ސިޔާސީ އޮއެވަރަކީ އަބަދުވެސް ކޮންމެވެސް އެއްކޮޅަކަށް ބާރަށް ދެމޭ އޮއެވަރެކެވެ. އެއްބައި ފަހަރަށް "އުދޮއެ" އޮންނައިރު އަނެއްބައި ފަހަރަށް "ވަވޮއެ" އޮވެއެވެ. މިދުވަސްވަރު ދިވެެހިރާއްޖޭގެ ސިޔާސީ އޮއެވަރަށް ބަލާއިރު، އެންމެ ބޮޑަށް ދެމޭ އެއް އޮއެވަރަކީ "އިންޑިޔާއައުޓް" ގެ ނަމުގައި ދެމޭ ބާރު އޮއެވަރެކެވެ.

މިއީ ދިވެހިރާއްޖޭގައި އިންޑިޔާގެ އަސްކަރިއްޔާ ހަރަކާތްތެރި ވާކަމަށް ބުނެ އެކަމާއި ދެކޮޅަށް އުފުލާ އަޑެކެވެ. އެއްބަޔަކު މި ކަމާއި އިންތިހާއަށް ދެކޮޅު ނަމަވެސް މިކަމާއި މާބޮޑުފަރުވާލެއް ނުބަހައްޓާ ދިވެހިންވެސް އުޅެއެވެ. އަދި މިކަމަށް ތާއިދުކުރާ ދިވެހިންވެސް މަދެއް ނޫނެވެ. މިއީ އެންމެ ކަމަކާއިމެދު ގައުމެއްގެ ރައްޔިތުން ހިޔާލު ތަފާތުވެފައިވާ މިންވަރެވެ. އާދޭހެވެ! އެކަމާއި ދެކޮޅު ފަރާތްތަކުން އެބައެއްގެ ޝުއޫރު ފާޅުކުރުމަކުން ގޯހެއް ނެތެވެ. އަދި އެކަމަށް ތާއިދުކުރާ ފަރާތްތަކުން އެކަމުގެ ޝުއޫރު ފާޅުކުރުމުގައިވެސް އެއްވެސް ގޯހެއް ނެތެވެ.

ކަންއޮތީ މިހެން ކަމުގައި ވީނަމަވެސް، "އިންޑިޔާއައުޓް" މިއީ މިކަމާއި ދެކޮޅަށް ޝުއޫރުފާޅު ކުރަން އެންމެ އެކަށޭނެ ބަސްތޯއެވެ؟ މި ސުވާލު މިހެން މި އުފެއްދީ އެއްވެސް ހާލެއްގައި އެ ޝުއޫރާއި ދެކޮޅު ނިޔަތެއް ހިތުގައި އޮވެގެންނެއް ނޫނެވެ. އެ ބަސް އެންމެ އެކަށީގެން ނުވާތީއެވެ. މިއީ މިކަމުގައި އަޅުގަޑުގެ ޟަމީރު ގަބޫލު ކުރާ ގޮތެވެ.

ދިވެހިރާއްޖޭގައި މީހުން އާބާދުވެ އުޅެން ފެށީއްސުރެ، ބޭރު ކަރަތަކުން ފަރަންޖީން އައީ ދިވެހިރާއްޖެއަށް ދަތުރުކުރަމުންނެވެ. އެގޮތުން ހިންދުކަރަ ނުވަތަ އިންޑިޔާއިން މި ރާއްޖެއަށް އެކި ދުވަސްވަރު އެތައްބަޔަކު ވަނީ އައިސްފައެވެ. އެގޮތުން މި ފަހުގެ ތާރީހުގައި އިންޑިޔާ މީހުންނަކީ މި ރާއްޖެއަށް ވަރަށްވެސް މުހިންމު ބައެކެވެ. އާދޭހެވެ! މި ގައުމިގެ މަދަރުސާ ތަކުގައި އެދުރުންގެ ގޮތުގައި އިންޑިޔާ ރައްޔިތުން އެހާމެ ގިނައެވެ. ހަސްފަތާލުތަކުގައި ނަރުހުންނާއި ޑަކްޓަރުންގެ ގޮތުގައި އިންޑިޔާ ރައްޔިތުން އަމުދުން ގިނައެވެ. ހަސްފަތާލުތަކުގެ އެހެނިހެން ހިދުމަތްތަކުގައިވެސް މުޅިންހެން ތިބީ އިންޑިޔާ ރައްޔިތުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކަންމަތީގައި ހުންނަ ބޭސްފިހާރަތަކުގައިވެސް ހަމަ އިންޑިޔާ ރައްޔިރުންނެވެ. މިހެންގޮސް ކިތަންމެ ހިދުމަތެއްގައި އިންޑިޔާ ރައްޔިތުން އެބަ އުޅެއެވެ. މިއީ ހަމަ ގައިމުވެސް އިއްޔެއަކު މިއަދަކު މިރާއްޖޭއަށް އައިސް އުޅޭ ބައެއް ނޫނެވެ.

