ރަމަޟާން މަހަކީ އެ މަހަކަަށް އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވާ މަހެކެވެ. އެ މަހަކަށް އަހަރެމެންގެ ނަފުސާއި ގެދޮރާއި މާހައުލު ޒީނަތްތެރި ކުރާ މަހެކެވެ. ސަގާފަތާ އަގީދާގެ ސަބަބުންނެވެ. ބަރަކާތުން ފުރިގެންވާ ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ ސަބަބާއި ހުރެ މި މަހުގެ މާތްކަމާއި މަތިވެރިކަން އިތުރުވެދެއެވެ. އަދި މި މަހުގައިވާ ލައިލަތުލްޤަދްރް ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެކެވެ. ލައުޙުލްމަޙްފޫޟުން ބައިތުލް ޢިއްޒާއަށް ކީރިތި ޤުރުއާން ބާވައިލެއްވުނީ އެރޭގައެވެ.

ރަމަޟާން މަހަށް އެތައް ގޮތަކުން އަހަރެމެން ތައްޔާރުވާއިރު، ރަމަޟާން މަހަކީ އެމަހެއްގައި އަޅުކަންތައް ކުރުން ގިނަ ކުރަންޖެހޭ މަހެކެވެ. އެއާއި އެކު އެ މަހުގައި ކުރުން އެދެވިގެންނުވާ ކަންކަންވެސް ހުރެއެވެ. ރަމަޟާން މަހާއި ގުޅިގެން، އަހަރެމެންގެ ތެރޭގައި ކުރެވޭ ގޯސް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ އެއް ކަމަކީ އިސްރާފު ގިނަ ވެގެންދާ ވާހަކައެވެ. އިސްރާފް ކުރުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމުން، ހާއްސަކޮށް ރަމަޟާން މަހާއި ގުޅިގެން އިސްރާފުކުރުން އިތުރުވާކަމީ ކަންބޮޑުވާ ކަމެކެވެ. މިކަމާއި ބެހޭގޮތުން ތަފާތު އެކި ލިޔުންތަކާއި ޓީވީ ޕްރޮގްރާމުތަކުގައިވެސް ނަސޭހަތާއި އިރުޝާދުވެ ވާހަކަތައް ތަކުރާރުވެފައި ހުރެއެވެ. މިއީ އާންމުކޮށް ދެކެވޭ ވާހަކައެވެ. އެހެންކަމުން މި ވާހަކަ އެއްފަރާތް ކޮށްލުމަށްފަހު، އާންމުކޮށް ނުދައްކާ އެއް ވާހަކަ މި ލިޔުމުގައި ހިއްސާކޮށްލާނަމެވެ.

ރަމަޟާން މަހާއި ގުޅިގެން، ހާއްސަކޮށް ބާއްވާ އިތުރު ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމުވެގެން ހިނގައެވެ. ދީނާ ދުރު، ބީރައްޓެހި ހަރަކާތްތަކެވެ. މިކަންކަމާއި ކަންބޮޑުވެ، ކަންބޮޑުވުމުގެ ޝަކުވާ އަކީ މަދުން ނަމަވެސް ކުރެވޭ ޝަކުވާއެކެވެ. ހަބަރުތަކާއި ޓީވީ ނޫސްތަކުގައިވެސް މަދު މަދުން ދެކެވޭ ވާހަކައެކެވެ. ސަބަބަކަށް ވަނީ މިކަންކަމުގައި ގިނަ ބަޔަކަށް ބައިވެރިވެތީ ކަމުގައިވެސް ވެދާނެއެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން، ރަމަޟާންމަހުގެ ރޭގަނޑަށް ދިމާކޮށް، ތަފާތު އެކި ކުޅިވަރުގެ، ވާދަވެރި މުބާރާތްތައް އިންތިޒާމު ކުރެވެއެވެ. އެތައް ބަޔަކު ބައިވެރި ވެއެވެ. އާދޭހެވެ! ރަމަޟާން މަހަކީ ކުޅިވަރު ކުރުން ހުއްޓާލަން ޖެހޭ ނުވަތަ ކުޅިވަރު ކުޅުން މަނާ މައްސަރެއް ނޫނެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުގައި އެފަދަ ވާދަވެރި މުބާރާތްތައް އިންތިޒާމުވަމުން ހިނގާކަމީ އިންސާނާގެ ސިކުނޑީގައިވާ ބަރަކާތުގެ ހަނދާން، މާއްދިއްޔަކަށް ގޮސް ހުސްވެދާނޭ ކަމެކެވެ. އެކަމުގެ ސަބަބުން ޣާފިލްކަން އިތުރުވެ، ރޭ އަޅުކަމާއި ދުރަށް އިންސާނާ ގެންދާ ކަމެކެވެ. ރަމަޟާން މަހާއި ދިމާކޮށް ބައެއް ރަށްރަށުގައި ކުޅިވަރު ކުޅޭ މައިދާންތަކުގައި ބައްތި ހަރުކޮށް ފައްކާ ކުރެއެވެ. ޒުވާނުންގެ އަތުގައި އެކަމަށް ހަރަދުކުރާނޭ ފައިސާވެސް ހުރެއެވެ. ރަމަޟާން މަހަކީ ރޭގަނޑު ކުޅިވަރު ކުޅުމަށް އަންނަ މަހެއް ކަމަށް ހީވާ ކަހަލައެވެ. އެހާވެސް އެ މަހުގައި ކުޅިވަތުތައް ގިނައެވެ. މިއީ ހަގީގަތުގައި ރަމަޟާން މަހާއި ގުޅިގެން އިސްރާފުކުރުން ގިނަކަމުގެ ވާހަކަ ދަައްކާ ފަދައިން ދައްކަން ވާނޭ ވާހަކައެކެވެ. ހަގީގަތުގައި މި އިންތިޒާމުތައް އިންތިޒާމު ވެފައި މިހިރަ ހުންނަނީކީ މަދެއްކޮށެެއް ނޫނެވެ.

ރޯދައަށް ހުރުމަކީ ވަރަށް ބޮޑު ބުރައެއްކަމަށް ބައެއްމީހުންގެ އުޅުމުން ހީވެއެވެ. ރޯދައަށް ހުންނަން ޖެހޭ ވަގުތު ގިނަކަމުން، ރޯދަ ކުރު ނުކުރެވިގެން، ރަމަޟާންމަހުގެ ދުވާލުގެ ވަގުތު ތަކުގައިވެސް ރޯދަ ކުރު ކުރުން އެތައް ކަމެއް ރާވާ އިންތިޒާމު ކުރެއެވެ. ފޫހި ކަމާއި ކަންނެތްކަން ފިލުވާލުމަށް ހިތްހަމަ ޖެހޭ ހަލާލު ކަމެއް ކުރުމަކީ ރަމަޟާން މަހުގައި މަނާ ކަމެއް ނޫނެވެ. ނަމަވެސް ކަންކަމުގައި ހައްދަކާއި ހަމައެއް އޮންނަން ވާނެއެވެ. ރޯދަ ކުރު ކުރުމުގެ ނަމުގައި ރާވާ ހިންގާ ހަރަކާތްތަކުގައި ރޯދައިގެ ހަނދާން ނެތޭހާ ގިނައިރު ޝާމިލްވެ އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަންކަމުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭކަންކަން ހިނގައިގެން ނުވާނެއެވެ. ޣީބަ ބުނުމާއި ނެތިމޮށުން އޮވެގެން ނުވާނެއެވެ. ނަމަވެސް މިކަންކަން އިންތިހާއަށް ގިނައެވެ. މިއީ ރޯދައިގެ ޞައްހަކަމާއި މެދުވެސް ސުވާލު އުފެދިދާނޭ ކަންކަމެވެ.

ދިއްނެވުމާއި ފުއްސެވުމާއި ބަރަކާތުން ފުރިގެންވާ މިފަދަ މާތް މައްސަރެއްގައި ކުޅިވަރާއި މަޖަލުގެ ތެރޭގަައި ވަގުތު ހޭދަކުރުމަށްވުރެބޮޑަށް ދީނީ ކަންކަމަށް އަހުލުވެރިވެ އަޅުކަމައިގެން މަޝްއޫލުވެގެން ވުމީ މުސްލިމުތަކުންނަށް އަމުރުވެފައިވާ ގޮތެވެ. ރަމަޟާން މަހާއި ގުޅިގެން އިސްރާފުކުރުން މަދުކުރުމާއި އެކު، ކުޅިވަރާއި މަޖަލާއި އަދި ބޭކާރު ވަގުތުތައް މަދުކުރަންވެސް ސަމާލުކަން ދޭންވާނެއެވެ. މި މާތް މައްސަރުގެ ހެޔޮ ޖަޒާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބުންވަނީ އޭރުންނެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ނޫނީ އިބުރަތެއް، ފިލާވަޅެއް ލިބުމެއް ނެތެވެ.