ކޮންމެ ގައުމެއްގެވެސް ގައުމީ ދިދަ އަކީ އެއަށް ހާއްސަ ޝަރަފަކާއި ގަދަރެއް ލިބިގެންވާ އެއްޗެކެވެ. އެ ގައުމެއް ރަމްޒުކޮށްދޭ އެއް ނިޝާނަކީވެސް އެ ގައުމެއްގެ ދިދައެވެ. ނަމަވެސް ދިދައެއް އޭގެ ޒާތުގައި ހަމަ ކޮންމެ މީހަކަށްވެސް ގެންގުޅެވިދާނެއެވެ. ފޮތިކޮޅަކަށް ޕްރިންޓް ކޮށްލައިގެން ނުވަތަ ފަހައިގެންވެސް ދިދައެއް ހަދާ، އެ ދިދައެއް ބޭނުން ކުރެވިދާނެއެވެ. އަސްލު އުސޫލަކީ ގައުމެއްގެ ދިދައަކުން އެ ގައުމެއް ރަމްޒުކޮށްދިނަސް، ދިދައިގެ ޠަބީއަތުން، ދިދައަކުން އަދި މުޅި ގައުމު ނުވަތަ ގައުމެއް ތަމްސީލުކޮށެއް ނުދޭނެއެވެ. އަދި އެ މަންޒަރު ދެކޭ ބަޔަކު، އެފަދައިން ދެކިގެންވެސް ނުވާނެއެވެ.

ދިދައިގެ ވާހަކަ ދައްކަން މި ޖެހުނީ ދިވެއްސެއްކަމަށް ބުނާ މީހަކު، ލަންޑަނުގައި އޮތް، އިސްލާމްދީނާ ދެކޮޅު މުޒާހަރާއެއްގައި ދިވެހި ދިދަ ބޭނުން ކުރިކަމުގެ ހަބަރާއި އެކު އެތައް ބައެއްގެ ހިޔާލުތައް އޮހެމުންދާތީއެވެ. މިކަމުގައި ހިޔާލުތައް ވަރަށްވެސް ތަފާތުވާނެއެވެ. ހުރިހާ ހިޔާލަކަށް އިހްތިރާމްވެސް ކުރަމެވެ. މިކަމުގައި ވަކި ވަކި ފަރުދަކު، އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން، ދިވެއްސަކަށް ނުވާނެ މީހަކު، ދިވެހި ދިދަ ތަނަކު ގެންގުޅުމުން އެ އަމަލެއް މުޅި ގައުމަކަށް ނިސްބަތެއް ނުކުރެވޭނެއެވެ. އަދި އެހެން ދެކެވިގެންވެސް ނުވާނެއެވެ. އަދި އެކަމެއް ކުރި މީހަކު، އެކަން އެހެން ވެދާނެކަމަށް ހީކުރުމީވެސް ބޮޑު މޮޔަކަމެކެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން، ދިވެއްސަކަށް ވެވޭނީ މުސްލިމަކަށެވެ. އިސްލާމަކަށެވެ. އެހެންކަމުގައި ވަނީނަމަ، ކާފިރަކަށް ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު ލިބޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެފަދަ މީހެއްގެ އަތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް ނުވަތަ ޕާސްޕޯޓެއް އެ އޮންނަނީ ކޮން ހަމައަކުން ހެއްޔެވެ؟ ދިވެހި ގައުމު އެކަމެއްގައި ބައިވެރިނުވާ، އަދި އެކަމަކާ މުޅި ގައުމު ދެކޮޅު ހަދާ ކަމެއްގައި އަދި ވަކިން ހާއްސަކޮށް އިސްލާމް ދީނާއި ދެކޮޅު މުޑުދާރު ހަރަކާތެއްގައި ދިވެހި ދިދަ، މީހަކު ބޭނުން ކުރުމުން އެކަމާ ފިޔަވަޅެއް ނޭޅެންވީ ކީއްވެތޯއެވެ؟ މިއީ ގައުމު ރަމްޒުކޮށްދޭ ގައުމީ ދިދައިގެ ވާހަކައެވެ. އެތަނުގައި ގައުމު ތަމްސީލު ނުވިނަމަވެސް މިއީ އެ ދިދައިގެ އާދޭހެވެ!

ދިވެހި ރާއްޖޭގެ އެއްވެސް ތަނަކު، އަދި ހާއްސަކޮށް ދިވެހި ދައުލަތުން ބަލަހައްޓާ އެއްވެސް ތަނަކު، ފާޑު ފާޑުގެ، ޒާތް ޒާތުގެ ދިދަ ނެގުމަކީ މަނާކަމެކެވެ. އެފަދަ އަމަލެއް ކޮށްފިނަމަ، ފުލުހުން ނުކުމެ އެ ދިދައެއް އެބަ ބާލުވައެވެ. މިދިޔަ އަހަރުގެ ތެރޭގައި، ރާއްޖެތެރޭގެ ރަށެއްގައި ހުރި، އާސާރީ ބިނާއެއްގައި ޝަހާދަތުގެ ކަލިމަ ލިޔެފައި އޮތް ދިދައެއް ނެގުމުން، ފުލުހުން ވަނީ އެ ދިދަ ނެގިތާ އިރުކޮޅެއް ތެރޭގައި ބާލާފައެވެ. އާދޭހެވެ! ދައުލަތުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ދައުލަތުން ނުވަތަ ކައުންސިލަކުން ބަލަހައްޓާ އެފަދަ ބިނާއެއްގައި އެއްވެސް ކަހަލަ ދިދައެއް ނެގޭނީ އެފަރާތްތަކުގެ ހުއްދަ އާއި އިޒުނައާއި އެކުގައެވެ. އެކަން އޮތީ އެހެނެވެ. އެކަން ހިނގަންވާނީވެސް އެމަގުންނެވެ.

