އެއީ އަންހެނެކެވެ. ކޮންމެވެސް މީހެެއްގެ ހިތްވަރުގަދަ މާމައެކެވެ. ކުލުނާ ހަމްދަރުދީވެރިވި މަންމައެކެވެ. އޯގާތެރި ދައްތައެއް އަދި ކޮއްކޮއެކެވެ. ކިޔަމަންތެރި ދަރިއެކެވެ. މި ރޯދަމަހު، މިފަދަ އަޖައިބެއްކަހަލަ އަންހެނަކު ތިބާ ދުށިންހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟

އާދޭހެވެ! އަންހެނުންނާ ފިރިހެނުން ހަމަހަމަ ކަމަށް ބުނެ ވާހަކަ ދެކެވުނަސް ބައެއް ކަންކަމުގައި ދެ ޖިންސުގެ ޠަބީއަތުން ދެ ޖިންސުގެ ދެމެދުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ވެއެވެ. ބައެއް ކަންކަމުގައި ފިރިހެނާ މާ ކެތްކުރާއިރު އަންހެނާއަށް އެކަންކަމަށް ކެތްކުރެވޭ ގޮތެއް ނުވެއެވެ. އަދި އަންހެނާ ބައެއް ކަންކަމުގެ މައްޗަށް ކެތްކުރާއިރު، ފިރިހެނާއަށް އެކަން ކަމަށް ކެތް ނުކުރެވޭކަން އަހަރެމެންނަށް އެނގެއެވެ. މިކަމަށް ބާރުދީ ހެކިދައްކާ ކުރު ފިލްމުތައް ޣައިރު މުސްލިމުމްވެސް ހަދާ މުޅި ދުނިޔެއަށް ދައްކަމުން އެބަ ގެންދެއެވެ. ކޮންމެ އަކަސް އަބަދުވެސް އަހަރެމެންނަށް އަގު ވައްޓާލެވޭ ބަޔަކުކަމުގައި ގިނަ ފަހަރަށް ވަނީ އަންހެނުންނެވެ. ދަށްކޮށްލެވޭ ބަޔަކަށްވެސް ގިނަފަހަރު ވަނީ އަންހެނުންނެވެ. އެހެން ނަމަވެސް އެނގޭހެއްޔެވެ! އަންހެނުންނަކީ އަޖައިބެއް ކަހަކަ ބައެކެވެ. އަދިވެސް އެއްފަހަރު ވިސްނާލަބަލާށެވެ. މި ރޯދަމަހު، އަޖައިބެއްކަހަލަ އަންހެނަކު ތިބާ ދުށިން ހެއްޔެވެ؟ އެއީ ކާކު ކެއްޔެވެ؟

ޒަމާނާއެކު ތަހުޒީބުވެފައިވާ ދިވެހިންގެ މި މުޖުތަމައުގައި ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދަކީ މިއަދު މަދު އަދަދެއް ނޫނެވެ. އެކި ދާއިރާތަކުން ތަފާތު އެކި ވަޒީފާތަކުގައި އުޅެއެވެ. އެ ކަނބަލުން މި ރޯދަމަހުވެސް ގަވައިދުން ވަޒީފާއަށް ދެއެވެ. ހިތްވަރާ ސާބިތުކަންމަތީގައެވެ. ކެރުންތެރިކަމާ ހީވާގިކަމާ އެކުގައެވެ.

ހަމައެކަނި ވަޒީފާއެއް ނޫނެވެ. ގޭތެރޭގެ ހާލަތަށް ވިސްނާލާށެވެ. މި ވާހަކަތައް ތަރުތީބުކޮށް ފަށާނެ ހިސާބެއް ވަގުތެއް ނޭނގެއެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ އަންހެނުންގެ ހީވާގިކަމާއި އެ ކަނބަލުންގެ އަޖައިބުކުރަނިވި މަސައްކަތްތަކުގެ ކުލަތަކާއި މަންޒަރުތަކެވެ. އެންމެ ރަނގަޅެވެ! ހާރުދަމުން ފަށަމާ ހިނގާށެވެ. ހާރުދަމު އެންމެ ކުރީ ހޭލާ އެކަކަށް ވާނީ ކޮންމެ ގެއަކުވެސް ކޮންމެވެސް އަންހެނެކެވެ. ބައެއް ގޭގޭގައި ފިރިހެނުންވެސް ހޭލާ އުޅެއެވެ. އަންހެނާ ހޭލުމާ އެކު، ތައްޔާރުވަނީ ގޭގައި ދެންތިބި ބަޔަކަށް ހާރުކާން ދޭށެވެ. އެގޮތުން ބަދިގެއަށް ވަދެ ކައްކާފައި ހުރި ތަކެތި ހިފައިގެން ކާމޭޒު ދޮށަށް އާދެއެވެ. ކާން ހަދައެވެ. ދެ ޖެމުލައިން ލިޔެލާ ނިނުނަސް މިއީ މިކަމަށް ހާއްސަ މަޒުމޫނެއްވެސް ލިޔެވިދާނޭ ފަދަ ކަމެކެވެ. ކާން ހެދުމަށްފަހު، ނުހޭލާ މީހުންނަށް ހާރުކާން ތެދުވަން ގޮވައެވެ. ނިދާފައި ތިބި މީހުން ކޮޅަށް ޖަހައެވެ. ހާރުކައިގެން ހުރިހާ ފިރިހެނުންވެސް ކާމޭޒު ދޫކޮށް ގޮސް ސޯފާ ސެޓުގައި ނުވަތަ އެނދުގައިި ނުވަތަ އެނޫންތަނަކަށް ވެޑުވުފައި އިނދެއެވެ. ނަމަވެސް އަންހެނާ ކާމޭޒުމަތި ސާފުކުރެއެވެ. ތަށިތައް ނަގާ ދޮއެ ހަދައެވެ. ބަންގީގެ ކުރިން އެކަންކަން ނިމޭތޯ ބަލައެވެ. ނަމަވެސް ފިރިހެނުން ތެދުވާލެއް ލަސްކަމުން، ބަންގި ގޮވަން ވާއިރަށްވެސް ތަށިތައް ދޮވެ ނުނިމެއެވެ. ކައިގެން ބަންގީގެ ކުރިން ފެންފޮދެއް ބޯލާނޭ ވަގުތުވެސް އެ އަންހެނާއަކަށް ނުލިބެއެވެ. އެކަމަކުވެސް ޝަކުވާއެއް އެ އަންހެނާ ކުރިހެއްޔެވެ؟

ފަތިސްނަމާދުކޮށްގެން އައިސް ބައެއް އަންހެނުން ނިދާލައެވެ. ނިދާލުމަށްފަހު 7 ނުވަތަ 07:30 ގައި ތެދުވެ މުޅި ގޭތެރެއާއި ގެވަޅުތެރެއާއި މަގުމަތި ކުނި ކަހައެވެ. އަނެއްބައި އަންހެނުން ފަތިސް ނަމާދަށްފަހު، ނިދާލުމުގެ ކުރިން ކުނިކަހައެވެ. މިކަންވެސް މި ލިޔެވުނީ ވަރަށް ކުރުކޮށެވެ. ނަމަވެސް މިއީ ކުރަން ވުމުން ވަރަށްވެސް ބުރަ ކަމެކެވެ. މިއީ ރޯދަ މަހެވެ. އެ އަންހެނާ އެކަމަށް ޝަކުވާއެއް ކުރި ހެއްޔެވެ؟

ދުވާލުގެ ވަގުތު ވަޒީފާއަށްދާ މީހެއްނަމަ ހެނދުނާ ހޭލާ ވަޒީފާއަށް ދެއެވެ. ވަޒީފާއަށް ނުދާ އަންހެނަކު ނަމަ ގޭތެރޭގެ އެކި އެކި ކަންކަން ކުރެއެވެ. އާންމުކޮށް މެންދުރު ފަސްވުމުން ބަދިގެ ތެރޭގައި ހެލިފެލިވެއެވެ. މެންދުރު ކުރީ ޤުރުއާން ކިޔަވާލުމުގައި ވަގުތުކޮޅެއް ހޭދަކުރެއެވެ.

މެންދުރުފަހު ބަދިގެއަށް ވަންނަނީ މެންދުރު ކުރީ ބައެއްކަންކަން ތަރުތީބު ކޮށްފައެވެ. އަނެއްބަޔަކު ވަޒީފާއިން އައީހެވެ. ވަޒީފާގެ ވަރުބަލިކަން ހުރިނަމަވެސް ޝަކުވާއެއް ނުކުރެއެވެ. ބަދިގޭގައި އެއްކަމެއް ކޮށް، އަނެއްކަމެއް ކޮށް އުޅެނީ ގައިން އޮަށްދާ ކަނޑާލާފައެވެ. ހޫނުވެސް އަރައެވެ. ކަރުވެސް ހިއްކައެވެ. އެކަމު ޝަކުވާއެއް ކުރި ހެއްޔެވެ؟ އަސުރަށް ގޮވާއިރުވެސް ނުނިމެއެވެ. އަސުރަަށް ހުއްޓާލާ އަސުރުކޮށްގެންވެސް އައިސް އަނެއްކާވެސް ވަންނަނީ ބަދިގެ އަށެވެ. އިރު އޮއްސެންވާއިރަށް ނިންމާލާ ހަމަޖެހިލެވެނީ މަދު ގެއެއްގައެވެ. ރޯދަވީއްލާއިރުވެސް ތާޒާވެލާ ފެންވެސް ނުވަރައެވެ. ހުރިހާ ކަމެއްވެސް ކުރަނީ އަންހެނުންނެވެ. ޝަކުވާއެއް ކުރޭ ހެއްޔެވެ؟

ރޯދަވީއްލައިގެންވެސް ތަށިތަށް ހަމައަކަށް އަޅުވާލަނީ އަންހެނުންނެވެ. ގިނަ ގޭގޭގައި އަންހެނުން ރޯދަވީއްލަން ކާމޭޒު ދޮށަށް އަރަނީ ފިރިހެނުން ރޯދަވީއްލާ ނިމުނީމައެވެ. މަޣްރިބް ނަމާދުކޮށްގެން ބައެއް އަންހެނުން ބަތްޕެން ކައްކަން އުދައެވެ. އަނެއްބަޔަކު ކިޔަވާލަން ތިބެއެވެ. އިޝާނަމާދަށް ގޮވުމުން ބައެއް އަންހެންވެރިން މިސްކިތައް ދެއެވެ. ރަތާވީޙްނަމާދު ކޮށްގެން އާދެއެވެ. އަނެއްބަޔަކު ގޭގައި ކުރެއެވެ. ތަރާވީސްދަމު ބައެއް ގޭގައި ކައި އުޅެއެވެ. އެ ވަގުތުވެސް ކާން ހަދާ، ކެއުމުން ތަށިތައް ނަގާ ދޮވެ ހަދަނީ އަންހެނުންނެވެ. 

އޭގެފަހުން އަނެއްދުވަހު ހާރުކާނޭ އެއްޗެއް ތައްޔާރުކުރާން ބައެއް ގޭގޭގައި އަންހެންވެރިން އުޅެއެވެ. ރޭގަނޑުގެ އަރާމު ނިންޖަށް ތަންމަތީގައި ބޯ ބާއްވާލެވެނީ ގާތްގަނޑަކަށް ރޭގަނޑު 12 ޖަހާކަންހާއިރެވެ.

ރޭގަނޑު ނިދެނީ އެހާ ލަހުންނެވެ. ދަމު ނަމާދަށް ދާން އެހާ އަވަހަށް ހޭލައެވެ. ގާތްގަނޑަކަށް 2 ނުވަތަ 2:30 ގައެވެ. ނިދި މުޅިން ހަމައެއް ނުވެއެވެ. އެހެނަސް ފަރުވާލެއް ނެތެވެ. ޝަކުވާއެއް ނެތެވެ. ދަމުނަމާދުކޮށްގެން އަނެެއްކާވެސް އެ ރޭގެ ހާރުކެއުމަށް މޭޒުމަތި ތައްޔާރު ކުރެއެވެ. މިއީ ޖުމުލަކޮށް ރޯދަމަހުގެ ކޮންމެ ދުވަހެއްގެ އާދައެވެ. މީގެ އިތުރުން ގޭގެ ހުރިހާ އަހުލުންގެ އަންނައުނު ދޮވުނާއި، އިސްތިރި ކުރުމުގެ މަސައްކަތްވެސް އާދައިގެމަތިން ރޯދަމަހު ކުރާނެއެވެ. ހަމަ އަންހެނުންނެވެ. ނުވަތަ އަންހެނެކެވެ.

އާދޭހެވެ! މި ބުރަ ތާވަލުގައި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ ތެރޭގައި މާބަނޑު އަންހެނުން އުޅޭނެއެވެ. ޅަދަރުމައިންނާއި ކިރުމައިން އުޅޭނެއެވެ. މުސްކުޅީންނާއި ބަލި މީހުން އުޅޭނެއެވެ. ޙައިޟުގެ ދުވަސްވަރާ ކުރިމަތިވެ، އެތައް ވޭނެއް އަޅާ އަންހެނުންނެއްވެސް އުޅޭއެވެ.

އޭ ފިރިހެނުންނޭވެ! މިކަންކަމުގެ މައްޗަށް ޝަކުވާއެއް ނުކޮށް ކެތް ކުރެވޭނެހެއްޔެވެ؟ ވިސްނާލަ ބަލާށެވެ. ބަދިގެއަށް ބޯދިއްކޮށްނުލާ ކިތައް ފިރިހެނުން އުޅޭ ހެއްޔެވެ؟ ވަޒީފާއިން އައިސް އިރު އޮއްސެންދެން ނިދާ ކިތައް ފިރިހެނުން އުޅޭ ހެއްޔެވެ؟ އަންހެން ކަނބަލުން ރޯދަމަހު އެ ދައްކާ ހިތްވަރު ފިރިހެނުންނަށް އެގޮތަށް ދެއްކިދާނެ ބާއެވެ؟ ކޮންމެ ދުވަހަކު ވަރުބަލިކަންމަތީ، ރަހަބެލުމެއް ނެތި ހަދާ ހެދިކާތަކާއި ތައްޔާރުކުރާ ކެއުންތަކުގެ ރަހައިގައި ކުޑަނަމަވެސް އުނިކަމެއް ނުހުރެއެވެ. މިއީ އަޖައިބެކެވެ. މިއީ އަންހެނުންނަށް އަހަރެމެން ދޭން ޖެހޭ ލޯތްބާއި އަޅާލުމާ ހިމާޔަތާއި ރައްކާތެރިކަމަށް ކުޑަވެސް އުނިކަމެއް ނުދީ އަދާކޮށްދޭން ޖެހޭނޭ ކަމުގެ ކުޑަކުޑަ މިސާލެކެވެ.

އާދޭހެވެ! އަންހެނުންނަކީ އަޖައިބެއް ކަހަލަ ބައެކެވެ. މި ރޯދަމަހު، މިފަދަ އަޖައިބުކުރަނިވި އަންހެނަކު ދުށިން ހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