ދިވެހިރާއްޖޭގައި އުޅޭ އިންޑިޔާ ރައްޔިތުންގެ ވާހަކަ އެކަނި ދެއްކޭކަށް ނެތެވެ. އިންޑިޔާއިން ދިވެހިން ދިބިގަންނަ ހިދުމަތްތަކަކީވެސް އަމުދަކުން މަދު ހިދުމަތްތަކެއް ނޫނެވެ. ބިމުގެ ސަތަހަ ކުޑަކަމުން މި ދިވެހިރާއްޖެއަކީ ގޮވާމެއް ރުވޭވަރުގެ ބިމެއް އޮތް ގައުމެއް ނޫނެވެ. އެއާއިއެކު ދިވެހިރާއްޖެއަށް އެތެރެކުރާ ކާޑުގެ މައިގަނޑު ބާވަތްތަކަކީ އިންޑިޔާއިން އެތެރެކުރާ ބާވަތްތަކެވެ. ކުރުގޮތަކަށް ބުނާނަމަ އަހަރެމެން ދިވެހީން މި ތިބެނީ ބަޔަކު ކާންދިނީމާ ކައިގެންނެވެ. އާދޭހެވެ! މިކަން މިހެން އޮތުމާއި އެކު ދިވެހިންގެ ދިރިހުރުމާއި ބޭރުގެ ގައުމުތަކާއި މިވަނީ ވަރަށް ބޮޑަށް ގުޅި ފަލަސްވެފައެވެ. ހާއްސަކޮށް އިންޑިޔާއެވެ. އިހުގެ މަޝްހޫރު ސައްޔާހަކު ބުނެ އުޅެއެވެ. "އިންސާނަކު އޭނާއަށް ކާންދޭ އެއްޗެހި ފޯރުކޮށްދޭ މީހަކު ރުޅިއެރުވުމަކީ އަމިއްލައަށް މަރުވަން ޖެހި ދަންތުރައެކެވެ."

މިގައުމުގެ ސިއްހީ ހިދުމަތްތުގެ އެންމެ އުހުގައި ފައި ހަމަ ކުރާ ހަސްފަތާލުތަކުގެ ތެރެއިން އެންމެ ބޮޑު ހަސްފަތާލަކީ އައި.ޖީ.އެމް ހޮސްޕިޓަލެވެ. މި ނަމުންވެސް އިންޑިޔާއާއި ދިވެހިންގެ ދިރިހުރުމާއި ނުވަތަ ދުޅަހެޔޮ ސިއްހަތާއި ގުޅިފައިވާކަން ދޭހަވެއެވެ. ކެންސަރުފަދަ ބޮޑެތި ބަލިތަކާއި އަދި އެނޫންވެސް ރާއްޖެއިން ފަރުވާނުކުރެވޭ ކަންކަމުގައި އެންމެނަށްހެން ދެވެނީ އިންޑިޔާއަށެވެ. މާލީ ތަނަވަސްކަން އިންތިހާއަށް ލިބިފައިތިބި ބަޔަކު ޔޫރަޕަށް ދިޔަނަމަވެސް ގިނަދިވެހިން ދަނީ ހަމަ އިންޑިޔާއަށެވެ. ބައެއް ކުދި ކުދި "ބަޔޮޕްސީ" ޓެސްޓްތައް ނުވަތަ ތަހުލީލުތައް ކުރުމަަށް ދިވެއްސެއްގެ ގައިން ނަގާ ކުޑަކުޑަ މަސްކޮޅެއް ނަމަވެސް މިފޮނުވަނީ އިންޑިޔާއަށެވެ. މިއީ އެގައުމުން ދިވެހިން ހޯދާ ލިބިގަންނަ ހިދުމަތްތަކެވެ.

ގަބޫލުފުޅު ކުރައްވާށެވެ! "އިންޑިޔާއައުޓް" އޭ ބުނުމުން އެ މާނަ ކުރެވެނީ މުޅި އިންޑިޔާ އަށެވެ. ނުވަތަ މުޅި އިންޑިޔާ ރައްޔިތުންނަށެވެ. ނަމަވެސް "އިންޑިޔާއައުޓް" ނަމުގައި މި ދެމޭ އޮއެވަރަކީ އިންޑިޔާ ރައްޔިތުން މި ގައުމުން ބޭރުކުރަމަށް ގޮވާލެވޭ ގޮވާލުމެއް ނޫނެވެ. އެއީ އިންޑިޔާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލެވޭ ގޮވާލުމެކެވެ.

ވިސްނާލާށެވެ! އިހްލާސްތެރިކަމާއި އެކު އަޅުގަނޑުމެންގެ ބަލި މީހުންނަށް ހިދުމަތް ކުރުމަށް ރެއާއި ދުވާލު ހޭދަކުރަމުންދާ އިންޑިޔާގެ ހިދުމަތްތެރިންނަށް "އިންޑިޔާއައުޓް" ވެގެން ދާނީ އަސަރު ކުރާނޭ ކަމަކަށެވެ. އެމީހުންގެ ލޯބިވާ ވަތަނާއި އާއިލާ ދޫކޮށް ފަރަންޖީ ގައުމެއްގައި އުޅެމުން ދަނިކޮށް އެ ގައުމެއްގެ ބަޔަކު އެމީހުން އެގައުމަކުން ނެރެލުމަށް ބުނާ ބުނުމަކީ ހަގީގަތުގައި ވަރަށް އަސަރު ކުރާނޭ ކަމެކެވެ. އާދޭހެވެ! އިންޑިޔާ އަސްކަރިއްޔާ މިރާއްޖޭގައި އޮވެގެން ނުވާނެއޭ ބުނެވިދާނެއެވެ. ނަމަވެސް މުޅި އިންޑިޔާ މިރާއްޖެއިން ފޭބުމަށް ބުނުމަކީ ބަހަވީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫނެވެ.

ލޮބުވެތި ރައްޔިތުންނޭވެ! "އިންޑިޔާއައުޓް" ހަރަކާތް ކުރިއަށް ނުގެންދާކަށް އަދި ގެންދާކަށްވެސް ހިތްވަރެއް ނުދޭނަމެވެ. ނަމަވެސް އެހަރަކާތް ކުރިއަށް ގެންދާނަމަ، "އިންޑިޔާއައުޓް" ނުކިޔާށެވެ. ހާސިލްކުރަން ބޭނުންވާ މަގުސަދު އެނގޭނޭފަދަ ނަމަކުން ނަންދޭށެވެ. މުޅި އިންޑިޔާއާއި އެ ގައުމުގެ ރައްޔިތުން ހިތްދަތި ނުކުރާށެވެ. ވަކި ބަޔަކު ކުރާ ކަމަކުން އެހެން މައުސޫމު އެތައް ބަޔަކަށް ހިތްދަތިކަން ކުރިމަތި ނުކުރުވާށެވެ. އިންޑިޔާ ރައްޔިތުން މި ރާއްޖޭގައި އުޅެންފެށީ އިއްޔެއަކު ނޫނެވެ. އެތައް ޒަމާނެއް ވެއްޖެއެވެ.