ދުނިޔޭގައި ފާހަގަ ކުރާ ތަފާތު އެކި ދުވަސްތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ ދުވަސްތަކަކީ މުޅި ދުނިޔެ އެދުވަސްތަކެއް ފާހަގަ ކުރުމުގައި ބައިވެރިވާ ދުވަސްތަކެކެވެ. އެގޮތުން މިއަދު، 7 އޭޕްރީލް އަކީވެސް މިފަދަ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަ ކުރެވޭ ދުވަހެކެވެ. މިއީ ދުނިޔޭގެ ސިއްޙަތު ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް 7 ފާހަގަ ކުރަނީ ބައިނަލްއަޤްވާމީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. 1948ވަނަ އަހަރު، ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ، ޑަބްލިއު.އެޗް.އޯ އުފަންވެ ރަޖިސްޓްރީވެގެން ދިޔުމާއި އެކު، އޭގެ ފަހުން މި ތާރީޚު ފާހަގަ ކުރަމުން މި ދަނީ ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ. ކޮންމެ އަހަރަކުވެސް ތަފާތު އެކި މަޢުލޫތަކަށް، ތަފާތު އެކި ޝިއާރުތައް ކަނޑައެޅިގެންނެވެ.

މިއަހަރުގެ ސިއްޙަތު ދުވަހުގެ ޝިއާރަކީ "އަހަރެމެންގެ ދުނިޔެ، އަހަރެމެންގެ ސިއްޙަތު" މިއެވެ. އަހަރެމެން އިންސާނުންގެ ދިރިހުރުން ގުޅިފައިވަނީ މި ދުނިޔޭގެ ދިރިހުރުމާއި ދެމެހެއްޓިނިވި ހަޔާތުގެ މައްޗަށެވެ. ދުނިޔޭގައި ފަނާކުރަނިވި އެތައް ކަމެއް ހިނގާކަމީ މިއަދު ހިތާމަ ހުރި ކަމެކެވެ. މި ކަންކަމުގެ ނަތީޖާއަކަށް ވެގެންދަނީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައުމެވެ. މި ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް އެތައް ނޭދެވޭ އަސަރެއް ކުރެއެވެ. ބަލައިގަންނަން ދަތި އެތައް ކަމެއް ހިނގައެވެ.

ދުނިޔޭގެ ހާލަތު ބަޔާން ކުރާއިރު، އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކުރެވެނީ ދުނިޔޭގެ ތިމާވެއްޓެވެ. ޖައްވަށް ދޫކުރާ ވިހަ ގޭހާއި އާވިތަކުގެ ސަބަބުން ދުނިޔެ ހޫނުވާކަމީ އެކަމުގެ ހިތާމަ އިންތިހާއަށް ބޮޑު ކަމެކެވެ. ތަރައްގީގެ ނަމުގައި ކަނޑާ ގަސްތަކާއި ސުންނާފަތި ކުރާ ބޮޑެތި ޖަންގަލިތަކުގެ ޖަބަބުންވެސް ދުނިޔެ ހޫނުވުމަށް ފަހި މަގެއް ކޮށިގެން ދެއެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ބައެއް ފެންގަނޑުތަކުގެ ފެން ހިނދެން ފަށައިފިއެވެ. ބައެއް ބިންތަކުގެ ތެތްކަން ފިލާ ހަނަފަސްވާން ފަށައިފިއެވެ. ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެން ފަށައިފިއެވެ. މިއިން ކޮންމެ ކަމަކީ އެކަމެއްގެ ސަބަބުން އަހަރެމެންގެ ސިއްޙަތަށް ނުރަނގަޅު އެތައް އަސަރެއް ކުރުވާނޭ ކަމެކެވެ. އަހަރެމެންނަށް އެކަން އިހުސާސް ނުކުރެވުނު ނަމަވެސް މެއެވެ.

