1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަވީ ދުވަހަކީ ދިވެހި ތާރީހުގައި ކަޅު އަކުރުން ލިޔެވިފައިވާ ބިރުވެރި އެހާމެ ނާމާން ދުވަހެކެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލި އުދުވާނީ ހަމަލާއެއް ވެރިކަންކުރާ މަލެއަށް އަމާޒުވި ދުވަހެކެވެ. ދިވެހިންގެ ތެރެއިން ގައުމަށް ގައްދާރުވި ޚާއިނުންތަކެއްގެ އިސްނެގުމަށް އަވަށްޓެރި ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކުން ދިވެހި ދައުލަތާއި ދެކޮޅަށް ބަޣާވާތެއް ކުރި ދުވަހެކެވެ. 19 ދިވެހީން ޝަހީދުވެގެންދިޔަ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވި ދުވަހެކެވެ.

މިއީ އެހާދިސާގެ ވަގުތު ފީތާ ބަޔާންކޮށްދޭ ލިއުމެކެވެ.

ނޮވެމްބަރު 3 ވީ ދުވަހުގެ މެންދަމު 03:30 ގައި ދުޝްމަނުން ރާއްޖެއަށް ދަތުރުކުރި އެއް ބޯޓުކަމުގައިވާ ޓީ 52 ގާދޫކޮލުން ވަނެވެ. މާލެއާއި ދިމާލަށް މިސްރާބު ޖަހާފައި ހުރި މި ދޯނި މާލޭގެ ނެރާއި ދިމާލަށް ދުއްވަމުން ދިޔައެވެ. 04:00 ގައި ދުޝްމަނުންގެ އިސް މީހުންކަމަށްވާ ޢަބްދު ﷲ ލުތުފީއާއި ތަމަޅަ ހަނގުރާމަވެރިންގެ ކޮމާންޑަރު ކަމުގައިވި ވަސަންތީ އައި މި ބޯޓު މާލޭ ފަޅަށް ވަނެވެ. 04:15 ގައި ޖުމްހޫރީ މައިދާނާ ދިމާއިން ދުޝްމިނުން މާލެއަށް ފައިބަމުން ދަނިކޮށް އެމީހުންގެ އިހްތިޔާރުން ބޭރުގައި އެ މީހުންގެ އަތުން ބަޑިއެއް ޖެހުނެވެ. ނުވަތަ ވަޒަނެއް ގޮވިއެވެ. ދުޝްމަނުން ސިފައިންގެއަށް ހަމަލާދޭން ފެށީ 04:20 ގައެވެ. ހަމަ އެހިނދުގައި، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ވަގުތުން ރައްދު ހަމަލާދިނެވެ. އެވަގުތު ޝަހީދު ޙުސައިން އާދަމް ހުރީ ސިފައިންގެ މައިގޭޓުން ބޭރުގައި ފޯރިމަރާށެވެ. 04:20 ގައި ރައީސް އޮފީހުގެ ޑިއުޓީގައި، މެރިން ޑްރައިވްގައި ހުރި ޝަހީދު ކޯޕްރަލް ޢަބްދު ﷲ ޒުހޭރަށް ހަމާދިނެވެ. އޭނާ ޝަހީދުވީ ރައީސް އޮފީހުގެ އެތެރެއަށް އޭނާ ވެއްދިފަހުންނެވެ.

04:30 ގައި ދުޝްމަނުން އައި ދެވަނަ ބޯޓު ސައުތު ވެސްޓް 37 ކޮމާޝަލް ހާބަރަށް ވަނެވެ. ސަގަރު އަޙްމަދު ނާޞިރު ދަތުރުކުރީ އެ ބޯޓުންނެވެ. އެ ހަމަލާތަކުގެ ތެރޭގައިވެސް އެ ރޭގެ ފަތިހު 04:36 ގައި ފަތިސް ނަމާދު ބަންގި އިސްލާމީ މަރުކަޒުން ގޮވިއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވީ އޭގެ ކުޑަވަގުތުކޮޅެއް ފަހުން 04:40 ގައެވެ. ސިފައިންގޭގެ ހުޅަނގު ދެކުނު ކަން ޑައިނަމައިޓް އަކުން ގޮއްވާލި ހަމަ ދާދި އެއް ވަގުތެއްގައެވެ. އޭގެ ފަހުން ހަމަލާތައް ބަދަލުވަމުން ދިޔައެވެ.

ހަމަލާތައް ބަދަލުވަމުން ގޮސް އެދުވަހުގެ 11:00 ގައި ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމަށް ސިފައިންގެއިން މީހުން ނެގިއެވެ. އެމީހުން ފުރަތަމަ ނިކުންނަން އުޅުނީ ދެ ބަހެއްގައި ސިފައިންގެ މައިގޭޓުންނެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެ ގޭޓަށް ދިމާވި ކޮންމެވެސް ކަމަކާއި ހުރެ، ތާށިވުމުން ނުހުޅުވުނެވެ. ފަހުން އެމީހުން ފައިމަގުގައި ނިކުތީ ފުލުސް އޮފީހުގެ ގޭޓުންނެވެ. އެއީ 9 ބޭކަލުންނެވެ. ނަމަވެސް އޭގެތެރެއިން 3 ބޭކަލަކު ވަނީ ޝަހީދުވެފައެވެ. އޭގެފަހުން ހަމަލާތައް ބަދަލުވެ އާންމުންނާއި އިތުރު ސިފައިންގެ ބޭކަލުންވެސް ޝަހީދުވިއެވެ.

އެދުވަހުގެ ރޭގަނޑު 20:30 ގައި ދުޝްމިނުންގެ ހަމަލާތައް ހުއްޓާލިއެވެ. 21:30 ގައި އިންޑިޔާ ސިފައިން ރާއްޖެއައި ފުރަތަމަ އަސްކަރީ މަތިންދާ ބޯޓު ހުޅުލޭ ވައިގެ ބަނދަރުގައި ޖެއްސިއެވެ. 

23:20 ގައި ދުޝްމަނުން ރަހީނުކުރި މީހުންނާއެކު މާލޭ ބަދަރުން "ޕްރޮގްރެސްލައިޓް" ސްރީލަންކާއަށް ދިއުމަށް ފުރިއެވެ. އެ ބޯޓުން އޭރުގެ ދަތުރުފަތުރުކުރުމާ ބެހޭ މިނިސްޓަރު އޮނަރަބަލް އަޙްމަދު މުޖުތަބާގެ ދެ ކަނބަލުންވެސް ރަހީނުންގެ ގޮތުގައި ގެންދިޔައެވެ.

ޖެހިގެން އައި ދުވަހު، ނޮވެންބަރު 4 ގެ ހެނދުނު

07:45 ގައި ދިވެހީންނަށް ނަޞްރު ލިބިއްޖެކަން ރަސްމީ ސިފައެއްގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިޢުލާން ކުރެއްވިއެވެ.

ނޮވެންބަރު މަހުގެ 6 ވަނަ އަށްވީ ދުވަހުގެ ހެނދުނު

08:55 ގައި ޕްރޮގްރެސްލައިޓުގައި ފިލައިގެންދާން މަސައްކަތްކުރި ދުޝްމަނުން އަމާންދިނެވެ.

މި ލިޔުމުގައި ހިމަނާފައިވާ ވަގުތުތަކަކީ ޢަބްދު ﷲ ސައީދު "ސިފައިންގެ ތާރީޚު- 2، ނޮވެމްބަރު ތިނެއް (2012). ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު" އާއި ހަވަލާދީ ގެނެސްފައިވާ ވަގުތުތަކެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި 19 މީހުންގެ ތެރެއިން 8 މީހުންނަކީ ދިވެހި ސިފައިންގެ ބޭކަލުންނެވެ. އެ ހަމަލާގައި ޖުމުލަ 36 މީހަކު ޒަހަމްވެ ވަނީ ފަރުވާ ދީފައެވެ. ދުޝްމަނުންނާ ދެކޮޅަށް ސިފައިން ދިން ރައްދު ހަމަލާގައި ދުޝްމަނުންގެ ތިން މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާޢަތުން މި ޢުދުވާނީ ހަމަލާއަށް ކަނޑައަޅާފައިހުރި ކޮމާންޑަރު ވަސަންތީ ހިމެނެއެވެ. 

މިއީ ކުރުގޮތަކަށް މިހާދިސާގެ ވަގުތު ފީތާއެވެ. މިއީ ފެންނަން ހުރި ވަގުތުތަކާއި ލިޔެފައިވާ ތާރީހުތަކުގައި ބަޔާންވެފައި ހުރި ވަގުތުތަކެވެ.