އިންސިއުލިން އަކީ ޗިސްމެއިން އުފައްދާ ހޯރމޯނެކެވެ. "ޓައިޕް 2" ގެ ހަކުރުބަލި ހުންނަނަމަ ހަށިގަނޑުގެ ހަތައިތަކުން އިންސިއުލިން އަށް ރަނގަޅަށް އިޖާބައެއް ނުދެއެވެ. ނަތީޖާއަކަށް ވަނީ އިންސާނާގެ ޗިސްމެއިން އިން ޖަވާބެއްގެ ގޮތުގައި އިތުރު އިންސިއުލިން އުފެއްދުމެވެ. މިކަމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު މަތިވެ، ހަކުރުބަލި ޖެހިދެއެވެ. ލޭގައި ހަކުރުގެ މިންވަރު މަތިވުމެ ރަނގަޅަށް ހައްލު ނުކުރެވިއްޖެނަމަ، މިއީ ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ހައްލު ނުކުރެވޭ ހަކުރުބަލީގެ "ޓައިޕް 2" ގެ ސަބަބުން ކުރިމަތިވެދާ ނުރައްކާތެރި ކަންތައްތަކުގެ މައްޗަށެވެ.
ރަނގަޅަށް ހައްލު ނުކުރެވޭ ހަކުރުބަލީގެ ސަބަބުން ބެކްޓީރިއަލް އަދި ފަންގަސް ގެ ސަބަބުން ހަންގަނޑަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ އެވެ. ހަކުރުބައްޔާއި ގުޅުންހުރި އުދަނގޫތަކުގެ ސަބަބުން އިންސާނާގެ ހަންގަނޑަށް ދިމައިވެދާނޭ ބައެއް ކަންކަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ތަދުވުމާއި، ކަހާ ހިރުވުމާއި، ފިތްގަނޑުތައް ނެގުމާއި ބިހި ނެގުމާއި އަމިއްލަ އަށް ހަންގަނޑު ކުރަކިވެ ފާރުވުމާއި އިސްތަށިތަކުގެ ފޮލިކަލްސް (ބުޑު) ދުޅަވެފައި ހުރުން ހިމެނެއެވެ.
ހަމުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ހަކުރުބައްޔަށް ފަރުވާ ދިނުމަށް ލަފާދީފައިވާ ތާވަލަށް ތަބާވެ، ފަރުވާތެރިވުން ކޮންމެހެން ބޭނުންތެރިއެވެ. ހަންގަނޑަށް ފަރުވާ ދިނުމުގެ ރަނގަޅު ތާވަލެއްގައި ހިމެނިދާނޭ ކަންތައްތަކުގެ ތެރޭގައި، ހަންގަނޑު ސާފުކޮށް ތެތްކޮށް ބެހެއްޓުމާއި ހަންގަނޑުގައި އަނިޔާތަކެއް ހުރިތޯ އާންމުކޮށް ބެލުމާއި ހަމުގެ ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އަވަސްވެގަތުން މުހިންމެވެ.
ހަކުރުބަލި ރަނގަޅަށް ހައްލު ނުކުރެވޭނަމަ ލޮލުގެ ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ. އެގޮތުން ގްލޯކޮމާ އޭ ކިޔާ ބައްޔަކީ ލޮލުގައި ޕްރެޝަރު މަތިވުމުން ދިމާވާ ކަމެކެވެ. ކެޓަރެކްޓް އަކީ ލޮލުގެ ލެންސް ފުސް ވުމުން ދިމާވާ ކަމެކެވެ. ރެޓިނޯޕެތީ އަކީ ލޮލުގެ ފަހަތުގައިވާ ލޭހޮޅިތަކަށް ގެއްލުން ލިބުމުން ކުރިމަތިވާ ކަމެކެވެ. ވަގުތު ފާއިތުވަމުން، ދުވަސްވަމުންދާ ވަރަކަށް މި ހާލަތްތަކުގެ ސަބަބުން ފެނުން ކޮށިވެ، ގެއްލޭ ގޮތް ވެއެވެ. ނަމަވެސް އަވަހަށް ޑައިގްނޯސްކޮށް ފަރުވާ ދިނުމަކީ ލޮލުގެ ފެނުން ދެމެހެއްޓުމަށް އެހީތެރިވެދޭނޭ ކަމެކެވެ. މިއީ ހައްލު ނުކުރެވޭ ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބިދާނޭ ބައެއް ގެއްލުންތަކެކެވެ.
ހަކުރުބައްޔަށް ފަރުވާ ދިނުމަށް ލަފާދޭ ތާވަލަށް އަމަލުކުރުމުގެ އިތުރުން ގަވާއިދުން ލޮލުގެ ޓެސްޓުތައް ހެދުމަށް ސަމާލުކަން ދޭންވާނެއެވެ. ލޮލުގެ ފެނުމަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ލޮލުގެ ޑޮކްޓަރަށް ދައްކަން ވާނެއެވެ.
ހަކުރުބަލި ހުންނަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮންމެވެސް ވަރެއްގެ ގެއްލުން ތަކެއް ނާރުތަކަށް ލިބެއެވެ. އެއީ ހަކުރުބަލީގެ ނިއުރޯޕެތީގެ ނަމުން ނަން ދެވުފައިވާ ހާލަތެވެ. ހަކުރުބަލީގެ ސަބަބުން ނިއުރޯޕެތީގެ އެތައް ވައްތަރެއް އުފެދިދާނެއެވެ. "ޕެރިފެރަލް ނިއުރޯޕެތީގެ" ސަބަބުން ފައި އާއި ފައިގެ އިތުރުން އަތާއި އަތްތިލައަށް ވެސް އަސަރު ފޯރާނެ އެވެ. މިއީ އިހުސާސް ކުޑަ ކުރުވާ ކަމެކެވެ. ނަތީޖާއަކީ އަނިޔާ ލިބޭކަން ނޭނގުމާއި އަނިޔާތައް ބޮޑުވަރުވެގެން ދާއިރު އިހުސާސް ނުވުމާއި ފާރު ހިކުން ލަސްވުމެވެ.
"އޮޓޮނޮމިކް ނިއުރޯޕެތީގެ" ސަބަބުން ހަޖަމުކުރާ ނިޒާމާއި، ގުރުދާއި، ޖިންސީ ގުނަވަންތަކާއި، އެހެނިހެން ގުނަވަންތަކަށް އަސަރު ފޯރާފާނެއެވެ. މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުމާއި، ހަޖަމު ނުވުމާއި، ބޯއެނބުރުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި، ބަނޑުހަރުވުމާއި، ގުރުދާ އަދި ގޮހޮރުގެ ކޮންޓްރޯލް ގެއްލުމާއި ގިނައިން ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހުމާއި، ޖިންސީ ގުނަވަނާއި އެދުންވެރިކަމަށް އަސަރު ކުރާނެއެވެ. އަދި ބައެއް ފަހަރަށް ހެޔަށް ގޮތް ވުމަކީވެސް ވެދާނޭ ކަމެކެވެ.
ނިއުރޯޕެތީގެ އެހެން ބާވަތްތަކުގެ ސަބަބުން އަސަރު ކޮށްފާނޭ ގުނަން ތަކަކީ ހުޅުތަކާއި މޫނާއި ލޮލާއި އަދި ބޮލުގެ ނާށިގަނޑެވެ. ނިއުރޯޕެތީ ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ލޭގައި ހުންނަ ގްލޫކޯޒްގެ މިންވަރު ރަނގަޅަށް ބެލެހެއްޓުމަށް ނުވަތަ އެއް މިނެއްގައި ހިފަހައްޓާ ހައްލު ކުރުމަށް މަސައްކަތް ކުރަންވާނެއެވެ.
ލޭގައި ގްލޫކޯޒްގެ މިންވަރު މަތިވުމެ ހައްލު ނުކުރެވި ހުރުމަކީ ގުރުދާއަށް ކުރާ ބާރު އިތުރުކޮށްދޭނޭ ކަމެކެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް މިކަމުގެ ސަބަބުން ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ހަކުރު ބައްޔާއި އެކުވެ ޖެހޭ ގުރުދާގެ ބަލިތަކުގެ ކުރީކޮޅު އާންމުކޮށް އެއްވެސް އަލާމާތެއް ނުފެނިދާނެއެވެ. ނަމަވެސް ގުރުދާގެ، ބަލިތަކުގެ ފަސްދާކޮޅަށްގޮސް ބައެއް އަލާމާތްތަކެއް ފެނިދާނެއެވެ. އެގޮތުން ހަށިގަނޑުގެ ހަތާރުތަކުގައި ފެން ހިފެހެއްޓުން ހިމެނެއެވެ. އަދި ނިދި މަދުވުމާއި ކާހިތްނުވުމާއި ބަނޑުގައި ރިއްސުމާއި ސަމާލުކަން ދިނުމަށް އުނދަގޫ ވެއެވެ. ގުރުދާގެ ބަލިތައް ބޮޑުވަރުވުން ލަސްކުރުމަށް ވަކި ބޭސްތަކެއް ބޭނުންކުރެވިދާނެ އެވެ. ގުރުދާގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވުމަށްޓަކައި ލޭގައި ހުންނަ ގްލޫކޯޒް އާއި ލޭގެ ޕްރެޝަރުގެ މިންވަރު ރަނގަޅަށް ހައްދުލޮށް އެއް މިނެއްގައި ހިފެހެއްޓުން މުހިންމެވެ.
އާންމު ގޮތެއްގައި ހަކުރުބަލީގެ "ޓައިޕް 2" ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. ނަމަވެސް އިންސާނާގެ ހާލަތު ރަނގަޅަށް ހައްލު ނުކުރެވިއްޖެނަމަ އެ ނުރައްކާ އިތުރަށް ބޮޑުވެދާނެއެވެ. އެއީ ލޭގައި ގްލޫކޯޒް މަތިވުމުން ހިތާއި ލޭ ދައުރުވާ ނިޒާމަށް ގެއްލުން ލިބިދާނެތީ އެވެ.
ހަކުރުބަލި ހުންނަ މީހުން ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު، ހަކުރުބަލި ނެތް މީހުންނަށް ވުރެ ދެގުނަ އިތުރުވާ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އަދި އެމީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ދޮޅުގުނަ އިތުރު ކަމަށް ދިރާސާވެރިން ބުނެއެވެ. (މަޔޯ ކްލިނިލް 2018)
ސްޓްރޯކުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ އެއްފަރާތުގައި ބަރު އިހުސާސެއް ކުރެވުމާއެކު ބަލިކަށިވުމެވެ. އަދި "ބެލެންސް" ނުވަތަ "ހަމަ" ގެއްލުމާއި، ވާހަކަ ދައްކަން އުނދަގޫވުމާއި، މިޒާޖު ބަދަލުވުމާއި، ވާނުވާ ނޭނގުމާއި، ބޯއެނބުރުމާއި އަދި ބޮލުގައިރިހުން ހިމެނެއެވެ.
ހާޓް އެޓޭކެއް ޖެހިދާނެ ކަމުގެ އިންޒާރު ދޭ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، މޭމަތީގައި ބާރުގަނޑެއް ހުރުން ނުވަތަ މޭއަށް އުނދަގޫވުމާއި، ނޭވާ ކުރުވުމާއި، ދާހިއްލުމާއި އަދި ބޯއެނބުރުމެވެ. ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ލޭގައި ހުންނަ ގްލޫކޯޒް، ލޭގެ ޕްރެޝަރާއި، ކޮލެސްޓްރޯލްގެ މިންވަރު އެއް ހަމައެއްގައި ހިފަހައްޓާ ހައްލު ކުރުން މުހިންމެވެ.
ރަނގަޅަށް ހައްލު ނުކުރެވޭ ހަކުރުބަލީގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި އުދަނގޫތަކެއް ކުރިމަތިވެދާނެއެވެ. އަދި ދިމައިވާ "ކޮމްޕްލިކޭޝަންތަކުގެ" ސަބަބުން ނުވަތަ ދިމާވާ ނުރައްކާތެރި ހާލަތްތަކުގެ ސަބަބުން ދިރިއުޅުމުގެ "ފެންވަރު" ނުވަތަ ދިރިހުރުމުގެ "މުއްދަތު"، ދަށްވެ ކުރުވެދާނެ އެވެ. ނަމަވެސް ހަކުރުބަލި ހައްލުކޮށް، "ކޮމްޕްލިކޭޝަންތައް" ނުވަތަ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރުމަށް ފިޔަވަޅުތައް އެޅައިގެން ތިބުމީ ފުރާނައަށް ނުރައްކާ ވާ މިންވަރު ކުޑަކޮށްދޭނޭ ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން