ދިވެހިން މިދައްކަނީ ކޮން ވާހަކައެއް ތޯއެވެ؟ އަނެއްކާވެސް ރަންނަމާރިތަކެއްގެ ވާހަކަތޯއެވެ؟ ދިވެހިން މިއޮށް އުޅެނީ ކޮން ފާޑަކަށް ތޯއެވެ؟ ސަދޫމުގެ އަޑު ދިވެހި ގައުމުގައި ގަދަވެފައި މި ވަނީ، ދިވެހިން ހަމަ އެހާ މުޑުދާރީތޯއެވެ؟ އެހާ ނަޖިސްކަން ބޮޑީތޯއެވެ؟ ދިވެހިން މިއުޅެނީ ކިހިނަކުން ތޯއެވެ؟ ދިވެއްސަކަަށް ވީތީ މިއަދު ވާންވީ އުފާކަމެއް، ވާންވީ ދެރަކަމެއް ނޭނގެއެވެ.

ީމީސްމީޑިޔާގެ މަންސައެއް ހޮޅުވާލާކަށް ނުކެރެއެވެ. އެޔެއް މިޔެއް ކިޔާނަ ކަމެއް ނެތެވެ. ދިވެހި އާންމުން އެކަންޏެއް ނޫނެވެ. އެބުނާ މަޝްހޫރު ޝަހްސިއްޔަތުންނެވެ. އެ ކިޔާ ހައިޕްރޮފައިލް މީހުންނެވެ. ދައްކަނީ ކޮންފަދަ މުޑުދާރު ވާހަކަތަކެއް ތޯއެވެ؟ ހިތަން އަރަނީ ދިވެހިންނަކީ ހަމާ އެހާ އެދުންވެރި، އެދުންގަދަ ބައެއް ތޯއެވެ؟ ފިރިންނަށް އަނބިން ނުފުދެއެވެ. ފިރިހެނުންނަށް އަންހެނުންވެސް ނުފުދެއެވެ. ދިވެހިން، އެއްޖިންސުގެ އެހެރަ މުޑުދާރު ފާހިޝް އަމަލުތައް ކުރާ މަންޒަރުތައް އާންމުވެއްޖެއެވެ. އެކަމުގެ ވާހަކަ ނުދައްކާ ހަމަ ވަކި ދިވެއްސަކުވެސް މިއަދު ނެތެވެ. ދިވެހިން މިއުޅެނީ ކިހިނެއް ވެގެންތޯއެވެ؟

އެބުނާ ބޮޑެތި ޝަހުސިއްޔަތުން ހަމަ އެފަދަ އެހެން ބޮޑެތި ޝަހުސިއްޔަތުންގެ ބޮލުގައި ތަފާތު އެކި މުޑުދާރު އިލްޒާމުތައް އެބަ އަޅުވައެވެ. ފާހިޝްކަންކަމާއި ބަނގުރާ ބޮއުމުގެ ބޮޑެތި ތުހުމަތު ތަކެވެ. ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ އެބުނާ ހަރުދަނާ، ވަރުގަދަ ޝަހުސިއްޔަތުންނެ. އެކިޔާ ހައި ޕްރޮފައިލް މީހުންނެވެ. ދެން ނިކަން ގައުމުގެ ހާލަތު ވިސްނާލަބަލާށެވެ. މުޅި ދިވެހި ގައުމުގެ ހާލަތުގެ އަޑި ވިސްނާލަބަލާށެވެ. ތިމާގެ އަބުރަށް އިއްޒަތަށް، އަދި ޝަރަފަކަށް ބެލުމެއް ނެތެވެ. އެ ބުނާހާ ނުބައި ފާހިޝްކަންކަން އެބުނާ ހަރުދަނާ ޝަހުސިއްޔަތުން ކުރަން ފެށީމައި ދެން އެމީހުން ނުކުރާކަށް ކަމެއް ނޯންނާނެތާއެވެ. އެއީ އަދި އެމީހުންގެ ހާލެވެ. އާންމުންގެ ހާލަތަކީ ފަހެ ކޮބައިތޯއެވެ؟

އިސްލާމް ދީނުގައި ކަނޑައެޅިންގެ ހަރާމްކުރައްވާފައިވާ ކަންކަން، ސިއްރާއި ފާޅުގައި އަބަދުވެސް އިންސާނުން ކުރަމުން ގެންނާނެއެވެ. ފާޅުގައި ކުރާ މީހާ ކުރަނީ ފަޟީހަތްވެ ބޭޒާރުވިޔަސް ވަރިހަމަވެގެންނެވެ. ސިއްރުގައި ކުރާ މީހާވެސް ހަގީގަތުގައި އެފަދަ ކަންކަން އެ ކުރަނީ ފަޟީހަތްވެ ބޭޒާރުވިޔަސް ވަރިހަމަ ކަމުގައެވެ. ވައްކަމާއި ފަސާދައެވެ. ހިޔާނާތާއި ކޮރަޕްޝަނެވެ. ރާ ބުއިމާއި ޖުވާކުޅުމެވެ. މަސްތުވުމާއި ނާޗަރަންގީ ކުޅުމެވެ. ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމެވެ. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމެވެ. މިހެންގޮސް އެހެރަ ބޮޑެތި ބޮޑެތި ފާފަތަކެވެ. މިއީ އަބަދުވެސް މި ގައުމުގެ އެ ބުނާ ޝަހުސިއްޔަތުން އުޅެފައި ހުރި ގޮތްގޮތް ތޯއެވެ؟

އާދޭހެވެ! ފެންނަން ހުރީ ބައެއް މަންޒަރުތަކެވެ. ދެން އިވެނީ ތަފާތު އެކި އެކި އަޑު އަޑެވެ. އިވޭހާ އަޑެއް ގަބޫލުކުރާކަށް ނުވާނެއެވެ. ދެތާއި ދޮގު، އެކޮޅާއި މިކޮޅު ބަލަން ޖެހޭނެއެވެ. ނަމަވެސް އެބުނާ ވަރުގަދަ ލީޑަރުންނާއި ގައުމު އެބަޔަކަށްޓަކާ ފަހުރުވެރިވާ ބަޔަކު، އެފަދަ ވާހަކަތަކެއް ދައްކާ އުޅުމަކީ ލަދުވެތި، މުޑުދާރު ކަމެކެވެ. އެބައިމީހުންގެ އަބުރާއި އިއްޒަތާއި ގަދަރާއި އެބައިމީހުންގެ އެ ރީތި ނަން ކިލަނބުވެދާނެތީ އަބަދުމެ ބިރުން އުޅޭ އެފަދަ ޝަހުސިއްޔަތުން އެފަދަ ވާހަކަތައް ދައްކާ، އެފަދަ ކަންކަން ކުރާއިރު، ދެން މިގައުމުގައި ބިރަކާ ނުލާ އުޅޭ މީހުންގެ ހާލަތު އޮންނާނީ ކޮންފަދަ އަކުންތޯ ވިސްނާލަ ބަލާށެވެ! އަބުރެއް އިއްޒަތެއް، ރީތި ނަމެއް، ޝަރަފެއް، މިއީ މި ދުނިޔޭގައި އެއްވެސް އެއްޗެއް ނޫން ކަމަށް ދެކިގެން އުޅޭ މީހުން، އެފަދަ ފާހިޝްކަންކަމާއި މުޑުދާރު ކަންކަމަށް އާދަވެފައި ތިބޭނީ ކިހާ ވަރަކަށްތޯއޭ ސުވާލު އުފެދެއެވެ.

މިއީ އަހަރެމެންގެ ކާބަފައިން ގެނެސްދެއްވިފަދަ ގައުމެއްތޯއެވެ! އެއްބަޔަކު އަނެއްބަޔަކަށް ގަޒްފުގެ ތުހުމަތު ކުރާއިރު އެއްބަޔަކު މި ދަނީ ސިއްރާއި ފާޅުގައި މުޑުދާރު ކަންކަމުގެ ތެރެއިން ބޭޒާރުވަމުންނެވެ. އާދެހެވެ! މިއީ ދިވެހިން އުޅުނު ގޮތެއް ނޫނެވެ. މިއީ ފަރަންޖީން އެމީހުންގެ ޝާހި ހާންދާނުގެ ތެރޭގައި ޖަހާ ސަކަރާތްތަކެކެވެ. މިއީ އިސްލާމީ ނޫރުން އަލިކަން ލިބިފައިވާ ފަސްގަނޑެއްގައި، އެ ފަސްގަނޑުގެ އަހުލުން އުޅެންވާނޭ ގޮތެއް ނޫނެވެ! ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ދިވެއްސަކަށް ވީތީ އަހަރެން ވާންވީ އުފާކަމެއް، ވާންވީ ދެރަކަމެއް ނޭނގެއެވެ! މާތް ﷲ ދިވެހިންނަށް ހިދާޔަތާއި ދެތުމަގު ދައްކަވާއި، އިސްލާމްދީނުގެ މަތީގައި އަބަދަށް ލަހައްޓަވާށިއެވެ! ދީނުގެ އަދުއްވުންނާއި ދުޝްމަނުންގެ ހީލަތްތެރި، ޝަހުވާނީ މަޅިތަކުން މި ދީބު ރައްކާތެރި ކޮށްދެއްވާންދޭވެ! އާމީން!