ޒަމާން ބަދަލުވުމާއި އެކު ބައެއް ކަންކަމުގައި އޮންނަ ފޯރި އިތުރުވެގެންދިޔައިރު، އަނެއްބައި ކަންކަމަށް އޮންނަ ފޯރި ކުޑަވަމުން ދެއެވެ. އެއްބައި ރަށްރަށުގައި ވަކި ވަކި ކަންކަމަށް އޮންނަ ތަރުހީބު ބޮޑުވަމުން ދާއިރު އަނެއްބައި ރަށްރަށުގައި ވަކި ވަކި ކަންކަމަށް އޮންނަ ތަރުހީބު ދަނީ ކުޑަވަމުންނެވެ. އެގޮތުން އީދު ހާފަގަ ކުރުން ފާހަގަ ކޮށްލެވެއެވެ.

ބައެއް ރަށްރަށުގައި އީދު ފާހަގަ ކުރީ ވަރަށް ކުލަ ގަދަކޮށެވެ. އެ ރަށްތަކުގެ މުޅި އާބާދީ އެކުވެގެން ނުވަތަ އަވަށު އާބާދީތައް އެކުވެގެންނެވެ. އެހާމެ ފޯރީގައި އީދު ފާހަގަ ކުރަމުން ދަނީ ސަގާފީ އެތައް ކުޅިވަރުތަކެއް ދިރުވާ އާލާކުރަމުންނެވެ. އިޖްތިމާއީ ރޫހު އާލާކޮށް ބަދަހި ކުރަމުންނެވެ. އެ މުޖުތަމައުތަކުގައި އޮންނަ އެއްބައިވަންތަކަމާއި އެއް ބައެއްވަންތަކަން އިތުރު ހަރުފަތަކަށް ކުރިއަށް ޖައްސަމުންނެވެ. ރަށާއި ރަށުގެ ތަރައްގީއާއި ހުއްބުލް ވަތަން އޭގެ އެއްމެ ފުރިހަމައަށް ނަލަކޮށް ޖަރީކުރަމުންނެވެ. ރަށުގެ ކަމުވޮށިގެންވާ މީހުންނާއި ކުޑަކުދިންނާއި، މުއައްސަސާތަކުގެ މުވައްޒަފުންނާއި، ވެރިންނާއި، ވިޔާފަރިވެރިންނާއި ސިޔާސީ މީހުންނާއި އެ ރަށެއްގައި އުޅޭ ތަފާތު ގައުމުތަކުގެ މީހުން އެކުވެ، އީދުގެ ފޯރި ނަގަނީ އެއްހިތް ވެގެންނެވެ. ތަފާތު ހިޔާލުތަކާއި ހަތުރުވެރި ވިސްނުންތަކާއި ވާދަވެރި ފިކުރުތައް މުޅިން ބާކީކޮށްގެންނެވެ. މިފެންންނީ ދިވެހިންގެ ރީތި އުޅުމާއި ބަދަހި ގުޅުމުގެ "ސަޅި" ކަމެވެ.

ކަންމިހެން ހުރިނަމަވެސް ހިތާމައަކީ ބައެއް ރަށްރަށުގައި އީދުގެ ފޯރި ފަނޑުވަމުންދާ ކަމެކެވެ. ސަބަބުތައް ބައިވަރެވެ. ނަމަވެސް މައިގަނޑު ސަބަބަކީ ޒާތީ ހަސަދައޭ ބުނުން ދޮގަކަށް ނުވާނެއެވެ. ފަހަރުގައި ހުރިހައި ރަށެއްގައި މިކަންކަން އެއްގޮތް ނުވެދާނެއެވެ. އެރަށެއްގެ އަހުލުންގެ ކަންނެތް ކަމާއި، ފަރުވާކުޑަ ކަމަކީވެސް ހަމަ ސަބަބެކެވެ. ސަގާފަތަށް ލޯބި ނުކުރުމާއި އިޖްތިމާއީ ކަންކަމަށް ޝައުގު ނެތުމަކީވެސް ސަބަބެކެވެ. ކޮންމެ މީހަކުވެސް އަމިއްލަ އެދުމައިގެން ފޯވެ، އީދުގައިވެސް އަމިއްލަ މަސްލަހަތު އިސްކުރުމަކީވެސް ސަބަބެކެވެ. ވިޔަފާރިވެރިން، އިޖްތިމާއީ މަސްއޫލިއްޔަތު މަތިން ހަނދާން ނެތި، ވިޔަފައިރިއާ ފައިސާ އާއި ހެދި "ބޫތުކަންޏާ" ވެސް މިފަދަ ފޯރިތައް ނެތި ހިނގައިދާނެއެވެ. ސިޔާސީ ވެރިން ނުވަތަ މީހުން ސިޔާސީ ކަންކަމުގައި އުފައްދާ ވާދަވެރިކަން ހަސަދައަށް ބަދަލުކޮށް ނަފްރަތުގެ ދޫލައިން ރަށްރަށުގެ މަގުތަކާއި ގެތައް ޒީނަތް ކުރުމަކީވެސް ސަބަބެކެވެ. ފަރުދީ ޒިންމާތައް މަތިން، މީސްތަކުން ހަނދާން ނައްތާލާ، ރަށްރަށުގެ ވެރިން ނުވަތަ ކައުންސިލްގެ ބޮލުގައި ހުރިހާ އިޖްތިމާއީ ކަމެއްގެ ޒިންމާ އެޅުވުމަކީވެސް ސަބަބެކެވެ.

