ދުނިޔޭގެ މަޝްހޫރު އެއް މީޑިއާ ކަމުގައިވާ ބީބީސީން ކޮންމެ އަހަރަކު އެއްފަހަރު ފާހަގަކުރާ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 އަންހެނުންގެ ތެރެއިން، 2021 ވަނަ އަހަރުގެ ލިސްޓު އާންމުކޮށްފިއެވެ. މި އަހަރުގެ މި ލިސްޓުގައި ހިމަނާފައިވާ ނަންތަކުގެ ތެރޭގައި، އަފްޣާނިސްތާނަށް ނިސްބަތްވާ ގިނަ އަދަދެއްގެ އަންހެނުންގެ ނަން ވަނީ ހިމަނާފައެވެ.
މިއީ މުޅި ދުނިޔޭގެ އެކި އެކި މަޝްރަހުތަކުން، ދުނިޔޭގެ ހުރިހާ ގައުމެއް ރިއާޔަތް ކުރުމަށްފަހު އާންމުކުރާ ލިސްޓެކެވެ. މިއަހަރުގެ މި ލިސްޓުގައިވެސް ދުނިޔޭގެ އެކި ގައުމުތަކުގެ އަންހެނުންގެ ނަންތައް ހިމެނޭ އިރު، ލިސްޓުގެ ދެ ބައިކުޅަ އެއްބައި މީހުންނަކީ އަފްޣާނިސްތާނަށް ނިސްބަތްވާ އަންހެނުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ލިސްޓުގައި ހިމަނާފައިވާ އަފްޣާނިސްތާނު އަންހެނުންގެ ތެރެއިން ބައެއް އަންހެނުންގެ ނަމަކަށް ބޭނުންކޮށްފައިވަނީ އެ މީހުންގެ ބަދަލު ނަން ނުވަތަ ވަނަމެކެވެ. އަދި ބައެއް މީހުންގެ ފޮޓޯ ވެސް ބީބީސީ އިން އާންމުކޮށްފައެއް ނެތެއެވެ. ބީބީސީން ބުނި ގޮތުގައި އެ ގޮތަށް ލިސްޓު އާންމުކުރަން ޖެހުނު ސަބަބަކީ، އަފްޣާނިސްތާނުގެ ދަހިލީ ހާލަތު އޮތް ގޮތުން، އެ މީހުންގެ ފުރިހަމަ ނަމާއި އެމީހުންގެ ފޮޓޯ އާންމުކޮށްފި ނަމަ، އެ މީހުންގެ ފުރާނައަށާއި މުދަލަށާއި އާއިލާއަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުންނެވެ.
ޠާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާނު ދިއުމާއި އެކު އެގައުމުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެއާއި އެކު އަންހެނުން ވަޒީފާ އަދާކުރުމާއި ސުކޫލު މަދަރުސާތަކަށް ކިޔަވަން ދިއުންވެސް އޮތީ މަނާކޮށްފައެވެ. އަދި ބައެއް އަސާސީ ހައްގުތަކުންވެސް އަންހެނުން މަހުރޫމުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޮޓުކޮށްފައި ހުއްޓެވެ. މިކަމާއި އެގައުމުގެ ގިނަ އަންހެނުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެމީހުންހެ ޝުއޫރުތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކާއިވެސް ހިއްސާކޮށްފައެވެ.
ބީބީސީން ކަނޑައެޅި އެންމެ ނުފޫޒު ގަދަ 100 އަންހެނުންގެ ތެރޭގައި ހިމެނޭ އަފްޣާނިސްތާނުގެ ގިނަ އަންހެނުންނަކީ، ތާލިބާނުން ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރުމުގަ އާއި، އަންހެނުން ބާރުވެރިކުރުމުގައި ހަރަކާތްތެރިވާކަމަށް ފާހަގަކުރެވޭ އަންހެނުންނެވެ.
ބީބީސީގެ މި ލިސްޓުގައި ހިމެނޭ އަފްޣާނިސްތާނުގެ އަންހެނުންގެ ތެރޭގައި، އެގައުމުގެ ޅެންވެރިންނާއި ފިލްމީ ތަރިންނާއި ފަންނާނުންނާއި ސިޔާސީ ހަރަކާތްތެރިންނާއި އިޖްތިމާއީ ހަރަކާތްތެރިންނާއި އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނާއި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ވިޔަފާރިވެރިންނާއި އަދި ގާނޫނީ ވަކީލުންގެ އިތުރުން އެހެން އިތުރު ދާއިރާތަކުގެ ހިދުމަތްތެރިން ވެސް ހިމެނެ އެވެ.
ގިނަބަޔަކު އަންނަނީ ބީބީސީގެ މި ލިސްޓަށް ފާޑުވެސް ކިޔަމުންނެވެ. އަދި އަނެއްބަޔަކު ތައުރީފުވެސް ކުރަމުންދެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިއީ އިންސާފުވެރި ނިންމުމެއް ނޫންކަމަށާއި މިއީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބީބީސީ އިން އާންމުކުރި ލިސްޓެއް ކަމަށެވެ. ތައުރީފު ކުރާ ފަރާތްތަކުން ބުނާގޮތުގައި އަފްޣާނިސްތާނުގެ އެ އަންހެނުންނަށް އެ މަގާމުތައް ހައްގުކަމަށާއި އެމީހުން އެމީހުންގެ ހައްގުތައް ކަށަވަރު ކުރަމުން ދިޔައީ ވަރުގަދަ ޠާލިބާނުގެ ނިންމުތަކަށް ގޮންޖަހަމުން ކަމަށް ފާހަގަކޮށްފައި ވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން