ބަވަނަވަމުންދާ މި ދުނިޔޭގައި މިއަދު ތަޢުލީމުގެ އަގު މިދަނީ ދަށަށޭ ބުނެވިދާނެއެވެ. ހާއްސަކޮށް ރާއްޖޭގެ މާހައުލުގައި މިކަން މިމަގުން ހިނގާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެނީ ތަޢުލީމީ ފެންވަރަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކާއި، އިންތިހާބީ މަގާމުތަކުގައި، ބޮޑު މުސާރައިގައި ގިނަ އަދަދެއްގެ މީހުން އުޅޭތީއެވެ. އަދި ރިސޯޓު ދާއިރާގައި މަސައްކަތް ކުރާ، ތަޢުލީމީ ގޮތުން މާމަތީ ފާހެއް ނެތް އެތައް ބަޔަކަށް ބޮޑު މުސާރަ ލިބޭތީއެވެ. ތަޢުލީމީ ފެންވަރަށް ބެލުމެއް ނެތި ބައެއް ރިސޯޓުތަކުން ވަޒީފާ ލިބޭތީއެވެ. އެ ވަޒީފާތަކުގައި ހުރެގެން ތަޖުރިބާ ހޯދުމާއި އެކު މަގާމުގެ ކުރިއެރުން ހޯދާ މަތީ ހަރުފަތް ތަކަށް ދެވޭތީއެވެ. އަލަށް ރިސޯޓްގެ ވަޒީފާ އަށް ވަންނައިރު ގިނަ ވަޒީފާތަކަށް ޝަރުތު ކަނޑައަޅާފައި އޮންނައިރު، ކޮންމެހެން މާ މަތީ ސަނަދެއް އޮންނަން ނުޖެހޭތީ އެވެ. މިއާ ހިލާފަށް، އިތުރަށް މަތީ ތައުލީމު ހާސިލްކުރުމަށް ނުވަތަ ޢިލްމު ހޯދަން، ޢިލްމު އުނގެނެން މަސައްކަތްކުރާ ގިނަ މީހުން، އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރާއިރު، އާމްދަނީއެއް ލިބެން ފަށަނީ އެތައް އަހަރެއް ފަހުން ކަމަށް ވީހިނދު، ރިސޯޓުތަކުން ހަލުވި ސްޕީޑެއްގައި އެ ހުރިހާ ކަމެއް މަގުފަހިވުމެވެ.
އާދޭހެވެ! ސަބަބުތައް މިހެން ހުރުމާއި އެކު، ތަޢުލީމީގޮތުން ކުރިއަރާ ދިއުން އެއީ ބޭނުންތެރި ކަމެއް ކަމުގައި ގިނަބަޔަކު ނުދެކެއެވެ. ހާއްސަކޮށް ސުކޫލުތަކުގައި ކިޔަވާ ކުދިންނެވެ. ގިނަފަހަރަށް އެކުދިންގެ މައިންބަފައިންވެސް ގަބޫލުކުރަނީ އެކަން އެމަގުން ގަބޫލުކުރެއެވެ. ސުކޫލުކުދިން ތަޢުލީމާ ދުރަށްދާ އެއްމެ ބޮޑު އެއް ސަބަބަކީ ރިސޯޓުތަކޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކުއްޖާ ސުކޫލުގައި ކިޔަވަމުންދާއިރު، ރަށުތެރޭގެ މާހައުލާއި ރަށުތެރޭގައި ކަންކަން ހިނގާ ގޮތް އެނގެއެވެ. އާއިލާ ތެރޭގައި ދެކެވޭ ވާހަކަތަކާއި ކަންކަން ވަމުންދާ ގޮތް އެނގެއެވެ.
ތަޢުލީމީގޮތުން މޮޅު ބޭބެ، ތަޢުލީމު ހާސިލްކުރަން މާލެ ދިޔައީ މަންމަ އާއި ބައްޕަގެ ހަރަދުގައެވެ. މަންމަ އާއި ބައްޕަ، ލޯބޯ ފިއްސައިގެން ހޯދާ މަދު އާމްދަނީން އެ ބޭބެގެ ތަޢުލީމީ ކަންކަމަށް ހަރަދު ކުރަން ޖެހެއެވެ. މާލޭގައި ހުންނަ ހުރުމަށް، ގޭގެ ކުލި ދައްކަން ޖެހެއެވެ. މި މަންޒަރު، ގޭގައި ހަގަށް ތިބި ކުދީންނަށް އެބަ ފެނެއެވެ. ދެން ސުކޫލު ނިންމާލި އަނެއް ބޭބެ، ކިޔެވުމަކަށް ޝައުގުވެރިކަމެއް ނެތެވެ. ބޮޑު ބޭބެ މާލޭގައި ކިޔަވަން ހުއްޓާ މެދަށް ހުރި ބޭބެ ސުކޫލު ނިންމާލުމަށްފަހު ރިސޯޓަކަށް ވަޒީފާއަށް ހިނގައްޖެއެވެ. ރިސޯޓުން ރަނގަޅު އާމްދަނީއެއް އެބަ ހޯދައެވެ. އެ ބޭބެގެ އަމިއްލަ ކަންކަމާއި ގޭތެރޭގެ ބައެއް ހަރަދުތަކާއި، ކޮށްކެގެ ބައެއް ހަރަދު ތަކާއި އަދި މާލޭގައި ކިޔަވަންހުރި ބޭބެގެ ބައެއް ހަރަދުތައްވެސް މި ބޭބެ އެބަ ކޮށްދެއެވެ.
ކިޔަވަންދިޔަ ބޭބެ އަދިވެސް ކިޔަވަނީއެވެ. އޭގެ ފަހުން ސުކޫލު ނިންމާ ރިޒޯޓަށް ދިޔަ ބޭބެ މިހާރު ހަރުދަނާ ދިރިއުޅުމެއް ފަށައިފިއެވެ. ގޭގައި ރަނގަޅު ފެންވަރެއްގެ ކޮޓަރިއެއް ހަދާ، ގެއަށް އެހެން މީހަކު ގެންނަންވެސް ތައްޔާރުވަނީއެވެ. އަދިވެސް އެއްކަލަ ތަޢުލީމަށް ލޯބިކުރި ބޭބެ އެ ހުންނަނީ ލާރިއެއް ނުހޯދާ ކިޔަވާށެވެ. މި މަންޒަރު މި ދެކެނީ އެއްމެ ހަގު ކޮއްކޮއަށެވެ. އެ ކޮށްކެވެސް ސުކޫލު ނިމެން އުޅެނީއައެވެ. އެ ކޮއްކޮއަށްވެސް ތަންދޮރު އެބަ ވަކިވެއެވެ. ދެން ވާނީ ކިހިނެއްތާއެވެ.
ކޮއްކޮ ސުކޫލު ނިމެން ކައިރިވާ ވަރަކަށް، ކިޔެވުމާއި ދުރުވާން ފަށާއިފިއެވެ. ވަނީ ކީއްކަމެއް މަންމަ އަކަށް ބައްޕައަކަށް އަދި މުދައްރިސުންނަކަށްވެސް ނޭނގެއެވެ. ރަނގަޅަށް ކުއްޖާކުރެން އެހުމުން ޖަވާބުދިނެވެ. "މަންމާއެވެ! ކިޔަވަންވީ ކީއްކުރަން ހެއްޔެވެ؟ ކިޔެވުން އެއީ ބުރަކަމެކެވެ! އޭގެ ނަތީޖާ ލަސް ކަމެއް ނޫން ހެއްޔެވެ! ނުކިޔަވާ އުޅެން އަހަރެންނަށް މާ ފަސޭހައެވެ! ނުކިޔެވުމަކުން އޮތް ގެއްލުމެއް އެބައޮތް ހެއްޔެވެ؟ ނުކިޔަވާ ހުއްޓަސް ވަޒީފާ އެބަ ލިބޭ ނޫން ހެއްޔެވެ؟ އަދި އެ ވަޒީފާގައި ލިބޭ އާމްދަނީ ވަކި ކުޑަ ހެއްޔެވެ؟ ބައްޕާއެވެ! ބައްޕަ މިކަމަށް ހެކިވާނެއެވެ! ނިކަންހުރެ އަހަރެންގެ ދެ ބޭބެއަށް ބަލާބަލާށެވެ. ކިޔެވުމައިގެން އެ އުޅޭ ބޭބެ އަދިވެސް އެކަމުގައި ބައްޕަމެންގެ އަތުން ރުފިޔާ ނަގައިގެން، ހަރުދަނާ މީހަކަށް ނުވެވިގެން އަދިވެސް އެ އުޅެނީތާއެވެ. ނުކިޔަވާ އުޅުނު ބޭބެ ކޮޓަރިއެއް ހަދާ މީހަކާ އިންނަނީއެވެ. ނުވިތާގަ އާއިލާ އެއްމެންގެ ބައެއް ހަރަދުތައްވެސް ކޮށްދެނީތާއެވެ! ދެން ނިކަން ބައްޕަ ބުނެބަލާށެވެ! އަހަރެން ކިޔަވަންވީ ކީއްކުރަން ހެއްޔެވެ؟"
ދުނިޔޭގައި މިއަދު ފައިސާ އަކީ ހުރިހާވެސް އެއްޗަކަށްވެ ނިމިއްޖެއެވެ. ރިސޯޓުތަކުގައި ދެވޭ އަސްލު މުސާރަ ހިސާބަކަށް މަދުނަމަވެސް ލިބޭ ސާވިސް ޗާޖާއި އަދި ލިބޭ ޓިޕްސް ފަދަ ފައިސާގެ ސަބަބުން ގެއަށް ގެންދަން ބޮޑު އަދަދެއް ލިބެއެވެ. މިހާރު ސުކޫލުތަކުގައި އުޅޭ ކުދިންވެސް ދައްކަނީ އެވާހަކައެވެ. ކިޔެވުމުގެ ޝައުގު އެއްވެސް ގޮތަކަށް ނުހުންނަނީއެވެ. ސުވާލުކުރުމުން މުދައްރިސްގެ ކުރިމަތީގައި ބުނެލަނީ ކެރިހުރެ ސާބިތު ޖަވާބެކެވެ. ރަށުގައި އެވެނި މިވެނި މީހަކު ބަލާބަލާށެވެ. ރަނގަޅު ނަތީޖާއާއެކު މަތީ ތައުލީމު ނުހޯދިޔަސް، ރިސޯޓަށް ގޮސް އެ ހުރީ މިހާރު ތަނަވަސް ވެފަތާއެވެ. ދެން އެގޭ އަނެކަކު ބަލާ ބަލާބަލާށެވެ. އެއީ އެއް އަހަރެއްގައި ސުކޫލުގެ ބެސްޓްއޯލް ރައުންޑެވެ. މާލެއިން ކިޔަވައިގެން އައިސް ރަށު އޮފީހުގައި އެ އުޅެނީ ހަމަ އާދައިގެ އުޅުމެއް ނޫން ހެއްޔެވެ؟
އެކުއެކީ ސުކޫލު ނިންމާ ކުދިންތައްވެސް، އެއްބަޔަކު ރިސޯޓުތަކަށް ވަޒީފާއަށް ދާއިރު، އަނެއްބަޔަކު ދަނީ ކިޔަވާށެވެ. ކިޔަވާމީހުން ކިޔަވަ ކިޔަވަ ތިއްބާ، ރިސޯޓަށް ދިޔަ މީހުން، ބޭރުގެ އެތައް ގައުމަކަށްވެސް ގޮސްފިއެވެ. މީހުންނާވެސް އިނދެފިއެވެ. ދެން ކިޔަވަމުންދިޔަ ހަމަ އެ އުމުރުގެ ކުއްޖާއަށްވާނީ ކިހިނެއްތާއެވެ. ކިޔެވުމުގެ ބޭނުމެއް ހަގީގަތުގައިވެސް ނެތްކަން އިހުސާސް ކުރެވޭނެތާއެވެ. މާޔޫސްވެސް ވާނެތާއެވެ.
ކަންއޮތީ މިހެންކަމުން، އަދުގެ ތަޢުލީމީ ހަޔާތުގައި، ކިޔެވުމުގެ ޝައުގުވެރިކަން ގިނަ ކުދިންގެ ގެއްލޭ ސަބަބަކީ ވަޒީފާ ތަކުގައި ތަޢުލީމީ ފެންވަރަށް ނުބަލާ ވަޒީފާތައް ގިނަވުމެވެ. މިއީ ހިތި ނަމަވެސް ހަގީގަތެކެވެ. ގަބޫލުކުރަން ދަތިނަމަވެސް ހަގީގަތެކެވެ. މިކަންކަމަށް ހަމަ ގައިމުވެސް، ރަށްރަށުގެ ސުކޫލުތަކުގެ ޓީޗަރުން ހެކިވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން