ސިންހަޅަ އާއި ސާންސްކްރިތާއި އަދިވެސް ކިތަންމެ ބަހެއް މަސްހުނިވެ އުފެދިފައިވާ މި ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. މިއީ އެބަހެއްގެ އަޑި ނޭނގޭ ފުން ބަހެކެވެ. މިއީ މި ގައުމުގެ ފަހުރާއި ޝަރަފުވެސް މެއެވެ. ދިވެހިން ދުނިޔޭގެ ތަރަހައިގައި މިނިވަންކަންމަތީ ދެމިއޮތުމުގެ އެއް އަސާސަކީވެސް ދިވެހި ބަހެވެ. އާދޭހެވެ! ބަހަކީ ޤުދުރަތީ އެއްޗެކެވެ. ނަމަވެސް އެ ބަހެއް ތާޒާކޮށް، އަދާހަމަ ކުރުމަކީ އެ ބަހެއްގެ އަހުލުވެރިންގެ ވާޖިބެކެވެ. ބަހުގައި ތާޒާކަމެއް ނުވާނަމަ، އެ ބަހެއްގެ ސަބަބުން އެއްބައިކުރުވި މުޖުތަމައެއްގައި ދިރުމެއްވެސް ނުވާނެއެވެ.

އެނގޭހެއްޔެވެ! ދިވެހީންނަށް ދިވެހި ބަހުން 100 އަށްވުރެ ގިނަ "އަޑު ލައްވާން" އެނގެއެވެ. މިއީ ދިވެހި ބަހުގެ ހާއްސަ ކަމެކެވެ. އެހެން ބަހަކުން ވާހަކަ ދައްކާ ބަޔަކު، އެ ބައެއްގެ މާދަރީބަސް ނޫން އެހެން ބަހަކުން ވާހަކަ ދައްކާން އުޅޭނަމަ، އެ ބަހެއްގެ އަޑުތައް ފުރިހަމަ ކުރާކަށް ނޭނގޭނެއެވެ. މިސާލަކަށް އިންޑިޔާ މީހަކު އިނގިރޭސި ބަހުން ނުވަތަ އަރަބި ބަހުން ވާހަކަ ދައްކާނަމަ، އިނގިރޭސި ބަހާއި އަރަބި ބަހުގެ އަޑުތައް ނެރުމުގައި އުނދަގޫ ކަމެއް ހުންނާނެއެވެ. ބަންގާޅީން ދިވެހި ބަހުން ވާހަކަ ދައްކާއިރުވެސް މި ފެންނަނީ މިކަންކަމުގެ މިސާލުތަކެވެ. އެމީހުންގެ ބަހުރުވައިގައި ނުވަތަ ބަހުގައި ތަފާތު ހާއްސަ އަޑުތައް އުނިކަމުންނެވެ. ނަމަވެސް ދިވެހިބަސް އެއާއި ތަފާތެވެ. ދިވެހިންނަށް އެތައް އަޑެއް ނެރެން އެނގެއެވެ.

މިފަދަ އެހެން މިސާލަކަށް ބަލައިލަމާ ހިނގާށެވެ. އިނގިރޭސީގައި ހުންނަ އަޑުތަކުގެ ތެރެއިން ޓީ، ޑީ، ޕީ، ފަދަ އަޑުތަކާއި އޯބޯ ފިއްޔާއި އޮބޮފިލީގެ އަޑުތައް ޢަރަބި ބަހަކު ނުހުންނާނެއެވެ. އެހެން ކަމުން އިނގިރޭސިން ކިޔާ "މޯލްޑިވްސް" އަށް ޢަރަބިން ކިޔެނީ "މާލްދީފް" ނުވަތަ "މާލްދީވް" އެވެ. ޑަވިޔަނީގެ އަޑަށް ދާލުގެ އަޑު ގެނެސް ގެންނެވެ. ޢަރަބި ބަހުގައި ޞަލާތު ކިޔަސް އެބަސް އިނގިރޭސިން ކިޔަންވުމުން ކިޔެނީ "ސަލާޓް" ނުވަތަ "ސަލާތް" އެވެ. ދިވެހި ބަހުގައި އޮންނަ "ކޮންވައްތަރު" ބަންގާޅީން ކިޔާން އުޅުމުން ކިޔެނީ "ކޮންބޮއްތަރު" މިފަދަ ގޮތަކަށެވެ.

މިހާރު އެނގިއްޖެ ހެއްޔެވެ؟ ރެއަކާލައިފި ހެއްޔެވެ! ތަފާތު ބަސްބަހުން އަދި ތަފާތު އަޑުތަކުން ދިވެހިންނަށް ވާހަކަ ދެއްކެނީ ކީއްވެކަން އެނގިއްޖެ ހެއްޔެވެ؟ އެއީ ދިވެހި ބަހާއި މި ބަހުގެ އެއްބައި ކަމަށްވާ ތިކިޖެހި ތާނައެވެ.

އާދޭހެވެ! ކުއްޖަކު ދުނިޔެއަށް އުފަންވުމާއެކު އެ ކުއްޖަކަށް ދުނިޔޭގެ 6500 ބަހުގެ ގާތްގަނޑަކަށް 150 އަޑު ލެއްވުމުގެ ޤާބިލުކަން ލިބޭ ކަމަށް މާހިރުން ވިދާޅުވެއެވެ. ނަމަވެސް އެއްވެސް ބަހެއްގައި އެކަހެރިކޮށް މި ހުރިހާ އަޑެއް ނުހުރެއެވެ. ބަސްބަހުގައި ބޭނުންކުރާ އަޑުތަކަށް ބަސްވާރުން "ފޮނީމް" އޭ ކިޔައެވެ. ދިވެހިބަހުގައި ގާތްގަނޑަކަށް 34 ފޮނީމް، ޢަރަބީގައި ގާތްގަނޑަކަށް 30 ވަރަކަށް ފޮނީމް އަދި އިނގިރޭސީގައި 44 ފޮނީމް ވާކަމަށް ބުނެވެ އެވެ. ބައެއް ބަސްބަހުގައި މިޔަށް ވުރެ އަޑުތައް ގިނަވެ މަދުވެދާނެއެވެ. މައިގަނޑު މި ތިން ބަހުގައި މި ހިމެނޭ އަޑުތަކަކީ ދިވެހީންނަށް ދިވެހި ބަހުގެ ތެރެއިން "ލެއްވޭނޭ" އަޑުތަކެކެވެ.

އެނގޭ ހެއްޔެވެ؟ ދާދި ފަހަކާއި ޖެހޭންދެން ދިވެހީން ކުޑަކުދީންނަށް އެންމެ ފުރަތަމަ ދަސްކޮށްދެނީ ވެސް ޢަރަބި އަލިފުބާގެ އަޑުތަކެވެ. އެ އަކުރުތަކެވެ. ދިވެހިބަހުގެ އަކުރުތަކާއި އަޑުތައް ދަސްކޮށްދެނީ ދެ ވަނަ އަށެވެ. އިނގިރޭސި އަކުރުތަކާއި އަޑުތައް ދަސްކޮށްދެނީ އޭގެ ފަހުންނެވެ. މި ކަމުގެ ސަބަބުން ދިވެހީންނަކީ މި ތިންބަހުގެ އަޑުތަކަށް ފަރިތަ ބައެކެވެ. ނަތީޖާއަކަށް ވެގެންދަނީ ދިވެހީންނަކީ މި 3 ބަހުގެ އަޑުތައް (ސަތޭކައަށް ވުރެ، ގިނަ އަޑު) ބަސްމޮށުންތެރިކަމުގައި "ލައްވާން" ދަންނަ ބަޔަކަށް ވުމެވެ. ގިނަ ބަސްތަކުގެ އަޑުތައް ބޭނުންކޮށްގެން ގިނަ ބަސްތައް ދަސްކުރުމުގެ ޤާބިލުކަން ތަނަވަސްކަން ލިބުމެވެ. މިއީ ދިވެހިބަހުގެ އަހުލުން ކަމުގައިވާ ދިވެހީންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެކެވެ.

އަޅުގަނޑުމެން ލިޔެކިޔުމުގައި ބޭނުންކުރާން ޖެހޭ ނަންނަމާއި ބައެއް ލަފުޒުތަކަކީ ޢަރަބި ނަންނަމާއި ޢަރަބި ލަފުޒުތަކެވެ. އަދި އަޅުގަނޑުމެންގެ ޤައުމަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވާތީ އެންމެން ވެސް މި އަޑުތަކަށް ފަރިތަވާންޖެހެއެވެ. ދީނީ އަޅުކަންތަކުގައި ބޭނުންކުރާނެ ދުޢާތަކާއި ތަސްބީޙަތަކަކީ އަދި ކީރިތި ޤުރުއާނަކީ ޢަރައިބަހުން ވާ ކިޔުންތަކެކެވެ. ޅަފަތުގައި މި އަޑުތަކަށް ނަގައި ނުގަންނަ ނަމަ، ފަހުން އެ އަޑުތައް ދިވެހީންނަށް ކިޔާން ދަހެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ތައުލީމީ އޮނިގަނޑު ބިނާވެފައިވަނީ އިނގިރޭސި މަންޖަހުތަކަށެވެ. އަދި އިނގިރޭސި އަކީ ބައިނަލްއަގުވާމީ ބަހެކެވެ. އެހެން ކަމުން މި ދެ ސަބަބާއި ހުރެ ދިވެހިންނަކީ ދިވެހި ބަހުގެ އިތުރަށް ޢަރަބި އަދި އިނގިރޭސި ބަހަށް ފަރިތަ ބައެކެވެ.

ދިވެހި ބަހުގެ ދުވަހެއް އައިސް ގޮސްވެ ދާއިރު، މިއީ ހަގީގަތުގައު ކުލަ ގަދަކޮށް ފާހަގަ ކުރަން ޖެހޭ ދުވަހެކެވެ. ނަމަވެސް ހިތާމައަކީ ދިވެހި ބަހުގެ އެކެޑެމީ އާއި ދައުލަތުގެ ބައެއް އިދާރާތަކުން ނޫން ބަޔަކަށް މިއީ އަންނަ ދުވަހެއް ކަމާއި މި ނަން ކިޔާ ދުވަހެއް އޮންނަ ކަންވެސް ނޭނގޭ ކަމެވެ. މިއީ އަދުގެ ތަހުޒީބު ދިވެހީން އުޅެންވާނޭ ގޮތް ހެއްޔެވެ. ދިވެހި ބަހުގެ މުއްސަނދި ކަމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ފަހުރުވެރިކަމުގެ ވިންދު ޖަހާލިޔަސް، އެ ވިންދު ނިވެނީ ދިވެހިންގެ ހިތުގައި ދިވެހި ބަހަށް ދެވިފައިވާ ގަދަރު ކުޑަ ކަމުންނެވެ. މިއީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރު ކުރަން ޖެހޭނޭ ކަމެކެވެ. 

 

ހަވާލާ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 2020، ސަތޭކައަށްވުރެ ގިނަ އަޑު ދިވެހިންނަށް [ލައްވާން] އެނގެއެވެ. -ފަންވަތް-