްމެއެވެ.
މިދިޔަ އަހަރު ތެރޭގައި އިންޑިއާގެ ބޯޑަރު ބަންދު ކޮށްފައިވަނީ ކޮވިޑް-19 ހަލުވި ކަމާއި އެކީ އެގައުމުގައި ފެތުރެމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. އެގައުމުގެ ބޯޑަރު ބަންދުކޮށް ދަތުރުތައް ހުއްޓާލާފައި ވީ ނަމަވެސް އެގައުމުގައި ބަލި ފެތުރޭ މިންވަރު ދަށްވެފައެއް ނުވެއެވެ. ބަލި ޖެހޭ މީހުން އިތުރުވެ، ގިނަ ބަޔަކު ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.
ހަލުއިކަމާއި އެކު ފެތުރެމުން ދިޔަ ކޮވިޑު-19 ގެ ވައިރަސް ކޮންޓުރޯލު ކުރުމަށް އިންޑިޔާއިން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ވަނީ އެ ގައުމަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ހުއްދަ އާއި ވިސާ ދޫކުރަން ފަށާފައެވެ. އެގޮތުން ޗާޓަރު ފްލައިޓްތަކުން އަންނަ ފަތުރުވެރިންނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް އާދެވޭނެއެވެ. އެހެން ފްލައިޓްތަކުން އަންނަ ފަތުރުވެރިންނަށް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް އެތެރެވެވޭނެއެވެ.
ފަތުރުވެރިންނަށް އެގައުމަށް ދެވޭނެ ގޮތަށް ހުޅުވާލާފައި ވީ ނަމަވެސް، އެހެން ގައުމުތަކުން ވެސް ކޮވިޑާއި ގުޅިގެން އަމަލު ކުރަމުން އަންނަ ހަރުދަނާ އުސޫލުތައްވެސް އިންޑިޔާގައި އޮންނާނެއެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން މިކަމާއި ބެހޭ ސީދާ އުސޫލުތަކެއް އާންމު ކޮށްފައެއް ނުވެއެވެ.
އެގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން އިންޑިޔާ ފަތުރުވެރިކަމަށް ހުޅުވާލުމުން އެގައުމަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނާނެއެވެ. އަދި މިއީ ބޭސްފަރުވާއަށް އެގައުމަށް ދިއުމަށް ބޭނުން ވެފައިތިބި މީހުންނަށްވެސް ލުއިތަކެއް ލިބިގެންދާނޭ ފުރުސަތަކަށްވާނެއެވެ. އިންޑިޔާ ފަތުރުވެރިކަމަށް ހުޅުވާލުމާއި އެކު އެގައުމުގައި ކޮވިޑު އަލުން ވަރުގަދައަށް ފެތުރިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން