އިންސާނާއަކީ ކުށްވެރިވެ ބަދުނާމުވާން އެދޭނޭ މީހެއް ނޫނެވެ. އެއްވެސް އިރެއްގައި، އެއްވެސް ހާލަތެއްގައި ކުއްވެރިވެ ބަދުނާމުވާކަށް އިންސާނާ ނޭދެއެވެ. ކުށަށް އިއުތިރާފު ވުމާއި އެއްބަސްވުމަކީ ޖެހިލުން ވެވޭ ކަމެކެވެ. އެހެނީ ކުށަށް އަދަބު ލިބޭތީއެވެ. ބައެއް ހާލަތްތަކުގައި ކުށަށް އޮންނަ އަދަބު، އެއީ ލިބޭ އެއްޗަކަށް ނުވުމުން ހިނިތުންވުމާއި އެކު އެއްބަސްވާ މީހުން އުޅެއެވެ. އަދި "މަށަށް ކޮންކަމެއް" ކަމަށް ދެކިގެން އެއްބަސްވާ މީހުން އުޅެއެވެ. އެހެންކަމުން މި ފެންނަނީ ހަގީގަތުގައި ކުށާއި އެ ކުށުގެ އަދަބު ތަންފީޒުވުމާއި ދެމެދުގައިވާ ގުޅުމުގެ ކަންކަންކަމެވެ. ކުށުގެ އަދަބު ތަންފީޒު ކުރެވޭނަމަ ކުށްކުރާ މިންވަރު މަދުވެ ދެއެވެ. ނަމަވެސް އަދަބު ނުދެވޭނަމަ ކުށްކުރާ މިންވަރު އިތުރުވެދެއެވެ.

އާދޭހެވެ! ދަންނަވަން މިއުޅެނީ ތަރުބަވީ ހަޔާތުގެ ވާހަކަ އެކެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާ ވާހަކައެވެ. މިއީ ހަގީގަތުގައި ޖީލުތަކެއް ހަލާކާއި ފަސާދައިގެ ތެރެއަށް ވެއްޓި، ޖަމާއަތުގެ އިޖްތިމާއީ ފޭރާން ވީދި ކުދިކުދިވެދާ ކަމެކެވެ. އެކަން ދަންނާށެވެ! ހާއްސަކޮށް ބެލެނިވެރިންނެވެ. މިއީ ފަހަރުގައި ބެލެނިވެރިންނަށް ކިޔަން ފަސޭހަ ވާހަކަ ތަކަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ ހިތި ހަގީގަތްތަކެކެވެ.

ތިމާގެ ދަރިފުޅަށް، މޮޅު ކަމެއް ނުވަތަ ކާމިޔާބެއް ލިބިއްޖެ ނަމަ އެކަމުގެ ފަހަތުގައި، އެ ދަރިފުޅުގެ އެންމެ އަރިހުގައި ތިބި ބަޔަކަށް ބެލެނިވެރިން ވެދެއެވެ. އެއާއި ހިލާފަށް ތިމާގެ ދަރިފުޅަށް ގޯސްކަމެއް ނުވަތަ ކުށެއް ކުރެވޭ ހިނދު، އެކަމުގެ ޒިންމާ، ނުވަތަ އެކަމުގެ އިހުމާލާ ހަވާލުވާކަށް ބެލެނިވެރިޔާއަކަށް ނުކެރެއެވެ. އެކަމުގެ ޒިންމާ އަބަދުވެސް އެހެން ބައެއްގެ ބޮލުގާ އަޅުވާތަން ފެނެއެވެ. ސުކޫލު މާހައުލު ގޯސް ކުރެވެއެވެ. އެ ދަރިފުޅާއި އެކުގައި އުޅޭ ކުދިން ގޯސް ކުރެވެއެވެ. އެއްކަލަ ކާމިޔާބީގައި އެކަމުގެ ސިއްރަކީ ބެލެނިވެރިން ކަމަށް އެއްބަސް ވީ ފަދައިން، އެ ދަރިފުޅު ކުށެއް ކުރުމުން، އެކަމުގެ ޒިންމާ މައިންބަފައިން ނުނަގައެވެ. މިއީ އިންކާރު ކުރި ނަމަވެސް ހަގީގަތެކެވެ.

ދަރިފުޅަށް ބޭނުންވާ ހުރިހާކަމެއް ކޮށްދީ، ހަރަދުކޮށްތީ، ތަކެތި ހޯދައިދިނުމުން، ބެލެނިވެރިކަމުގެ ޒިންމާ އަދާވީ ކަމަށް އަދުގެ ގިނަ ބެލެނިވެރިންނަށް ހީވާ ކަހަލައެވެ. ހަގީގަތުގައި އަދުގެ މި ޖީލުގެ ބެލެނިވެރިންނަށް ވެފައި މިތިބަ ގޮތެއް އެނގޭހެއްޔެވެ؟ އާދޭހެވެ! މިއީ ހުޅަނގުގެ ފަލްސަފާއާއި އެމީހުންގެ އަޑިނުބައި ރޭވުމުގެ އަސަރު ތަކެވެ. ނިކަން ދެކިބަލާށެވެ! އަހަރެމެންގެ ކާބަފައިންނަކީ، އަދުގެ ދިވެހިންހާ ފުދިގެން، އެމީހުންގެ ދަރިންނަށް، އެދަރިން ބުނި އެއްޗެއް ހޯދައިދީގެން އުޅުނު ބައެއް ނޫނެވެ. ނަމަވެސް އޭރާ މިހާރުގެ ކުދިންގެ އަހުލާގު ނިކަން ދެކިބަލާށެވެ. އިހްތިރާމް ކުރުމާ ގަދަރު ކުރުމާއި، ކުށްކުށާއި ފާފަތަކަށް އަރައިގަތުމަށް ޖެހިލުންވާ ޖެހިލުންވުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުން ފަދަ ކަންކަމުގައި އޭރާއި މިހާރު އަޅާކިޔާބަލާށެވެ. ފެންނަނީ ކޮން ތަފާތެއް ހެއްޔެވެ! ހައްތަހާވެސް ތަރުބަވީ ހަޔާތުގައި ހުރި ތަފާތު ތަކެވެ.

އެޒަމާނުގައި ކުށެއް ކުރުމުން އަދަބު ދެވެއެވެ. މިއަދު އަދަބެއް ނުދެވެއެވެ. އެޒަމާނުގައި ތިމާގެ ދަރިވެސް ކުށް ކުރާނޭ ކަމަށް ގަބޫލު ކުރެއެވެ. މިއަދު ތިމާގެ ދަރި ތިމާއަށް މާ ދޮންފުތެވެ. އެޒަމާނުގައި ތިމާގެ ދަރި އިސްލާހުކުރަން ތިމާވެސް އަދަބުދީ އުޅެއެވެ. މިއަދު ތިމާގެ ދަރި އިސްލާހު ކުރާކަށް ނުވެސް ޖެހެއެވެ. އެޒަމާނުގައި ދަރިންނަށް އަދަބު ދެވެން މައިންބަފައިން ރުހެއެވެ. މިއަދު ކުށަށް ދެވޭ އަދަބަކީ އަނިޔާކަމުގައި މައިންބަފައިން ދެކެން ފަށައިފިއެވެ. އެޒަމާނުގައި ކުއްޖާ ބޭހުންހާ ގޮތަކަށް އުޅުމުގެ ހައްގެއް ނޯވެއެވެ. ނަމަވެސް މިއަދު ކުއްޖާ ބޭނުން ގޮތަކަށް އުޅުމުގެ ހައްގު އެ ކުއްޖާއަށް އޮވެއެވެ. ތަފާތު ފެނޭ ހެއްޔެވެ؟ ފެނުނަސް ފެންނަ ކަމަށް ނުހަދާ މީހުން، ބަލާނެ ކަމެއްވެސް ނެތެވެ.

އަދުގެ މުޖުތަމައުގެ ހާލަތު އޮތް ހިސާބު ވިސްނާލަ ބަލާށެވެ. ދަރިން މައިންނަށް އެއްވެސް އިހުތިރާމެއް ނުކުރެއެވެ. މައިން ދަރިންނަަށް އެއްވެސް ތަރުބިއްޔަތެއް ނުދެއެވެ. ދެނީ އަގުބޮޑު ކުޅޭ އެއްޗެއްސާއި ރީތިވާ ސާމާނާއި މީރު ކާނާއެވެ. އެއަށްވުރެ މާ އަގުބޮޑު، އަދި ދިނުން ވާޖިބު އެއްޗެއް ބެލެނިވެރިން ނުދެއެވެ. އެއީ ތަރުބިއްޔަތެވެ. ތަރުބިއްޔަތުގެ އަގަކީ އަގު ނުކުރެވޭ އެއްޗެކެވެ.

ދަރިފުޅު ސުކޫލަށާއި ޤުރުއާން ކުލާހަށާއި ޓިއުޝަނަށް ފޮނުވީމާ ދެން ބެލެނިވެރިޔާ ދޭނޭ ތަރުބިއްޔަތެއް ނެތްކަމަށް ގިނަ ބެލެނިވެރިން ދެކެއެވެ. މިފަދައިން ދެކެވުމުގެ ނަތީޖާ އަކީ އެ ދަރިން ކުރާ ކުށްތަކުގެ ޒިންމާ އެ ތަންތަނުގެ ބޮލުގާ އަޅުވާ، ބެލެނިވެރިކަމުގެ ޒިންމާއިން، ބެލެނިވެރިން ރެކުމެވެ. މިއީ ގޯހެކެވެ. އެ ދަރިފުޅުގެ މަންމައާއި ބައްޕަ ނޫން މީހަކަށް އެ ދަރިފުޅު ރައްދުވުމެއް މި ދުނިޔޭގައި ނުވެއެވެ. ވީ ހިނދު ބެލެނިވެރިކަމުގެ ޒިންމާއިން އެއްވެސް މަޔަކަށް އަދި ބަފަޔަކަށްވެސް ނުރެކެވޭނެއެވެ. އެދަރިން ކުށެއް ކުރާނަމަ އެކަމުގެ ފުރިހާ ޒިންމާ އެ ބެލެނިވެރިން ނަގަން ޖެހޭނެއެވެ. ބަހަނާ ދައްކަވަން ނޫޅުއްވާށެވެ. އެއީ ތަރުބިއްޔަތުގެ ބިންގާ ކަތިވުމުގެ ނަތީޖާއެވެ. އެ ތަރުބިއްޔަތަށް ޒިންވަމާން ޖެހޭނޭ ބަޔަކީ ހަމަ ތިޔަ ބެލެނިވެރިންނެވެ.