ދިވެހިރާއްޖޭގެ ރަށެއްގައި ނެގުނު ދިދައެއްގެ ވާހަކަވެސް މި ހިއްސާކޮށްލީ ދިދައިގެ އަޑުތައް މާ ގަދަވެފައިވާތީއެވެ. އެ ހާދިސާގައިވެސް ގޯސްވީ ދިދަ ނެގުނު ތަނެވެ. ޖުމުލަކޮށް ދިދަ އަކު ގޯހެއް ނެތެވެ. މިފަހަރު ވެގެން މިއުޅޭ ގޮތަކީ ދިވެހި ރާއްޖޭގެ ދިދަ، މީހަކު، ތަނަކު ބޭނުން ކުރުމެވެ. މިފަހަރުވެސް ގޯހީ ދިދަ ބޭނުން ކުރި ތަނެވެ. އެއީ އެއްވެސް ހާލެއްގައި ދިވެހި ރާއްޖޭގެ ދިދަ ބޭނުން ކުރެވިގެންވާނޭ މުޒާހަރާއެއް ނޫނެވެ. އެއީ ކޮންމެ މީހަކު ބޭނުން ކުރި ކަމުގައިވިޔަސް މެއެވެ. އެހެންކަމުގައި ވަނީނަމަ، އެކަން މަނާކުރެވެން ވާނެ ނޫންހެއްޔެވެ؟ އެކަން ހުއްޓުވުމަށް ކޮންމެވެސް ކަމެއް ކުރެވެން ވާނެ ނޫންހެއްޔެވެ؟ މިއީ މިފަދަ ކަމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންކަމުގައި ވަނީނަމަ، ތަކުރާރުވިޔަ ނުދިނުމަށްވެސް ކޮންމެވެސް ފިޔަވަޅެއް އެޅެންވާނެ ނޫންހެއްޔެވެ؟

އަދި ބުނަމެވެ! ދިވެހި މަންމައަކާއި ބައްޕައަކަށް ނުވަތަ ދިވެހި މަންމައަކަށް ނުވަތަ ދިވެހި ބައްޕައަކަށް ތިމާ ނިސްބަތް ވުމީ އަދި ދިވެހި ފަސްގަނޑުގައި ތިމާ އުޅެ ބޮޑުވުމަކީ ދިވެއްސަކަށް ތިމާ ވާނެ ހަމައެކަނި ސަބަބުތަކެއް ނޫނެވެ. ދިވެއްސަކަށް ތިމާ ވުމަށްޓަކައި ދިވެހިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި ދިވެހިން ގަބޫލުކޮށްގެން ތިބި މާތްވެގެންވާ އިސްލާމް ދީން ގަބޫލު ކުރަންވާނެއެވެ. ވިސްނުމާ ހިޔާލާ، އަގީދާ އާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި މި ހުރިހާ ކަމެއް ދިމާ އިދިކީލަކޮށް ހުރެމެ، އެމީހަކީ ދިވެއްސެއްކަމަށް ބަލައިގަނެވޭނެ އެއްވެސް ހަމައެއް ނެތެވެ. މިފަދަ ގޮތަކަށް ދިވެހި ގައުމުގައި އިސްލާމްދީނާ އިދިކޮޅަށް ފާޅުގައި އަޑު އުފުލުމުން، މުޅި ގައުމުގެ ނަފްރަތާއި ނުރުހުން އަމާޒުވުމުން، ދުރު ކަރަތަކަށް ގޮސް ފިލާތިބެ، އެތަންތަނުގައި ދިވެހި ގައުމުގެ ދިދަ ބޭނުންކޮށް އެ ދިދަ އަށް އިހުތިރާމު ކުޑަކޮށް ހެދިޔަސް، މި ގައުމާއި މި ގައުމުގެ ދިދައިގައި ކިލަނބުކަމެއް ނެތެވެ. ނަމަވެސް އެފަދައިން ގައުމުގެ ދިދަ ބޭނުން ކުރެވިގެން ނުވާނެއެވެ. އެފުސަތު، އެފަދަ ފަރާތްތަކަށް ނުދޭށެވެ. އަދި އެފަރާތްތަކާއި މެދު ކޮންމެވެސް ފިޔަވަޅެއް އަޅައިދޭށެވެ. މިއީވެސް ގައުމީ ދިދައިގެ އާދޭހެކެވެ!