މީގެ ދެ އަހަރު ކުރިން، އޯގަސްޓް 16، 2020 ގައި ތީރު މީޑިއާ ވުޖޫދަށް ގެނައީ، ކޮވިޑް-19 ޕެންޑެމިކާއެކު ހުރިހާ މީޑިއާތަކެއްގައި ޕެންޑެމިކްގެ ވާހަކަތަކާ، ނެގެޓިވް މީޑިއާ ކަވަރޭޖް އިންތިހާއަށް ގޮސް، އާއްމު ރައްޔިތުން ނަފްސާނީ ބަލިމަޑުކަމަކަށް ހުށަހެޅިފަ ތިއްބާ، މުނިފޫހިފިލުވާލަދީ ސިކުނޑިތަކަށް ހަމަޖެހުމެއް ގެނެސްދިނުމަށް ލުއި ޚަބަރުތަކާ ތަފާތު އިންފޯޓެއިންމެންޓް ކޮންޓެންޓު ގެނެސްދިނުމުގެ މަޤްޞަދުގައެވެ.

އޮންލައިން ނޫސްތަކުން އާއްމުގޮތެއްގައި ގެންނަ ސިޔާސީ ޚަބަރުތަކުގެ ބަދަލުގައި ތީރު މީޑިއާއިން އޭރުވެސް، އަދި މިހާރުވެސް، އެންމެ އިސްކަމެއް ދެނީ ސިޔާސީ ކަންކަމުން ދުރުވެތިބެ، "ޕޮލިޓިކްސް-ފްރީ" ޚަބަރާއި މަޢުލޫމާތު ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމުގައި ދެމިތިބުމަށެވެ.

ޕެންޑެމިކަށް ފަހު އައި ދުވަސްތަކުގައި 'ކްލަބްހައުސް'ގެ ފޯރި އެންމެ ގަދަވެގަތް ދުވަސްވަރު ތީރު މީޑިއާގެ ކުޑައިގެ ދަށުން އަޅުގަނޑުމެންވާނީ ކްލަބްހައުސްގައިވެސް ތަފާތު އެކި ޓޮޕިކްތަކަށް އެތައް ސެޝަނެއް ކުރިއަށްގެންގޮސްފައެވެ. މި މަސައްކަތުގައި ރާއްޖެއާއި އަވަށްޓެރި ޤައުމުތަކުގައި ދިރިއުޅެމުންދިޔަ ބައެއް ދިވެހިން އަމިއްލައަށް ވޮލަންޓިއަރކޮށްގެން ވަރަށް ފޯރީގަ، އަގުނުކުރެވޭނެފަދަ އެތައް މަސައްކަތެއް، އަޅުގަނޑުމެންނަށް ކޮށްދީފައިވާކަން ޝުކުރާއިއެކު ފާހަގަކޮށްލަންޖެހެއެވެ. އަޅުގަނޑުމެންގެ ދެއަހަރުގެ ކާމިޔާބީގައި އެފަރާތްތަކުގެ ޙިއްސާ ވަރަށްވެސް ބޮޑެވެ.

ތީރު މީޑިއާއަށް މި ފާއިތުވީ ދެ އަހަރުދުވަހުގެ ތެރޭގައި ލިބުނު އެންމެބޮޑު ކާމިޔާބީކަމުގައި އަޅުގަނޑުމެން ދެކެނީ، މިހާ ވާދަވެރި ދާއިރާއެއްގަ، ދެގޮތެއް ނުވެ، އަޅުގަނޑުމެންގެ "ޕޮލިޓިކްސް-ފްރީ" ޕޮލިސީ ހިފަހައްޓާ، ކިޔުންތެރިންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމާއެކު، ރާއްޖޭގައި ޕޮލިޓިކަލް ޚަބަރުތަކާ، ނެގެޓިވް-މީޑިއާ ކަވަރޭޖާ ނުލާވެސް، އާއްމުން މީޑިއާތައް ބަލައިގަންނާނެކަން ސާބިތުކޮށްދެވުމެވެ.

ތީރު މީޑިއާއަކީ އޮފީހެއްގެ ތެރޭގައި މުވައްޒަފުން ބައިތިއްބައިގެން ވަކި ވަގުތަކަށް މުވައްޒަފުން ގެނުވައިގެން މަސައްކަތްކުރުވާ މީޑިއާއެއް ނޫނެވެ. ކޮންމެ މުވައްޒަފަކީވެސް ބޭނުން ކޮންމެ ތަނަކުން، ބޭނުން ގަޑިއަކު، ފުރިހަމަ "ކްރިއޭޓިވް-ފްރީޑަމް" އާއިއެކު، ރިމޯޓްކޮށް މަސައްކަތްކުރާ މުވައްޒަފެކެވެ. މުވައްޒަފުން ކުރާ މަސައްކަތް މޮނިޓަރކުރުމާ މުވައްޒަފުންނަށް މުސާރަ ދިނުންފަދަ ކަންކަން ހިނގަނީ ފުލީ އޮޓޮމޭޓެޑް ސިސްޓަމަކުންނެވެ. މި ކުޑަ ކުޑަ ޓީމުގެ ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރަމުން މި އަންނީ ވަރަށް ވެސް ހިތްހަމަޖެހިތިބެ، ތީރުގެ އަމާޒަށް ވާސިލުވުމަށް، އަޒުމާއެކު ގަދައަޅާ މަސައްކަތް ކުރުމުގެ ނިޔަތުގައެވެ. އަޅުގަނޑުމެންގެ މި "ރިމޯޓް-ޓީމް"ގަ ފެށުނީއްސުރެ މަސައްކަތްކޮށްފައިވާ އަދި މަސައްކަތް ކުރަމުންދާ ހުރިހާ ލިޔުންތެރިންގެ އަގުހުރި މަސައްކަތް ޝުކުރާއެކު ފާހަގަކޮށްލަން ޖެހެއެވެ. އެ ލިޔުންތެރިންނާ ނުލާ ތީރު މީޑިއާގެ މި ދަތުރު ފުރިހަމަ ނުވީސްކަން ގައިމެވެ. ތީރުގެ ލިޔުންތެރިންގެ ޓީމާ ގުޅެން ބޭނުންވާ އިތުރު ލިޔުންތެރިންނަށްވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. ކޮންމެހެން މާލޭގައި ނުވަތަ ރާއްޖޭގައިވެސް ދިރިއުޅޭ ފަރާތަކަށްވުން ލާޒިމެއް ނޫނެވެ. ޝައުޤުވެރިކަން ހުރީވިއްޔާމު އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް މެސެޖެއްކޮށްލައްވާށެވެ. މަރުހަބާ ކިޔާނަމެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އޮންލައިން މީޑިއާގެ ދާއިރާއަށް އިންގިލާބެއް ގެނެސް، ތީރު މީޑިއާއަކީ ދިވެހި ލައިފްސްޓައިލް ބްރޭންޑަކަށް ހެދުމެވެ. މިހެން ދެންނެވީމާ މިއީ، ހަމަ ފޮނި ވާހަކައޭ ހީފުޅުވެދާނެއެވެ. އެހެނަކުން ނޫނެވެ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ އާ ކަންތައްތަކެއް މި ދާއިރާއަށް ތަޢާރަފްކުރުމަށެވެ. އަޅުގަނޑުމެންގެ މި 'ފޮނި' ހުވަފެންތަކުގައި ކުލަ ޖެހުމަށް ވަގުތު ނަގާނެކަން ދެނެތިބެ މަސައްކަތް މިކުރަނީ، ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ދިވެހިންނަށް އުއްމީދީ އާ ކަންތައްތަކެއް މި ދާއިރާއިން ތައާރަފުކޮށްދިނުމަށެވެ.

ކައިރި މުސްތަޤްބަލަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި، ތީރު މީޑިއާގެ ސަޕޯޓަރުންނަށް ވިޑިއޯ ކޮންޓެންޓު ގެނެސްދޭން ފެށުމާ، ތީރު ވެބްސައިޓް "އިންޓަރެކްޓިވް" ވެބްސައިޓަކަށް ހެދުމާ، މުނިފޫހިފިލުވުމާ މަޢުލޫމާތުގެ ދާއިރާއިން އިތުރު ފީޗަރތައް ތަޢާރަފްކުރުން ހިމެނެއެވެ.

އަޅުގަނޑުމެންގެ ވިޑީއޯ ކޮންޓެންޓުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ﷲގެ އިރާދަފުޅާއެކު، މި އަހަރުތެރޭ އަޅުގަނޑުމެން މި ކޮންޓެންޓުތައް ޕަބްލިޝްކުރަންވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހުނަރުވެރިންނާ، މަސައްކަތްތެރިންނާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ވިޔަފާރިތައް ކުރިއެރުވުމަށް ވިޑިއޯ ޕްރޮފައިލްތައް އަޅުގަނޑުމެން މިދަނީ ތައްޔާރުކޮށްދެމުންނެވެ. ތީރުމީޑިއާގައި ފީޗަރވާން ބޭނުންފުޅުވާ މިފަދަ ފަރާތްތަކަށް، އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވައިގެން، އަމިއްލަ ހުނަރާއި މަސައްކަތް، ކާމިޔާބީ، ޖަމްއިއްޔާ އަދި ވިޔަފާރި ޕްރޮމޯޓްކުރުމަށް "ފްރީ-އޮފް-ޗާޖް" ފުރުސަތު ހުޅުވާލާފައިވާކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ. މިފަދަ ފުރުސަތެއް އަޅުގަނޑުމެން މި ހުޅުވާލީ، އަލަށް ކަމެއް ފަށައިގެން އުޅޭއިރު، ބޮޑެތި ކޯޕަރޭޝަންތަކާ ކުންފުނިތަކުގެ ސަޕޯޓް ނުލިބުމަކީ ކިހާ ހިތްދަތިކަމެއްކަން ތީރު މީޑިއާއިން ތަޖުރިބާ ކޮށްފައިވާތީއެވެ.

މިއަދު މަދު ސްޕޮންސަރުންތަކަކާ އެކީނަމަވެސް، މި ވާދަވެރި މާހައުލުގަ، ކާމިޔާބު ދެ އަހަރު އަޅުގަނޑުމެން މި ފުރިހަމަކުރީ، ٱلْحَمْدُ لِلَّٰهِ، މެދުކެނޑުމަކާނުލާ މުވައްޒަފުންނަށް ބަރާބަރަށް މަހުންމަހަށް މުސާރަވެސްދީގެންނެވެ.

ކުދި އަދި ބޮޑެތި ސްޕޮންސަރުންނަށްވެސް "އެފޯޑެބްލް" އަދި "ޓޯޓަލް މާކެޓިން ސޮލޫޝަން ޕެކޭޖެސް" ތީރު މީޑިއާއިން އޮފަރކުރަމެވެ. އަޅުގަނޑުމެންނަށް އިތުބާރުކޮށް އަޅުގަނޑުމެންނަށް ސްޕޮންސަރޝިޕް ދީފައިވާ، އަދި ދެމުން އަންނަ ސްޕޮންސަރުންނަށް މި ފުރުސަތުގައި އުފަލާއެކު ޝުކުރުއަދާކުރަމެވެ.

ތީރުގެ އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން ބޭނުންވަނީ ތިޔަ ކިޔުންތެރިންގެ އެއްބާރުލުމާއި ލޯތްބާއި ސަޕޯޓެވެ. ތިބޭފުޅުން ތިގޮތުގައި ތިއްބެވިހާ ދުވަހަކު އަޅުގަނޑުމެން ތިބޭނީ ތިބޭފުޅުންގެ ޚިދުމަތުގައެވެ.