ޒަމާން މިއަދު މި ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. އިއްޔެއާއި މިއަދު، ވަރަށްވެސް ތަފާތެވެ. ތަފާތު ކުރުވި ކިތަންމެ ކަމެކެވެ. ދިވެހިންގެ ދަތުރުފަތުރުތައް ވެސް ހަމަ އެފަދައެވެ. މުޅިން ތަފާތެވެ. މިއީ އޭރުގެ ދިވެހިން ތަޞައްވަރުވެސް ކުރި ޒަމާނެއް ނޫނެވެ. ރަށުބަންދުން ފިލާ، ކަނޑުތަކުގައި ދެކޮޅު ދެކޮޅަށް ދަތުރުކޮށް، މިއަދު ދިވެހިން މިވަނީ ދަތުރުފަތުރު ކުރުމުގައި މުޅިން އެހެން ދަރަޖައަކަށް ގޮސްފައެވެ.

ބޮއްކުރަލުގައި ފަލި ޖަހާ ކަނބާ އުޅުނު އުޅުން، ފަންރިޔަލަށް ބަދަލުވެދިޔައެވެ. އޭގެ ފަހުން ފޮތިރިޔަލެވެ. އިންޖީނު އައީ އަދި މާ ފަހުންނެވެ. އަނގަމަތި މަސްދޯނި ފަހަރުގައި އިންޖީނު އަޅައިގެން ދަތުރުކޮށް އުޅުނީވެސް މާ ކުރީ ޒަމާނަކު ނޫނެވެ. އެ ދޯނި ފަހަރުގައި ކުދި ކުދި ގެގަނޑު ޖެހި، އެ ގެތައް ބޮޑުވެ ސަތަރި ޖެހި އޮޑިފަހަރަށް ބަދަލުވަމުންނެވެ. މިއަދު އަހަރެމެން މި ދެކެނީ މުޅިން ތަފާތު ދަރަޖައެކެވެ. ނިކަން ބާރަށް، ވައި ކަފާ، ފެން ކަފާ ދުއްވާ ސްޕީޑް ލޯންޗުތަކެވެ. މުޅި ރާއްޖޭގެ އެތަން މިތަނުގައި ބާރަށް ދުއްވަމުން އެ ދަނީ މި ލޯންޗުތަކެވެ. 

އަމިއްލަ ރަށުގައި ބޭސް ފަރުވާ ކުރެވެން ނެތުމާއި އެކު ފުރަ ފުރައިގެން އެހެން ރަށްރަށަށް، އަނގަމަތި މަސް ދޯނި ތަކުގައި، ވެހޭ ވާރެޔާ ދޭ ގަދަ އަވީގައި ދަތުރުކޮށް އުޅުނީ މާ ދުރު ޒަމާނެއްގައެއް ނޫނެވެ. ބައެއް ދަތުރު ތަކުގައި ގަޑި ދެގަޑިއިރު ހޭދަވާއިރު، އެއްދުވަސް ދެދުވަސް، އަދި ކިއެއްތަ، އެއަށްވުރެވެސް ގިނަ ދުވަސް ހޭދަވެއެވެ. އަމިއްލަ އޮޑިއެއް ދޯންޏެއް ނެތްނަމަ، އެ ޖެހުނީ އަނެއް ހަކަންތަކެވެ. އެކަކު ކައިރިން އަނެކަކު ކައިރިން، އޮޑިވެރިން ކައިރިން ސަލާން ޖަހަމުން އާދޭސް ކުރަމުން، އެވެނި މިވެނި ރަށަކަށް ދާނޭ އޮޑިއަކާއި، ގޮވައިގެން ދާނޭ ކައްޕިއަކާއި ފަޅުވެރިން ހޯދަން އުޅުނީވެސް މާ ކުރީ ޒަމާނަކު ނޫނެވެ. ރަށްރަށަށް ދާން ބޭނުންވެ، އެ ރަށްރަށަށް ފުރާ އޮޑިއެއްގެ އިންތިޒާރުގައި ކެތްކޮށްގެން އެތަށް މަހެއް ހޭދަކުރީވެސް ދުރު މާޒިއެއްގައެއް ނޫނެވެ.

ވިސްނުމާއި ޚިޔާލުކުރުން ގިނަކޮށް، ލުއިގޮތާއި ފަހި ގޮތް ހޯދައިދިނުމުގެ މަޤްޞަދުގައި، އަތޮޅު ފެރީގެ ނިޒާމު ޤާއިމުވެގެން ދިޔަ ދިއުމަކީ ދަތުރުފަތުރު ކުރުމުގައި ދިވެހިން ހޯދި ވަރަށްވެސް ބޮޑު ކާމިޔާބީ އެކެވެ. ދިވެހި ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމް.ޓީ.ސީ.ސީ އާއި ގުޅިގެން ފެށުނު މި ޚިދުމަތް ވެގެން ދިޔައީ މުޅި ރާއްޖެ "ހިނދުކޮޅެއްގެ" ތެރޭގައި ގުޅުވައިދިން ފަހި ޚިދުމަތަކަށެވެ. ސަތަރި ޖެހި އުޅަނދު ފަހަރުގައި ފެށި އެ ޚިދުމަތަކީ އޭރުވެސް ދިވެހިންނަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. އެއް ރަށުން އަނެއް ރަށަށް ދިއުމަށް އެދި އެދި ތިބި މީހުން، އޮޑިވެރީންނަށް އިންތިޒާރު ކުރި ކުރުން ނިމި ދިޔަ ކަމަކަށެވެ. ކުޑަ އަގެއްގައި ލިބެމުން ދިޔަ ފަހި ޚިދުމަތެކެވެ.

ޒަމާން ބަދަލުވެ އިންސާނުންގެ ހާޖަތްތައް ގިނަވެ، ކެތްތެރިކަން ކުޑަވެފައިވާ މިޒަމާނުގައި ފެރީގެ ޚިދުމަތަށްވެސް އިންޤިލާބީ ބަދަލެއް މިވަނީ އައިސްފައެވެ. މުޅި ރާއްޖެ ހައި-ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރާ އެމް.ޓީ.ސީ.ސީ ގުޅިގެން މިވަނީ މުޅިން އައު "ވިއުގައެއް" ތަޢާރަފް ކޮށްފައެވެ. މިއީ ސްޕީޑް ލޯންޗުތަކުން ގުޅުވާލެވޭ ފެރީގެ ނިޒާމެކެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ނަމުގައި ފެށި މި ޚިދުމަތަކީ އަދުގެ ޒަމާނާ ބަވަނަ ވަމުން މިދާ ދުނިޔެއާ، ތަރައްޤީވަމުންދާ މި ދިވެހިރާއްޖެއަށް ނުހަނު ބޭނުންތެރި އަދި އެހާމެ ގުޅުންހުރި ޚިދުމަތެކެވެ.

އާރް.ޓީ.އެލް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް މީހުންނާއި މުދާ އުފުލާ ފެރީތައް ހިމެނޭ ގޮތަށް، ތިން ޒޯނަކާއި ހަ ސަރަހައްދެއް ގުޅުވައި ދިނުމަށް ތައްޔާރު ކޮށްފައިވާ ވިއުގައެކެވެ. މި ވިއުގަ ހިންގަމުން ދަނީ އެމް.ޓީ.ސީ.ސީ. އިންނެވެ.

މި ނިޒާމުގައި، ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލެވޭ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. މީހުން އުފުލުމަށް ހާއްސަ ފެރީތައް ގުޅުވައި ލަނީ ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނޮން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

މި ވިއުގައިގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފެށީ ރާއްޖޭގެ އެންމެ އުތުރުންނެވެ. އެ ރަށްތަކުން، ބައެއް ރަށްރަށުގައި މި ވިއުގައަށް ހާއްސަ ފެރީ ޓާމިނަލްތައްވެސް އެޅިފައި ވެއެވެ.

މި ނިޒާމުގައި ބޭނުންކުރަނީ ގަލްފް ކްރާފްޓް މޯލްޑިވްސް އިން އުފައްދާ 50 މީހުންގެ ޖާގައިގެ ފެރީ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް މި ފެރީތަކުގައިވެއެވެ. އަދި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް، މި ނިޒާމުގައި ހިލޭ ދަތުރުކުރެވެއެވެ. މިއީ، ގަޑިއިރަކު 30 ނޮޓު ބާރުމިނުގައި ދުވާ ހަލުވި ފެރީތަކެކެވެ.

މި ފެރީތަކުގެ ޓިކެޓު ނެގުމަށްވެސް ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ. ކޮންމެ ތަނެއްގައި ހުރެގެން ވެސް ޓިކެޓު ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އާރް.ޓީ.އެލް މޯބައިލް އެޕްލިކޭޝަން މިހާރު އެޕް ސްޓޯރް އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕްލިކޭޝަނާއި ވެބްސައިޓުން ޓިކެޓު ނަގާއިރު، ދަތުރު ކުރަން ބޭނުންވާ ތާރީހާއި ގަޑީގެ އިތުރުން ސީޓު ވެސް ހިޔާރުކުރެވެން ހުންނާނެއެވެ.

ފެރީގެ ޚިދުމަތެއް ނެތް ޒަމާނުގައި، ފެރީގެ ޚިދުމަތެއް ލިބޭނޭ ކަމަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ. ނަމަވެސް ފެރީގެ ޚިދުމަތްވެސް ލިބެން ފެށިއެވެ. އެހިސާބުން، ދުވެލި ބާރު، ސްޕީޑް ލޯންޗުތަކުން ފެރީގެ ޚިދުމަތް ލިބޭނޭ ކަމަށްވެސް ހީކުރެވުނު މީހަކު ނެތެވެ. ނަމަވެސް މިއަދު، އެ މަންޒަރު ލޯ މަށްޗަށް ފެނި ހައި-ސްޕީޑް ފެރީގެ ހިދުމަތް މިވަނީ ފެށިފައެވެ.

ފައްޔާއި ފަންރިޔަލާއި ފޮތިރިޔަލާއި، "އެސް.ޕީ.12"ގެ އިންޖީނު އެޅި އަނގަމަތި މަސްދޯނިތަށް މިއީ ހައްތަހާވެސް މާޒީއެވެ. މިއަދު ސަތަރި ޖެހި ދޯނިތައްވެސް މާޒީ އާއި އެކުވާން ފެށީއެވެ. ދެން ދެކެން މިއުޅެނީ ދަތުރުފަތުރު ކުރުމުގައި، މުޅިން ތަފާތު ދުވެއްޔެކެވެ! މުޅިން ތަފާތު ތަޖުރިބާތަކަކާއި އާ އިޙްސާސްތަކެކެވެ! އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާހިޙް ވެސް ވިދާޅުވަނީ "މި ޖަޒީރާ ރަށްތަކުގެ އެއްރަށް އަނެއް ރަށާ ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސް ވަނީ މި ފެށި، އާރް.އެލް.ޓީ ނެޓްވޯކުގެ ނިޒާމުން" ކަމަށެވެ!