މިއަދު އަހަރެމެންގެ ހިޔާލުގައި ތަފާތު އެތައް ކަމެއް އެނބުރެއެވެ. ދެކެވޭ ވާހަކަތަކާއި ފާޅުކުރެވޭ ޝުއޫރުތަކުގައި ތަފާތު ހިޔާލުތަކެވެ. ހިޔާލުތަފާތުވަނީ އެ ކަމެއްގެ މައްޗަށް އިލްމު ލިބިފައި ނުވާމީހުންނާއި އިލްމު ލިބިފައިވާ މީހުންނެވެ. އަދި އިލްމު ލިބިފައިވާ މީހުންވެސް ކަންކަމުގެ މައްޗަށް ހިޔާލު ތަފާތުވުން ގެނެއެވެ. މި ދެހާލަތުން ކުރެ އިސްވެ ބުނެވުނު ހާލަތުގައި (އިލްމު ލިބި ތިބި މީހުންނާއި އިލްމު ނެތްމީހުން ހިޔާލުތަފާތުވާ ތަފާތުވުމުގައި) އިލްމު ނެތް މީހާއަށް، އިލްމު ހުރި މީހާގެ މައްޗަށް ޖަދަލުކޮށް ބަސްބުނުމެއް ނުވާނެއެވެ. ނަމަވެސް އިލްމު ލިބިފައިހުރި ދެމީހުން، ކަންކަމާ ހިޔާލުތަފާތުހ ދެވާނަމަ އެ ދެމީހުންނަށް އެދެމީހުންގެ ރައުޔު ނެރެވިދާނެއެވެ. އެ ތަފާތުވާ ހިޔާލުގައި އިލްމު ނެތް މީހާ، އިލްމު ހުރި އެކަކު ބުނާ ބަސް އެކަނި ގަބޫލުކޮށް އަނެއް އިލްމުވެރިޔާ ބުނާ ބަސް ދޮގު ކުރުމަކީ އިސްވެ ބުނި ހާލަތަށް ފެތޭނޭ ކަމެކެވެ. އެހެންކަމުން އިލްމު ލިބި ތިބި ދެމީހުން ނުވަތަ ބަޔަކު ކަމަކާ ހިޔާލުތަފާތުވާނަމަ އިލްމު ނެތް މީހުން އޮތީ އެތަނުން އެމީހަކު ގަޔާވާ ގޮތަކަށް އަމަލު ކުރުމެވެ. އަނެއް އިލްމުވެރިޔާ ނުބައިކޮށް، އެ އިލްމުވެރިޔާއަކީ ދޮގުވެރި ފާސިގެއް ކަމަށް ބުނެ އިލްމު ނެތް މީހާއަށް ހަމަ އެކައްޗެއްވެސް ބުނުމުގެ ހައްގެއް ނޯންނާނެއެވެ.

އާދޭހެވެ! ދެންމެ މި ދެންނެވީ ޒާތެއްގެ ވާހަކައެކެވެ. ބަޔަކު ފަހަރުގައި އެ ވާހަކަ އާއި ހިތްޕުޅާހަމަ ނުކުރައްވަފާނެއެވެ. ނަމަވެސް އެއީ ކަން އޮތް ގޮތް ކަމުގައި އަހަރެމެން ގަބޫލުކުރަންވާނެއެވެ. މި ވާހަކަ މިހެން ދެންނެވި ސަބަބަކީ ޢީދާ ގުޅިގެން ތަފާތު އެކި ހިޔާލުތަކާ ޝުއޫރުތައް މީސްމީޑިޔާގައި ދައުރުވާތީއެވެ. ދީނީ ގޮތުން ކަންކަން އޮތްނެތް ގޮތް އިލްމުވެރިންނަށް ވުރެ ގިނައިން އާންމުން ދައްކާ އުޅޭތީއެވެ. އާދޭހެވެ! އިލްމު ނެތި އިލްމުގެ މައްޗަށް ޖަދަލުކުރުމަކީ މުޑުދާރު ސިފައެކެވެ. އިލްމުގައިވެސް އެކި ދަރަޖަ ދަރަޖަ ހުންނާނެއެވެ. ކިޔެވީމާ އިންސާނާ މޮޅުމީހަކަށް ވާ އުސޫލަކީ މި ކާއިނާތު އުފެދުނީއްސުރެ ދަރުތީބުވެފައިވާ އުސޫލެކެވެ. ކިޔެވުމުގައިވެސް މަތީ ފާސް އޮންނަ މީހާއަށް ގިނަ އެއްޗެހި އެނގޭނޭކަމަށް އަހަރެމެން އެންމެން ގަބޫލު ކުރަމުއެވެ.

އާދޭހެވެ! މިއަދު މުޅި ޢީދު އެއްކޮށް ފަސާދަކޮށްފި ކަމަށް ގިނަ އިލްމުވެރިން އެއްބަސްވެ ލައްވައެވެ. ފާޅުގައި މުންކަރާތްތައް އާންމު ކުރާކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ދެ ޖިންސު މަސްހުނިވެ އަޑުގަދަކޮށް ގައިގޯޅިކޮށް ނަށާ ހަދައެވެ. ހިލޭ ފިރިހެނުން ހިލޭ އަންހެނުންނާ ގާތްވެ އަތްލާ ހަދައެވެ. ނަމާދު ވަގުތު ތަކުގައިވެސް ސަކާރާތާ މަޖަލުގައި މުންކަރާތްތަކުވެ ތެރޭގައި އޮވެއެވެ. ރޭގަނޑަށް ތަފާތު އެކި ލަވަތައް ޖަހާ ނަށާ ހަދައެވެ. ހައްތަހާވެސް މުންކަރާތްތަކެވެ.

ދެން އޮތީ ބިދުޢައެވެ. މާލޫދު ކިޔުމާއި ސަލަވާތް ފާތިހާ ކިޔުމާއި، ތަކުބީރު ކިޔުމާއި (އަންބާ ކިޔާހެން ކިޔުން) ހައްތަހާވެސް ބިދުޢައެވެ. މި ހުރިހާ ކަމަކީ ޒަމާނުއްސުރެ ދިވެހީން ކޮށް އުޅުނު ދިވެހިންގެ ތާރީހާ ސަގާފަތާއި ގުޅުން ހުރި ކަންކަމެވެ. އެހެންކަމުން މިކަންކަން "ފުއްޓަތްކެއް" ޖަހާލާހެން ބަދަލު ވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހަރާމް ކަންކަމާއި މުންކަރާތްތަކުން އަހަރެމެން ބަރީއަވާން އެބަޖެހެއެވެ.

އާދަކާދަތަކާއި ސަގާފަތްތަކާއި ގުޅިގެން ކުރެވޭ ކަންކަމާއި ދީނީ ކަންކަމާ ނުގުޅުވޭނޭ ކަމަށް ދީނީ ބައެއް އިލްމުވެރިން އެބަ ވިދާޅުވެއެވެ. ތީރުމީޑިޔާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވަނީ އާދަކާދަ އާއި ދީނީ ކަންކަމާ އެއްކޮށްލުން އެއީ ރަނގަޅު ކަމެއް ނޫންކަމަށެވެ. އަދި އާދަކާދައާއި ގުޅިގެން ހަރާމް ކަމެއް ނުކުރާހާ ހިނދަކު އެކަމެއް ހުއްދަވެގެންދާނޭ ކަމަށެވެ. މިކަމުގައި ހިޔާލު ތަފާތުވާ އާންމުން އެބަ އުޅެއެވެ. ސަބަބެއް ނޭނގެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. މިކަން ވެގެން މި ދަނީ މި ލިޔުމުގެ ފެށުމުގައި ބުނެވުނު ފަދައިން ހިނގާ ކަމެއް ގޮތުގައެވެ.

އާދޭހެވެ! މީސްމީޑިޔާގައި އާންމުންގެ މީހަކު ކޮށްފައި އޮތް ޕޯސްޓެކެވެ. އޭގައި އޮތީ އުލްޙިޔާ ކަތިލާއިރު ދެޖިންސު މަސްހުނިވެ އުޅޭ އުޅުން ހުއްދަވެފާ މެންދުރު ކެއުމުގައި ދެޖިންސު މަސްހުނިވާ މަސްހުނިވުން އޯކޭވާ ބައެއް އިލްމުވެރިން އުޅޭ ކަމަށެވެ! މިއީ ހަގީގަތުގައި ރަނގަޅު ބުނުމެއް ނޫނެވެ. ނަމަވެސް އާދޭހޭވެ. އެކަން އެގޮތަށް އެބަ ހިނގައެވެ. މިކަންކަމުގައިވެސް ގުޅި މިދަނީ އިސްވެ ފެށުމުގައި ބުނި ކަންކަމާއެވެ.

ދީނީގޮތުން ކަންކަން އޮތްގޮތް ސާފުކޮށް، ސާފުކޮށް ބުނެދޭން އެބަ ޖެހެއެވެ. އެއީ އިލްމުވެރިންގެ ވާޖިބެކެވެ. އިލްމުވެރިން ހިޔާލު ތަފާތުވާނަމަ، އެކަމުގައި އިލްމު ނެތް މީހާ ހަދާނޭ ގޮތްވެސް އިލްމުވެރިން ބުނެދޭން އެބަ ޖެހެއެވެ! ވާނުވާ އާއި ނޭނގުމުގެ ތެރޭގައި އެތައް މުންކަރާތަކަށް އަހަރެމެންނަށް އެބަ އަރައިގަނެވެެެއެވެ. އަދި ވާނުވާ އާއި ނޭނގުމުގެ ތެރޭގައި ރީތި އަދި ހުއްދަ އެތައް އާދަކާދައަކާއި ސަގާފަތެއްވެސް އެބަ ދޫކޮށްލެވެއެވެ. މިކަމުގައި ބައެއް ކަންކަމުގައި އިލްމުވެރިން ހިޔާލު ތަފާތުވާއިރު ހިޔާލު ތަފާތު ނުވާ ކަންކަންވެސް ހުރެއެވެ. އެކަންކަމާ އާންމުން ކަންބޮޑެއްވެސް ނުވެއެވެ. އެހެންކަމުން ހިޔާލު ތަފާތުވާ ކަންކަމުގައި އިލްމު ނެތްމީހާ ހަދާނެ ގޮތެއް އިލްމުވެރިން ބުނެދޭން ޖެހޭނެއެވެ. އޭރުން މުޖުތަމައުގެ އާންމުންގެ މެދުގައި ހިޔާލުތައް ތަފާތުވެ އަރާރުންވުން މަދުވާނެއެވެ.