މިނިވަންކަމުގެ ވާހަކަ އަކީ މިއަދު ވަރަށްވެސް ގަދައަށް އަދި އެހާމެ ބާރަށް މުޅި ދުނިޔޭގައި ދައްކާ ވާހަކައެކެވެ. އެކި ކަންކަމުގައި ތަފާތު އެކި ނަންނަމުގައި މިނިވަންކަމުގެ ވާހަކަ އެބަ ދެއްކެއެވެ. މިނިވަންކަމުގެ ވާހަކަ އާއި އެކު، ލިބިދޭ ހައްގުތަކުގެ ވާހަކައަކީވެސް ހަމަ އެހާމެ ގަދައަށް ދެކެވޭ ވާހަކަތެކެވެ. ކޮންމެ މީހަކަށްވެސް ލިބިފައިވާ މިނިވަންކަމަކާއި އެކު، ލިބިދޭ ހައްގުތަކެއްވެސް ވާކަމަށް ބުނެވެއެވެ. ގިނަފަހަރަށް މިބުނާ މިނިވަންކަމަކާއި ހައްގުތަކުގައި އެއްވެސް މިނެއް އިމެއް އަދި ހަމައެއް ލަމައެއް ނޯންނަތަން އެބަ އާދެއެވެ.

އާދޭހެވެ! ތިމާއަށް ލިބިދޭ މިނިވަންކަމާއި ލިބިދޭ ހައްގުތަކުގެ ބޭނުން ހިފަންވާނީ އިމެއްގެ ތެރޭގައެވެ. އެ މިނިވަންކަމާއި ހައްގުތަކުގެ ސަބަބުން، އެހެންމީހެއްގެ އެއްވެސް ހައްގެއް ގެއްލިގެން ނުވާނެއެވެ. އެހެން މީހެއްގެ ހައްގަކަށް އަރައިގަތުމަކީ އެހެން މީހަކަށް ލިބިގެންވާނޭ ހައްގެއް އަދި މިނިވަންކަމެއްވެސް ނޫނެވެ.

އަދު ހޯދައިގަނެފައިވާ ހައްގުތަކާއި މިނިވަންކަމުގެ ތެރޭގައި އެކި ވަރުވަރުން އެކި ދަރަޖަދަރަޖައިގާ ތިބޭ ވެރިންނާއި ދެކޮޅަށް ބަސްބުނުމާއި އެ ވެރިންނަށް ނުކިޔަމަންތެރިކަން ދެއްކުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް އުރެދުމަކަށް އަމުރުނުކުރާހާ ހިނދަކު ވެރިމީހާއަށް ކިޔަމަންގަތުމަށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ވަޙީ ކުރައްވާފައެވެ. އަދި އެއްވެސް ވެރިއަކާއި ދެބަސްވެވިއްޖެނަމަ، އެކަމުގައި މާތް ﷲ އާއި ރަސޫލާ އެންގެވިމަގުން ކަން ކުރުމަށްވެސް މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ. އެހެންކަމުން މިނިވަންކަމާއި ހައްގުގެ ވާހަކަ ދައްކާއިރު، މާތް ﷲ ގެ މި ބަސްފުޅާއި މެދު ފުންކޮށް ވިސްނާލާށެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

﴿59﴾ يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا. މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ. (އައްނިސާ 59 ވަނަ އާޔަތް)

އެއްވެސް މީހަކާ ދެބަސްވެ ހިޔާލުތަފާތުވާނަމަ އެކަމުގައި މަޑުމައިތިރިކަމާއި ހުޝޫއަތްތެރިކަން އިސްކުރަންވާނެއެވެ. ރުޅި މަޑުކުރަންވާނެއެވެ. އެއްމެ މުހިއްމީ ދޫ ރައްކާތެރި ކުރުމެވެ. އަހަރެމެން އެކަކުއަނެކަކު ދެކެ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އެމީހަކަށް ބަދުބަސް ބުނެ، އެމީހަކަށް ޣީބަބުނެ ހަދައެވެ. އަދި އުނދަގޫކޮށް ޖެއްސުންކޮށް ފުރައްސާރަކޮށް ހަދައެވެ. ދަތިކުރުމުގެ ގޮތުން އެތައްކަމެއް ކުރެއެވެ. މިކަމަށްވެސް ދައްކާ ބަހަނާއަކީ މިނިވަންކަމާއި ތިމަތިމާމެންގެ ހައްގުތަކުގެ ވާހަކައެވެ. އެހެނަސް މާތް ﷲ ވަޙީކުރައްވާފައިވާ މި އާޔަތާއިމެދު ފުންކޮށް ވިސްނާލާށެވެ.

﴿1﴾ وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ. މާނައީ: غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ. (އަލް ހުމަޒަ 1 ވަނަ އާޔަތް)

ފުރައްސާރަކުރުމުގެ އިތުރުން އެކަކު އަނެކަކަށް، ހިތް ނުރުހޭފަދަ ބަސްތަކުން މުޢާމަލާތު ކުރުމުގެ ނުބައިކަންވެސް އަހަރެމެން މުސްލިމުންނަށް ވީހިނދު އެނގެންވީ ކީރިތި ޤުރުއާނުންނެވެ. އެހެން މީހުނަށް ފުރައްސާރަ ކުރުމާއި، ނުރުހޭ ނަންނަމުން ގޮވުމަކީ އެއީ މިނިވަންކަމެއް، އަދި އަނެކާއަށް އޮތް ހައްގެއްވެސް ނޫނެވެ. ކޮންމެ ނަމެއްގައި ނަމަވެސް މިފަދަ ކަންކަން ކުރާ މީހުން ކީރިތި ޤުރުއާނުގެ މި އާޔަތަށް ވިސްނާލާށެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿11﴾ يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ. މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (އަލް ޙުޖުރާތް 11 ވަނަ އާޔަތް)

މި އާޔަތުން އެނގޭ ގޮތުގައި، އީމާންވި މީހުން، އެކަކު އަނެކަކަށް ފުރައްސާރަ ކުރުމާއި ނުރުހޭ ނަންނަމުން ގޮވުމާއި އަމިއްލަ ނަފްސުތަކަށް އައިބު ކިޔުންފަދަ ކަންކަމަކީ އެކަމުގެ ސަބަބުން އެމީހަކު ފާސިޤަކު ކަމުގައި ވެދާނޭ ކަންކަމެވެ. އަދި އެ ފާފަތަކަށް ތަޢުބާ ނުވެއްޖެމީހާއީ އަނިޔާވެރިއެކެވެ.

ތައުބާ ވުމުގައި ދަންނައެވެ! އެހެން މީހަކަށް ފުރައްސާރަ ކުރުމާއި ނުރުހޭ ލަޤަބުތަކުން އެހެން މީހަކަށް ގޮވުމަކީ އެހެން މީހެއްގެ ހައްގަކަށް އަރައިގަތުމެވެ. އެހެންކަމުގައި ވަނީނަމަ، ތައުބާ ފުރިހަމަ ވުމުގައި އަނެކާގެ މަޢާފަކީ ބޭނުން އެއްޗެކެވެ. ދަންނާށެވެ! މިއީ އިސްލާމް ދީނުގައި ކަން އޮތް ގޮތެވެ. މިއީ ސީދާ ޤުރުއާނުގައި ކަންކަން އައިސްފައި އޮތް ގޮތެވެ. ވީއިރު މިނިވަންކަމާއި ހައްގުތަކުގެ ނަމުގައި ނުކުރެވޭނޭ ކަންތައްތަކެއް އެބަ ހުއްޓެވެ. މިނިވަންކަމާއި ހައްގުތަކުގެ ނަމުގައި އަނެކާގެ ހައްގަކަށް އަރައެއް ނުގަނެވޭނެއެވެ! މިކަން މިމަގުން ގަބޫލު ނުކުރާ މީހާއީ ތަންދޮރު ނުދަންނަ ބޮޑު ނިކަމެއްޗެކެވެ.