ޒައިނިސްޓު ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ބޮޑު ގަތުލުއާއްމުގައި ޝަހީދުވި މުސްލިމުންގެ އަދަދު 8000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަލަސްޠީނުގެ ރިޕޯޓުތައް ބުނެއެވެ. އާއްމު ނޫސްތަކާ މަޖައްލާތަކުގައި މި ވާހަކަތައް ހިއްސާކޮށްފައި ހުރެއެވެ. އެ ހަބަރުތައް އަހަރެމެން ކިޔަމުއެވެ. ނޫސްތަކާ މަޖައްލާތަކުގައި ހިއްސާ ނުކުރިއެއް ކަމަކު، މީސްމީޑިޔާގެ އެކި މަންސަތަކުގައި ދައުރުވާ ވީޑިއޯތަކާ ފޮޓޯތަކުން، އެ ޝަހީދުންގެ ހާލު ފެނެއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

ޝަހީދުވެފައިވާ ކުޑަކުދިންގެ ހަށިތައް ބަރިޖަހާލާފައި ހުއްޓާ އެބަ ފެނެއެވެ. ކަފުނުގައި އެތައް ކުދިންނެެއް އޮންނަތަން އެބަ ފެނެއެވެ. އެ މައްޔިތުންގެ ކައިރީ ރޮއެ ހަދާ މައިންނާ ބަފައިން ފެނެެެއެވެ. އެއްބަނޑު މީހުންނާ އެއްބަފާ މީހުން ފެނެއެވެ. އަސަރެއް ނުކުރޭ ހެއްޔެވެ؟

ވިސްނާލާށެވެ! ތިބާގެ ދަރިން ދެކެ ތިބާ ކިހާ ލޯބި ވަމު ހެއްޔެވެ؟ އެއިން ދަރިއަކު އާދައިގެ އަރިދަފުސް ރޯގާއެއް ޖެހުމުން ތިބާ އުޅޭ ގޮތް އަހަރެމެންނަށް ފެނެއެވެ. ވެއްޓި ކަކޫކޮޅު މަށައިގެން ދިޔައީމާ ތިބާ އުޅޭ ގޮތް އެންމެނަށް އެބަ އެނގެއެވެ. އަތިރިމަތީ އާނުގަނޑު މައްޗަށާއި ތޮށިގަނޑުގެ ހިކި ގާތަކުމައްޗަށް އަރައިގެން އެ ދަރިން އުޅޭ އިރު، ފަޔަށް ހިނި އަރައިގެން ގޮނޑުދޮށުގައި ތިބާ އުޅޭތީ ކިތަންމެ ބަޔަކަށް ހުރީ ފެނިފައެވެ. ކުންނާރު ގަހެއް ތަޅަން އުޅެނިކޮށް ކުންނާރު ކައްޓެއް ހެރިގެން އެދަރި ރޯތީ ތިބާ ތެޅިގަތް ގޮތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ކުޅެން ގެންގުޅުނު ލަކުޑި ކޮޅުން ކީއްޔެއް ހެރިގެން އެ ކީލި ހިފައިގެން ނައްޓައިދޭނޭ މީހަކު ހޯދަން އެކަކު ކައިރިން އަނެކަކު ކައިރިން އާދޭސް ކުރަމުން ތިބާ ހިނގިކަން ގިނަ ބަޔަކު ދަނެއެވެ. އާދޭހެވެ! އަހަރެމެން އަހަރެމެންގެ ދަރިން ދެކެ ވާ ލޯތްބެވެ! އެދަރިންނަށް ގެއްލުމަށް ވުމަށް ހިތް ނޭދޭ ވަރެވެ!

ފަލަސްޠީނުގެ ބިމުގައި އެތިބަ މައިންނާ ބަފައިންގެ މި އިހުސާސްތައް މިހެން ނުހުންނާނެ ހެއްޔެވެ؟ އެ މައިންނާ ބަފައިންގެ ކުރިމަތީގައި އެމީހުންގެ ލޯބި ލޯބި ދަރިންތައް އެދަނީ ކަތިލަމުންނެވެ. އަންދަމުންނެވެ. ގުނަވަންތައް ވަކި ވަކި ކުރަމުންނެވެ. މީސްމީޑިޔާގައި ދައުރުވާ މަންޒަރުތަކުން މިކަންކަން ހާމަވެއެވެ. އެއްބައި ދަރިންގެ ބޮލެއް ނުހުރެއެވެ. ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑި ނުކުމެ ހޮއެ ހެދިފައެވެ. އަތްފައި ހަމަ އަކަށް ނުހުރެެވެ. ކާކުކަން ނޭނގޭ ވަރަށް މޫނު ޗިސްޗިސް ވެފައެވެ. އަނދާފައިވާ ހަށިތަކުގައި ހުސް ދެއްޔެވެ. މަސްގަނޑު ވިރި ކަށިގަނޑު ފެނެއެވެ. ބަނޑާ މޭމަތި ފެށި އެތެރެ ހަށީގެ ގުނަންތައް ބޭރަށް ނުކުމެފައެވެ. ގައި މައްޗަށް ވެއްޓިފައިވާ އިމާރާތްތަކުގެ ސަބަބުން ފިތި، ފުރަގަސްފަރާތުބް ގޮހޮރު ނުކުމެފައެވެ. ސުބުޙާނަ ﷲ! ﷲ އަކްބަރް!

މިއީ ނޫސްތަކުގައި ލިޔަން ޖެހޭ ވާހަކަތަކެކެވެ. މިއީ އިހުސާސް ކުރަން ޖެހޭ ހާލަތްތަކެވެ. ވިސްނާލާށެވެ. ތިބާގެ ދަރިފުޅުގެ އަތަށް ކީއްޔެއް ވަދެގެން ތިބާ އެހީއަށް އެދި އާދޭސް ކުރަމުން ހިނގިއެވެ. ވިސްނާލާށެވެ! ފަލަސްޠީނުގެ މައިންނާ ބަފައިން އެ ދެކެނީ ކޮންފަދަ އަނިޔާވެރި މަންޒަރު ތަކެއް ތޯއެވެ. އެމީހުން ލޯބިވާ އެމީހުންގެ ދަރިންގެ އިނގިއްޔަށް އެއުޅެނީ ކީއްޔެެއް ކައްޓެއް ހެރިގެނެއް ނޫނެވެ. އެއުޅެނީ އާދައިގެ ރޯގާއެއް ޖެހިގެނެއް ނޫނެވެ. އިސްވެ އެ ދަރީންގެ ހާލު ބަޔާން ކުރެވިއްޖެއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

އަހަރެމެން ކިތައްމެ އިހުސާސް ކުރަން ބޭނުންވި ނަމަވެސް، މިއީ އަހަރެމެންނަށް އިހުސާސް ކުރެވޭނެ ހާލަތެއް ނޫނެވެ. ފަހަރުގައި ހާލަތު އެނގި ދާނެއެވެ. ނަމަވެސް އިހުސާސްކުރުން އެއީ ކުރެވޭނޭ ކަމެެއް ނޫނެވެ. އެހެންކަމުން ފަލަސްޠީނުގެ މައިންނާއި ބަފައިންގެ ހިތްތަކުގައި އަޅާ ވޭން ކުންނާރު ކައްޓަކުން ބަޔާންކޮށްދެވޭކަށް ނޯންނާނެއެވެ. ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟

އެ މައިންނާ ބަފައިންނަށް ކެތްތެެރިކަން ދެއްވާންދޭވެ! އަދި ފަލަސްޠީނަށް ނަސްރު ދެއްވާ، ޒައިނިސްޓު ޔަހޫދީން ބަލިކުރައްވާ ނިކަމެތި ކުރައްވާ ވިއްސި ވިހާލި ކުރައްވާން ދޭވެ! އެބައިމީހުންގެ އަނިޔާވެރިކަން އެބައިމީހުންގެ މައްޗަށް ފާކުރައްވާ އެބައިމީހުންގެ އަމިއްލަ އަތްތަކުން އެބައިމީހުން ނެތި ކުރައްވާންދޭވެ! ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ހުރިހާކަމަކަށް ކުޅަދުންވަންތަ އިލާހް!