"އިނދެގެން ގޮނޑީގާ، ގަލަމުން ލިޔާއިރު، ގަދަފަދަ މަސައްކަތް ދެއަތުން ކުރާއިރު، ކުޅިވަރު ކުޅޭ އިރު މިއުޒިކު ކުޅޭ އިރު، ގުޅިގެން ބަޔަކު ދިރިއުޅޭތަން ބަލާލަން، އާދޭ އާދޭ، އެންމެން އާދޭ، ޖެހިލުން ނުވެވި އެކަނިވެސް އާދޭ......" މިއީ މިއަދު މުޅި މީސްމީޑިޔާގައި އެއްއަޑު ވެފައިވާ ރީތި ލަވައެއްގެ ނަލަ ކަޑި އެކެވެ. "އާދޭ އާދޭ" ގެ ނަމުން މަޝްހޫރުވެފައިވާ މި ލަވައިގެ މި ހިތްގައިމު ކަޑިން، އެތައް މަންޒަރުތަކެއް މިއަދު ދައްކުވަމުން އެބަ ގެންދެއެވެ. ސަރުކާރުގެ އެންމެ މަތީ ވެރިޔާއާއި ހިސާބުން ފެށިގެން ގޮސް ދައުލަތުގެ ކުންފުނިތަކުންވެސް މި ލަވައިގެ މި ނަލަ ނަލަ ކަޑިން ތަފާތު އެތައް މެސެޖެއް ރައްޔިތުންނަށް ފޯރުކޮށްދެއެވެ.
އާދޭހެވެ! މިފަދައިން ވައިގަ ހިފަމުންދާ ކަންކަމަކީ ވަރަށް ގިނަ ބަޔަކު އެކަންކަމަށް ސަމާލުކަން ދީ ފާރަވެރިވާ ކަންކަމޭ ބުނެވިދާނެއެވެ. މި ލަވައިގެ މި ކަޑިޔަކީ އަޑު އަހާލަން އެހާމެ ރީތި، އޭގެ މާނަ ފުން، ޅެންވެރިކަމުގެ އަސަރު އެހާމެ ފުރިހަމަ ކަޑިއެކެވެ. މި ލަވައިގެ މި ކަޑިއާއި އެކު އާންމު ވެފައިވާ ގިނަ ވީޑިއޯތަކުން މިއަދު ދައްކުވައި ދެނީ މޭޒެއް ދޮށުގައި އިނދެ، "ވެރިޔަކު" އެއްޗެއް ލިޔާތަނެވެ. އޭގެ ފަހުން މު ލަވައިގެ ޅެމާއި ގުޅިގެން މަންޒަރު ބަދަލު ވަމުން ދެއެވެ.
"އިނދެގެން ގޮނޑީގާ، ގަލަމުން ލިޔާއިރު" ލަވައިގެ މި ބަޔަށް އިޝާރާތް ކުރެވޭ މަންޒަރާއި އެކު ހާމަކޮށްދެނީ "ވެރިން" ހިންގުމުގެ ދާއިރާގައި ކުރަމުން ގެންދާ އިދާރީ ބުރަ މަސައްކަތެވެ. ކޮންމެ ބޮޑު ކަމެއް ނުވަތަ މަޝްރޫއެއް، މަސައްކަތެއް ނަމަވެސް ފެށެނީ އެކަމެއް ރާވާ އިންތިޒާމު ކުރާ ހިސާބުންނެވެ. އެއީ "ވެރި" މީހާ، ގޮނޑީގައި އިނދެ، ގަލަމުން ލިޔެފައި އޮންނަ އެއްޗެކެވެ. އެއީ ހިޔާލެކެވެ. ތަސައްވަރެކެވެ. ނުވަތަ އެއީ ތާވަލެކެވެ. ނުވަތަ އެއީ ތަރުތީބަކަށްވެސް ވެދާއެވެ. މިއީ ގޮނޑީގައި "ފިނިކޮޓަރީގައި" ތިބޭ ކަމަށް މަޝްހޫރުވެފައިވާ "ވެރިން" ކުރާ ވަރަށް ބޮޑު މަސައްކަތެކެވެ.
We are loving our version of Aadhey Aadhey ? ? ? https://t.co/WM7K2L0ASh
— STO (@stoplc) May 26, 2022
"ގަދަފަދަ މަސައްކަތް، ދެއަތުން ކުރާއިރު"، މި އިބާރާތުން ބުނެދެނީ "ވެރިމީހާ" ކުރަން ރާވާ އިންތިޒާމު ކުރާ ކަންކަން ތަންފީޒު ކުރުމުގައި ނުވަތަ މަސައްކަތްތައް ކުރުމުގައި، މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތްތަކުގެ ވާހަކައެވެ. ދައްކުވައިދޭ މަންޒަރަކީވެސް ކުރާ ބުރަ މަސައްކަތް ތަކުގެ މަންޒަރުތަކެކެވެ. އަޑު އަހާލަން އެ ކަޑި ކިތަންމެ ރީއްޗަސް، މަންޒަރު ކިތަންމެ ސާފުކޮށް ފެނުނަސް، ހަގީގަތުގައި އެ ބުނަނީ ވަރަށްވެސް ބުރަ މަސައްކަތްތަކެކެއްގެ ވާހަކައެވެ. ގައިގަ ނެތް ހިތްވަރު ނެރެންވެސް ޖެހޭ ހާލަތްތައް މި މަސައްކަތްތަކުގެ ތެރޭގައިވެސް ހިމެނެއެވެ. ބަރު އެއްޗެހި އުފުލުމާ، އަތްވާއި ވާރޭގައި ގަދަ ހޫނާއި ފިނީގައި، ބަޔަކު އޮހޮރާ އެތައް ދަލެއްގެ ވާހަކައެވެ.
"ކުޅިވަރު ކުޅޭ އިރު، މިއުޒިކު ކުޅޭ އިރު"، މި އިބާރާތްތަކުން، މި ލަވައިގައި މި ބުނެދެނީ "އަހަރެމެންނަކީ" ކުޅި ވަރުވެސް ކުޅޭ ބައެއް ކަމެވެ. އަދި މުނިފޫހި ފިލުވުމަށްވެސް އެކި އެކި ކަންކަން ކުރާ ބައެއް ކަމެވެ. ހަމަ އެކަނި ގޮނޑީގައި އިނދެގެން ގަލަމުން ލިޔުނަސް، ގަދަފަދަ މަސައްކަތް ދެއަތުން ކުރިޔަސް، ކުޅިވަރު ކުޅޭ ކަމާއި މުނިފޫހިވެސް ފިލުވާކަން މި އިބާރާތްތަކުން ހާމަވެގެން ދެއެވެ.
"ގުޅިގެން ބަޔަކު ދިރިއުޅޭތަން ބަލާލަން" މިއީ މި ކަޑީގެ އެންމެ އަސަރުގަދަ އަދި އެންމެ މާނަފުން އިބާރާތްތަކެވެ. މި އިބާރާތްތަކުގައި މި ބުނަނީ ގުޅިގެން ބަޔަކު އުޅޭ ވާހަކައެވެ. ހަގީގަތަކީ އޭގެ ކުރިން އެ ކަޑީގައި އިޝާރާތްކުރި އެންމެންނަށް ނުވަތަ ހުރިހާ ހާލަތަކަށް މި އިބާރާތުން ދިރުން ދޭތީއެވެ. އެހެނީ މި އިބާރާތްތަކުން އިޝަރާތްކުރާ ކަންކަމުންނެވެ. އެއީ ގޮނޑީގައި އިނދެގެން ގަލަމުން ލިޔާ އެންމެންގެ ގުޅިގެން މަސައްކަތް ކުރާ ވާހަކައެވެ. ގަދަފަދަ މަސައްކަތް ދެއަތުން ކުރާ އިރު އެ އެންމެންވެސް ގުޅިގެން އެ މަސައްކަތްތައް ކުރާ ވާހަކައެވެ. އަދި ކުޅިވަރާއި މުނިފޫހި ފިލުވުމުގައިވެސް ގުޅިގެން އެންމެން އެކުގައި އުޅޭ ވާހަކައެވެ. އަދި އެވަރަކުން ފުދުނީކީއެއް ނޫނެވެ. ގޮނޑީގައި އިނދެ ލިޔާ މީހާ އާއި، ގަދަފަދަ މަސައްކަތް ކުރާ މީހާއާއި ވެސް ގުޅޭ ވާހަކައެވެ. އަދި ގުޅުވައިދެނީ މަސައްކަތުގެ މާހައުލުންނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިން ކަމުގެ ވާހަކައެވެ. އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގައިވެސް އެއްބައި ވަންތަ ކަމާއި އެ އޮންނަ ވަރުގަދަ ގުޅުމުގެ ވާހަކައެވެ.
އަޑުއަހާލަން ހިތްގައިމު މި ލިވައިވެ މި ކަޑިއަށް މިހާ ބޮޑު މަގުބޫލުކަމެއް އަދި ސަމާލުކަމެއް، ކުއްލި ގޮތަކަށް ލިބިގެން މި ދިޔައީ މި ކަޑީގެ މާނައި، ދައްކުވައިދޭ މަންޒަރާއި ބުނެދޭ ވާހަކައިގެ ގުޅުން ވަރުގަދަ ކަމާއި، ފޯރުކޮށްދޭ ހަބަރުގެ މުހިންމު ކަމުންނެވެ. ހަމަ އެކަނި އަޑު އަހާލުމަށްވުރެ، މާނައަށް ވިސްނާލުމުން، ކުރެވޭ އިހުސާސް ދެގުނަ ވެގެން ދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން