މިއަދު މީސްމީޑިޔާގައި އެއްމެ ގަދައަށް ދައްކާ އެއް ވާހަކަ އަކީ ކޮންމެވެސް ޖީލެއްގެ ވާހަކައެކެވެ. މާޒީން ހަނދާން ކުރުމާއެކު، އެމީހެއްގެ ޅަ ދުވަސްވަރުގެ ހަނދާންތައް އައުކޮށް އެވާހަކަތައް ދައްކައެވެ. އެމީހެއްގެ ޒުވާން ދުވަސްވަރުގައި އުޅުނު ގޮތްތަކުގެ ވާހަކަ މީސްމީޑިޔާގައި އެބަ ދައްކައެވެ. ތަފާތު ގޮތްގޮތަށެވެ. މަޖާވެފައި ޖީލުތަކުގެ ވާހަކަ ދެއްކިއެއްކަމަކު، ޖީލަކަށްފަހު ޖީލެއް މި ދަނީ ހަލާކާ ފަސާދައިގެ ތެރެއަށެވެ.

ޒަމާން ބަދަލުވެ އިންސާނުންގެ ފިކުރާ ހިޔާލާ މިޒާޖަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ހަގީގަތަކީ އަންނަނީކީ ނޫނެވެ. ބަޔަކު ގެނުވަނީއެވެ. ފިލާވަޅު ދަސްނުކޮށްގެންނާ، މަދަރުސާގެ ގަވާއިދާ ހިލާފުވުމުން އަތްތަކުގައި އެއްތެލުން ތެޅި ޖީލުގެ މީހުން އެވާހަކަ އެބަ ދައްކައެވެ. ގޭގައި މަޑުން ނުތިބެ އަބަދު ބޭރުގައި އުޅުނު ޖީލުގެ މީހުން އެވާހަކަވެސް ދައްކައެވެ. އެއީ އެ ޖީލެވެ. މިއަދުގެ ހާލަތު މުޅިން ތަފާތެވެ. އެއްވެސް ދަރިވަރަކަށް އެއްވެސް އަދަބެއް ދިނުމެއް ނެތެވެ. ގެއިން ބޭރަށް ދަރިން ފޮނުވުމެއް ނެތެވެ. ގޭގައި މަޑުން އިންނަނިކޮށް އެވީއެވެ.

ދަންނާށެވެ! ދަރިވަރުންނަށް އަދަބު ނުދެނީ އެ ދަރިވަރުން ނަފްސާނީގޮތުން ބިރުގަނެ ބަލިކަށި ވެދާނެތީއެވެ. ނަފްސާނީ ބޮޑު ބައްޔަކަށް ހުށަހެޅިދާނެތީއެވެ. އާދޭހެވެ! މަގުސަދު ވަރަށްވެސް ހެވެއެވެ. އެހެނަސް ނަތީޖާ ތިބާ ދުށިން ހެއްޔެވެ؟ އެއްތެލުން ތެޅި ޖީލުގެ މީހަކު، އެކަމުގެ ސަބަބުން ނަފްސާނީ ވީ ވާހަކަ އެކަކުވެސް އެބަ ދައްކާ ހެއްޔެވެ؟ އެ ޖީލުގައި އެދުރުންނާ ވެރިންނަށާ ކަތީބުންނަށާ މުދައްރިސުންނަށް ކުރީ ކޮންކަހަލަ އިހްތިރާމެއް ހެއްޔެވެ. އެ ޖީލުގައި ކިޔަމަންތެރިކަން ހުރީ ލާމަސީލު މިސާލެއް ފަދައިންނެވެ. އެއީ އެއްތެލުން ތެޅި ޖީލެވެ. އެއީ ދަރިވަރެއް ވިޔަސް، ކުށެއް ކުރުމުން އަދަބު ލިބުނު ޖީލެވެ.

ދެން އަދުގެ ހާލަތަށް ބަލާލަމާ ހިނގާށެވެ. ދަރިވަރުގެ މިނިވަންކަމާ ދަރިވަރުގެ ހައްގުތައް މާ ބޮޑެވެ. ދަރިވަރު ބޭނުމިއްޔާ ފިލާވަޅު ނުހަދާވެސް ހުންނަންވީއެވެ. ދަރިވަރު ބޭނުމިއްޔާ ސުކޫލުގެ ގަވާއިދު ބޮލާލާ ޖަހަންވީއެވެ. އެއީ އެދަރިވަރުގެ ހައްގެކެވެ. އެ ދަރިވަރަށް ފިޔަވަޅެއް ނޭޅޭތާ އަދަބެއްވެސް ނުދެވެއެވެ. އެ ދަރިވަރު ނަފްސާނީގޮތުން ބަލިވެ، ބަލިމަޑުކަމަށް ހުށަހެޅިދާނެތީއެވެ. ދެން ނިކަން ދެކިބަލާށެވެ. މުދައްރިސުންނާ އެދުރުންނާ ރަށްރަށާ އަތޮޅާ ގައުމުގެ ވެރިންނަށް މިއަދު އިހުތިރާމު ކުރުމެއް ނެތެވެ. ދަރިވަރުން މުދައްރިސުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވާލައެވެ. އާހިރު ނަތީޖާ އާއި މެދު ވިސްނާ ބަޔަކު ނޫޅެއެވެ. ފުށުއަރާ ހައްގުތަކެއްގެ އެފުށް މިފުށުގައި ޖެހި ކޭތި ހޭކި އުޅެނީ އެއްބަޔަކަށް އެއް ހައްގެއް ހޯދައިދެމުން އަނެއް ބައެއްގެ އަނެއް ހައްގެއް ނިގުޅައިގަންނަމުންނެވެ. މިއީ މިފަދަ ޒާތަކަށް އެނބުރޭ ޖީލެކެވެ.

ދަރިން ބޭރުގައި ސަކަރާތްޖަހަން ނުވަތަ އެ ދަރިންގެ އެކުވެރިންނާ އެކު ގިނަ ވަގުތު އުޅުން މައިންނަށް ވަނީ ބޮޑުކަމަކަށް ވެފައެވެ. ވިޔާނުދާ ކަމެއް ކޮށް، ވިޔާނުދާ މަގަކުން ހިނގާފާނެތީއެވެ. ނަމަވެސް އެހެން އުޅުނު ޖީލެއް ފާއިތުވެ ހިނގައްޖެއެވެ. އެކަމުން އެވެރިންނަށް ލިބުނީ ގެއްލުމެއް ނޫނެވެ. އެކަނި އެއްފުރާގެ ކުދިންނާ އެކު ބޭރުގައި އުޅެމުން ދަސްކުރީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވާށެވެ. ދަސްކުރީ ހަރުދަނާ މީހަކަށް ވާށެވެ. ދަސްކުރީ ތިމާ ކުރާ ކަންކަމުގެ ޒިންމާ ތިމާ އަމިއްލަ އަށް ނަގާށެއެވެ. ދަސްކުރީ އެތައް މަސައްކަތެއްގެ އަސާސީ ހުނަރެވެ. އާދޭހެވެ. އެހެން ބޭރުގައި އުޅެމުން ގޯސް ކަންތައްތައްވެސް ކުރެވެއެވެ. ނަމަވެސް އުފަލަކީ އެއްބަސްވެ މައާފަށް އެދުމާއި އެކު، އޭގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭ ކަމެވެ. އަދި ތަކުރާރު ނުކުރާ ކަމެވެ. ސަބަބަކީ އެ ޖީލަކީ އެދުރުންނާ ވެެރިންނާ މައިންބަފައިންނަށް އިހްތިރާމް ކުރި ޖީލެކެވެ. ދޮގުހެދުމުގެ ބޭނުމެއް އެޖީލު ނުދަނެއެވެ. ކުށަށް އިއުތިރާފުވެ އަދަބު ލިބުމަކީ އެ ޖީލު ދުއް އެއްމެ ތަހުޒީބު ވިސްނުމެވެ.

ނަމަވެސް މި ޖީލުގެ ހާލަކީ ކޮބާ ހެއްޔެވެ؟ ދަރިން އަބަދު ތިބެންވަނީ ގޭގައެވެ. މައިންބަފައިންގެ ލޯ މަތީގައެވެ. އެއީ އެދަރިންނަށް ދޭ ލޯބީގެ ބޮޑުކަމުންނެވެ. އެހެންކަމުން އެދަރިން ބޭރަށްގޮސް އުޅޭކަށް ހުއްދައެއް ނޯވެއެވެ. ނަމަވެސް އެއީ އެކުދިންގެ ހައްގަކަށް އަރައިގަތުން ކަމުގައި ވާތީ، އެކަން އޮޅުވާލުމުގެ ގޮތުން ފޯނާ ޓެބްލެޓާ ގޭމު ކުޅޭ ސާމާނު އެކުދިންނަށް ދީފައި ގޭގައި ބައިތިއްބައެވެ. އަތުން ފައިން ކަމެއް ނުކޮށް ފޯނުގެ ތެރެއަށް ގެނބިގެން ތިބޭ ހާލު، ގޭތެރޭގައި އެކުދިން ބޮޑެތިވެއެވެ. މާދަމާ މުޖުތަމައަށް ނުކުންނަ އިރު، އަމިއްލަ ރަށުގައި އެކަނި ހިނގާލަން ނޭނގެއެވެ. ކިރިޔާވެސް މީހަކު ބާރަށް އެއްޗެއް ބުނެފިނަމަ، ދެރަވެ ރޮވެއެވެ. ނަފްސާނީ ވެއެވެ. އަމިއްލަ އަށް ކުށެއް ކުރެވިއްޖެ ނަމަ، ހައްލު ހޯދާކަށް ނޭނގެއެވެ. ހައްލަކީ މަރުވުންކަމުގައި ދެކެން ފަށައެވެ. ހަރުދަނާކަމެއް ގައިގާ ނެތްއިރު، މައިންނާ ބަފައިންނާ، އެދުރުންނާ ވެރިންނާ ދިމާލަށް ކިޔާލަނީ ހިތުހުރި އެއްޗެކެވެ. ގައިމު އެއްފުރާގެ ބަޔަކު ދަސްކޮށްދީގެނެއް ނޫނެވެ. ދޮންފުތުކޮށް ބޮޑުވީތީއެވެ. މިއީ ނި ނިޒާމުން ހިނގާ ކަންނެތް ޖީލެކެވެ.

ޖީލަކަށްފަހު ޖީލެއް ހަލާކާ ފަސާދައިގެ ތެރެއަށް ދަނީ ގަސްތުގައެއް ނޫނެވެ. ޒަމާނީ ބެލެނިވެރިކަމުގެ ނަމުގައި ބަޔަކު ފަތުރާ ޕްރޮޕެގެންޑާއެއްގައި ޖެހި، ނޭނގި ތިބެއެވެ. މިނިވަންކަމާ ހައްގުތަކުގެ ނަމުގައި ބަޔަކު ފަތުރާ މޮޅު އުކުޅުތަކެއްގައި ޖެހިގެންނެވެ. މިއީ ދިވެހިންނާ ބީރައްޓެހި ގޮތްތަކެކެވެ. ނަމަވެސް ތަހުޒީބުގެ ނަމުގައި އަހަރެމެން ގާތްކުރި ކަންތައްތަކެކެވެ.