އާންމުކޮށް އަޅުގަނޑުމެން ސްޕީޑް ގުޅުވައިލަނީ ފައްސި ނަތީޖާތަކާއެވެ. ‘އަވަސް’ ވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ހީވެއެވެ. އަދި ‘ލަސް’ ވުމަކީ ގޯސް ކަމެއްގެ ގޮތުގައި ހީވެއެވެ. ކުއިޒް ތަކުންވެސް ދައްކުވައިދެނީ އަވަސް ވިސްނުމުގެ ފައިދާއެވެ. އަވަސް ޖަވާބުތަކުން އިނާމު ލިބޭއިރު، ލަސްވެއްޖެނަމަ ޕޮއިންޓް ނުލިބެއެވެ. ތައުލީމީ ދާއިރާ ހިމެނޭ ގޮތަށް ގިނަ ދާއިރާތަކުގައި "ސްޕީޑް"ގެ އަގު ވަޒަން ކުރެވެއެވެ. އެކަމަކު އަވަސް ކޮށްލުމަކީ ރަނގަޅުގޮތް ނޫންކަމުގައި ވެދާނެއެވެ. އަދި ލަސްވުމަކީ ހަގީގަތުގައި ގިނަ ހާލަތްތަކުގައި އަޅުގަނޑުމެންނަށް މާ ފައިދާހުރި ކަމެއްކަމަށް ވެދާނެއެވެ.
ޑޭނިއަލް ކާނޭމަން 2011 ވަނަ އަހަރު ލިޔުއްވި ފޮތެއް ކަމަށްވާ "ތިންކިންގ ފާސްޓް އެންޑް ސްލޯ" ގައި އިންސާނާގެ ސިކުނޑި އެކުލެވިގެންވަނީ ވާދަވެރި ދެ ނިޒާމެއްގެ މައްޗަށް ކަމަށް ލަފާދެއްވާފައިވެއެވެ. އޭނާގެ މައިގަނޑު ހައިޕޮތެސިސް އަކީ ވިސްނުމުގެ ދެ ގޮތެއްގެ މެދުގައި އުފެދިފައިވާ ޑައިކޮޓޮމީއެއް. ‘ސިސްޓަމް 1’ އަކީ އަވަސް، ޖަޒުބާތީ އެއްޗެކެވެ. ‘ސިސްޓަމް 2’ އަކީ ލަސް، މަސައްކަތެއް ކުރާ، ވިސްނުންތެރި، ހޭލުންތެރި، އަދި ލޮޖިކަލް އެއްޗެކެވެ. މިދެކަންތައް ހާމަކޮށްދިނުމަށްޓަކައި، ގިނަ ބައެއްގެ ތެރެއިން ރުޅިގަދަ ވެފައިވާ މީހެއް ފެންނަ ކަމަށް ތަޞައްވުރު ކޮށްލައްވާށެވެ. ސިކުނޑިއަށް ނުރައްކަލެއް ފެނި، ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި އެކަން ދެނެގަތުމަށް އަވަހަށް މަސައްކަތް ކުރާތީ، ވަގުތުން އެ ފަރުދަކަށް ފޯކަސް ކުރާނެއެވެ. މިއީ ‘އަވަސް’ ނިޒާމުގެ މިސާލެކެވެ. އަހަރެމެންގެ ސިކުނޑި އުފެދިފައި ހުންނަނީ މާހައުލުގައި ހުންނަ ވަކި ނިޝާންތަކަށް އަވަހަށް ރައްދު ދިނުމަށެވެ. މިއީ އަހަރެމެން ދިރިހުރުމަށް އެހީތެރިވެދޭ ކަމެކެވެ.
މިކަމާ ގުޅިގެން ލިޔެފައިހުރި މަޝްހޫރު ސައިންސް ފޮތްތަކުގެ ތެރެއިން، މެލްކަމް ގްލެޑްވެލް 2007 ވަނަ އަހަރު ނެރުނު ފޮތް "ތިންކިންގ ވިތައުޓް ތިންކިންގ" އަށް ބަލާލަމާތޯއެވެ. އޭނާގެ މައިގަނޑު ޚިޔާލަކީ އަމިއްލައަށް ނިންމާ ނިންމުންތަކަކީ ގިނަ ފަހަރަށް ފަރުވާތެރިކަމާއެކު ރޭވިފައިވާ އަދި ވިސްނާފައިވާ ނިންމުންތަކާ އެއްވަރަށް ރަނގަޅު ނުވަތަ އެއަށްވުރެ މޮޅު ނިންމުންތަކެއްކަމެވެ. "ސްނެޕް ޖަޖްމަންޓްސް "އާއި "ފަސްޓް އިމްޕްރެޝަންސް" އަށް ގްލެޑްވެލް ގެ ހިޔާލާއި ކާނޭމަންގެ ‘ފާސްޓް’ ވިސްނުމުގެ ކޮންސެޕްޓާ ފުށުއެރުންތަކެއް ވެއެވެ. ނަމަވެސް އަހަރެމެންގެ ސިކުނޑިއަށް މަސައްކަތްތައް ފުރިހަމަ ކުރުމަށް ގިނަ ވަގުތު ނަގާ ހާލަތްތައް ގިނައެވެ. މިސާލަކަށް ކާނޭމަންގެ ‘ލަސް’ ނިޒާމު ބޭނުންކޮށްގެން، މި އީކުއޭޗަން ފުރިހަމަ ކުރާށެވެ: 813+498+؟
ތިބާއަށް ޙަޤީޤަތުގައިވެސް ވިސްނަން ޖެހުނީއެވެ. އެއީ ތިބާގެ ‘ލަސް’ ނިޒާމެވެ. އަދި މިތަނުގައި ވާ ފަދައިން، ލަސްވުމަކީ ގިނަ ހާލަތްތަކަށް މުހިންމު ކަމެއް، އަދި ދުޅަހެޔޮ ސިކުނޑިއާއި ސިކުނޑިއެއްގެ ސިފައެއް ވެސް ލިބިދާނެ ކަމެކެވެ.
1986 ވަނަ އަހަރު ރޯމްގެ ރީތި، "ޕިއާޒާ ޑި ސްޕަގްނާ" ގައި މެކް ޑޮނަލްޑްސް ފާސްޓް ފުޑް ރެސްޓޯރެންޓެއް ހުޅުވަން ހަމަޖެހިފައި އޮތުމުން އެތަނުގައި ހަލަބޮލިކަން އުފެދުނެވެ. މިކަމުގައި އިސްކޮށް އުޅުއްވީ ކާލޯ ޕެޓްރީނީ ކިޔާ މީހަކު ކަމަށާއި، އޭގެ ފަހުން އޭނާ ވަނީ ‘ސްލޯ ފުޑް’ ހަރަކާތް އިފްތިތާހުކޮށްފަ އެވެ. ފާސްޓް ފުޑާ ހިލާފަށް މީހުނަށް ހިތްވަރު ދިނީ ދެމެހެއްޓެނިވި މަސްދަރުތަކުން ކާނާ ހޯދުމަށް ނަމަވެސް ލަސްލަހުން މަޑުމަޑުން، ރިލެކްސްކޮށް ނުވަތަ ހަމަޖެހިގެން ކެއުމުން "ގޭސްޓްރޯނޮމިކް" މައްސަލަތައް މަދުކަމަށެވެ. ކާނާގެ ރަހައާއި އުފާ ބަހުގެ ގޮތުން ގުޅިފައިވަނީ ކާ އެއްޗެއްގެ ‘ސޭވަރ’ މި ޢިބާރާތުގައި ފަދައިން ލަސްވުމާއެވެ. ‘މަޑުމަޑުން ކާނާ’ ކެއުމުން ފުރިހަމަކަން އިތުރުވެ، އަދި އުފާވެރިކަން އިތުރުވާ ކަމުގެ ހެކިތައް އެބަހުއްޓެވެ.މިއާ ހިލާފަށް އަވަސް އަވަހަށް ކެއުމަކީ ފަލަވުމަށް މަގުފަހިވާ ކަމެއް ކަމަށާއި، ނުރަނގަޅު ސިއްހަތެއްގައި ތިބި މީހުން ލަސްލަހުން ކެއުމަށް ޑރ. ލަފާ ދެއްވާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަވުމުގެ ބަލިމަޑުކަމަށް ބަލާއިރު، މިފަދަ ހޯދުންތަކަކީ މުހިންމު ހޯދުންތަކަކަށް ވަނީ ވެފައެވެ.
ހަގީގަތާ ގުޅުން ގެއްލިގެންދާ ބައްޔެއް ކަމަށްވާ ސައިކޯސިސްގައި ފަހުގެ ދިރާސާތަކުން ވެސް ރަނގަޅުވުމުގެ ނިޝާނެއްގެ ގޮތުގައި ލަސްވުމާއި ‘ހަމަޖެހިގެން’ ވިސްނުމަށް އިޝާރާތްކޮށްފައިވެ އެވެ. 2015 ވަނަ އަހަރު ކުރި ދިރާސާއެއްގައި ފިލިޕާ ގެރެޓީ އާއި އޭނާގެ އެކުވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފްސަށް ނުވަތަ މީހުންނަށް ގޯނާ ކުރުމުގެ ވަހުމުތައް ހުންނަ މީހުންނަށް އެމީހުންގެ ވިސްނުން ލަސްކޮށް، އަދި ‘އަވަސް’ ފިކުރުތަކަށް ހޭލުންތެރިވުމަށް އެހީތެރިވުމުން އެމީހުންގެ "ޕެރަނޯޔާ"ގެ މިންވަރު ދަށްވެއެވެ. އަދި މިފަދަ ބަލިމީހުން ވަގުތުން އެމީހުންގެ ހިޔާލުތަކާ ނިންމުންތަކަށް ފުންމާލުން ހުއްޓުވާލަން، އެމީހުންނަށް އެހީވެދެވުނެވެ.
މިކަމުގައި ވެސް ލަސްވުމަކީ ރަނގަޅުވުމަށް އޮތް މަގަކަށް ވެދާނެއެވެ. ގެރެޓީ އާއި އޭނާގެ އެކުވެރިން ވެސް ލަފާކުރައްވަނީ ލަސްވުމަކީ ޑިލޫޝަންތަކަށް ބަދަލު އައުމުގެ ކޮގްނިޓިވް މެކޭނިޒަމްތަކަށް ޕްރައިމް ޓާގެޓަކަށް ވާންޖެހޭނެ ކަމަށެވެ. އާ ތެރަޕީތަކުން ބަލިމީހުންގެ ކިބައިގައި ‘މަޑުމަޑުން’ ލަސްލަހުން ވިސްނުން އުފެއްދުމުން ވަރަށް ބޮޑު ފައިދާއެއް ލިބިދާނެ އެވެ. ގިނަ ނަފްސާނީ ބަލިތަކާއި މާއްދާ ބޭނުންކުރުމުގެ އުދަނގޫތަކުގައި އިމްޕަލްސިވިޓީއާއި ކޮމްޕަލްސިވިޓީ ހިމެނޭތީ، ލަސްވުން އުފެއްދުމަށް އަމާޒުކޮށްގެން ހިންގާ އިންޓަރވެންޝަންތައް އިތުރަށް ފުޅާވެއެވެ.
ލަސްވުމުގެ ހެޔޮ ސިފަތައް ނިއުރޯސައިންސްގެ ތެރޭގައި ވެސް ހޯދާފައިވާއިރު، ފިކުރު ލަސްވުމަކީ ސިކުނޑީގެ މަސައްކަތްތަކުގެ މުހިންމު ސިފައެއް ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.
‘މަޑު ހަރަކާތުން’ ނުވަތަ "ލަސްލަހުން" ދިރިއުޅުމުގެ ދުވެލި މަޑުޖައްސާލުމަށް ސަގާފީ ބަދަލެއް ގެނައުމަށް ވަކާލާތުކުރާ ފަދައިން، މިކަމުގެ ހެކިތައް ވެސް ވަކާލާތު ކުރެ އެވެ. ކެއުމުގައި ވިޔަސް، ކޮގްނިޓިވް ރީއެޕްރައިސަލް ވިޔަސް ނުވަތަ ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި މަޑުމަޑުން ވިސްނުމަކީ ވެސް އަޅުގަނޑުމެންނަށް ފައިދާހުރި ކަމެކެވެ. ލަސްވުމަކީ ނަފްސާނީ ސިއްހަތު ރަނގަޅުވުމުގެ އިންޑެކްސްއަކަށް ވެސް ވެދާނެ އެވެ.
ސްޕީޑަކީ ގިނަ ކަންތައްތަކެއްގައި މުހިންމު އެއްޗެއްކަން ފާހަގަ ކުރެވެއެވެ. އަވަސް ރިއެކްޝަންތަކާއި "އިންސްޓިންކްޓިވް ރެސްޕޮންސިވްނެސް" ނުވަތަ ކުއްލި ހަރަކާތުން ދިރިހުރުމަށް އެހީތެރިވެދެއެވެ. އެކަމަކު ‘ލަސްލަހުން’ ކުރާކަންކަން ނުވަތަ ހިޔާލްތަކުގެ ނަތީޖާ އެއީ ހޭލުންތެރިކަމާއި ވިސްނުންތެރި ނަތީޖާއެކެވެ. އަދި މިއަށްވުރެ ކޮމްޕްލެކްސް އިޖުތިމާޢީ މުޢާމަލާތްތަކަށާއި އަޚްލާޤީ ޖަޒުބާތުތަކަށް ފައިދާހުރި ނަތީޖާތަކެކެވެ. ފަހަރެއްގައި ‘އަވަސް’ ވިސްނުމާއި ‘ލަސްލަހުން’ ވިސްނުމަކީ ހަގީގަތުގައި އެއް ފައިސާ ފޮއްޗެއްގެ ދެ ފަރާތެއް ކަމަށް ވެދާނެއެވެ. އޭގެ ޒާތުގައި ގުޅުން ހުރި ނަމަވެސް އަމިއްލަ މިނިވަން ހެޔޮ ސިފަތަކެއް އެކުލެވިގެންވެ އެވެ. ގިނަގިނައިން ސްޕީޑަށް އިސްކަންދޭ އަޅުގަނޑުމެންގެ ބާރު ސްޕީޑެއްގައި ކުރިއަށްދާ މުޖުތަމަޢުގައި ލަސްވުމުގެ މުހިންމުކަން ހަނދާން ނައްތާލެވިގެން ނުވާނެއެވެ.
ސްޕީޑަކީ ހުރިހާ އެއްޗެއް ނޫނެނެވެ. އަދި ލަސްވުމަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް ގިނަ ހާލަތްތަކުގައި، ޚާއްޞަކޮށް ސިޔާސީ އަދި ވިޔަފާރީގެ ކަންކަމުގައި މާ ފައިދާހުރި ކަމެއް ކަމަށް ވެދާނެއެވެ. އެލޯއިސް ސްޓާކް ގަބޫލުކުރާ ގޮތުގައި ލަސްވުމަކީ ގިނަ ހާލަތްތަކުގައި މުހިންމު ކަމެއް ކަމަށާއި ދުޅަހެޔޮ ސިކުނޑިއާއި ސިކުނޑިއެއްގެ ސިފަ ވެސް ލިބިދާނެ ކަމެކެވެ. ބާރު ދުވެލީގައި ވިސްނުމެއް ނެތި ކުރާ ކަންކަމަށް ވުރެން ލަސްލަހުން ވިސްނައިގެން އަޅަމުންދާ ފިޔަވަޅުގެ ނަތީޖާ މާ ފޮންޏެވެ.