އިންސާނާ ދިރިހުރުމަށް ސާފު ވައި މިއީ އަސާސީ އެއްޗެކެވެ. އަދުގެ ދުނިޔޭގެ ޖައްވަކީ ކިލަނބުވެ ފުސްބުރާފައިވާ މުޑުދާރު ޖައްވެކެވެ. އެކި ކަހަލަ ވިހަ މާއްދާތަކުން ތަޣައްޔަރު ވެފައިވާ ހަޑި ޖައްވެކެވެ. މި ޖައްވުގައި ދައުރުވާ ވައިން އަހަރެމެންގެ ފުއްޕާމޭ ފުރާލަމުން ދާއިރު މިއީ އޭގެ ސަބަބުން އެތައް ނުރައްކާތެރި ކަމެއް އަހަރެމެންގެ ސިއްޙަތަށް ކުރުވާނޭ ކަމެކެވެ.

ސާފު ވަޔާއި އެއްވަރަށް ސާފު ބޯ ފެނަކީވެސް އަސާސީ ހައްގެކެވެ. ނަމަވެސް މިއަދު ސާފު ބޯފެންފޮދެއް ނެތި ދިރިއުޅެނީ ކިތައް ކިތައް މީހުންތޯއެވެ. ދައުރުވާ ކިތަންމެ ކޯރެއް، ފެކްޓަރީތަކުގެ ދަގުޔާއި ގެދަބުޅިން މި ވަނީ މުޅިންހެން ތަޣައްޔަރުވެފައެވެ. އެ ކޯރުތަކާއި ފެންގަނޑުތަކުގައި އުޅޭ އެތައް ދިރުމެއް މިވަނީ ނެތި ގޮސްފައެވެ. ހައްތަހާވެސް ތަރައްގީއަށް ކުރާ ތަހުޒީބު ކަންކަމުގެ ހިތި ނަތީޖާއެވެ. ނުތާހިރު ފެން ބޯން ޖެހުމުގެ ސަބަބުން އެތައް ބަޔަކު މި ދުނިޔެއާއި ވަކިވަމުން އެބަ ދެއެވެ. އެތައް ނުރައްކާތެރި ބަލިތަކެއް ފެތުރެމުން އެބަ ދެއެވެ. ކޮންމެ ދުވަހެއްގެ ހަބަރުގައި އެ ވާހަކަތައް ތަކުރާރުނުކުރާތީ އަހަރެމެންނަށް އެކަންކަން ނޭނގެނީއެވެ.

ޕްލާސްޓިކުގެ މުސީބާތަކީ މިއަދު ދުނިޔެއަށް ބޮޑުވެފައިވާ ކާރިސާއެކޭ ބުނެވިދާނެއެވެ. ދުނިޔޭގެ ބޮޑެތި ކަނޑުތަކާއި ކޯރުތަކަށާއި ބޮޑެތި ބިންތަކަށް އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން ލޮލަށް ނުފެންނަ މައިކްރޯ ޕްލާސްޓިކު މިވަނީ ދިރުންތަކުގެ ތެރެއަށް ވަދެފައެވެ. ހަމަ އެކަނި ހަށިގަނޑުގެ ތެރެއަކަށް ނޫނެވެ. ދައުރުވާ ލޭގެ ތެރެއަށްވެސް މެއެވެ. މި ހިނގާ 2022ވަނަ އަހަރު ނެދަލޭންޑުގައި ކުރެވުނު ދިރާސާއަކުން އިންސާނުންގެ ލެއިންވެސް މައިކްރޯޕްލާސްޓިކް ވަނީ ފެނިފައެވެ. މިއީ ކެންސަރާއި އެފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ ނުރައްކާތެރި ކަމެއްކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައަކީވެސް މި ދުނިޔޭގައި ބައެއްމީހުން ތަހައްމަލު ކުރާ ހިތްދަތި ވޭނީ ކެކުޅުމެކެވެ. ކާނޭ އެތިކޮޅެއް ނެތި، ނުލިބި ހައިހޫނުކަމުގައި އެންމެ ދުވަހެއްވެސް އަހަރެމެންނަށް ހޭދަ ކުރެވޭހެއްޔެވެ؟ މި ރޯދަމަހަކީ އެކަން އަހަރެމެން ތަޖުރިބާ ކުރާ މަހެކެވެ. ދުނިޔޭގައި ކާނޭ އެތިކޮޅެއް ނުލިބި، ހައި ހޫނުކަމުގައި އެތައް ދުވަހެއް ގުނާ މީހުން މަދެއް ނޫނެވެ. ހައި ހޫނު ކަމުގައި ދުނިޔެ ދޫކުރާ މީހުންވެސް މަދެއްނޫނެވެ. މިކަންވެސް ކޮންމެ ދުވަހަކު ހަބަރުގައި ނުކިޔާތީ އަހަރެމެންނަށް ހަމަ ނޭނގެނީއެވެ.

ކާބޯތަކެތީގެ ވާހަކަ ދެކެވޭއިރު، މުޅި ދުނިޔެ މިއަދު ތައްޔާރީ ކާނާގެ ފެކްޓަރީއަކަށް މި ވަނީ ވެފައެވެ. އެކިކަހަލަ ކެމިކަލް ބޭނުން ކޮށްގެންނާ އެކިކަހަލަ ޕްރިޒަވޭޓިވްސް ބޭނުންކޮށްގެން ތައްޔާރު ކުރާ އެކި އެކި ކާނާތަކެވެ. އަދިވެސް ފުދުނީކީއެއް ނޫނެވެ. ސިއްޙަތަށް ފައިދާކުރާ، ދުޅަހެޔޮ މޭވާ އާއި ތަރުކާރީ އާއި ގޮވާމުގެ ބާވަތްތައް އުފެއްދުމުގައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ބާރުގަދަ ކެމިލަކްތަކުގެ ސބަބުންވެސް ދުނިޔެއަށާއި އިންސާނުންގެ ސިއްހަތަށް ކުރަނީ އަމަށަކުން ކުޑަ ގެއްލުމެއް ނޫނެވެ.

މިފަދަ ކިތަންމެ ކިތަންމެ ކަމެއް މި ދުނިޔޭގައި ހިނގައެވެ. އަހަރެމެންގެ ސިއްޙަތާއި ގުޅުން ހުރި ހައްސާސީ އެތައް ކަމެކެވެ. ނަމަވެސް މިކަންކަމާއި ފަރުވާލެއް ބަހައްޓާ އާދަމުގެ ދަރިއަކު މި އުޑުދަށުގައި މަދެވެ. ސަބަބަކަށް ވަނީ އެކަންކަން އަދި ސީދާކޮށް އިހުސާސް ކުރަން ނުޖެހުން ކަމުގައި ވެދާނެއެވެ. އާދޭހެވެ! ދުނިޔެ ހޫނުވުމާއި ޕްލާސްޓިކާއި ވިހަ ކެމިކަލުގެ ނުރައްކަލުން ދުނިޔެ ރައްކާތެކި ކުރުމަށް ކިތަންމެ ކިތަންމެ، ބައިނަލްއަޤްވާމީ މުޢާހަދާއެއްވެސް ހެދިފައި ވެއެވެ. ނަމަވެސް އަމަލީ އިޖާބައެއް މިއިން އެއްވެސް ކަމަކަށް ނުލިބޭކަމީ މުޅި ދުނިޔެ އެކަންކަމާއި މެދު ކަންބޮޑުވާ ހައްސާސީ މައްސަލައެކެވެ. އަހަރެމެންގެ ދުނިޔެ އަހަރެމެން ރައްކާތެރިކޮށް ނުބަލަހައްޓާނަމަ އަހަރެމެންގެ ސިއްޙަތުގެ ދުޅަހެޔޮކަންވެސް ނެތި ހިނގައިދާނެއެވެ. އާދޭހެވެ! އަހަރެމެންގެ ދުނިޔެ، އަހަރެމެންގެ ސިއްޙަތެވެ.