ޒަމާނާއި ހާލަތަކީ އަބަދުވެސް ބަދަލުވަމުންތާ ކަންކަމެވެ. މިފަދައިން ބަދަލުވާ ކަންކަމާއި އެކު އިންސާނާގެ އުޅުމުގެ ބައެއް އާދަތައްވެސް ދީލައިލާން ޖެހިދެއެވެ. ނަމަވެސް ބައެއް ކަންކަމަކީ ދުނިޔެ ކިތަންމެ ބޮޑަކަށް ބަދަލުވިޔަސް އަހަރެމެންގެ އުޅުމާއި ގުޅުންތަކުން ބަދަލު ނުކުރެވޭނޭ ކަންކަމެވެ. މި ދެތިންދުވަހު މީސްމީޑިޔާގެ މަންސަތަކުގައި މުޅިންވެސް މިފަދަ ވާހަކައެއް ދެކެވޭތީ ދުށީމެވެ.

އާދޭހެވެ! ޓީޗަރުންގެ މުސާރަ ބޮޑު ކުރި ވާހަކައެވެ. ރާއްޖޭގެ އިއްޒަތްތެރި ރައީސް، ރައްޔިތުންނާ މުހާތަބުކޮށް، ޓީޗަރުންގެ މުސާރަ ބޮޑު ކޮށްފިކަން އެންގިއެވެ. އެއާއެކު އޭގެ ފަހުން، ތައުލީމީ ވަޒީރާއި މާލީ ވަޒީރު، އެ ބޮޑުވި މުސާރާއި ތަފްސީލު ސީދާ ހިސާބު އަދަދުން ބުނެދިނެވެ. މިކަން ވެގެން ދިޔައީ ޒަމާންތަކެއްވަންދެން މާޔޫސް ވެފައިތި ޓީޗަރުންނަަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމަކަށެވެ. އެއްބަޔަކު މިކަމަށް ތައުރީފު ކުރަމުންދާއިރު އަނެއްބަޔަކު މިކަމަށް މަލާމާތްކޮށް ނަފްރަތުގެ ބަސްތައް ބުނަމުން އެބަ ދެއެވެ.

ބޮޑުވި ޓީޗަރުންގެ މުސާރައާއި އެކު، މީސްމީޑިޔާގައި ފެނިގެން ދިޔައީ ބެލެނިވެރިން، ބެލެނިވެރިކަމުގެ ޒިންމާއިން މުޅިންގެ އެެއްކިބާވެގަތް މަންޒަރެވެ. މިއީ ހިތާމަހުރި ކަމެކެވެ. ހާއްސަކޮށް މިފަދަ ތަރައްގީ ޒަމާނެއްގައި، ހޭލުންތެރިކަމާއި ހޭވެރިކަން އިންތިހާ ބޮޑު ޒަމާނެއްގައި، ތަހުޒީބު ބައެއް ކަމަަށް ދައުވާކުރާ ބައެްްގެ ފަރާތުން މިކަންކަން ފެނުނީތީ ހިތާމަ ކުރަމެވެ. މީސްމީޑިޔާގެ ޞަފްހާތައް އުކާލަމުން ދިޔައިރު، އެތައް ޝުއޫރަކާއި އިހުސާސްތަކެއް މީހުން ބޭރުކޮށްފައި ހުރީތީ ދުށީމެވެ. އެކަކު ބުނެފައި އޮތެވެ. "ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދިނުމަކީ ހެޔޮވެރިކަމެއް ކުރެވުމެއް ނޫން. ދަރިވަރުންގެ އުޅުން އިސްލާހުކޮށް ހަރުދަނާ ޖީލެއް ބިނާ ކުރުމަކީ ހެޔޮވެރިކަމެއް ކޮށްދިނުން." އަނެކަކު ބުނެފައި އޮތެވެ. " ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން، ޓީޗަރުން ޒިންމާދާރުވެ، ކުދިންގެ އަހުލާގު ރަނގަޅުކޮށްދޭން ޖެހޭނެ." އަދިވެސް މީހަކު ބުނެފައި އޮތެވެ. " ދަރިވަރުން މިސްކިތްތަކަށް ގޮސް ޖަހަނީ ސަކަރާތް! ނަމާދު ކުރާކަށް ނޭނގޭ. ސުކޫލުގައި ކޯއްޗެއްތަ މި ކިޔަވައި ދެނީ. ނަމާދުކުރަން ދަސްކޮށް ނުދެވޭ ބައެއް ޓީޗަރުންނަކީ. އުންމީދު ކުރަން މުސާރަ ބޮޑުކުރީމާ ރަނގަޅު ކޮށްލާނެ ކަމަށް!" ހައްތަހާވެސް ބެލެނިވެރިން ކޮށްފައި ހުރި ކޮމެންޓު ތަކެވެ. ބެލެނިވެރިންގެ ޝުއޫރުތަކެވެ. ބެލެނިވެރިންގެ ޖަޒުބާތުތަކެވެ. މިފަދަ ކިތަންމެ ކިތަންމެ ކޮމެންޓެކެވެ.

އާދޭހެވެ! ހައްތަހާވެސް ބެލެނިވެރިން، ބެލެނިވެރިކަމުގެ ޒިންމާއިން އެއްކިބާވެވޭ ޒާތުގެ ކޮމެންޓުތަކެވެ. ފަހަރުގައި އެ ކޮމެންޓުތައް އެހެން ކޮށްފައި އެހުރީ ބެލެނިވެރިކަމުގެ ޒިންމާއިން އެއްކިބާވާން ނޫން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އެފަދަ ކިތަންމެ ކޮމެންޓެކެވެ. ކިތަންމެ ޕޯސްޓެކެވެ. ވިސްނާލާށެވެ. ދަރިވަރުންގެ ހަގީގީ އަދި ރޫހާނީ ބެލެނިވެރިންނަކީ އެ ދަރިވަރުންގެ މައިންބަފައިންނެވެ. އެނގެއެވެ. ޓީޗަރުންނަކީވެސް އެ ދަރިވަރުންގެ ޒާތެއްގެ ބެލެނިވެރިންތަކެކެވެ. އެހެންނަމަވެސް އެނގޭހެއްޔެވެ! އެއީ އެ ޓީޗަރުންގެ ދަރިންނެއް ނޫނެވެ. އެއީ ތިބާގެ ދަރިންނެވެ. އަހަރެމެންގެ ދަރިންނެވެ. މަގޭ ދަރިފުޅެވެ. އެ ދަރީން އިސްލާހު ކުރުމަކީ އެ ދަރިންގެ މައިންބަފައިންގެވެސް ޒިންމާއެކެވެ. ހަރުދަނާ ޖީލެއް ބިނާވެގެން އަންނާނީ، ދަރިންނަށް މައިން ބަފައިންދޭ ހަރުދަނާ ތަރުބިއްޔަތެއްގެ ސަބަބުން ކަން ޔަގީނެވެ. ޓީޗަރުންގެ ދައުރެއް ނެތީކީ ނޫނެވެ. ނަމަވެސް ވިސްނައިފި ނަމަ އެނގޭނެ ކަމަކީ ތިމާގެ ދަރިއަށް ތިމާ ނުބެލިވަރަކަށް ޓީޗަރަކުވެސް ނުބަލާނެކަމެވެ. މިއީ ދުނިޔޭގެ އާންމު ފިޠުރަތެވެ. ނަމަވެސް ބައެއް ހާލަތްތައް އިސްތިސްނާވެދެއެވެ.

ދަރިވަރުންގެ އަހުލާގު ބިނާވެގެންވަނީ އެ ދަރިވަރުން ސުކޫލުގައި ދަސްކުރާ އެއްޗަކާއި އަދި އޭގެ އިތުރަށް އެ ކުއްޖާއަށް އެ ކުއްޖާގެ ބެލެނިވެރިންގެ ފަރާތުން ލިބޭ ތަރުބަވީ އިރުޝާދުގެ މައްޗަށެވެ. ޓީޗަރުންގެ މުސާރަ ބޮޑު ވުމާއި އެކު ޓީޗަރުންވެސް ހަރުދަނާ ވާން ޖެހޭނެކަން އެނގެއެވެ. ނަމަވެސް އެއީ ކުދިންގެ އަހުލާގު ރަނގަޅުކުރުމުން ބެލެނިވެރިޔާ ރެކިގަތުމަށް އޮތް އުޒުރެއް ނޫނެވެ. ވިސްނާށެވެ. ތިބާގެ ދަރިއެވެ. ތިބާގެ ދަރި އުޅޭ ގޮތެއްގެ ސަބަބުން ބަދުނާމާއި ލަދު، ލިބޭނީ ތިބާއަށެވެ. ޓީޗަރަކަށް ނޫނެވެ. އެހެން ކަމުން އެ ކުދިންގެ އަހުލާގު، ޓީޗަރުންގެ ބޮލަށް ނުޖަހާ ބެލެނިވެރިކަމުގެ ފުރިހަމަ ޒިންމާ ބެލެނިވެރިޔާ އަދާކުރާށެވެ.

ކުއްޖާއަަށް ޤުރުއާން ކިޔަވަން އެނގުމާއި ނަމާދުކުރާން އެނގުމާއި ގުޅިފައިވަނީ ހަގީގަތުގައި ކުއްޖާގެ ބެލެނިވެރިންދޭ ތަރުބިއްޔަތެވެ. އެނގެއެވެ. ސުކޫލުގައި ނަމާދު ކުރާނޭ ގޮތާއި ނަމާދުގައި ކިޔާ ތަކެއްޗާއި ޤުރުއާން ކިޔަވަންވީ ގޮތްވެސް ބުނެދޭނެއެވެ. ދެން އޭގެ މާނައަކީ އެ ކުއްޖާގެ ބެލެނިވެރިން އެ ޒިންމާއިން ރެކިގަތުން ހެއްޔެވެ؟ ޓީޗަރުންގެ މުސާރަ ބޮޑު ކުރިއޭ ކިޔާފާ އެ ޒިންމާއިން ބެލެނިވެރިޔާއަށް ރެކިގަނެވިދާނެތޯއެވެ؟ ނޫނެކެވެ. ދުވަހަކުވެސް އެ ޒިންމާއަކުން ބަރީއަ އެއް ނުވާނެއެވެ. ކުއްޖާގެ އެންމެ ފުރަތަނަ ޓީޗަރަކީވެސް ޑަކްޓަރަކީވެސް ކޯޗަކީވެސް ހަމަ އެ ކުއްޖާގެ ބެލެނިވެރިންނެވެ. އެ ބެލެނިވެރިޔާ، ކުއްޖާއަށް ދަސްކޮށްދޭން ޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. ހަގީގަތުގައި ތިބާގެ ދަރިފުޅަށް ނަމާދުކުރަން ދަސްކޮށްދޭން ޖެހޭ މީހަކީ ހަމަ ތިބާއެވެ. އެއީ ތިބާގެ ދަރިއަކަށް އެ ކުއްޖާވީތީއެވެ. މަޚުޝަރުގެ މައިދާނުގައި އެ ދަރިފުޅާއި މެދު ސުވާލު ވެވޭނޭ މީހަކީ ތިބާ ކަމުގައި ވާތީއެވެ. ޓީޗަރުންގެ މުސާރަ ބޮޑު ވުމަކާއި ތިބާގެ ދަރިފުޅަށް ނަމާދު ކުރަން ނޭނގުމަކާ އަޅާކިޔާ، ޓީޗަރު މީހާ ބަދުނާމު ކުރުމުގެ އެއްވެސް ހައްގެއް ތިބާއަކަށް ނޯންނާނެއެވެ. 

ވިސްނާށެވެ. ތި ކުރެވެނީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. ޓީޗަރުންގެ މުސާރަ ބޮޑުވުމަކީ ބެލެނިވެރިން، ބެލެނިވެރިކަމުގެ ޒިންމާއިން އެއްކިބާވެވެން އޮތް އުޒުރެއް ނޫނެވެ. ބަޔަކަށް ބޮޑު މުސާރައެއް ލިބޭތީ ހަސަދަވެރި ވިޔަސް، ބެލެނިވެރިންގެ ޒިންމާއިން ރެކި ނުގަންނާށެވެ. ހެޔޮ ވިސްނުމާއި ބުއްދި އިސްކުރާށެވެ.