އަލީބާބާ ގްރޫޕްގެ ކޯ ފައުންޑަރ އަދި ކުރީގެ އެގްޒެކެޓިވް ޗެއާމަން ޖެކް މާ އާއިލާއާއެކު ޓޯކިޔޯގައި ދިރިއުޅޭތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާ ކަމަށް މަސްދަރުތަކާ ހަވާލާދީ ދަ ފައިނޭންޝަލް ޓައިމްސް އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ.
އޭނާ ހުރި ތަނުގެ ޚަބަރު ލިބިފައިވަނީ ޗައިނާއިން އެޤައުމުގެ ޓެކްނޮލޮޖީ ދާއިރާއަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާގެ މިހާރުގެ ވެރިކަމުގައި ބާރުގަދަ ވިޔަފާރިވެރިންނަށް ފިއްތުންތައް އަމާޒުކޮށްފައިވާއިރު، ޖެކް މާ ވެސް ވަނީ ޗައިނަގެ އެންޓި މޮނޮޕޮލީ ގަވާއިދުތަކާ ހިލާފުވުމުން ހޫނުފެނަށް ވެއްޓިފައެވެ.
މިހާރު ޖެކްމާ އުޅޭ ގެއާ ބެހޭ ގޮތުން ސީދާ މައުލޫމާތު ލިބިފައިވާ މީހުން މީޑިއާއަށް ބުނީ ޗައިނާގެ މި ބިލިއަނަރު ޓޯކިޔޯގައި ވަގުތު ހޭދަކުރަމުންދާއިރު، އާއިލާއާއެކޫ ޖަޕާނުގެ އެކި ހިސާބުތަކުގައި ވަގުތުތައް ހޭދަކުރަމުންދާކަމަށެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އާއި އޭނާގެ އާއިލާ ޗުއްޓީއަށް އެމެރިކާއާއި އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް ވަރަށް ގިނައިން ދަތުރުކުރެއެވެ. 2020 ވަނަ އަހަރު ޗައިނާގެ ރެގިއުލޭޓަރުންނަށް ފާޑުވިދާޅުވި ފަހުން ވިޔަފާރި މެގްނެޓް ޖެކް މާ މިހާރު އާއްމުކޮށް ނުފެންނަނަމަވެސް ސްޕެއިން އާއި ނެދަލެންޑްސް ފަދަ ބައެއް ގައުމުތަކުން އޭނާ ވަނީ ކޮންމެވެސް ވަރަކަށް ފެނިފަ އެވެ.
2020 ވަނަ އަހަރު އޭނާ ވަނީ ދައުލަތުގެ ބޭންކުތަކުގައި "ޕޯންޝޮޕް މެންޓަލިޓީ" އެއް އޮންނަ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ އެ ތުހުމަތުތައް ކުރުމަށް ފަހު، އޭނާ އުފެއްދި ކުންފުނިތައް ކަމަށްވާ އެންޓް އާއި އަލީބާބާ އަށް ޗައިނާގެ ރެގިއުލޭޓަރީ އިދާރާތަކުން ފިއްތުންތައް އަމާޒުކޮށް، ގިނަ ހުރަސްތަކެއް ކުރިމަތިކުރުވިއެވެ.
އެފްޓީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ ޓޯކިޔޯގައި ހުރި ދުވަސްވަރުވެސް އާއްމުންގެ ތެރެއަށް މާގިނައިން ނިކުމޭ ނޫޅޭ ކަމަށެވެ. އަދި ޚާއްސަކޮށް ޕަބްލިކް އިވެންޓްތަކާއި ފަންކްޝަންތަކުގަ ބައިވެރިނުވާކަމަށެވެ.
އޭނާގެ އިޖުތިމާއީ ހަރަކާތްތައް ބިނާވެފައިވަނީ މަދު މެމްބަރުންތަކެއްގެ މައްޗަށް އެކުލެވޭ 'ޕްރައިވެޓް ކްލަބް'ތަކުގައި ކަމަށާއި، އެގޮތުން ޓޯކިޔޯގެ 'ސްވިޝް ގިންޒާ ޑިސްޓްރިކްޓް'ގެ މެދުތެރޭގައިވާ ކްލަބަކާއި 'ފައިނޭންޝަލް ޑިސްޓްރިކްޓް'ގަ ހުންނަ 'އިމްޕީރިއަލް ޕެލަސް' ކުރިމަތީގަ ހުންނަ ކްލަބަކަށް އޭނާ ވަރަށް ގިނައިން ދިޔަކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ރަސްމީކޮށް ޔަޤީންނުކުރެވުނު ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޖެކް މާ ޖަޕާނުގައި ހޭދަކުރި ވަގުތު ބޭނުންކުރީ އޭނާގެ ވިޔަފާރީގެ މަސްލަހަތު ފުޅާކުރުމަށެވެ. މިކަމާ ގުޅިގެން ކޮމެންޓެއް ހޯދުމަށް ޖެކް މާ ފައުންޑޭޝަން އާއި އެންޓްގަ އެފްޓީއިން އެދުމުން ޖަވާބެއް ދީފަ ނުވާކަމަށް އެފްޓީއިން ވަނީ ރިޕޯޓްކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން