އަފްޣާނިސްތާނުގައި މިހާރު އޮތް ޠާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް ޠާލިބާނުން މުޅި ދުނިޔެއަށް މިވަނީ ގޮވާލައިފައެވެ. ޠާލިބާނުންގެ އެ ދައުލަތް ބަލައި ނުގަންނާނޭ ކަމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ދިޔައީ ފާޅުގައި ބުނަމުންނެވެ. އެހެންނަމަވެސް ޠާލިބާނުން މުޅި ދުނިޔެއަށް އިޝާރާތްކޮށް އަދި ހާއްސަކޮށް އެމެރިކާއަށް ރައްދުކޮށް މިވަނީ އިންޒާރެއް ދީފައެވެ.
ޠާލިބާނުން ބުނެފައިވަނީ އަފްޣާނިސްތާނުގައި އެ ޖަމާއަތުން ގާއިމްކޮށްފައިވާ ސަރުކާރު ބަލައިނުގަތުމަކީ އެކަމުގެ ނަތީޖާ ހިތިވާނެ ކަމެއް ކަމަށެވެ. މިއީ ޠާލިބާނުން މުޅި ދުނިޔެއަށް ދިން އިންޒާރެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަފްޣާނިސްތާނުގެ ފައިސާ ބޭރު ގައުމުތަކުގައި ފްރީޒްކުރުން މެދުނުކެނޑި ކުރިއަށް ގެންދިއުން ފަދަ ކަންކަން ކުރުމުން އެގައުމުތަކާއި ދެމެދު މައްސަލަތަކެއް އުފެދި މަޝްރަހުގޯސްވާނެއެވެ. އަފްޣާނިސްތާނުގެ ފައިސާތައް ފްރީޒްކޮށްފައި ހުރުމުން އެކަމުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވާނީ ހަމައެކަނި އެ ގައުމަށް ނޫން ކަމަށް ޠާލިބާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެއާއި އެކު އެ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރިމަތިވާނެކަން އެ ޖަމާއަތުން ފާހަގަ ކުރެއެވެ.
އަފްޣާނިސްތާނުގައި ޠާލިބާނުންގެ ދައުލަތެއް އުފެދި މިހާ ގިނަ ދުވަސްވީ އިރުވެސް އެއްވެސް ގައުމަކުން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގެންފައި ނުވާއިރު، އަފްޣާނިސްތާނުގެ އެސެޓްތަކާއި، ބޭރު ގައުމުތަކުގައި ހުރި އެތައް ބިލިއަން ޑޮލަރެއްގެ ފައިސާވެސް ވަނީ ފްރީޒްކޮށްފައެވެ.
ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވާ ގޮތުގައި އެމެރިކާއަށާއި މުޅި ދުނިޔެއަށް ޠާލިބާނުން ދޭ މެސެޖަކީ، ސަރުކާރު ބަލައިނުގަނެ ދުވަސްތައް ދިގުލައިގެން ދާނަމަ، އަފްޣާނިސްތާނުގެ މައްސަލަތައް ކުރިއަށް ގޮސް ސަރަހައްދުގެ މައްސަލައަކަށް ވެގެންގޮސްދާނެ ކަމަށެވެ. އަދި އެއީ މުޅި ދުނިޔެ އެމައްސަލައެއްގެ ތެރެއަށް ތަދައްހުލުވާން ޖެހޭނޭ ވަރުގެ މައްސަލައެއް ކަމަށްވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެންމެ ފަހުން ހަނގުރާމައަކަށް ތާލިބާނުންނާއި އެމެރިކާ ދިޔަ ސަބަބަކީ ވެސް އެ ދެ ގައުމުން ރަސްމީ ގޮތުން ޑިޕްލޮމެޓިކް ގުޅުން ގާއިމްވެފައިނުވާތީ ކަމަށެވެ. "ހަނގުރާމައިގެ ސަބަބުން ދިމާވި މައްސަލަތައްވެސް ސިޔާސީ ގޮތުން މަޝްވަރާކުރިނަމަ ހައްލު ކުރެވުނީސްކަމަށްވެސް ބުނެފައިވެއެވެ.
ޠާލިބާނުން ފާހަގަކުރާގޮތުގައި ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަކީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ވެސް ހައްގެކެވެ. އެހެނީ އެގައުމުގެ ރައްޔިތުންގެ މައްޗަށް އަމުރު ކުރާން އޮތް އަމުރުވެރި ފަރާތަކީ ޠާލިބާނު ސަރުކާރެވެ.
ޠާލިބާނުން އަފްޣާނިސްތާންގެ ސަރުކާރު ވައްޓާލުމަށްފަހު ވެރިކަމަށް އައީ މިދިޔަ އޮގަސްޓް މަހުގައެވެ. ޠާލިބާނުން އަފްޣާނިސްތާންގައި ގާއިމުކުރި ސަރުކާރު ދުނިޔޭގެ ގައުމުތަކުން ބަލައިގެންފައި ނުވި ނަމަވެސް އެމެރިކާ ވެސް ހިމެނޭ ގޮތައް ބައެއް ގައުމުތަކުން ގެންދަނީ ޠާލިބާނުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޠާލިބާނުންގެ ސަރުކާރު ދުނިޔޭގެ ގިނަ ގައުނުތަކުން ބަލައިގަންނާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން