ހިޔާލަކީ ކޮންމެ ކަމެއްގައިވެސް ތަފާތު ވެދާނޭ އެއްޗެކެވެ. އެކަން އަހަރެމެން އެންމެން އެބަ ދަނެއެވެ. ނަމަވެސް ބައެއް ކަންކަމަކީ އެކަމުގެ ހިޔާލުތަފާތުވުންތަކުގައި އެކަމުގެ އިލްމު ނެތް މީހުން ބައިވެރިވުން ރަނގަޅު ކަންކަމެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން އުފެދޭ ބައިބައުން އިތުރުވެ، ޖަމާއަތެއްގެ ތެރޭގައި އޮންނަންޖެހޭ އެއްބައިވަންތަކަން ގެއްލި އެ މުޖުތަމައެއްގައި ބިރުވެރިކަމާއި ނާމާންކަން އުފެދޭނެތީއެވެ. މިފަދަ އެއް ކަމަކީ ދީނީ ކަންކަމެވެ. 

އިސްލާމްދީނުގެ ބައެއް ހުކުމްތަކަކީ އޭގައި ދެބަސްވެވެން ނެތް، ސައްހަ ނައްސުން ސާފުކޮށް ބަޔާންވެފައިވާ ކަންކަމެވެ. އަދި އަނެއްބައި ކަންކަމުގައި އިލްމުވެެރިންގެ މެދުގައި ހިލާފު އުފެދިފައި އެބަ ހުއްޓެވެ. ވިސްނަން ޖެހޭ ކަމަކީ ދީނީ ކަންކަމާ ވާހަކަ ދައްކާ މަޝްވަރާކޮށް ބަސްކިޔުމުގައި ދީން ނުދަންނަ މީހުން މާ ބޮޑަށް އަޑުގަދަ ކުރުން ރަނގަޅު ނޫން ކަމެވެ. އެހެނީ މިއީ ދީން ކަމުގައި ވާތީއެވެ. އަދި އިސްލާމް ދީނަކީ އޭގެ ސަބަބުން، މުސްލިމުންގެ ހިތްތަކަށް ވަރަށް ފުން އަސަރެއް ކުރުވާ ޖަޒުބާތުތަކެއް އުފައްދާ އެއްޗެކެވެ. ވީއިރު އިސްލާމް ދީނުގެ ކަންކަމުގައި އިލްމުވެރިން ހިލާފުވާ ކަންކަމުގައި އާންމުން އެކަމާ ގޮތް ނިންމާ ވާހަކަ ދައްކަން ފަށައިފިނަމަ، ދެން އުފެދޭ ޖަޒުބާތުތަކުގެ ކޮޅެއް މެދެއް ފެންނާކަން ނޯންނާނެއެވެ. އެފަދަ ޖަޒުބާތު ތަކުގެ ތެރެއިން ވާނުވާ ނޭނގޭ ހާސްކަމެއްގެ ތެރެއަށް ކުދިކުދި މުޖުތަމައުތައް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

ދުނިޔޭގެ ބައެއް އިސްލާމީ ގައުމުތަކުގައި އުފެދިފައި ހުރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ވެސް ބިންގާ އެޅިފައި ވަނީ މިފަދަ ކޮންމެވެސް ހިލާފީ މައްސަލައަކުން ނުވަތަ މައްސަލަ ތަކަކުން ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އަދި އެކަންކަމުގައި ދީނީ އިލްމު ނެތް މީހުންގެ ހިތްތަކުގައި އުފެދޭ ޖަޒުބާތުތައް ދީނަށްޓަކައި އުތުރޭ ކަމީ ބައިބައިވުން އިތުރުވެދާ ކަންކަމެވެ.

ދަންނާށެވެ! ދުނިޔަވީ ކަންކަމުގައި އުފެދޭ ބައިބައިވުމަކީ ފަސޭހަ ކަމާއި އެކު ކޮންމެވެސް ގޮތަކަށް ހައްލު ކުރެވިދާނޭ ބައިބައިވުންތަކެކެވެ. ނަމަވެސް ދީނީ ގޮތުން، އުފެދޭ މިފަދަ ބައިބައިވުން ތަކަކީ ހައްލުވުމަށް ވުރެ، އޭގެ ޖަޒުބާތު ހޫނުވެ، އަސަރު ގަދަވެދާ ބައިބައިވުން ތަކެކެވެ. އެހެނީ މިކަންކަމުގައި އުފެދޭ ޖަޒުބާތުތަކަކީ އިންސާނާގެ އަގީދާ އާއި ގުޅިފައިވާ ކަންތައްތަކެއް ކަމުގައި ވުމެވެ.

އާދޭހެވެ! މި ކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް މިއަދު މިފަދަ އެތައް މަންޒަރެއް ތަމްސީލުވަމުން އެބަ ހިނގައެވެ. ދީން ކިޔަވައިގެން ތިބޭ ދީނީ އިލްމުވެރިން ދީނީ ކަންކަމާމެދު އުފެދޭ ހިޔާލުތަފާތުވުން ތަކުގައި އެއް ދީނީ އިލްމުވެރިއަކު އަނެއް ދީނީ އިލްމުވެރިއަކަށް ވަރުގަދަ ރައްދުތަކާއި ބަހުގެ ހަމަލާތައް ދޭތަން އެބަ ފެނެއެވެ. އެކަމުގައި އެއް އިލްމުވެރިއަކު އަނެއް އިލްވުމެރިއަކު ކުށްވެރިކޮށްވެސް ވާހަކަ ދައްކާތީ ފެނެއެވެ. އަދި އާންމުންނަށް ދެވޭ ނަސޭހަތްތަކުގައި އެކި އިލްމުވެރިން ތަފާތު ގޮތްތަކަށް ކަންކަން ބަޔާން އެބަ ކޮށްދެއެވެ.

މިކަމުގެ އާހިރު ނަތީޖާއަކަށް ވަނީ އެއްކަލަ ދީނީ އިލްމުވެރިންނަށް ނުވާ އާންމުންގެ މެދުގައި ދީނީ ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދުމެވެ. އާންމުންގެ އެއްބަޔަކު އެއް ދީނީ އިލްމުވެރިއެއްގެ ބަހަށް ތަބާވާއިރު އަނެކާ ތަބާވަނީ އެހެން އިލްމުވެރިއެއްގެ ބަހަށެވެ. ދެން މިވާ ގޮތަކީ އާންމު މީހެއްކަމުން އެމީހަކަށް އެނގިހުރި ގޮތް ނޫން އަނެއް ގޮތަކީ ނެތް ގޮތެއް ކަމަށް ހީވުމެވެ. އަހިސާބުން އަނެކާ ކަން ކުރާ ގޮތް މުޅިން ގޯސްކަމުގައި ދެކެވެއެވެ. މުޅިން ނުބައި ކަމުގައި ދެކެވެއެވެ. އެ ހިސާބުން އަނެކާއާއި ދޭތެރޭ ދެކެވޭ ގޮތް ހިތްތަކުގައި ކަސިޔާރުވެއެވެ. އެހެނީ މިއީ އެމީހެއްގެ އަގީދާ އާއި ގުޅިފައިވާ ކަމަކަަށް ވުމެވެ. މިކަމުގައި އެއްބަޔަކު "ލާދީނީ" ކުރެވޭ އިރު އަނެއް ބަޔަކު "ހަރުކަށި" ކުރެވެއެވެ. މިއީ މިފަދަ އެއްބައިވަންތަ މުޖުތަމައެއްގައި ކަން ވެގެން ވާނޭ ގޮތެެއް ނޫނެވެ.

ކަން މިހެން ހުރުމާއި އެކު، އިލްމު ނެތް އާންމުންގެ ތެރެއަށް އިލްމުވެރިންގެ ހިޔާލު ފަތާތުވުންތައް ދޫކޮށް ނުލާށެވެ. އިލްމުވެރިން ވާން ޖެހޭނީ ސުލްހައާއި އަމާން ކަމަށް ލޯބި ކުރާ ބަޔަކަށެވެ. ދީނުގައި ކަންކަން އޮންނަ ގޮތް ބުނެދޭން ވާނެއެވެ. ހައްގާއި ބާތިލު ވަކިކޮށްދޭން ވާނެއެވެ. ނަމަވެސް ހިޔާލު ތަފާތުވާ ކަންކަމުގައި ގަދަބަސް ބުނަން ނުހަދާށެވެ. އެހެނީ އެކަމުގައި އިލްމުވެރިން ބަދަހިކޮށް ތިބިކަމުގައި ވިޔަސް، އެކަމުގައި އާންމުންގެ މެދުގައި ބޮޑެތި ހިލާފުތަކެއް އުފެދިގެން ދިއުމެވެ. އެއް އާއިލާއެއްގެ ތެރޭގައި ވެސް ދީނީ ކަންކަމުގައި ކަން އޮންނަނީ ތިޔަހެނެއް ނޫނޭ މިހެންނޭ ކިޔާ އެ އާއިލާއެއްގެ އެއްބަޔަކު އަނެއްބަޔަކަށް އެކި އެކި ނަންނަމުން ގޮވާ ހެދެނީ މަދެއް ކޮށެއް ނޫނެވެ. މިއީ އިލްމުވެރިންނެއް ނޫނެވެ. މިއީ އާންމުންނެވެ. ވީއިރު އިލްމުވެެރިން ފަތުވާތައް ދެއްވާއިރު މިކަންކަމަށް ސަމާލުކަން ދޭށެވެ. ބައިބައިވުން މަދުކޮށް ސުލްހައަށް ލޯބި ކުރައްވާށެވެ. ދީނީގޮތުން މި ދީނުގެ މީސްތަކުން ބައިބައިވެ ހިޔާލުތަފާތުވުންތަކުގެ ޖަޒުބާތު ކެކި އުތުރި އެރުމަކީ ވަކި ކުޑަ ނުވަތަ އާދައިގެ ކަމެއް ނޫނެވެ. މިއީ އެއް ދީނެކެވެ. މިފަދައިން މި ދީނުގެ އަހުލުވެރިން ވާން ވާނީ އެއް ހަށިގަނޑެއްފަދަ ބަޔަކަށެވެ.