މިއީ ވިސްނުމާ ބުއްދި ހުރި، ފިކުރު ކުރުމުގެ ބާރު ލިބިހުރި، ދަސްކުރުމާއި އެކު އެނގުމުގެ ކުޅަދާނަ ކަމާއި އިބުރަތް ހާސިލްކުރުމުގެ ހުނަރު ލިބިހުރި އިންސާނާއެވެ. މި އިންސާނާއަށް މި ހުރިހާ ނިއުމަތެއް ތަނަވަސްވެފާ ހުރި އިރު، މި ނިއުމަތްތަކުގެ ބޭނުން އިންސާނާއަށް ކުރަން ނޭނގޭކަމީ ހިތާމަހުރި ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ކުޑަ ކުޑަ ސުއިތްޕެއް ކަމަށްވާ މަދިރިއެއްގެ ދިރިއުޅުމުން އިންސާނާއަށް ލިބޭ ބައެއް ފިލާވަޅު ތަކަށެވެ. އިންސާނާގެ ބުއްދި މިކަމުގެ މައްޗަށް އިސްކޮށް ވިސްނައިފި ނަމަ މިއީ ފައިދާކުރަނިވި ކަންތައްތަކެކެވެ.
މަދިރިއަކީ އެސޮރުގެ ސައިޒުން ކުޑަ ސުއިތްޕެކެވެ. ނަމަވެސް އެއީ ވަރަށް އަޒުމް ވަރުގަދަ ސުއިތްޕެކެވެ. އެކަން އަހަރެމެންނަށް އެނގޭނެއެވެ. މަދިރިއެއްގެ އުނދަގޫ އަހަރެމެންނަށް ފޯރަން ފަށައިފިނަމަ ކޮންމެވެސް އެއްގޮތަކަށް އެކަން ނިމިގެން ދެއެވެ. އެ މަދިރިއެއްގެ މަގުސަދު ހާސިލުވެ، ލޭ ބޮއެގެން އެސޮރު ދިއުމެވެ. ނުވަތަ ލޭ ބޯންވެގެން އެ ކުރާ ހިތްވަރުގައި އެސޮރު މަރުވެ ދިއުމެވެ. އެސޮރުގެ މަގުސަދަކަށް ވަނީ ލޭ ބޮއުމެވެ. އެ މަގުސަދު ހާސިލް ކުރަން އެސޮރު ވަނީ އަމަށަކު ކުޑަ ގުރުބާނީއެއް ނޫނެވެ. އެކަމުގައި އެސޮރު ލަނީ އަހަރެމެންނަަށް އިހުސާސްވެސް ނުކުރެވޭހާ ގަދަ ހިތްވަރެކެވެ. އެވެސް މަރޭ، މިވެސް މަރޭ ދެކިގެންނެވެ. މަދިރި ދުންދަނޑިތަކާ ސްޕްރޭތަކުގެ ތެރެއިންވެސް ހިތްވަރު ކުރެއެވެ. އިންސާނުން ހޫރާ ކަރަންޓު ފިލާފޮތިތަކާއި ޖަހާ އަތްތަކާއި، ތަކުރާރުކޮށް ކުރިމަތިލަނީ މަގުސަދު ހާސިލްކުރުމުގެ އަޒުމުގައެވެ. މާޔޫސް ވިޔަކަސް އެސޮރުގެ ހިތަކުން އުންމީދުގެ ހުޅުކޮޅެއް ނުނިވެއެވެ. ކޮންމެވެސް އެއްގޮތެއް ވަންދެން އެންމެ ފަހުވަގުތާ ޖެހެންދެން ހިތްވަރު ކުރެއެވެ. މަދިރީގެ މި ހިތްވަރަކީ އިންސާނާ، އެ ކުޑަ ކުޑަ ސޫފީގެ ހަޔާތުން ދަސްކުރަން ކިހާ ރަނގަޅު ފިލާވަޅެއްތޯއެވެ؟ އުންމީދު ކަނޑާނުލުމާއި ހިތްވަރު ކުރުމުގެ ފިލާވަޅެެވެ.
މަދިރީގެ ހަޔާތުން އިންސާނާއަށް ދަސްވާ އަނެއް ފިލާވަޅަކީ ކުޑަކޮށް ނުވަތަ ދަށްކޮށް އަންދާޒާ ނުކުރެމެވެ. މަދިރި އަކީ އޭގެ ޒާތުގައި ކުޑަ ކުޑަ ސުއިތްޕެކެވެ. ނަމަވެސް އެސޮރުގެ ތުރާ ކިތަންމެހާވެސް ބޮޑެވެ. އެންމެ މަދިރިއަކާ އެންމެ އިންސާނާ ކުރިމަތި ލާނަމަވެސް، އެ އިންސާނަކަށް އުޅެން އުނދަގޫ ކުރުވައެވެ. ބޮޑެތި ބަލިތަކުގައި ދާންމަތިކުރުވައެވެ. އިންސާނާމިކަން ދަނޭ ހެއްޔެވެ؟ ލޮލަށް ފެންނަ ފެނުމަށް އެއްޗެއްގެ ނުވަތަ ކަމެއްގެ ނުވަތަ މީހެއްގެ ގޮތެއް ނޭނގޭނެއެވެ. އެ އެއްޗެއް ނުވަތަ ކަމެއް ނުވަތަ މީހަކާއި ބެހޭގޮތުން އަންދާޒާތަކެއްވެސް ނުކުރެވޭނެއެވެ. ފެންނަ ފެނުމަކީ އޭގެ ބާރާއި، އޭގެ ހުނަރާއި، އޭގެ ތޮބީއަތް އެނގޭނޭ ކަމެއް ނޫނެވެ. މިއީ ހާއްސަކޮށް އަނެއް އިންސާނާ، ތިމާގެ ނަޒަރުން މީޒާނުގައި ކިރާ އިރު، ވަރަށްވެސް ރަނގަޅު ފިލާވަޅެކެވެ. މީހަކު ހުންނަ ގޮތަކުން އެމީހެއްގެ ހަގީގަތެއް ބުނެދޭކަށް ނޭނގޭނެއެވެ. މަދިރީގެ ހަޔާތުން މިއީވެސް އިންސާނާ ދަސްކުރަންޖެހޭ މުހިންމު ފިލާވަޅެކެވެ.
ބަލި ގަބޫލު ކުރުމަކީވެސް އެ ކުޑަ ކުޑަ މަދިރި އަހަރެމެންނަށް ދަސްކޮށްދޭ ފިލާވަޅެކެވެ. ކުޑަ ކުޑަ މަދިރިއެއް އަހަރެމެންނަށް އެނގުމާއި ލައިގެން ނުވަތަ އެނގުމަކާއި ނުލާ ނަމަވެސް އަހަރެމެންގެ ގަޔަށް ހަރާލާ ކުޑަ ކުޑަ، ހިމަ ހިމަ، ބަލި ކަށި ކައްޓެގެ ސަބަބުން "މިހިރަ - ބޮޑު" އިންސާނާ ބަލިވެ ހުރިތަނަށް ވެއްޓިގެން އެބަދެއެވެ. އެ ބައްޔެއްގައު އެނދުމަތުކުރެވި ދެއެވެ. ފަރުވާދެމުން ދަނިކޮށް ދުނިޔެ އަޅާ ދާންވެސް އެބަ ޖެހެއެވެ. މިކަމުން އެނގި ދަސްމިވަނީ އަހަރެމެންގެ ބަލިކަށި ކަމެވެ. ނިކަމެތި ކަމެވެ. އެ ކުޑަ ކުޑަ ސޫފީގެ ކުރިމަތީގައި އަހަރެެމެންގެ ބާރެއް ނެތް ކަމެކެވެ. ބަލި ގަބޫލު ކުރުމުގެ ސިފަ އާއި އަހަރެމެންނީ ބަލިކަށި ބައެއްކަން މި ހާލަތްތަކުން އަހަރެމެންނަށް ދަސްވެއެވެ. މަދިރީގެ އުޅުމުން އަހަރެމެން އިންސާނުންނީ މާ ގަދަވެފައި އުޅެން އެއްވެސް ބައެއް ނޫންކަން ސާފުކޮށް އެބަ އެނގެއެވެ. މިއީ ދަސްކުރުން ބުއްދިވެރި ފިލާވަޅެކެވެ.
އެކުވެ އެކުގައި އެންމެން އެއް އަޒުމަކަށް މަސައްކަތް ނުކުރާނަމަ، ކަންކަން ހައްލުވެގެން ނުދާނޭކަން މަދިރި އެބަ ބުނެދެއެވެ. އެއީ މަދިރި ނައްތާލުމަށް އަހަރެމެން ކުރާ މަސައްކަތްތަކުގައެވެ. ކިތަންމެ މަސައްކަތެއް ބަޔަކު ކުރި ނަމަވެސް އެންމެން ނުކުރާހާ ހިނދަކު، މަދިރި މަދުވެގެން ދާތަނެއް ނުފެނެއެވެ. މިއީ ވިސްނަން ޖެހޭ ކަމެކެވެ. އެތައް މުޖުތަމައުތަކެއްގައި އެތައް ބަޔަކު އެތައް ފަހަރަކު އެތައް މަސައްކަތެއް މަދިރި ނައްތާލުމަށް ކުރެވިއްޖެއެވެ. ނަމަވެސް އެ މުޖުތަމައުތަކުގެ އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ނުލިބުމުގެ ނަތީޖާ އަކީ މަދިރީގެ އާބާދީއަށް ކުޑަނަމަވެސް ބަދަލެއް ނައިސް ހުރުމެވެ. އެހެންކަމުން މަދިރި މި ދަސްކޮށްދެނީ އެކުވެ އެއްބައި ވުމަށެވެ. އެއް އަޒުމަކަށް އެންމެންވެސް މަސައްކަތްކޮށްގެން ނޫނީ އިޖްތިމާއީ މައްސަލަތަކަށް ހައްލު ނުލިބޭނޭ ކަމުގެ ފިލާވަޅެވެ.
މިއީ ކުޑަ ކުޑަ ސުއިތްޕެއް ކަމަށްވާ މަދިރިން އަހަރެމެންގެ ދިރިއުޅުމަށް ދަސްކޮށްދޭ ފިލާވަޅުތަކެވެ. މިކަންކަމުގައި ވިސްނާ ފިކުރު ކުރާ ބަޔަކަށް ނޫނީ އެއްޗެއް ނުވިސްނޭނެއެވެ. އެހެންކަމުން އަހަރެމެން އެންމެންނީ ކަންކަމާއިމެދު ވިސްނާ ބަޔަކަށް ވަމާ ހިނގާށެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން