މަންކީޕޮކްސް އަކީ ވައިރަލް ޒޫނޯސިސް (ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރޭ ވައިރަސް) އެކެވެ. ސިއްހީ ގޮތުން އޭގެ އަސަރު ކުޑަ ނަމަވެސް، މީގެ ކުރިން ސްމޯލްޕޮކްސް ޖެހުނު ބަލިމީހުންގެ ކިބައިން ފެނުނު އަލާމާތްތަކާއި މި ބަލީގެ އަލާމާތްތަކަކީ ވަރަށް ވައްތަރު އަލާމާތްތަކެކެވެ. 1980 ވަނަ އަހަރު ސްމޯލްޕޮކްސް ނައްތާލުމާއި، އޭގެ ފަހުން ސްމޯލްޕޮކްސް ވެކްސިން ދިނުން ހުއްޓާލުމާއެކު، އާންމު ސިއްހަތަށް އެންމެ ބިރުބޮޑު އޯރތޮޕޮކްސް ވައިރަސްގެ ގޮތުގައި މަންކީޕޮކްސް ވަނީ ފާހަގަ ކުރެވިފައެވެ. މަންކީޕޮކްސް އާންމު ގޮތެއްގައި ފެންނަނީ މެދު އަދި ހުޅަނގު އެފްރިކާއިންނާއި ޖަންގަލި ބޮޑު، ތެތްބިން ގިނަ ހިސާބުތަކުންނާއި އާބާދީ ބޮޑެތި ސަރަހައްދު ތަކުންނެވެ. މި ބަލި އިންސާނުންނަށް ޖެހުމުގެ ފުރުސަތު، އިންސާނުންނާއި ޖަނަވާރުންގެ ކިބައިން ވެއެވެ.
މަންކީޕޮކްސް އެންމެ ފުރަތަމަ އިންސާނުންގެ ގައިން ދެނެގަނެވުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި 9 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އޭގެ ފަހުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައްޔާއި މެދު އެފްރިކާއާއި ހުޅަނގު އެފްރިކާގެ އެކި ހިސާބުތަކުން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
1970 ވަނަ އަހަރުން ފެށިގެން އެފްރިކާގެ 11 ގައުމެއްގައި (ބެނިން، ކެމަރޫން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ގެބޯން، ކޯޓް ޑި އަވޭރް، ލައިބީރިއާ، ނައިޖީރިއާ، ރިޕަބްލިކް އޮފް ކޮންގޯ، ސިއެރާ ލިއޯން އަދި ދެކުނު ސޫދާނު) އިންސާނުންނަށް މަންކީޕޮކްސް ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މަންކީޕޮކްސްގެ ނުރައްކަލާއި ބިރުވެރިކަމާއި އެ ބަލި ޖެހުމުގެ ހަގީގީ ބިރުވެރިކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އެހެންނަމަވެސް 1996-97 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ބަލި ފެތުރިގެން ރިޕޯޓްކޮށްފައިވާއިރު، ކޭސް ފެޓަލިޓީ ރޭޝިއޯ (ބަލީގައި ބޮޑުވަރުވާ މިންވަރު) ދަށްވެ، އިންސާނުންގެ ދިފާއީ ނިޒާމު ވަރުގަދަވަމުންދާ ކަން ހާމަވެފައި ވެއެވެ.
2017 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގައި ބޮޑު ބަލިމަޑުކަމެއް ފެނިފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޝައްކުކުރެވިފައެވެ. އަދި 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މަރުވާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް %3 އެވެ.
މަންކީޕޮކްސް އަކީ ހަމައެކަނި ހުޅަނގާއި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެންނަ ބައްޔެއް ނޫން ކަމުން، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެންނަ ބައްޔެއް ކަމުން މިއީ ދުނިޔޭގެ އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެކެވެ. 2003 ވަނަ އަހަރު އެފްރިކާއިން ބޭރުގައި ފުރަތަމަ ފަހަރަށް މަކުނު ޕޮކްސް ފެތުރިފައިވަނީ އެމެރިކާގައެވެ. މިއީ ބަލިޖެހިފައިވާ އޮޅު ބުޅާތަކާ ކައިރިން ބައްދަލުވުމުން ދިމައިވި ކަމެކެވެ. ބުނެވޭ ގޮތުގައި އެ ބުޅާ ތަކަކީ އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއިން އެތެރެކޮށްފައިވާ ބުޅާ ތަކެކެވެ. މި ބަލިމަޑުކަމުގެ ސަބަބުން އެމެރިކާގައި 70 އަށް ވުރެ ގިނަ މީހުން މި ބަލި ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
2022 ވަނަ އަހަރުގެ މެއި މަހު މަންކީޕޮކްސް ޖެހިފައިވާ ގިނަ ކޭސްތަކެއް ފެނިފައިވަނީ އެންޑެމިކް ނޫން ބައެއް ގައުމުތަކުންނެވެ. މާނައަކީ ބަލި ފެތުރިފައިނުވާ، އަލަށް ފެނިފައިވާ ގައުމުތަކުންނެވެ. މިކަމާއި ގުޅިގެން މިހާރު ދަނީ މި ބަލި ފެތުރޭ ގޮތާއި، ބަލި ޖެހޭ މަސްދަރުތަކާއި، ބަލި ޖެހޭ ގޮތް އިތުރަށް ދެނެގަތުމަށް ދިރާސާތައް ކުރަމުންނެވެ.
ޖަނަވާރުންގެ ކިބައިން އިންސާނާއަށް (ޒޫނޮޓިކް) ޓްރާންސްމިޝަން ދިމާވަނީ ބަލިޖެހިފައިވާ ޖަނަވާރުތަކުގެ ލޭ، ހަށިގަނޑުގެ ތެޔޮ ނުވަތަ ތެތް ނުވަތަ ލޮނދި ފަށަލައަކާއި ސީދާ ގުޅުމުންނެވެ. ވާ، ކުކުޅު، މުގޮށިމީދާ، މީދާ، ޑޯރމިސް އަދި ތަފާތު ވައްތަރުގެ މަކުނު އަދި އެހެނިހެން ގިނަ ޖަނަވާރުތަކުން މަންކީޕޮކްސް ވައިރަސް ޖެހިފައިވާ ކަމުގެ ހެކިތައް ފެނިފައިވެ އެވެ. މަންކީޕޮކްސް ޖެހުމުގެ ގުދުރަތީ "ރިޒާވަރު" އަދި ދެނެގަނެވިފައި ނުވާއިރު، ބެލެވޭ ގޮތުގައި މި ބަލި އެންމެ ގިނައިން ޖެހެނީ ރޯ މަސް ނުވަތަ ރަނގަޅަށް ރޯނުފިލުވާ އެއްގަމު މަސް ކަވުމުންނެވެ. ބަލިޖެހިފައިވާ ޖަނަވާރުތަކުގެ އެކަށީގެންވާ ވަރަށް ކައްކާފައި ނުވާ މަހާއި އެހެނިހެން ޖަނަވާރުތަކުން އުފައްދާ ތަކެތި ކެއުމަކީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވެދާނެ ކަމެކެވެ.
މަންކީޕޮކްސް ގެ އިންކިއުބޭޝަން ޕީރިއަޑް އަކީ (އިންފެކްޝަން ޖެހުމުން އަލާމާތްތައް ފެށޭ ވަގުތު) އާންމުކޮށް 6 ދުވަހާއި 13 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. މި އިންފެކްޝަން ދެ "ޕީރިއަޑަކަށް" ބަހާލެވިދާނެއެވެ.
އިންވޭޝަން ޕީރިއަޑް: (0-5 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ): އަލާމާތްތަކަކީ، ހުމުގެ އިތުރުން ބޮލުގައި ރިއްސުން، ލިމްފަޑެނޯޕެތީ (ލިމްފް ނޯޑްސް ދުޅަވުން)، ކޮނޑުގައި ރިހުން، މައިލްޖިއާ (މަސްތަކުގައި ރިއްސުން) އަދި ހަކަތި ނެތުމެވެ. ލިމްފަޑެނޯޕެތީ އަކީ އެހެން ބަލިތަކާ އަޅާބަލާއިރު މަންކީޕޮކްސް ޖެހުމުން ފެންނަ ތަފާތު އަލާމާތެކެވެ.
ހުމުގެ އަސަރު ފެންނަތާ 1-3 ދުވަހުގެ ތެރޭގައި، އާންމުކޮށް ހަންގަނޑު ފަޅައިގެން ދާން ފަށައެވެ. މީގެ އަސަރު ގިނައިން ހުންނަނީ އިންސާނާގެ ގައިގަނޑަށްވުރެ ބޮޑަށް ހަތަރެސްފައިގަ އާއި މޫނުގައެވެ. އެއީ މޫނަށް (%95 ހާލަތްތަކުގައި)، އަދި އަތުގެ އަތްތިލައާއި ފައިގެ ފަލަމަސްގަނޑަށް (%75 ހާލަތްތަކުގައި) އަސަރުކުރާ ކަމެކެވެ. އަދި އަނގައިގެ ތެތް ފަށަލައަށް (%70 ކޭސްތަކުގައި)، ޖިންސީ ގުނަވަން (30%)، އަދި ލޮލުގެ ތެތްބަޔަށް (20%) ގެ އިތުރުން ލޮލުގެ ހުދުބަޔަށް ވެސް އަސަރު ކުރެއެވެ. ސީރިއަސް ހާލަތްތަކުގައި ހަމުގެ ބޮޑެތި ބައިތައް ފަޅައިގެން ގޮސް ބޮޑެތި ފާރުގަނޑުތައް އުފެދެއެވެ.
މަންކީޕޮކްސް އަކީ އާންމުކޮށް އަމިއްލައަށް ރަނގަޅުވާ ބައްޔެއް ނަމަވެސް، އޭގެ އަލާމާތްތައް 2 ހަފްތާއާއި 4 ހަފްތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ނުރައްކާތެރި ކޭސްތައް ގިނައިން ފެންނަނީ ކުޑަކުދިންގެ ތެރޭއިންނެވެ. މިއީ ވައިރަހަށް ހުށަހެޅޭ މިންވަރާއި، ބަލިމީހާގެ ސިއްހީ ހާލަތާއި، އަލާމާތްތަކުގެ ޒާތާއި ގުޅުންހުރި ކޭސްތަކެކެވެ. ދިފާއީ ނިޒާމުގައި ހުންނަ އުނިކަންތަކުގެ ސަބަބުން ނަތީޖާ ގޯސްވެދާނެ އެވެ. ކުރިން ސްމޯލްޕޮކްސް އަށް ވެކްސިން ދިނުމަކީ ރައްކާތެރިކަމެއް ކަމުގައި ވިޔަސް، މިއަދު 40 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް (ގައުމަށް ބަލާފައި) މި ބަލި ނައްތާލުމަށްފަހު ދުނިޔޭގެ ފެންވަރުގައި ސްމޯލްޕޮކްސް އަށް ވެކްސިން ދިނުމުގެ ކެމްޕޭންތައް ހުއްޓާލުމުން މަންކީޕޮކްސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
މަންކީޕޮކްސްގެ ކޮމްޕްލިކޭޝަންތަކުގެ (ނުރައްކާތެރި ހާލަތްތަކުގެ) ތެރޭގައި ސެކަންޑަރީ އިންފެކްޝަންސް، ބްރޮންކޯނިއުމޯނިއާ، ސެޕްސިސް، އެންސެފަލައިޓިސް، އަދި ކޯނިއާ އަށް އިންފެކްޝަން ޖެހުމާއި އޭގެ ސަބަބުން ފެނުން ގެއްލުން ފަދަ ކަންކަން ހިމެނެއެވެ.
މަންކީޕޮކްސް އަށް ދެވޭ ފަރުވާ ފުރިހަމައަށް ތަރުތީބުކޮށް، އަލާމާތްތައް ލުއިކޮށް، ނުރައްކާތެރި ހާލަތްތައް މެނޭޖްކޮށް، ދިގު މުއްދަތަކަށް ކުރިމަތިވާ ހާލަތަކުން ރައްކާތެރިވާން ޖެހެ އެވެ. ބަލިމީހުންނަށް އެކަށީގެންވާ ކެވެނީގެ "ތާސީރެއް" ދެމެހެއްޓުމަށްޓަކައި ބުއިންތަކާއި ކާނާ ދޭން ޖެހެއެވެ. ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތަކަށް ފަރުވާ ދޭންވާނީ ޑަކްޓަރެއްގެ ބެލުމުގެ ދަށުންނެވެ. ސްމޯލްޕޮކްސް އަށް އުފެއްދި "ޓެކޯވައިރިމެޓްގެ" ނަމުން މަޝްހޫރު އެންޓިވައިރަލް އޭޖެންޓެއް ޖަނަވާރާއި އިންސާނުންގެ ދިރާސާތަކުން ހޯދިފައިވާ މައުލޫމާތަށް ބިނާކޮށް 2022 ވަނަ އަހަރު ޔޫރަޕިއަން މެޑިކަލް އެސޯސިއޭޝަން (އީ.އެމް.އޭ) އިން މަންކީޕޮކްސްއަށް ބޭނުން ކުރަން ހުއްދަ ދީފާވެއެވެ. ނަމަވެސް މިއީ އެހާ އާންމު ބޭހެއް ނޫނެވެ.
ރިސްކް ފެކްޓަރސް (ބަލި ޖެހުމުގެ ފުރުސަތު ބޮޑު ސަބަބު) އަށް ހޭލުންތެރިކަން އިތުރުކޮށް، ވައިރަހަށް ހުށަހެޅުން މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މީހުންނަށް ހޭލުންތެރިކަމުގެ ޕުރޮގްރާމުތައް ހިންގާ މައުލޫމާތު ދިނުމަކީ މަންކީޕޮކްސް އިން ރައްކާތެރިވުމުގެ މައިގަނޑު "ސްޓްރެޓެޖީ" އެވެ. މަންކީޕޮކްސް އިން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުމުގެ ފުރުސަތު އޮތްތޯއާއި އެކަށީގެންވޭތޯ ބެލުމަށް މިހާރު ދަނީ ސައިންޓިފިކް ދިރާސާތަކެއް ކުރެވެމުންނެވެ. ބައެއް ގައުމުތަކުގައި ލެބޯޓްރީގެ މުވައްޒަފުންނާއި، ރެޕިޑް ރެސްޕޮންސް ޓީމުތަކާއި، ސިއްހީ ހިދުމަތްތެރިން ފަދަ ނުރައްކާތެރި ހާލަތުގައި ތިބެދާނެ ފަރާތްތަކަށް ވެކްސިން ދިނުމަށް ސިޔާސަތުތައް އެކުލަވާލަމުން އެބަދެއެވެ.
ހަވާލާ: ޑަބްލިއު.އެޗް.އޯ ، މަންކީޕޮކްސް 2022
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން