ހަގީގަތަކީ ކިތައްމެ ހިތިނަމަވެސް ގަބޫލުކުރަން ޖެހޭނެ އެއްޗެކެވެ. ދުނިޔެ ދައްކާ މަންޒަރުތަކާއި ކުރެހި ތަމްސީލުވާ ކަންކަމުގެ މައްޗަށް ޝަކުވާކޮށް ބަހަނާ ދެއްކުމެއް ނެތެވެ. ޒަމާން މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެއްކަމެއް ދެކަމެއް ނޫނެވެ. މުޅި އިންސާނީ ދަރިފަސްކޮޅުގެ އުޅުމާއި ގުޅުމެވެ. މިކަމުގެ ތެރެއިން މިއަދު އަހަރެމެން އިންސާނުން ފަރުވާކުޑަ ކުރާ ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ އާއިލާއަށްޓަކައި ހޭދަކުރާ ވަގުތެވެ. މިއަދު ހިތި ނަމަވެސް ހަގީގަތަކީ ގިނަ މީހުން، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ވަގުތު ނުދެވޭ ކަމަށް އަމިއްލައަށް އެއްބަސްވާ ކަމެވެ. މިކަމުގައި މިއަދު ފިރިހެނެއް އަދި އަންހެނެއްވެސް އިސްތިސްނާއެއް ނުވެއެެވެ.
އާދޭހެވެ! ދިރިއުޅުމަށް މަސައްކަތް ކުރަންވާނެއެވެ. ފައިސާ ހޯދަން ވާނެއެވެ. އާމްދަނީ ހޯދަންވާނެއެވެ. މުދާވެސް ހޯދަންވާނެއެވެ. އަމިއްލަ ނަފްސުގެ އުފާވެރިކަން ހޯދަންވާނެއެވެ. އަމިއްލަ އެދުންވެސް ބައެއްފަހަރު އިސްކުރަންވާނެއެވެ. ނަމަވެސް އާއިލާއާއި އެކުވެސް ވަގުތު ހޭދަކުރަން ޖެހޭނެއެވެ. މިއަދު ދިވެހި މުޖުތަމައަށް ދިމައިވެފައިވާ އިޖްތިމާއީ ގިނަ މައްސަލަތަކުގެ ސިއްރަކަށް، އާއިލީގުޅުންތައް ހީނަރުވުން އޮންނަނީ ވެފައެވެ. އާއިލީ ގުޅުންތައް ހީނަރުވުމުގައި، އާއިލާގެ ހަރު ބޭބޭފުޅުން، އާއިލާއަށް ހުސްކުރާ ވަގުތު މަދުވުން ހިމެނެއެވެ. މިއަދު ގިނަބަޔަކު މިކަންކަމަށް އަމިއްލައަށް އިއުތިރާފުވެއެވެ.
ވަޒީފާތަކަށް ދާ މީހުން މިއަދު ވަރަށް ގިނައެވެ. އަމިއްލަ ވިޔަފާރިކުރާ މީހުންވެސް އެހާމެ ގިނައެވެ. މިކަންކަމުގައި އެޖިންސެއް، މިޖިންސެއް ކިޔާނެ ކަމެއް ނެތެވެ. މިފަދަ ކޮންމެވެސް މަސައްކަތެއްގައި އެތައްބަޔަކު މިއަދު މި ވަނީ ވަރަށްބޮޑަށް ކުރިއަރާ ގޮސްފައެވެ. އެފަދަ މީހުންގެ އިންޓަވިއުތައް އެކިތަންތަނުން އެކި ގޮތްގޮތަށް ގެނެސްދީ ހަދައެވެ. މިފަދަ އިންޓަވިއުތަކުގައި ގިނަ ބަޔަކު، އާއިލާއަށް އެކަށީގެންވާ ވަގުތު ނުދެވޭކަމަށް އިއުތިރާފުވަނީ ފަހުރުވެރިކަމާއި އެކުގައޭ ހީވާ ކަހަލައެވެ. ނަމަވެސް އެކުރެވެނީ އަދި މާ ތާހިރު ކަމެއް ނޫނެވެ.
މިއަދު ދަރިފުޅު ބަލިވެގެން، އެ ދަރިފުޅު ގޮވައިގެން ޑަކްޓަރަށް ދައްކަން ދާކަށް މައިންބަފައިންނަކަށް ވަގުތެއް ނުވެއެވެ. އެދަރިން ޑަކްޓަރަށް ފޮނުވަނީ ކޮންމެވެސް އެހެން މީހަކު ލައްވައެވެ. ނުވަތަ އެދަރިން ގޮވައިގެން ޑަކްޓަރަށް ދައްކަން ދަނީ އެ މައިންބަފައިން އެ ކުރާ ކަމަކުން އަވަދިވެގެން ދެން ލިބޭ މަދު ހުސްވަގުތުކޮޅެއްގައެވެ. އެފަދަ ގޮތަކަށް ގޮވައިގެން ދެވުނު ނަމަވެސް ހުންނަނީ ކޮންމެވެސް ކަމެއްކުރަން ޖެހޭތީ ލަސްވެފައެވެ. މުސްކުޅި މައިންބަފައިންނަށްވެސް ޒުވާން ދަރިން ޖައްސަނީ މިފަދަ ހާލެކެވެ. ގިނަފަހަރަށް އެ މައިންބަފައިން ޑަކްޓަރަށް ދައްކަން އަންނަނީ އެކަންޏެވެ. ކާ ބޭހެއް ކެވޭ ބޭހެއް ކެވޭ ގޮތެއް އެމީހުންނަކަށް ނޭނގެއެވެ. އެކަމުގައި އެހީތެރިކަމެއް ވެދޭނޭ ދަރުއަކު ނުހުރެއެވެ. އެދަރިންގެ އަމިއްލަ ދިރިއުޅުމުން އަވަދި ނުވާތީއެވެ.
މިއަދު ގިނަ މައިންބަފައިން ބަލަނީ އެމީހުންގެ ދަރިން ގިނަ ތަންތަނަށް ފޮނުވޭތޯއެވެ. މައިންބަފައިންނާ ދުރަށެވެ. ސަބަބަކަށް ދައްކަނީ އެދަރިންނަށް ގިނަ އެއްޗެހި އުގަންނައިދީ ދަސްކޮށްދޭށެވެ. ނަމަވެސް ހަގީގަތް ހޯދާ ބެލުމުން އެނގެނީ، އެދަރިން ގޭގައި އެކަނި ނުބައިތިއްބަން ކޮންމެވެސް ތަނަކަށް ފޮނުވަން ފޮނުވަނީއެވެ. ނުވަތަ އެދަރިން ގޮވައިގެން އުޅެން ޖެހުމުން، މައިންބަފައިންނަށް އުނދަގުލެއް ވާތީ، އެދަރިން ދުރަށް ފޮނުވާލަން ފޮނުވަނީއެވެ. މިއީ ބަޔަކު ގަބޫލު ނުކުރި ނަމަވެސް ހަގީގަތެވެ. ބަހަނާއެއް ދެއްކުމެއް މިކަމުގައި ނެތެވެ.
މައިންބަފައިން ދަރިންނާއެކު ހޭދަކުރާ ވަގުތުތަކާއި ދަރިން އެމީހުންގެ މުސްކުޅި މައިންނާއި އެކު ހޭދަކުރާ ވަގުތުތައް މިއަދު އިންތިހާއަށް މަދެވެ. ނަތީޖާއަކަށްވަނީ ބޮޑެތިވަމުން އަންނަ ދަރިން، އާއިލީގުޅުންތަކާއި ދުރަށް ދިއުމެވެ. އެހެނީ ބޮޑެތިވަމުން އަންނަނީ މާބޮޑު އާއިލީގުޅުމެއް އޮވެގެނެއް ނޫނެވެ. މުސްކުޅި މައިންބަފައިން ބިކަވެ ބާކީވަނީ މަދެއްކޮށެއް ނޫނެވެ. އަޅާލާނެ ދަރިން ކިތައްމެ ގިނަވިޔަސް، އަޅާލާނޭ އަތެެއް ނޯވެއެވެ. މުސްކުޅި އުމުރު އެކަމުގެ ހިތްދަތިކަމާއި އެކަނިވެރިކަމުގައި ގުނަނީ ކިތައް ކިތައް މައިންބަފައިން ތޯއެވެ.
ތިމާ ފައިސާ ހޯދާ، އެ ފައިސާއިން ދަރިންނަށާއި މައިންނަށް ހަރަދުދީ، ދެންވެސް ފައިސާއިން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުން، ދަރިންނާއި މައިންގެ ހައްގު އަދާވީހެއްޔެވެ؟ ނޫނެކެވެ. ބަޔަކު އެހެން ވިސްނައިދިނަސް އެއީ އެކަން އޮންނަން ޖެހޭނޭ ގޮތެއް ނޫނެވެ. ހޭދަކުރާ ފައިސާއަށްވުރެ، ހޭދަކުރެވޭ ވަގުތުގެ އަގު މާ ބޮޑެވެ. އެކަން ނުދަންނަނީ ކީއްވެ ހެއްޔެވެ؟ މިއަދު އެކަން އެހެން ނުދަތަސް، މުސްކުޅިވެ ތިމާގެ ގައިބާރު ދެރަވާދުވަހު އެކަން އިހުސާސް ކުރަން ޖެހޭނެއެވެ. އެހެންކަމުން، އާއިލީ ގުޅުންތަކަށް ސަމާލުކަން ދޭންވާނެއެވެ. އެގުޅުންތަކަށް ވަގުތު ހުސްކުރަން ޖެހޭނެއެވެ. އާއިލާއާއި އެކު ވަގުތު ހޭދަކުރުމަކީ ހަމައެކަނި ހުސްވަގުތުގައި ކުރާކަމަކަށް ނުހަދާށެވެ. އެއީ ވަގުތު ހޯދައިގެން ކުރަންޖެހޭ ދީނީ އިޖްތިމާއީ އަދި އިންސާނީ ވާޖިބެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން