ތަބްރޭޒީ ނުވަތަ ބަރްބަރީ އަކީ، މިބޭކަލެއްގެ ނަމުގައި ޚިޔާލު ތަފާތުވާ ހިސާބެވެ. އިސްވެ ދެންނެވުނުފަދައިން ތަބްރޭޒީ ގެ ޢަރަބި ލަފުޒުގެ ދިވެހި ތަރުޖަމާއަކަށް ނުވަތަ އެނަން އެހެން ނަކަލަކަށް ނަކަލު ކުރެއްވީ އިބްނު ބަތޫތާއެވެ. އިބްނު ބަތޫތާގެ ޙަޔާތަށް ބަލާލަމާ ހިނގާށެވެ. އިންބު ބަތޫތާއަކީ މުޅި ދުނިޔެއަށް މަޝްހޫރު ދަތުރުވެރިއެކެވެ. ދުނިޔޭގެ އެތައް ޤައުމަކަށް ދަތުރުކުރައްވާފައިވާ އިބްނު ބަތޫތާގެ ޙަޔާތުގައި "މާތް" އެތައް ބޭކަލުންނަކާއި ދިމައިވެފައި ވާނެއެވެ. ކުރިން ދެންނެވުނު ފަދައިން ބައެއް "މާތް" ބޭކަލުންގެ ނަމުގެ ފަހަތަށް "ބަރްބަރީ" އައިސްފައި ހުރުން އެއީ، އިބްނު ބަތޫތާގެ ނަޒަރުގައި، ތަބްރީޒީގެ ނަމުގައި ނުކުތާއެއް ނެތުމުން އެނަން ބަދަލުކޮއްލަން އެންމެ ރަނގަޅު ގޮތްކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ ތަބްރީޒީގެ އާއިލީ ނަމަކަށް ބަރްބަރީ ކިޔުއްވާކަން އިބްނު ބަތޫތާއަށް އެނގިލައްވަނީ ކަމަށްވެސް ވެދާއެވެ. އެހެނީ އެއީ ކުރިން ދެންނެވުނު ފަދައިން "ބަރްބަރީ" ގެ ދަރިފަސްކޮޅު މުޅި މެޑިޓްރޭނިއަމްގައި ފެތުރިފައި ވާނެތީއެވެ. ނުވަތަ މަޣްރިބް ކަރައިގެ ބޭކަލެއްކަމުން، މަޣްރިބް ކަރައިގެ މަޝްހޫރު "ބާރބަރީ" އަވަށަށް ނިސްބަތްކޮށް އެނަން ދިނީ ކަމަށްވެސް ވެދާނެއެވެ. މިދެންނެވި އެންމެ ފަހުގޮތަކީ މިކަމުގައި ވުން އެންމެ ގާތް ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ.

"ބަރްބަރީ" ގެ ދިގު ތާރީޚެއް އޮތްނަމަވެސް ދިވެހީން ޒަމާނުއްސުރެ އެ ބޭކަލަކަށް މުޚާތަބު ކުރީ ތަބްރީޒީގެ ނަމުންނެވެ. އެކަމަށް އަލިއަޅުވާލައި، 2018 ވަނަ އަހަރު ރާއްޖޭގެ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ ނާޖިހް ދީދީ ވިދާޅުވަނީ، "ޒަމާނުންސުރެ ދިވެހިން ކިޔައި އުޅުނީ ތަބްރޭޒްގެފާނޭ. ދިވެހިންނަށް ބަރްބަރީ ޢާންމުކުރީ ފަހުގެ ސަރުކާރުތަކުން." މިފަދައިންނެވެ. (ނާޖިހް ދީދީ - 2018 - ޓްވިޓަރ ޕޯސްޓް). އެހެންކަމުން ބަރްބަރީ އަކީ އިބްނު ބަތޫތާ ތަޢާރަފް ކޮއްދެއްވި ނަމެއްކަމާއި، އަސްލަކީ ހަމަ ތަބްރޭޒްގެފާނުކަމުގައި މިކަންތައްތަކުން ދަލީލު ކުރެއެވެ.

ޢަރަބި ދަރިކޮޅު މީހުންނަކީ އެބައިމީހުންނަށް އެތައް ނަމެއް ނިސްބަތް ކުރެވޭ ބައެކެވެ. އެތައް ލަޤަބުތަކެއް ޚާއްޞަ ކުރެވޭ ބައެކެވެ. އެއިން ބޭކަލެއްގެ އަސްލު ނަންފުޅު ފެންނާން ހުންނާނީ ނުވަތަ ކިޔޭނީ ވަރަށް މަދުންނެވެ. އެހެނީ އެބައިމީހުންގެ ލަޤަބުތަކާއި އެހެން ޚާއްޞަ ނަންނަން ގިނަ ކަމުންނެވެ. އެހެންކަމުން "މަވްލާނާ އަލްހާފިޟް ޔޫސުފް ޝަމްސުއްދީން އަބޫ ރިކާބް އައްތަބްރީޒީ" ގެ ނަންވެސް އެކި ގޮތްގޮތަށް އެކި ފޮތްތަކުގައި ލިޔެވިފައި ހުރުމަކީ ހައިރާންވެ، އެކަމާއި ޖަދަލު ކުރަންވީ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެވެ.

މިހިސާބުން އަނެއްކާ އުފެދޭ ސުވާލަކީ މަޣްރިބް ކަރައިގެ ބޭފުޅަކަށް "ތަބްރޭޒީ" ކިޔަންވީ ސަބަބެވެ. އެހެނީ ތަބްރޭޒީ ނުވަތަ ތަބްރޭޒް އަކީ ޕާރިސީންގެ ނަމެކެވެ. އެނަން ނިސްބަތްވަނީ ފާރިސްކަރައިގެ އަވަށެއް ކަމައްވާ ތަބްރިޒް އަށެވެ.

ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކީ އުތުރު އެފްރިކާ (މަޣްރިބްކަރަ)ގެ އަވަށަކަށް ނިސްބަތްބާ ބޭކަލެއްކަމަށް ޒަމާނުއްސުރެ ދިވެހިން ގަބޫލުކުރެއެވެ. އަރަބި ދަރިކޮޅުގެ މި ބޭކަލަކު ނިސްބަތްވާ ސީދާ އަވަށެއް ނުވަތަ ރަށެއް އެނގެން ނެތް ނަމަވެސް އެއީ "ބާރބަރީ" ނަމަކަށް ކިޔޭ އަވަށެއްގެ ބޭކަލެއް ކަމަށްވުން ވަރަށް ގާތެވެ. އެބޭކަލެއްގެ ނަމުގެ ފަހަތަށް ބަރްބަރީ ގެނެވިފައިވަނީ، މިހެންވެ ކަމަށް ވުމީ ވަރަށް ގާތް ކަމެކެވެ. ދެން އޮތީ އެބޭކަލެއްގެ ނަމުގެ ފަހަތަށް ތަބްރޭޒީ ކިއުނު ގޮތެވެ. އިސްލާމީ ތަޢުލީމު އުނގެނުމުގެ މަޤްޞަދުގައި މަޣްރިބް ކަރައިގެ ގިނަ ބަޔަކު އިރާގަށް ދިޔަ ކަމަށް ވެއެވެ. ނަމަވެސް އީރާނުގެ ތަބްރިޒް އަވަށަށް ގޮސް އުޅުނުކަމެއް ނުވަތަ ނޫން ކަމެއް އެނގޭކަށް ނެތެވެ. (ހިސްޓްރީ އޮފް ރިލިޖަން އިން މޮރޮކޯ، މޮރޮކޮ ނެޗުރަލީ، 2018).

ދެން އޮތީ އަޅުގަނޑުމެންނަށް ދެއްކެން އޮތް ވާހަކަތަކެކެވެ. އެހެނީ އިރާގަށް ތަޢުލީމު ހާސިލްކުރަން ގޮސްއުޅޭ ބަޔަކު، އީރާނުގެ ތަބްރިޒް އަށް ހިނގައިދާނެ ވާހަކައެވެ. އީރާނުގެ ތަބްރިޒް އަކީ ދީނީ ތަޢުލީމަށް އަރާހުރި އަވަށެކެވެ. އެހެން ކަމުން އެބޭކަލަކު، ދީނީ ތަޢުލީމު ހާސިލްކުރައްވަން އިރާގަށް ވަޑައިގެން، އިރާގުން، އީރާނުގެ ތަބްރިޒް އަވަށަށް ވަޑައިގަތުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކޮންމެއަކަސް މި ބޭކަލެއްގެ ނަމުގެ ފަހަތަށް ތަބްރޭޒީ ގެންނެވީ މަޢްރިބް ކަރައިގެ މީހުންނޭ ބުނެވިދާނެއެވެ. އެއީ މި ބޭކަލަކު ދީނީ ޢިލްމު ހާސިލް ކުރައްވައިގެން އެނބުރި މަޣްރިބް ކަރައަށް ވަޑައިގެން، ދީނީ ތަޢުލީމު އުގަންނައިދޭން އުޅުއްވުމުންނެވެ. "އަބުލް ބަރަކާތު" މި ލަފުޒު އުފެދުނީވެސް މި ދުވަސްވަރު ކަމަށް ވެއެވެ. އެހެނީ "އަބުލް ބަރަކާތު" ގެ މާނައަކީ ބަރަކާތުގެ ބައްޕައެވެ.

"އަރަބި ބަހަކީ އިސްލާމީ ތައުލީމުގެ އެންމެ މުހިންމު ބަސް ކަމުގައި ވާ އިރު، އަރަބީންގެ މީހަކު ދިވެހިރާއްޖެއަށް އިސްލާމްދީން ތައާރަފު ކޮށްފައި ވާ ނަމަ ދިވެހިންގެ ދީނީ ބަސްކޮށާރުގައި، އަދި ވަކީން ޚާއްޞަކޮށް ދީނުގެ އަސާސީ ކަންކަމަށް ބޭނުންކުރާ ލަފްޒުތަކުގައި އަރަބި ނޫން އެހެން ބަހެއްގެ އަސަރު ހުރެގެން ނުވާނެއެވެ. އެހެން ނަމަވެސް ކަން އޮތީ އެ ގޮތަކަށް ނޫނެވެ. މި ރޮނގުން ބަލާއިރު، މި ލަފްޒުތަކުގައި ފާރިސީ ބަހުގެ އަސަރު މާ ބޮޑުކަން ފާހަގަކުރެވެއެވެ." (އިޔާޒު ނަސީމް، 2012). މި ލިޔުމުގައި މިހެން އިބާރާތް ކޮއްފައި މިއޮތީ އެބޭކަލަކީ ފާރިސީންގެ ބޭކަލެއްކަން ދޭހަވާ މޭރުމަކުންނެވެ. ކަން އެހެން ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިސްވެ ދެންނެވުނު ސަބަބު، ސަބަބަކަށް މެދުވެރި ކުރާނަމަ އަރަބި ދަރިކޮޅުގެ މި ބުނާ ބޭކަލަކު ފާރިސީ ބަހަށް ފަރިތަ ބޭކަލަކަށް ވުމީ ގާތްކަމެކެވެ. އެހެނީ އެމަގުން ކަން ހިނގާފައިވާނަމަ، އެބޭކަލެއްގެ މުޅި ދީނީ ތަޢުލީމު ބިނާ ވެފައި އޮންނާނީ އިރާގު ނުވަތަ އީރާނުން ކަމަށް ވާތީއެވެ.

މި ބޭކަލެއްގެ ނަމާއި މިއީ ކޮން ބޭކަލެއްކަމާއި މެދު އަދިވެސް އިތުރަށް ބަހުސްކޮށް ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް ކުށެއް ނެތި ސާފުވާކަމީ ދިވެހި ރާއްޖެ އިސްލާމްވީ ދަތުރުވެރި، ދީނީ ބޭކަލެއްގެ އަތްމަތިންކަމެވެ. މިބޭކަލެއްގެ ނަމަކީ މަވްލާނާ އަލްހާފިޟް ޔޫސުފް ޝަމްސުއްދީން އަބޫ ރިކާބް އައްތަބްރީޒީ ކަމަށް ކެންދޫގެ މީހުން ޤަބޫލުކުރެއެވެ. އަދި އަބުލް ބަރަކާތުލް ޔޫސުފުލް ބަރްބަރީ އަކީވެސް ހަމަ އެބޭފުޅާކަމަށް ކެންދޫ މީހުން ޤަބޫލުކުރެއެވެ.

 

ހަވާލާ:

• ލޫކަސް ޖަލީލް، (2017). "ރާއްޖެ އިސްލާމްވުމާއި ކެންދޫ މަޤާމް" – ލޫކަސްޖަލީލް.ކޮމް

• ނަސީމާ މުޙައްމަދު، (2012). "ކެންދޫ މަޤާމްފުޅާ ބެހޭ ތާރީހީ ވާހަކަ" – ހަވީރު

• ނާޖިހް ދީދީ، (2018). ޓްވިޓާ ޕޯސްޓް، ނެގީ: (ސޯސް)

• ޓީވީ ސީރީސް، (1993). މުޙައްމަދު ރަސޫލުﷲ

• މުޙައްމަދު ވަޙީދު ނަދްވީ، (2008). "ރާއްޖެ އިސްލާމްވުން"– ފަތްތޫރަ

• އިޔާޒް ނަސީމް، (2012). "ތަބްރޭޒީތަ؟ ބަރްބަރީތަ؟" – ފަންވަތް

• ލައިޝާ އާދަމް، (2018). "ރާއްޖެ އިސްލާމްވި ދުވަސް" – ރާއްޖެ އެމްވީ

• މާހިދު މުޙައްމަދު، (2013). "މާތްﷲ ގެ ވަލީވެރިންނާއި އެބޭކަމުންގެ ކަރާމާތްތައް" – މެޕްސް އިންޓަނޭޝަނަލް ހައި

• ހުސައިން ޝާކިރު މުޙައްމަދު. "މާލޭގެމިސްކިތްތައް"

• މުޙައްމަދު އިބްރާހީމް ލުތުފީ، (1991). "އިބުނުބަތޫޠާ ދިވެހިރާއްޖޭގައި" – މަލަސް (32)

• އައްބާސް އިބްރާހީމް، (1998). "ދިވެހީންގެ ބަސް" – ދިވެހިބާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒު

• ކެންދޫގެ އިސްރަށްވެހީންނާއި "ހަރު" ބޭބޭފުޅުންގެ ބަސްތައް

• އަލިފުށީ އިސްރަށްވެހިންގެ ވާހަކަތައް

• ކެންދޫ، ދާއިރާގޭ މަމްނޫން ޒާކިރު، ކެންދޫ މަޤާމްފުޅާ ގުޅޭގޮތުން އެއްކޮށް ޖަމާކޮށްފައިވާ ބައެއް މަޢުލޫމާތުތައް

• ކެންދޫ ކައުންސިލް އިދާރާ

• ރާއްޖެތެރޭގައި ހުރި ޒިޔާރަތްތަކާއި ބެހޭ މަޢުލޫމާތު ފޯމު – ކެންދޫ ރަށު އޮފީސް -1985

• މަޤާމްފުޅު ރިކޯރޑްސް – ކެންދޫ ކައުންސިލް

• Athena.T. (2015). Fish Salting in the North west Maghreb in Antiquity

• Barbari History, Family Crest & Coats of Arms.(n.d).House Of Names. Retrieved from https://www.houseofnames.com/barbari-family-crest

• Sayfullah. (n.d). How did Maldives islands inhabitants became Muslim?AlSunna. Retrieved from https://www.alsunna.org/forum/index.php?topic/=1414.0

• Ibn Batutta, Travels in Asia and Africa 1325-1354. Tr. and ed. H. A. R. Gibb (London: Broadway House, 1929)

• N.d. (2018). History of Religion in Morocco. NaturallyMorocco. Retrieved from https://www.naturallymorocco.co.uk/about-us/morocco-travel-blog/islam-in-morocco-history-of-relegion.html

• Byzantine. E. (2015). Trade language and Lingua Franca. Byzantineemphoria. Retrieved from https://byzantinemphora.com/trade-language/

• Ivan.T. (n.d) Reputation and Coalitions in Medieval Trade. Todorbozhinov. Retrieved from https://todorbozhinov.com/ivantabakov/?p=720

• Maghreb Region, north Africa. Britannica. Retrieved from https://www.britannica.com/place/maghreb

• Andre’.W. (2002). From the Mediterranean to the Indian Ocean. University of Wisconsin. “Comparative Studies in Society and History”. Vol 44. Pp 416-445.