ެއުޅުމެއްގެ ގޮތުން އެއީ ދިރިއުޅުމެއް ނޫނެވެ! މި ދައްކަނީ މީހަކު ނުވަތަ ބަޔަކު އުޅޭ ގޮތެއްގެ ވާހަކައެއް ނޫނެވެ. މިއީ ގިނަބަޔަކު އުޅޭ ތަނެެއްގެ ވާހަކައެވެ. މިއީ މާލޭގެ ވާހަކައެވެ. އާދޭހެވެ! މާލޭގެ ދިރިއުޅުމަކީ އުޅުމެއްގެ ގޮތުން ދިރިއުޅުމެއް ނޫނެވެ. މާލޭގައި އުޅޭ ބަޔަކު އެތަނުގައި "ގޭނެނީއެވެ"!
އާދޭހެވެ! މިއީ ވަރަށްގިނަ ބަޔަކު އެކަމާ ދެކޮޅު ހަދާފާނެ ހިޔާލެކެވެ. ނަމަވެސް ވިސްނާ ފިކުރުކޮށްފި މީހެއްނަމަ، ނުވަތަ ރަށްފުށުގެ ސާދާ ދިރިއުޅުމާއި މާލޭގެ ކާރޫބާރޫބޮޑު ދިރިއުޅުން އަޅާ ކިޔައިފި ކޮންމެ މީހަކަށް މިކަން ވިސްނޭނެއެވެ.
ހިތްހަމަ ޖެހޭ ދިރިއުޅުމަކަށް ބޭނުންވަނީ އަބަދުވެސް އެ ހިތްހަމަ ޖެހުމެއް ލިބިދޭ ކަންކަމުގެ އިހުސާސް ވުމެވެ. ނަމަވެސް މާލެއިން ފެންނަ މަންޒަރަކީ އަދި މުޅިން ތަފާތު މަންޒަރެކެވެ. އެބުނާ މާލޭގެ ހިތްހަމަ ޖެހުން ކަމުގައިވާ ގިނަ، ފަހި އަދި ފުޅާ ހިދުމަތްތަކަކީ އަބަދު ހޯދަން ޖެހޭ ހިދުމަތްތައް ކަމުގައި ވެގެން ނުދެއެވެ. ނަމަވެސް މާލޭގެ މާހައުލުގައި އުނގުޅި ކޭތުމަކީ އެތަނުގައި އުޅޭ ކޮންމެ މީހަކު، ހަމަ ކޮންމެ ދުވަހަކުމެ ކުރާނޭ ކަމެކެވެ.
ވިސްނާލާށެވެ. މާލޭގައި ނަމަ ގޭގައި ރީތިވެ ނަލަހެދިގެން، ރީތި ޕޮލިޝްކުރި ބޫޓަކަށް އަރައިގެން ނުވަތަ އިސްބުޑު އުސްކުރި ފައިވާނަކަށް އަރައިގެން ނުކުމެ ހިނގާލަން ޖެހެނީ ކޮން ތަނެއްގާ ތޯއެވެ؟ ކާނުތަކުގެ ދާފަށާ އޮތީ ކޮށިފައެވެ. މަގުގާ ޖަހާފާ ހުރި ގާތަކުގައި ދެގައި ހަމަހަމައަށް އެއްވަރަށް ނީދެއެވެ. ހަނި ދުވާރުމަތީ ހިނގާފާދާއިރު، ގެއިން މިސްކިތާ ހިސާބަށް ދާން ވާއިރަށް ވުޟޫހުންނަނީ ގެއްލިފައެވެ. އެކަކު ކައިރިން ނެއްޓި އަނެކަކު ކައިރި ނެއްޓި ހިނގަން ޖެހޭ ގޮތުން ހީވަނީ ހަރުފައެއް ފުރޮޅޭ ހެންނެވެ. ރީތި ބޫޓުގައި އައިސް ހިންގަން ޖެހެނީ ބުޅާ ސީތަކު މަތީގައެވެ. ބުޅާ ސީގަނޑަކަށް ނާރަން ދުރުކޮށްލި ފައި ގޮސް ދެން އެޅެނީ ކޮންމެވެސް ކުނި ކޮތަޅެއްގައެވެ. ދެން އެއަށްވުރެ އަވަހަށް އަނެއްފައި ނަގާ އަޅާލަން ބަލާލާއިރު، ތާޒާ އަރިދަފުސްގަނޑެކެވެ. ނުވަތަ ރަތް ހައްޕުނޑުގަނޑެކެވެ.
މަގެއް ހުރަސް ކުރަން ހުންނަ މީހެކޭ ފިލާވަޅެއް ދަސްކުރާ މީހެކޭ އެއްފަދައެވެ. ފަހަރުގައި މާލެއަށް ފަރިތަ ބޭފުޅަކަށް މިކަން އިހުސާސް ނުކުރެވިދާނެއެވެ. ދެން އޮތީ ކެނޑި ނޭޅި މާލެއަށް ވެހޭ ވިއްސާރައެއްގެ ވާހަކައެވެ. ދަރިފުޅު ރޯތީ ކައިރި ހުރި "ޓޭކް އަވޭ" އަކުން އައިސްކޯނެއް ގަތީމެވެ. ކުރިއަށް އެޅުނީ ފަސް ފިޔަވަޅެވެ. އެ އައިސްކޯނުގެ ކްރިމްގަނޑަށް މާލޭ ވިއްސާރައިގެ ދެތިކި ޖަހައިފިއެވެ. މިވެސް ފަހަރުގައި މާލޭގައި އުޅި ފަރިތަ ބޭފުޅެެއްނަމަ ފާހަގަ ނުވެދާނެ ކަމެކެވެ. މިދައްކަނީ މަގުތަކަށް ދޫކޮށްލާފައި ހުންނަ އޭސީ ހޮޅިތަކުގެ ވާހަކައެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން، ގޭގެ ތިރީގައި ހުރި ރެސްޓޯރެންޓުން، ބަންދުކޮށްލައިގެން މި ގެންނަނީ ތާޒާ ހޫނު ބަތެކެވެ. އެ ހިފައިގެން އަރަން މި ޖެހެނީ ގޭގައި ހުރި ލިފްޓުންނެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ހަމަ އެލިފްޓުގައި އެހެރަ އުފުލަނީ ކުނިކަމުން "ތާޒާ" ވެފައި ހުރި ބަދިގެ ޑަސްބިންތަކާއި ބޮޑުކަމު އަތިރިއަށް ގޮސްފައި ހުންނަ ނެޕީތަކެވެ. އެޔޮށް ގަތް ފަކުރަކުން މުޅި ރޭގަނޑުގެ ކެއުން ހަރާބު ވެއްޖެއެވެ. މިކަންވެސް ފަހަރުގައި މާލެއަށް ފަރިތަ ބޭފުޅެއްނަމަ ފާހަގަ ނުވެދާނެއެވެ. މިކަންކަން އިހުސާސް ކުރެވޭނީ ރަށްފުށުގެ ސާދާ ދިރިއުޅުން ތަޖުރިބާ ކުރާ ބަޔަކަށް އެކަންޏެވެ.
މަގުމަތީ ހުއްޓާ އަތިރިއަށް ދަވައިގަތެވެ. ކުޑަކޮށް ހިނގުން ހަރުކޮށްލީމެވެ. ބަނޑު ކައްކާލާފައި ދެން އަޅަން ފެށީ އަޑިއަޑިން ނުބައި ވޭނެކެވެ. މާގިނަ އިރެއް ނުވެ ގޭ ދޮށަށް އާދެވިއްޖެއެވެ. ލިފްޓް ދޮށުގައި ދަމާލި ކިޔު ވަރަށް ދިގެވެ. މިއުޅެނީ އަމިއްލަ ގެއަށް ވަންވަން ވިއްޔާއެވެ. މުބާރަތަކުން ވާދަކޮށް ކުރިއަރާ ދާން އުޅޭހެންވެސް ހީވާ ކަހަލައެވެ. އަތިރިޔަށް ނުގޮސް ހިފެހެއްޓޭކަށް ނެތެވެ. ކައިރިއަކު ފާހަނާ އެއް ނެތެވެ. ގާތް އެކުވެރިއަކު ފެންނާކަށް ނެތެވެ. އަވަށްޓެރިއެއް ފެނުނަސް އޭނާގެ ގެއަށްވެސް އަވަހަށް ދެވެން ނެތްކަން އިނގުނެވެ. ކިޔު ފަޅާލާފައި އަތިރިއަށް ދާންވެއްޖޭ ބުނެ ދާކަށްވެސް ނުކެރުނެވެ. ހުރިތާ ހުރެ ގަޔަށް ލާކަށްވެސް ނުކެރުނުވެ. އެކަމަކު މި ހުރެވުނީ ހަމަ އަމިއްލަ ގޭ ދޮށުގާ ވިއްޔާއެވެ.
މިއީ ކޮންފަދަ ދިރިއުޅުމެއް ތޯއެވެ؟ އުޅުމެއްގެ ގޮތުން މިއީ ދިރިއުޅުމެއް ހެއްޔެވެ؟ މިއީ އަދި މާލޭގެ ވާހަކައިގެ އެއްބައެވެ. އަދިވެސް ދެއްކިދާނެ ކިތައްމެ ވާހަކައެއް އެބަ އޮތެވެ. ނަމަވެސް ގައުމުގެ ނިޒާމު މަޖުބޫރު ކުރަނީ މި މާލެއަށް އައުމަށެވެ. ރަށްފުށުގައި ކައިވެންޏެއް ކުރަން ޖެހުނަސް މާލެ ނައިސް އެކަން ފަރުޖެހެނީ މަދު ފަހަރަކުއެވެ. މި ނިޒާމު ބަދަލު ކުރަން އެބަ ޖެހެއެވެ. ލާމަރުކަޒު ކުރަން އެބަ ޖެހެއެވެ. ރަށްފުށުގެ ސާދާ ދިރިއުޅުމުގައި ދިވެހި އާދަތަކާއި ސަގާފަތްތަކުގައި ކުރިއަރާ ދާ ބަޔަކަށް އަހަރެމެން ވަމާ ހިނގާށެވެ. ޒަމާން ބަދަލުވިޔަސް މިއީ ދިވެހިންނެވެ. އަމާން އޮމާން، ފަހި ފެހި، ސާދާ ހިމޭން ދިރިއުޅުމެއް އުޅުނު ބައެކެވެ. ދެންވެސް އެހެން ނޫޅެވެންވީ ސަބަބެއް ނެތެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން