ދުނިޔޭގެ ތާރީޚުން އެނގި ހާމަވާ ކަމަކީ، މީސްމީހުންގެ ނަން ކިއުމުގައްޔާއި މުޚާތަބު ކުރުމުގައި ޚާއްޞަ ނަންނަން ބޭނުން ކުރެވިފައިވާ ކަމެވެ. އެބައި މީހުންގެ ދަރިފަސްކޮޅަށް ނިސްބަތްކޮށް، ނުވަތަ އެބައިމީހުންގެ އަވަށަށް، ނުވަތަ އެބައިމީހުން ކުޅަ ކަމަކާއި ގުޅުވައިގެން މި ނަންނަން ކިޔައިފާ ހުރެއެވެ.

އިސްލާމީ ތާރީޚު ހެކިދޭ ގޮތުގައި، ފުރާތު ކޯރު ހުރަސްކުރާ މީހުންނަށް "ޢިބްރީމް" ކިޔައި އުޅުނެވެ. އެއީ އެބައިމީހުން ފާހަގަކޮށް، ޙާއްސަކަމެއް ދިނުމުގެ ގޮތުންނެވެ. މިފަދަ މީހުންގެ ނަމުގެ ފަހަތަށް "ޢިބްރީމް" މިހެން ކިޔައި މުޙާތަބު ކުރެއެވެ. (މުޙައްމަދު ރަސޫލުﷲ، 1993) - ޓީވީ ސީރީސް

ފަރަންޖީ މަޖައްލާއެއް ކަމަށްވާ "ހައުސް އޮފް ނޭމްސް" ގައި ޝާއިޢު ކުރައްވާފައިވާ ލިޔުމަކަށް ބަލާލާނަމެވެ. އޭގައި ވަނީ "ބަރްބަރީ" ގެ ނަމާއި ތާރީޚަށް އަލި އަޅުވާލާފައެވެ.

"ބަރްބަރީ، މިނަން އެންމެ ފުރަތަމަ ފެނިފައިވަނީ އިޓަލީގެ ސިސިލީ ނަމަކަށް ކިޔާ ރަށުންނެވެ. މިއީ މެޑިޓްރޭނިއަމް ކަނޑުގައިވާ އެންމެ ބޮޑު ރަށެވެ. މިރަށުގެ އަހުލުވެރީންނަށް މި ނަމުން ނަން ކިއުމުގައި ބަލާފައިވަނީ ސީދާ ކޮން ކަމަކަށް ނިސްބަތްކޮށް ކަމެއް އެނގޭކަށް ނެތެވެ. އެރަށުގެ އަހުލުވެރީން އެކި ރަށްރަށަށް ދިއުމުން އެބައި މީހުންނަށް އެނަމުން މުޚާތަބުކޮށް ހަދައެވެ. ބުނެވޭގޮތުގައި އެ ރަށުގެ ވަރަށް ގިނަ ޢަދަދެއްގެ މީހުން އެރަށް ދޫކޮށް، މުޅި މެޑިޓްރޭނިއަމް ކަނޑުގައި ވަޒަންވެރި ވިއެވެ. އެގޮތުން "ބަރްބަރީ" ގެ ދަރިފަސްކޮޅު މުޅި މެޑިޓްރޭނިއަމްގައި ފެތުރިފައި ހުންނާނެއެވެ." (ހައުސް އޮފް ނޭމްސް)

ހަމަ އެގޮތަށް އެމެރިކާގެ އަވަށެއްގެ އަހުލުވެރީންނަށްވެސް "ބަރްބަރީ" މި ނަމުން މުޚާތަބު ކުރަމުން އައި ކަމަށް ތާރީޚީ ލިޔުންތަކުގައި އެބަ ހުއްޓެވެ. ކޮންމެއަކަސް ދުނިޔޭގެ އެކި ހިސާބުތަކުގައި މާތްކޮށް މަތިވެރިކޮށްފައިވާ އެތައް ބައެއްގެ ނަމުގެ ފަހަތަށް "ބަރްބަރީ" މި ލަފުޒު ނުވަތަ ނަން އައިސްފައި ހުރިކަމަށްވެސް ލިޔުންތަކުގައި ލިޔެފައި އެބަހުއްޓެވެ. މީގެ އިތުރުން، އުތުރު އެފްރިކާގެ ޤަދީމީ އަވަށެއްކަމަށްވާ "ބާރބަރީ" ގެ ރައްޔިތުންނަށްވެސް ބަރްބަރީ ކިޔައި މުޚާތަބު ކުރިކަން ތާރީޚުން ފެންނަށް އެބަ ހުއްޓެވެ.

ޒަމާނުންސުރެ ދިވެހީން، މިރާއްޖެ އިސްލާމް ކުރެއްވި ކަމަށް ބުނާ ބޭކަލަކަށް މުޚާތަބުކުރަން ބޭނުން ކޮށް އުޅުނު ނަމަކީ ތަބްރޭޒްގެފާނެވެ. ނުވަތަ ތަބްރޭޒީ އެވެ. މިކަމަށް ދަލީލުކޮށްދެނީ އެނަމުން މަޝްހޫރު ބިނާތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރުމުންނެވެ. އެގޮތުން ކެންދޫ ގައި ހުންނަ މަޤާމް އަކީ ތަބްރޭޒްގެފާނުގެ ޙާއްސަ މަޤާމެކެވެ. މީގެ އިތުރުން ރ.އަލިފުށީގައި ވެސް ތަބްރޭޒްގެފާނުންގެ މަޤާމެއް ހުރެއެވެ. އަދި މާލޭ މެދު ޒިޔާރަތަކީވެސް ތަބްރޭޒުގެ ފާނުގެ ޒިޔާރަތެކެވެ.

ދިވެހިރާއްޖެ އިސްލާމް ކުރެއްވިކަމަށް، "ލިޔެވިފައިވާ" ތާރީޚުތަކުގައި ބުނެވޭ ބޭކަލަކާއި، ކެންދޫ މީހުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ތާރީޚުގައި ވާ ބޭފުޅަކާއި، މިދެބޭފުޅުންގެ ނަމުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަ ހުއްޓެވެ.

ކަންމިހެން ހުރިނަމަވެސް، ރާއްޖެ އިސްލާމް ކުރެއްވިކަމަށް ބުނާ ބޭފުޅާގެ ނަމުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. އެއީ ތަބްރޭޒް ތޯ، ނުވަތަ ބަރްބަރީ ތޯއެވެ. މިކަމާބެހޭގޮތުން ދިވެހި ބައެއް ލިޔުންތެރިންނާއި ތާރީޚު ޢިލްމުވެރީން ބަހުސްކުރައްވާފައިވެސް އެބަ ހުއްޓެވެ. 2008 ވަނަ އަހަރުގެ މެއި މަހު ޢާންމު ކުރި ފަތްތޫރައިގެ، 21 ވަނަ ޞަފްޙާގައި މުޙައްމަދު ވަޙީދު ނަދްވީ، މިކަމަށް ވަރަށް ސާފުކޮށް އަލި އަޅުވާލައިފައިވެއެވެ. އެ ލިޔުމުގައި ވާގޮތުން ދިވެހި ތާރީޚުން މުޙަންމަދު އަމީން ނަކަލު ކުރެއްވި ލިޔުމަކާއި ތާޖުއްދީން ތާރީޚު ފޮތުގެ އެޕެންޑިކްސްގައިވާ ލިޔުމުގައި (ހުކުރު މިސްކިތު ފިލާގައި ހުރި ލިޔުންކަމަށް ބުނާ އެޕެންޑިކްސްގައި) ވާ، މި ބޭފުޅެއްގެ ނަން ތަފާތެވެ. އެހެންނަމަވެސް، ތަފާތުވަނީ ހަމަ އެކަނި "ތަބްރީޒީ" މިތަންކޮޅެވެ. ކުރީގައި އެލިޔުމުގެ ޢަރަބި ގޮތުގައި އޮތް "ތަބްރިޒްގެ" އަކުރެއްގައި ނުކުތާއެއް ނެތުމުން، ނަކަލުކުރެއްވި ބޭފުޅަކު އެލިޔުމުގައި ބަރްބަރީ ލިޔުއްވީ ކަމަށްވެސް މި ލިޔުމުގައި ވެއެވެ. މިއީ މަޝްހޫރު އިބްނު ބަތޫތާ އެ ބޭކަލެއްގެ ނަން ގެނެސްފައިވާ ގޮތްކަމަށްވެސް މި ލިޔުމުގައިވެއެވެ. އަދި ހަމަ އެއާއެކު، ޢަރަބި އެހެން ލިއުމެއް، ނަކަލު ކުރެވިފައި ހުރިއިރު އޭގައި ވެސް ނުކުތާ ނެތް ކިތަންމެ ތަނެއްގައި، ބަސް ބަދަލު ކޮށްފައި ހުރިކަށް ފާހަގަ ކޮއްފައިވެއެވެ. އެހެންކަމުން އެގޮތަށް ކުރެވޭ ނަކަލުތަކުގައި އެހެން ބަދަލުވެފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އެ ލިޔުމުގައިވެއެވެ.

އަލްއުސްތާޒު މުޙައްމަދު ލުޠުފީ މި މައުޟޫއަށް ވަރަށް ދިގު ބަހުސެއް ކުރައްވާފައިވެސް ވެއެވެ. އެ ބަހުސްގެ ނަތީޖާއެއްގެ ގޮތުގައި، ލުޠުފީ ވިދާޅުވަނީ އެ ބޭކަލަކީ "އީރާނުގެ އައްތަބްރީޒު ކިޔާ ރަށުގެ އައްޝައިޙް އަބުއްރިކާބި ޔޫސުފެވެ. އާދެ، އައްޝައިޙް އަބުއްރިކާބި ޔޫސުފުއް ތަބުރީޒީއެވެ. މިފަދައިންނެވެ. (ފަތްތޫރަ 46 ޖެނުއަރީ 1983، ސ21)." (މުޙައްމަދް ވަޙީދް ނަދްވީ، 2008)

އާދެ، މިހިސާބުން ކެންދޫ މީހުންގެ ހިތްތަކުގައި މިބޭކަލެއްގެ ނަމާމެދު ދެކޭގޮތް ބަލާލާނަމެވެ. 2017 ވަނަ އަހަރު ލޫކަސް ޖަލީލް ލިޔުއްވި "ރާއްޖެ އިސްލާމްވުމާއި ކެންދޫ މަޤާމްގެ ވާހަކަ" ގައި ކެންދޫ ދޮން ޔޫސުބާއި ހަވާލާދީ ލިޔެފައިވާ ފަދައިން އެ ބޭކަލެއްގެ ނަމަކީ "މަވްލާނާ އަލްހާފިޟް ޔޫސުފް ޝަމްސުއްދީން އަބޫ ރިކާބް އައްތަބްރީޒީ" އެވެ. ހަމަ އެލިޔުމުގައި ކެންދޫ ގާޒީ ބަކުރުބެއާ ހަވާލާދީ ލިޔެފައިވަނީ "ބަރްބަރީ" ގެ ނަމުގެ ގޮތުގައެވެ.

މީގެ އިތުރުން 1985 ވަނަ އަހަރު، ކެންދޫ ރަށު އޮފީހުން ފުރުއްވި، "ރާއްޖެތެރޭގައި ހުރި ޒިޔާރަތްތަކާއި ބެހޭ މަޢުލޫމާތު ފޯމު" ގައި އެބޭކަލެއްގެ ނަމުގެ ގޮތުގައި ލިޔުއްވާފައިވަނީ، "ޔޫސުފުއް ޝަމްސުއްދީން އައްތަބްރީޒީ (ބަރްބަރީ)" މިފަދައިންނެވެ. ފުރިހަމަ ނަމުގެ ގޮތުގައި ތަބްރީޒީ ލިޔުއްވުމަށްފަހު ބަރްބަރީގެ ނަން ގެނެސްފައި ވަނީ ބުރެކެޓެއްގެ ތެރޭގައެވެ. ހަމަ އެފޯމުގައި އިތުރަށް ބުނެފައި ވަނީ ޒަމާނުއްސުރެ ކެންދޫ މީހުން ގަބޫލުކުރަމުން އައީ އެބޭކަލަކީ "ތަބްރީޒީ" ކަމަށެވެ. ނަމަވެސް ސުމުއްވުލް އަމީރް، މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު، އެބޭކަލަކީ ބަރްބަރީ ކަމަށް ނިންމެވުމުން، ކެންދޫ މީހުންވެސް އެ ބޭކަލަކީ ބަރްބަރީ ކަމުގައި ދެކުނެވެ. ބުނެވޭ ގޮތުގައި އޭގެ ފަހުން ކެންދޫގައި ބައްތެއްޔެއް ބަނދެ، އެއަށް ބަރްބަރީ އޭ ކިޔާ ނަންދިނެވެ. އެހެން ކަމުން "ލިޔެވިފައިވާ" ތާރީޚުގައި ވާ ބޭކަލެއްގެ ނަމާއި ކެންދޫ މީހުން އެބޭކަލެއްގެ ނަމުގެ ގޮތުގައި ފާހަގަކުރާ ނަން ވަރަށް އެއްގޮތެވެ.

ސުވާލަކީ "ބަރްބަރީ" އަކީ ކާކުހެއްޔެވެ؟ ނުވަތަ އެއީ ހަމަ މިބޭކަލެއްގެ ނަމުގެ ބައެއް ހެއްޔެވެ؟ ނުވަތަ ތަބްރޭޒީ އަކީ ކާކުހެއްޔެވެ؟.........

 

ހަވާލާ:

 

• ލޫކަސް ޖަލީލް، (2017). "ރާއްޖެ އިސްލާމްވުމާއި ކެންދޫ މަޤާމް" – ލޫކަސްޖަލީލް.ކޮމް

 

• ނަސީމާ މުޙައްމަދު، (2012). "ކެންދޫ މަޤާމްފުޅާ ބެހޭ ތާރީހީ ވާހަކަ" – ހަވީރު

 

• ނާޖިހް ދީދީ، (2018). ޓްވިޓާ ޕޯސްޓް، ނެގީ: (ސޯސް)

 

• ޓީވީ ސީރީސް، (1993). މުޙައްމަދު ރަސޫލުﷲ

 

• މުޙައްމަދު ވަޙީދު ނަދްވީ، (2008). "ރާއްޖެ އިސްލާމްވުން"– ފަތްތޫރަ

 

• އިޔާޒް ނަސީމް، (2012). "ތަބްރޭޒީތަ؟ ބަރްބަރީތަ؟" – ފަންވަތް

 

• ލައިޝާ އާދަމް، (2018). "ރާއްޖެ އިސްލާމްވި ދުވަސް" – ރާއްޖެ އެމްވީ

 

• މާހިދު މުޙައްމަދު، (2013). "މާތްﷲ ގެ ވަލީވެރިންނާއި އެބޭކަމުންގެ ކަރާމާތްތައް" – މެޕްސް އިންޓަނޭޝަނަލް ހައި

 

• ހުސައިން ޝާކިރު މުޙައްމަދު. "މާލޭގެމިސްކިތްތައް"

 

• މުޙައްމަދު އިބްރާހީމް ލުތުފީ، (1991). "އިބުނުބަތޫޠާ ދިވެހިރާއްޖޭގައި" – މަލަސް (32)

 

• އައްބާސް އިބްރާހީމް، (1998). "ދިވެހީންގެ ބަސް" – ދިވެހިބާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒު

 

• ކެންދޫގެ އިސްރަށްވެހީންނާއި "ހަރު" ބޭބޭފުޅުންގެ ބަސްތައް

 

• އަލިފުށީ އިސްރަށްވެހިންގެ ވާހަކަތައް

 

• ކެންދޫ، ދާއިރާގޭ މަމްނޫން ޒާކިރު، ކެންދޫ މަޤާމްފުޅާ ގުޅޭގޮތުން އެއްކޮށް ޖަމާކޮށްފައިވާ ބައެއް މަޢުލޫމާތުތައް

 

• ކެންދޫ ކައުންސިލް އިދާރާ

 

• ރާއްޖެތެރޭގައި ހުރި ޒިޔާރަތްތަކާއި ބެހޭ މަޢުލޫމާތު ފޯމު – ކެންދޫ ރަށު އޮފީސް -1985

 

• މަޤާމްފުޅު ރިކޯރޑްސް – ކެންދޫ ކައުންސިލް

 

• Athena.T. (2015). Fish Salting in the North west Maghreb in Antiquity

 

• Barbari History, Family Crest & Coats of Arms.(n.d).House Of Names. Retrieved from https://www.houseofnames.com/barbari-family-crest

 

• Sayfullah. (n.d). How did Maldives islands inhabitants became Muslim?AlSunna. Retrieved from https://www.alsunna.org/forum/index.php?topic/=1414.0

 

• Ibn Batutta, Travels in Asia and Africa 1325-1354. Tr. and ed. H. A. R. Gibb (London: Broadway House, 1929)

 

• N.d. (2018). History of Religion in Morocco. NaturallyMorocco. Retrieved from https://www.naturallymorocco.co.uk/about-us/morocco-travel-blog/islam-in-morocco-history-of-relegion.html

 

• Byzantine. E. (2015). Trade language and Lingua Franca. Byzantineemphoria. Retrieved from https://byzantinemphora.com/trade-language/

 

• Ivan.T. (n.d) Reputation and Coalitions in Medieval Trade. Todorbozhinov. Retrieved from https://todorbozhinov.com/ivantabakov/?p=720

 

• Maghreb Region, north Africa. Britannica. Retrieved from https://www.britannica.com/place/maghreb

 

• Andre’.W. (2002). From the Mediterranean to the Indian Ocean. University of Wisconsin. “Comparative Studies in Society and History”. Vol 44. Pp 416-445.