އާދޭހެވެ! މިއަހަރުގެ ބޮޑު އީދުގައިވެސް އީދު ކުޅިވަރުގެ ފޯރި ގަދަ ރަށްރަށާއި ފޯރި ނެތް ރަށްރަށް ފާހަގަ ވިއެވެ. ހާއްސަކޮށް މީސް މީޑިޔާގެ މަންސަތަކުގައި އެކަންކަން ފާހަގަވާން އޮތެވެ. ފޯރި ނެތް ނުވަތަ ފޯރި ދަށްވި ރަށްރަށުގެ ރަށްޔިތުން، އެކަމުގެ ޒިންމާ އެ ރަށްރަށުގެ ކައުންސިލްތަކުގެ ބޮލުގައި އަޅުވާއިރު، ބައެއް ރަށްރަށުގައި އެ ރަށްރަށުގެ ޖަމުއިއްޔާތަކުގެ ބޮލުގައިވެސް އަޅުވައެވެ. ނަމަވެސް ހަގީގަތަކީ މިކަންކަމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫނެވެ. އީދެއް މުސްލިމުންނާ ބައްދަލު ކުރަނީ މުސްލިމު އުންމަތެއްގެ ވަކި ބަޔަކާ އީދުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައެއް ނޫނެވެ. މިއީ މުސްލިމުންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހާމަކޮށްދީ އުފާކޮށް ހިތްހަމަ ޖެހުމުގެ މުނާސަބެކެވެ. އެހެންކަމުން ކޮންމެ މުޖުތަމައެއްގައި އުޅޭ، މުސްލިމު ކޮންމެ މީހެއްގެ ބޮލުގައި، އީދުގެ މަގުސަދު ހާސިލް ކުރުމުގެ ޒިންމާ އެޅޭނެއެވެ. ވަކި ބަޔަކު ބޮލުގައި މިކަމުގެ ޒިންމާ އަޅުވާ ދޫކޮށްލެވޭކަށް ނެތެވެ.

މިކަމުގައި އޮތީ ހަމަ އެއްމެ ގޮތެކެވެ. އެއީ މުސްލިމަކަށްވީތީ އޮތް ތިމާގެ ވިސްނުމާއި ބުއްދި އިސްކުރުމެވެ. ތިމާގެ ހަސަބާއި ނަސަބުގެ ވިސްނުން ދޫކޮށްލުމެވެ. ތިމާގެ ވިޔަފާރިއާއި ސިޔާސީ ވިސްނުން ދޫކޮށްލުމެވެ. އަމިއްލަ އެދުން ދޫކޮށްލުމެވެ. ހަމައެކަނި މުސްލިމެއްގެ ނަޒަރުން ވިސްނުން ބައްޓަންކުރުމެވެ. އެ މަގުން ވިސްނުން ގެންގުޅުމެވެ.

ބައެއް ބޮޑެތި މީހުންގެ ކޮށި ވިސްނުމާއި އެމީހުންހެ އިދިކީތި ހިޔާލުތަކުގެ ސަބަބުން ބައެއް ރަށްރަށުގައި މިއަހަރުގެ އީދު ފޯރި ދިޔައީ ވަރަށް ދަށްކޮށެވެ. މިކަމުގައި ހިތާމައާއި މޮޅިވެރިކަން ފަހަރުގައި އެމީހުން އިހުސާސް ނުކޮށްފާނެއެވެ. ނަމަވެސް ރަށުން ބޭރުން، އެ ރަށްރަށަށް އަރާ ތިބި މެހުމާނުމްނާއި އެ ރަށްތަކުގެ ކުޑަކުދީންނަށް މިކަންކަން ވީ މޮޅިވެރި މާޔޫސް ކަމަކަށެވެ. އެފަދަ ރަށްރަށުގައި އިދިކީލި ހިޔާލު ތަކާއި ކޮށި ވިސްނުމުގައި ތިބި ބޮޑެތި މީހުންގެ ދަރިންނަށް، އެރަށްތަކުގައި އީދު އެ ހޭދަ ކުރީ ހަމަ ގައިމުވެސް އެ ދަރިން އުންމީދު ކޮށްގެން ތިބި ހިތްހަމަ ޖެހުމާއި އުފަލުގައެއް ނޫނެވެ. މިއީ ކުރިއަށް އޮތް އީދުތަކުގައި އެރަށްތަކުގެ އަހުލުން ވިސްނާން ޖެހޭ، ރަށްވެހި އަދި ގައުމީވެސް ކަމެކެވެ.