މަޑުމަޑުން ލަސްލަހުން ކަންކަން ކުރުމުން އަހަރެމެންނަށް ކެތްތެރިވާން ދަސްކޮށްދެއެެވެ.
އަދި ކެތްތެރިކަމަކީ އޭގެ އަމިއްލަ ހަދިޔާއެއް، ޚާއްޞަކޮށް ކަންކަން އަޅުގަނޑުމެންގެ ކޮންޓްރޯލުން ބޭރުގައި ހުރެ، އެކަމަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތް ދުވަސްވަރު ފޮނި ނަތީޖާއެއް ގެނުވާ އެއްޗެކެވެ.
ލަސްލަހުން ކަންކަން ކުރުމުން ޝުކުރުވެރިވާން ދަސްކޮށްދެއެވެ.
އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެ ތެރެއަށް، ހުރަހެއް ނުވަތަ ކުޑަ ލަސްވުމަކުން ވެސް ފަސޭހައިން މާޔޫސްވެވޭނެ އެވެ. އަދި އަޅުގަނޑުމެން އަޅާ ކުދިކުދި ފިޔަވަޅުތަކާއި، އެ އިތުރުވަމުން އަންނަ ކާމިޔާބީތަކާއި، އާންމު ދިރިއުޅުމުގެ ރަނގަޅު ނުރަނގަޅު ކަންތައްތަކަށް - ޤަބޫލުކޮށް ޝުކުރުވެރިވުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ގެއްލިގެންދެއެވެ.
ލަސްލަހުން ކުރާ ކަންކަމުގައި ކުދިކުދި ގޯސްތައް ހެދުމުގެ ފުރުސަތު ކުޑައެވެ.
ކަމެއްގައި އަވަސްވެގަނެގެން އުޅޭނަމަ އެކަމެއް ގޯސްކޮށް ދިއުމުގެ ފުރުސަތު ބޮޑެވެ. ލަސްލަހުން އުޅުމުން އަޅުގަނޑުމެންނަށް ކުދިކުދި ގޯސްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އަޅުގަނޑުމެން ކުރިއަރައި ދިއުމަށް އެހީތެރިވެދޭތީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ބޮޑެތި ގޯސްތަކުން ސަލާމަތްވެވެއެވެ.
ސްލޯ ނުވަތަ ލަސް، ވުމަކީ ފަރުވާކުޑަކަމާއި ނިންމުމެއް ނިންމުމުގެ ޤާބިލުކަން ނެތްކަމުގެ ނިޝާނެއްނޫނެވެ. ލަސްވުމަކީ އެންމެ ބާރުގަދަ ކާމިޔާބީކަމަށް ވެދާނެއެވެ.
ސްލޯ ފަލްސަފާއަކީ ފިނިހަކައިގެ ސްޕީޑުގައި ހުރިހާ ކަމެއް ކުރުމެއް ނޫނެވެ. އެއީ ހުރިހާ ކަމެއް ރަނގަޅު ސްޕީޑެއްގައި ކުރަން ފުރުސަތު ހޯދުމެވެ. ހަމައެކަނި ގަޑިތަކާއި މިނިޓްތައް ގުނާލުމަށްވުރެ ކަމެއްގެ ފޮނިކަން ލިބިގަތުމެވެ. ވީހާވެސް އަވަހަކަށް ކުރުމުގެ ބަދަލުގައި، ވީހާވެސް ރަނގަޅަށް ހުރިހާ ކަމެއް ކުރުމެެވެ. ވިޔަފާރިއާ، ސިޔާސީ ކަންކަމާއި ، އަމިއްލަ މަސައްކަތުން ފެށިގެން ކާނާ އާއި ބެލެނިވެރިކަމުގެ ހުރިހާ ކަމެއްގައި "ކޮލިޓީ އޯވަރ ކުއަންޓިޓީ " ޚިޔާރު ކުރާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން