ފަލަސްޠީނުގައި ހިނގަމުންދާ ކަންކަމަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫނެވެ. ފަލަސްޠީނުގެ ބިންތަކަށް ނުހައްޤުން ވަޒަންވެރިވެ ހަންފަތުރަމުން އަންނަ ޓެރަރިސްޓް އިޒްރޭލުގެ އަނިޔާވެރިކަމުގައި ކޮންމެ ދުވަހަކު ކުށެއްނެތް އެތައް ކުޑަކުދީންނާއި، އަންހެނުންނާއި ދުވަސްވީ މީހުން ޝަހީދުވަމުން އަންނައިރު އިސްލާމީ ޤައުމުތައް އަދިވެސް ތިބީ ގަދަ ނިންޖަކުން ނިދާފައެވެ. މުސްލިމުންގެ މުޤައްދަޞް ބިމެއްގައި ލޭގެ ކޯރެއް ހެދެމުންދާއިރު، އަރަބިންނާއި މުސްލިމު ޤައުމުތަކަށް ކަމެއް ވާހެންވެސް ހީނުވާ ކަހަލައެވެ. 

އަސްލު މައްސަލަ މީގެ ސަތޭކަ އަހަރެއްހާ ކުރިން ފެށި، އޭގެ ފަހުން ޔަހޫދީންގެ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަކަށްވެ އެތައް މުސްލިމުންގެ ލޭ ބިމަށް އޮހޮރެމުންދާތާ 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ފަލަސްޠީނުގެ މައްސަލާގައި އެކި ދުވަސްވަރުމަތިން އަރަބި ޤައުމުތަކުން އެކި މިންވަރަށް ޝާމިލުވެފައިވެއެވެ. އެހެންނަމަވެސް، ހަޤީޤީ މާނާގައި، ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ޔަހޫދީންނާއި ސީދާ ގޮތެއްގައި ކުރިމަތިލާފައިވަނީ ހައިރާންވާހާ މަދު ފަހަރެއްގައެވެ. 

1917 ވަނަ އަހަރުން ފެށިގެން އިނގިރޭސީންނާއި ޔޫރަޕުގެ ބޮޑެތިބާރުތަކުގެ މަދަދާއެކު ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަންނަމުން ދިޔައިރުވެސް، އަވަށްޓެރި އަރަބި ޤައުމުތައް ތިބީ ކުޅިބަލާށެވެ. މިކަމަށް އެންމެ ފުރަތަމަވެސް އަރަބި ޤައުމުތަކުން ކަމެއް ކޮށްފައިވަނީ 1948 ވަނަ އަހަރުގެ މެއި މަހު 15 ވަނަ ދުވަހު އިޒްރޭލް ޤައުމެއްގެ ގޮތުގައި އިޢުލާންކުރި ހިސާބުންނެވެ. އެހާތަނަށް މި މައްސަލަ އޮތީ އަތުން ދޫވާ ހިސާބަށް ގޮސްފައެވެ. ފަލަސްޠީނު ބިންތަކުގެ 78 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށަށް އޭރުވަނީ ގެންގޮސްފައެވެ. އެތައް އާންމުންނެއް ޝަހީދުވެ، އެތައް ބަޔަކު ޒަޙަމްވެ، އެތައް ސަތޭކަ ގެދޮރެއް ބިމާހަމަވެ، އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލިފައެވެ. 1948 ވަނަ އަހަރު އަރަބި-އިޒްރޭލް ހަނގުރާމާގައި އިޒްރޭލާ ދެކޮޅަށް ލުބުނާން، ސީރިއާ، އުރުދުން އަދި މިސްރު ބައިވެރިވެފައިވިއެވެ. އެހެންނަމަވެސް، އޭގެ ފަހުން އަރަބި ޤައުމުތަކުން މިފަދަ ގޮތަކަށް ފަލަސްޠީނުގެ ދިފާޢުގައި އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކޮށްފައެއް ނުވެއެވެ. 

ފާހަގަ ކޮށްލަންޖެހޭ ހަޤީޤަތަކީ، އިޒްރޭލުގެ ފަހަތުގައި އެމީހުންގެ ކަންކަމަށް މަދަދުދޭ ހުޅަނގުގެ ބާރުގަދަ ޤައުމުތައް ތާއަބަދު ތިބޭކަމެވެ. އިނގިރޭސިވިލާތާއި އެމެރިކާ އިޒްރޭލުގެ އަސްކަރިއްޔާއަށާއި އިޤްތިޞާދަށް ބޮޑެތި ޚަރަދުތަކެއް އަބަދުވެސް ކުރަމުން އައުމުގެ ނަތީޖާއަކީ، މިއަދު އިޒްރޭލުގެ އަސްކަރިއްޔާ ފުޅާވެ، ޒަމާނީ އެންމެފަހުގެ ވަޞީލަތްތައް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުމެވެ. ހަންފެތުރުން ކުރިޔަށް ގެންދިޔުމެވެ. ފަލަސްޠީނުގައި ހިނގާ ލޭ އޮހޮރުވުންތަކާއި ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލާއިރުވެސް، އިޒްރޭލަށް ކަހާތަން ހިރުވައިވެސް ނުލެވެނީ އެހެންވެއެވެ. ހިއުމަން ރައިޓްސްއަށާއި ޤައުމުތަކުގެ ހަމަޖެހުން ކަށަވަރުކުރުމަށް އުފެދިފައިވާ ބައިނަލް އަޤްވާމީ ޖަމިއްޔާތައް އިޒްރޭލު ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ޖެހިފައިވަނީ މި ދެންނެވި ހުޅަނގުގެ ބޮޑެތި ބާރުތައް އިޒްރޭލު ހިމާޔަތްކުރާތީއެވެ.

ސުވާލަކީ، މި މައްސަލަ މިހިސާބަށް އައި އިރުވެސް، އަދި މިހާރު އިޒްރޭލުން ޤަތުލުއާންމު ހިންގަމުންދާއިރު، އަރަބި އިސްލާމީ ޤައުމުތައް ހިމޭނުން ތިބެނީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ މިލްކިއްޔާތުގައި ފޯރުންތެރިކަން ހުރެމެ، މި މައްސަލަ ތެރެއަށް ނުވަދެ އެ ތިބެނީ ކީއްވެ ހެއްޔެވެ؟ އިޒްރޭލާ ކުރިމަތިލުމުގެ ޤާބިލުކަން މުސްލިމުންގެ ކިބައިގާ ނެތީ ހެއްޔެވެ؟ ނޫނީ އެ ހިތްވަރު ނެތީ ކީއްވެ ހެއްޔެވެ؟

ދުނިޔޭގެ އަރަބި މުސްލިމް ޤައުމުތަކުގެ ތެރެއިން އަސްކަރިއްޔާއަށް އެންމެ ބޮޑު ހޭދަކުރާ އަދި އަސްކަރީގޮތުން އެންމެ ބާރުގަދަ ގައުމުތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ޔޫރާސިއަންޓައިމްސް.ކޮމްގައި މިވަގުތު އަސްކަރީ ގޮތުން އެންމެ ވަރުގަދަ އަރަބި އިސްލާމީ ޤައުމުތަކުގެ ލިސްޓެއް ވަނީ ޝާޢިއު ކޮށްފައެވެ. 


 

މި ލިސްޓުގައި ހިމެނޭ ޤައުމުތަކަށް އެކަނި ބަލައިލިނަމަވެސް، އަސްކަރިއްޔާގައި ޖުމްލަ 4،378،050 ސިފައިން އެބަ ތިއްބެވެ. އަދި އަސްކަރިއްޔާއަށް ބޮޑު ހޭދައެއް މި ޤައުމުތަކުން ކޮންމެ އަހަރަކުވެސް އެބަ ކުރެއެވެ. މި އަދަދުތައް މި ހިނގާ 2023 ވަނަ އަހަރު އެތައް ގުނައެއް ހުރިހާ ޤައުމެއްގައިވެސް ބޮޑުވެފައިވާއިރު، އަދި އަސްކަރިއްޔާގެ އަދަދުވެސް އެއް ދުވަހުން އަނެއްދުވަހަށް ބޮޑުވަމުން އަންނައިރު، އިސްލާމީ ޤައުމުތަކުގައި ހުޅަނގުގެ ބާރުގަދަކަން ދައްކާއިރުވެސް ކުޅިބަލަން ތިބުމަކީ މުސްލިމުން މިއަދު ނިކަމެތިވެފައިވާ މިންވަރު އަންގައިދޭ ކަމެކެވެ. 

ފަލަސްޠީނުގެ މައްސަލަ ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގެ މައްސަލާގައި އިސްލާމީ އެހެން ޤައުމުތަކުން އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްނުދިނުމުގެ އެއް ސަބަބަކީ، އެ ޤައުމުތަކުން ފަލަސްޠީނުގެ މައްސަލައާއި ދޭތެރޭ ދެކޭގޮތް ތަފާތުވުމެވެ. އެ ޤައުމުތަކުން ފަލަސްޠީނުގައި ހިނގަމުންދާ ކަންކަމަކީ، އިސްލާމީ ވަޙުދަތާއި ގުޅޭ ދީނީ ކަމެއްގެ ގޮތުގައި ނުދެކޭހާ ހިނދަކު، ފަލަސްޠީނުގެ މައްސަލާގައި އެ ޤައުމުތަކުގެ އަސްކަރިއްޔާގެ މަދަދު ނުދޭނެކަމަށް އެ ފަރާތްތަކުން ދެކެއެވެ. ގިނަ ޤައުމުތަކުން ދެކެނީ ފަލަސްޠީނުގެ މައްސަލައަކީ ދާޙިލީ ކަމެއްގެ ގޮތުގައެވެ. 

ނަމަވެސް، ކަން އޮތީ އެ މޭރުމަކުން ނޫނެވެ. ކަތިލެވެމުންދަނީ އަހަރުމެން ކަހަލަ މުސްލިމުންނެވެ. ކޮންމެ ދުވަހަކު އެ ޝަހީދުވަނީ އަހަރުމެންގެ އެއްބަނޑު އެއްބަފާ ކަހަލަ އަޙުންނާއި އުޙުތުންނެވެ. ކުށެއްނެތި އަމިއްލަ ވަޒަނުގައެވެ. އެތިބަ ޅަދަރީން ޔަތީމުވެ، އަންހެނުން ހުވަފަތްވެ އެތައް މިލިއަން މުސްލިމުން ގެދޮރު ގެއްލި، އެދި ގޮވަނީ އެންމެ ކަމަކަށެވެ. އިންސާފަށެވެ. ހަމަޖެހުމަށެވެ. އިސްލާމީ ޤައުމުގެ މަދަދަށެވެ. އެހެންނަމަވެސް، އެ ޤައުމުތަކުން އަދާ ޖެހެންދެންވެސް އެ ތިބީ ކުޅިބަލާށެވެ. ފުދުންތެރިކަމާއި ކެރިފޯރުންތެރިކަން ލިބިތިބެމެ އެތިބީ ގަދަ ނިދީގައެވެ.