"އޭ ލޮބުވެތި މުދައްރިސުންނެވެ! ތިޔަ ލޮބުވެތި މުދައްރިސުން ތިޔަ ކުރައްވާ ބުރަ މަސައްކަތުގެ އަގު ދުވަހަކު ކޮޅުންވެސް އަދައެއް ނުކުރެވޭނެެއެވެ! އަހަރުމެންގެ ހަޔާތުގެ ހާދަހާވާ ގިނަ ދުވަހެއް ތިޔަ ލޮބުވެތި މުދައްރިސުންނާއި އެކު ހޭދަ ކޮށްފީމުއެވެ. މި ދުވަސްތަކުގައި ހާދަހާވާ ގިނަ އިލްމެއް އަހަރުމެންނަށް ފޯރުކޮށްދެއްވައިފި އެވެ. އިލްމު އެކަންޏެއް ނޫނެވެ. މި ދުނިޔޭގައި ދިރިއުޅުމުގެ ހިލްމުވެސް ދަސްކޮށްދިން ބަޔަކީ ތިޔަ މުދައްރިސުންނެވެ! އާދޭހެވެ! ތިޔައީ އަހަރުމެންގެ ދެވަނަ ބެލެނިވެރިންނެވެ!" -ދަރިވަރެއް-
މުދައްރިސުންގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު މުދައްރިސުންގެ އަގު އަހަރެމެން ވަޒަން ކުރަން އެބަ ޖެހެއެވެ. އެބައިމީހުންގެ އެ ބުރަ މަސައްކަތުގެ އަގު އަހަރެމެން އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ ކުލަގަދަކޮށް ޓީޗަރުންގެ ދުވަސް ފާހަގަ ކުރާނީ ހެއްޔެވެ؟ ކައްކާފައި ޓީޗަރުންނަށް ކާން ދޭނީ ހެއްޔެވެ؟ ބޮޑު ކޭކެއްގައި ގިނަ ކުލަތަކުން އައިސިން ޖަހާފާ އުއްބައްތިއެއް ދިއްލާފާ ޓީޗަރުންނަށް ދޭނީ ހެއްޔެވެ؟ މިއީ އާއްމުކޮށް އަހަރެމެންގެ މުޖުތަމައުތަކުގައި ޓީޗަރުންގެ އަގުވަޒަން ކުރުމަށް ކުރެވޭ ކަންކަމެވެ.
ކަންމިހެން ހުރިނަމަވެސް، ދަރިވަރެއްގެ ހައިސިއްޔަރުން މުދައްރިސުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށް މިފަދަ ކަންކަން ކުރާކަށް ނުޖެހޭނެއެވެ. އެހެނީ އެ ދަރިވަރަކީ މުދައްރިސުންގެ ބަސް އަހާ، މުދައްރިސުންނަށް އިހްތިރާމްކުރާ މުދައްރިސުންގެ ލޯބި ލިބިފައިބާ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރަކަށް އެ ހުރެވެނީ އެ މުދައްރިސުންގެ އަގު ވަޒަން ކުރެވޭ ހާލުގައެވެ. އަދި ތައުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދާ، ކިޔަވާ ނިންމުމަށްފަހު، މުޖުތަމައަށް ހިދުމަތްކުރުމަށް ނުކުމެ، ކުރީ ސަފުގައި އިސްނަގާ އުޅޭނަމަ އަމުދުން އެ މުދައްރިސުން އެ ދަރިވަރަކާ މެދު ފަހުރުވެރިވާނެއެވެ. އެހިސާބުންވެސް އެ މުދައްރިސުން އެ ދަރިވަރަކަށްޓަކައި އެ ކޮށްދިން ބުރަ މަސައްކަތުގެ އަގު އަދާކުރުންމަތީ އެ ދަރިވަރަކަށް ހުރެވޭނެެެވެ.
އާދޭހެވެ! މުދައްރިސަކު ކިޔަވައިދިން ދަރިވަރަކު، ތައުލީމީ ގޮތުން މޮޅު ކުއްޖަކަށްވެ، ހިލްމުގައި މަތީ ހަރުތައް ގިރާކޮށް، މުޖުތަމައަށް ހިދުމަތްކުރުމުގެ އިސްސަފުގައި އުޅޭ މަންޒަރު، އެ މުދައްރިސަކަށް ފެނުމަކީ މުދައްރިސެއްގެ ހައިސިއްޔަތުން އުފާ ކުރާނެ ކެމެކެވެ. ފަހުރުވެރިކަމާ އެކުގައި އެއީ ތިމަންނާގެ ދަރިވަރެކޭ އެ މުދައްރިސް ބުނާނީ ހިތްހަ ޖެހުމާއި އެކުގައެވެ. އެ މުދައްރިސް ކުޅަ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ފެންނަ ހާލު، ފަހުރުވެފައެވެ. މިއީ ދަރިވަރެއްގެ ހައިސިއްޔަތުން މުދައްރިސުންގެ އަގު ވަޒަންކުރުމުގައި ސަމާލުވާންވީ ބައެއް ހާއްސަ ކަންކަމެވެ.
ދެންއޮތީ ބެލެނިވެރިންނެވެ. ބެލެނިވެރިންނަކީވެސް މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނޭ ބައެކެވެ. ނަމަވެސް މިއަދު ފެންނަނީ ގިނަ ބެލެނިވެރިންގެ ފަރާތުން މުދައްރިސުންނަށް ފާޑުކިޔާ މަންޒަރެވެ. މުދައްރިސުން ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އަކީ ބޮޑު އަދި ގިނަ ޝަކުވާއެކެވެ. ނަމަވެސް ބެލެނިވެރިން މިކަމުގައި ވިސްނަންވާނެއެވެ. ކޮންމެ ދަރިވަރަކީ ތަފާތު ދަރިވަރެކެވެ. އެހެންކަމުން އެ ތަފާތުތަކުގެ ތެރޭގައި ހުންނަ ތަފާތު ތަކަކީ މުދައްރިސް ކުރާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ގަބޫލު ކުރަންވާނީ މުދައްރިސުން ކަންކަން ކުރާނީ ތަފާތުކުރުމެއް ނެތިކަމެވެ.
ބެލެނިވެރިއެއްގެ ހައިސިއްޔަތުން މުދައްރިސުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގައި އެ މުދައްރިސުންނަށް ތައުރީފުކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެ މުދައްރިސުން އެ ކުރާ ބުރަ މަސައްކަތް ހިތުގެ އަޑިން ބަލައިގަންނަން ވާނެއެވެ. ހިތުގެ އިހުލާސްތެރި ޝުކުރު އަދާކުރަން ވާނެއެވެ. މުދައްރިސުންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ބަދަހި ކުރަންވާނެއެވެ. ހީ ސަމާސަކޮށް ސަކަރާތް ޖަހަންވާނެއެވެ. ރަހިމުގެ ލޭ ނުހިނގި ކަމުގައި ވިޔަސް އެއީވެސް އާއިލީ ބައެއްކަމުގައި ދެކެންވާނެއެވެ. ސަބަބަކީ މުދައްރިސުންނަކީ ތިމާމެންގެ ދަރިންގެ ދެވަނަ މައިންބަފައިންނެވެ.
މުދައްރިސުންގެ އަގުވަޒަން ކުރުމުގައި އޮތީ އެ މުދައްރިސުންގެ ބަސް އަހާ ޞާލިހު ދަރިންތަކެއް މުޖުތަމައަށް ހިދުމަތްކުރުމަށް ނުކުތުމެވެ. ބެލެނިވެރިންނަށް އޮތީ އެ މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ ހަގީގީ ނަތީޖާ ނެރެދިނުމަށް މުދައްރިސުންނާއި ދަރިވަރުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމެވެ. ދަރިވަރުންނަކީ މުދައްރިސުންނާއި ބެލެނިވެރިން އެދޭފަދަ ބައެއްކަމުގައި ހެދުމަށް މަސައްކަތްކުރުމެވެ. އިހްތިރާމާ ލޯތްބާއި ހަމްދަރުދީއާއި ކުލުނާއި ހޭހަންކުރުމުގެ ތެރެއިންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން