"ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބަލާއިރު މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަނީ %25 ފިރިހެނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި %75 އަކީ އަންހެނުންކަމަށާއި ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންކަމަށެވެ. އަދި ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން %22 އަކީ ބިދޭސީން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ސްކޫލްތަކުގައި އެކަނިވެސް 8000އަށްވުރެ ގިނަ މުދައްރސިުން އަންނަނީ ކިޔަވައިދެމުންނެވެ."
މިއީ ދިވެހިރާއްޖޭގެ ގައުމީ ޓީވީ ޗެނަލް ކަމުގައިވާ ޕީ.އެސް.އެމް އިން ގެނެސްދިން ހަބަރެއްގައި ލިޔެފައިވާ ލިޔުމުގެ އެއް ބައެވެ.
އާދޭހެވެ! މީގައި ވަރަށް ސާފުކޮށް އެނގެން މި އޮންނަނީ ދިވެހި ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުންގެ ހުލާސާ ތަފާސް ހިސާބެކެވެ. ދިވެހި ރާއްޖޭގައި ދިވެހިންނަށް ކިޔަވައިދިނުމަށް އުޅޭ މުދައްރިސުންގެ %22 އަކީ ފަރަންޖީ މުދައްރިސުން ކަމަަށް ވެއެވެ. މިއީ ހަގީގަތުގައި ބޮޑު އަދަދެކެވެ. ދިވެހި ފަސްގަނޑުގައި ތައުލީމީ ގާބިލު އެތައް ބަޔަކު އެބަ އުޅެއެވެ. މުދައްރިސުންގެ ގޮތުގައި އުޅެވިދާނެ އެތައް ބަޔަކު އުޅެއެވެ. އެހެނަސް ދިވެހިންގެ ޝައުގުވެރިކަން މިކަމުގައި ކުޑައީއެވެ. ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ!
މުދައްރިސްކަމަކީ ބުރަ ކަމެކެވެ. ވަރުގަދަ ހިތްވަރަކާއި ސާބިތު އަޒުމަކާއި އެކުގައި މިއީ ނުވާނޭ ކަމެކެވެ. ފަހަރުގައި މި ހިތްވަރާ އަޒުން ދިވެހިންގެ ކިބައިގައި ނެތީ ކަމަށް ވެދާނެއެވެ. ނުވަތަ މުދައްރިސްކަމަށް ވުމަށް ކުރަންޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމުގައި ވެދާނެއެވެ. ނޫނީ މުދައްރިސުންގެ މުސާރަ ކުޑައީ ކަމަށް ވެދާނެއެވެ. ނަމަވެސް މިއީ އެއްވެސް ބަހަނާއެއް ނޫނެވެ. ދިވެހިންގެ އެ ހިތްވަރާއި އަޒުމް އެބަ ހުއްޓެވެ. ކިޔެވުމަށް ފަހި އެތައް ފުރުސަތުތަކެއް އެބަ އޮތެވެ. މުދައްރިސުންގެ މުސާރަވެސް ވަކި ކުޑައެއް ނޫނެވެ. ދިވެހިރާއްޖޭގެ މުދައްރިސުންގެ %78 މުދައްރިސުންނަކީ ދިވެހިން ކަމުގައި ވެފައިވުމީ މިކަމުގެ ހެއްކެކެވެ. ދިވެހިންނަށް ވާނެއެވެ. މި އިންސައްތަ %100 އަށްވެސް އަދި ބަދަލު ކުރެވިދާނެއެވެ. ބޭނުންވަނީ ޝައުގާ ހިތްވަރާއި އަޒުމެވެ.
މުދައްރިސުންގެ ބޮޑު އިންސައްތައެއް އަދާކުރަނީ އަންހެނުންކަމަށްވެސް މި ތަފާސް ހިސާބުން އެނގެއެވެ. ތައުލީމީ ރޮނގުގައި ގިނައީ އަންހެނުންނެވެ. މިއީ ރާއްޖެފަދަ ގައުމެއްގައި އަންހެނުން ހޯދާފައިވާ ވަރަށްބޮޑު ކުރިއެރުމެކެވެ. މިކަމުގައިވެސް ބައެއް ސަބަބުތައް އެބަ އޮތެވެ. ފުރަތަމައީ އަންހެނުންގެ ހިތްވަރާ ސާބިތު އަޒުމެވެ.
އާދޭހެވެ! ދެން އޮތީ އަންހެނުންނަށް އޮތް އެހެން ފުރުސަތުތައް މަދުކަމެވެ. މިއީ ހިތި ނަމަވެސް ހަގީގަތެކެވެ. ދިވެހި ރާއްޖޭގައި މަސައްކަތު މާހައުލުގައި އަންހެނުންނަށްވުރެ ފިރިހެނުންނަށް އޮތް ފުރުސަތުތައް މާ ގިނައެވެ. އަމިއްލަ ވިޔަފާރިއާ މަސައްކަތްތަކުގައިވެސް ގިނަ އަދި ފަހި ފުރުސަތުތައް އޮތީ ފިރިހެނުންނަށެވެ. މިކަމުގައިވެސް ގިނަ ސަބަބުތަކެއް ވެއެވެ. ރާއްޖޭގެ އެއްމެ ބޮޑު ސިނާއަތްތައް ކަމަަށްވާ ފަތުރުވެރިކަމާ މަސްވެރިކަމާ، އިމާރާތްކުރުމުގެ ސިނާއަތުގައިވެސް ގިނަ އަދި ފަހި ފުރުސަތުތައް އޮތީ ފިރިހެނުންނަށެވެ. މިފަދަ ސަބަބުތަކާއި ހުރެ، ތައުލީމާ ހުނަރުގެ ގޮތުން ކުރިއަރާ ދާން އެދޭ އަންހެނުން މުދައްރިސްކަން ފަދަ ދާއިރާތައް އިހްތިޔާރު ކުރެއެވެ.
އަނެއް ސަބަބަކީ އަންހެނުންނަކީ ލޯތްބާއި ހަމްދަރުދީވުމުގައި އެބައިމީހުންހެ ޠަބީއަތުގައިވެސް ލާމަސީލު ބައެކެވެ. އެހެންކަމުން، ދަރިވަރުންނަށްޓަަކައި ނުވަތަ ކުޑަކުދިންނަށްޓަކައި އަންހެނުންގެ ހިތުގައި ހާއްސަ ލޯތްބެއް ވާނެއެވެ. އެހެންކަމުން ނަރުސްކަމާއި މުދައްރިސްކަން ފަދަ ކަންކަމަށް އަންހެނުންގެ ހިތުގައި ހާއްސަ ޝައުގެއް އަދި ލޯތްބެއް ވެއެވެ. އެހެންކަމުން ތައުލީމީގޮތުންނާއި ހުނަރުގެ ގޮތުން ކުރިއަރަން އެދޭ ގިނަ އަންހެނުން މުދައްރިސްކަން ފަދަ ކަންކަމަށް ޝައުގުވެރިވެ އެ ދާއިރާއިން ކުރިއަށް ދެއެވެ.
ކަންކަން މިހެން ހުރުމާއި އެކު ދިރާސާވެރިން ދެކިލައްވާގޮތުގައި ތައުލީމީދާއިރާގައި އަބަދުވެސް އަންހެނުން ގިނަވާނެއެވެ. ނަމަވެސް ޒަމާނާއެކު މިއީ ބަދަލުވެސް ވެދާނެ ކަމެކެވެ. އާދޭހެވެ! ތިޔަ ރަށު ސުކޫލުގައި އުޅެނީ ކިތައް އަންހެން ޓީޗަރުން!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން