ކޮވިޑް19ގެ އާ ވޭރިއަންޓުތަކާއި އެކު އެބަލިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތަކާއި މެދު އެތައް ސުވާލުތަކެއް އުފެދެއެވެ. އެ ވެކްސިންތަކުން، އަލަށް މިފެންނަ ވޭރިއަންޓުތަކުން ސަލާމަތްވުމުގެ ގާބިލުކަން އެ ވެކްސިންތަކަށް ލިބިފައިވޭތޯ އެތައް އާ ދިރާސާތަކެއްވެސް ކުރެވެއެވެ. މިހާރު އެންމެ ގަދައަށް ކުރެވޭ ސުވާލަކީ މި ފަހުން ފެނުނު "އޮމިކްރޯން" ވޭރިއަންޓުން ދިފާއުވުމުގެ ގާބިލުކަން މިހާރު ހުރި ވެކްސިންތަކަށް ލިބިގެންވޭތޯ އުފެދޭ ސުވާލުތަކެވެ.

ކޮވިޑް19 އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިން އަދި ޖަރުމަންވިލާތުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިން ޖަހައިނަމަވެސް ކޮވިޑް19ގެ "އޮމިކްރޯން" ވޭރިއަންޓުން ރައްކާތެރި ކޮށްދޭ މިންވަރު ކުޑަކަމަށް މިވަނީ ދިރާސާއަކުން ދައްކާފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އާއްމު ކުރި މައުލޫމާތުތަކުގައި ވާ ގޮތުގައި އެސްޓްރާޒެނެކާ އާއި ފައިޒާ ވެކްސިނުން ވެސް އޮމިކްރޯން ވޭރިއަންޓުން ރައްކާތެރިކޮށްދޭ ނިސްބަތް ވަރަށްވެސް ކުޑައެވެ. ނަމަވެސް އެކަމުގެ ތަފާސް ހިސާބުތައް ނުވަތަ ނިސްބަތާއި އަދަދުތައް ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސި ވިލާތުގައި ކުރިއަށް ގެންދިޔަ މިދިރާސާ ކޮށްފައި ވަނީ 580 އެއްހާ މީހުން ބައިވެރިކޮށްގެންނެވެ. މިއީ ނިސްބަތުން ވަރަށް ކުޑަ ދިރާސާއެއް ކަމަށް ވާތީ މިއިން އަދި ވެކްސިންގެ އަސަރު ކުރާ މިންވަރުގެ އެންމެ ފުރިހަމަ ނަތީޖާ ނުފެނިދާނެ ކަމަށް ބައެއް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި މިހާރު ލިބެމުންދާ މައުލޫމާތަކަށް ބަލާއިރު މިމަސް ނިމޭއިރު އެ ގައުމުގެ އެއްމިލިއަން މީހުން އޮމިކްރޯން ވޭރިއަންޓަށް ފައްސިވާނެއެވެ. އަދި މިމަހުގެ 15 ވަނަ ދުވަސް އަންނަން ވާއިރަށް އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ %50 ހިއްސާ ކުރާނީ އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުން ކަމަށް އަންދާޒާކުރެވެއެވެ.

މިހާރު ދުނިޔޭގައި ބޭނުން ކުރަމުންދާ ވެކްސިންތަކަކީ އާ ވޭރިއަންޓުތައް ފެނުމުގެ ކުރިން އުފައްދާފައިވާ ވެކްސިންތަކެކެވެ. އެއާއި އެކު ސައިންސްވެރިން ފާހަގަ ކުރާ ކަމަކީ މިވެކްސިންތަކުން އާ ވޭރިއަންޓުތަކުން ރައްކާތެރިކޮަށްދޭ މިންވަރު ދަށްވުމުގެ ފުރުސަތު އޮންނާނޭކަމަށެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓަށް މި ވެކްސިންތަކުން ވަނީ ރައްކާތެރިކަން ލިބިފައެވެ. އޮމިކްރޯން ވޭރިއަންޓަށް ރައްކާތެރިކަން ލިބޭތޯ ކުރެވުނު މި ދިރާސާގެ ނަތީޖާ އަދި މިގޮތަށް ދެއްކިނަމަވެސް މިއީ އަދި މުޅިން މިކަމުގައި އޮތް ގޮތް ކަމުގައި ބެލެވޭކަށް ނެތެވެ. މިކަމުގައި އަދި އިތުރު ތަފްސީލީ ދިރާސާތައް ކުރުމުން ނޫނީ ޔަގީނަށް ބުނާކަށް ނޭނގޭނެއެވެ.

މީގެ ކުރިން ފެނުނު ޑެލްޓާ ވޭރިއަންޓެކޭ އެއްފަދައިން އޮމިކްރޯން ވޭރިއަންޓަކީވެސް ފަސޭހަކަމާއެކު ފެތުރޭ ވޭރިއަންޓެކެވެ. އޮގޮތުން ދުނިޔެއިން މި ވޭރިއަންޓު ފެނުނުތާ މާގިނަ ދުވަހެއް ނުވެ ރާއްޖެއިންވެސް މި ވަނީ މި ވޭރިއަންޓު ފެނިފައެވެ.