މާޅޮސްމަޑުލު ދެކުނުބުރީ އަކީ ތާރީޚީގޮތުން މުއްސަނދި އެތައް ތާރީޚެއް ލިބިގެންވާ އަތޮޅެކެވެ. މާއްދީ އަދި މައުނަވީ އެތައް ތާރީޚުތަކަކާއި ސަގާފަތްތަކަކާއި ތަރިކައެއް މި އަތޮޅަށް ނިސްބަތް ކުރެވެއެވެ. ތާރީޚީ ގޮތުން ދެކެވޭ ބައެއް ވާހަކަތައް ހުރީ ލިޔުމުން ފެންނާށެވެ. އަނެއްބައި ވާހަކަތައް ދެކެވެނީ ފޯކުލޯރު ވާހަކަތަކެއްގެ ގޮތުގައެވެ. މިއީ ވެސް އެފަދަ ވާހަކައެކެވެ.
ދިވެހި ރާއްޖޭގައި މަޝްހޫރު "ފަސްދޭތެރެ" އަށް ނިސްބަތްވާ ޖުމުލަ ހަ ރަށް އޮވެއެވެ. ތަރުތީބަކުން ކައިރި ކައިރީގައި އެތުރިފައިވާ މި ރައްތަކުގައި މިހާރު މީހުން ދިރިއުޅެނީ ހަމަ އެކަނި ކެންދޫގައެވެ. އެއްފަސްކުރުމުގެ ސިޔާސަތުތައް އައުމުގެ ކުރިން ފަސްދޭތެރޭގެ އުނޑޫދޫގައްޔާއި ފުނަދޫގައިވެސް މީހުން އުޅުނެވެ. މިހާރުވެސް އެ ރަށްތަކުގައި މީހުން އާބާދުވެ އުޅިފައިވާކަމުގެ އެތައް ހެއްކެތް ފެންނާން އެބަ ހުއްޓެވެ. ފަސްދޭތެރޭގެ އެއްމެ ހުޅަނގަށް އޮންނަ ކެޔޮދޫ އަކީ މި ފޯކުލޯރާއި ގުޅިފައިވާ މައި ރަށެވެ. އާދޭހެވެ! "ބުދުކުރު" ވާހަކައެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި "ބުދުކުރު" ވާހަކަ ކިޔައި އުޅެނީ އެހެން ފޯކުލޯރުތަކާއި ދާދި އެއްގޮތަކަށެވެ. ފޫޅު ދިގު ހަންޑި އާއި ސަންތިމަރިޔަނބާއި ސަފަރަކަތްދަ ފަދައިން "ބުދުކުރު" ވާހަކަ އަކީވެސް ކެންދޫގައި ކިޔާ އުޅުނު ވާހަކައެވެ. ނަމަވެސް މިއަދު މި ފޯކުލޯރުތަކުގެ ޖަޒުބާތުގައި ޖެހޭނޭ ދަރިއަކު މި ރަށްރަށުގައި އުޅޭހެނެއް ހިޔެއް ނުވެއެވެ.
މިހާހިސާބުން މި ފޯކުލޯރު، "ބުދުކުރު" ގެ އަސްލަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ދިވެހި ބަހުން މި ބަހުގައި ދެ ލަފުޒެއް އެކުލެވިގެންވާ ކަމަށް ބެލެވެއެވެ. އެއީ "ބުދު" މި ލަފުޒާއި "ކުރު" މި ލަފުޒެވެ. ބުދަކީ އަޅުކަން ކުރުމަށް ކާފިރުން ހަދާ ގެންގުޅޭ ވައްތަރެއްގެ "އެތިގަނޑެކެވެ". ކުރު މާނަ ކުރަނީ އޭގެ ދިގުމިން ކުޑަ ނުވަތަ އިސްކޮޅުން ކުޑަ ނުވަތަ ކުރު އެއްޗެއްސަށެވެ. އެހެން ކަމުން "ބުދުކުރު" ގެ ދިވެހި މާނައަކީ ކުރު ބުދެއް ކަމަށް ބުނެވިދާނެއެވެ. އެހެނަސް ފޯކުލޯރުގައި އެއްވެސް ގޮތަކަށް ބުދެއްގެ ވާހަކަ ކިޔައެއް ނޫޅެއެވެ. "ބުދުކުރު" ގެ ވާހަކަ ކެންދޫގެ މީހުން ކިޔާ އުޅުނީ ކުޑަކުދިން މައްސަލާކޮށް ކިޔަމަން ކުރަން ކަމަށް ބުނެވެއެވެ. އަދި އެ ބުދުކުރަކީ ކެންދުއާއި ޖެހިގެން ހުޅަނގަށް އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި އުޅޭ "އެއްޗެއް" ކަމަށް ބުނެވެއެވެ. ބަސްނާހަންޏާ ނުވަތަ ކިޔަމަން ނުވަންޏާ ކެޔޮދޫގައި އެ އުޅޭ ބުދުކުރު ކެންދުއަށް އައިސް އެ ކުއްޖަކު ގެންދާނޭ ކަމަށް ކެންދޫ މީހުން ކިޔާ އުޅުނެވެ. އެހާރުން އެ ދަރިން މައިތިރިވެ ބަސްއަހާ ކިޔަމަންވާކަމުގައިވެސް ބުނެ އުޅެއެވެ. ގިނަފަހަރަށް މިގޮތަށް ކިޔަމަން ކޮށް ހަދަނީ އެދަރިންނަަށް ކާންދޭން އުޅޭ އުޅުމުގައި ކަމަަށް ވެއެވެ. އެހެންކަމުން "ބުދުކުރު" އަކީ ކެއުމާއި ކާންދިނުމާއި ގުޅިފައިވާ ބަހެއް ކަމުގައިވެސް ބުނެވިދާނެއެވެ.
"ބުދުކުރު" ގެ ނަމަށް ބަލާލާއިރު، އަވަށްޓެރި އިންޑިޔާގެ ބަހުރުވައެއް ކަމަށްވާ މަރާޓީ ބަހުގައި "ބުދުގުރު" މި ބަސް އޮވެއެވެ. އަދި އިންޑޯ އާރިޔާންގެ ބަސްތަކުގައިވެސް މި ބަސް އޮންނަ ކަމަަށް ވެއެވެ. ނަންނަމާއި ބެހޭ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ނޭމްސް ލުކް" މަޖަލައްލާގައި "ބުދުގުރު" ގެ މާނައެއްގެ ގޮތުގައި ބުނެފައިވަނީ ތަޖުރިބާކާރު، ނުވަތަ ތަޖުރިބާ ކުރާ މީހާގެ ގޮތުގައެވެ. އިންޑިޔާގައި ބުދުގުރު ބޭނުންކޮށް އުޅެނީ މީހުންނަށް ނަން ކިޔުމުގައި ނަމުގެ ފަހަތަށް ބޭނުން ކުރާ ފަހު ނަމެއްގެ ގޮތުގައެވެ. "ހައުސް އޮފް ނޭމްސް" މަޖައްލާގައި ފާހަގަކުރާ ގޮތުގައި އިންޑިޔާ ނޫން އެހެން ގައުމަކުން "ބުދުގުރު" މި ނަން ފެންނަން އޮތީ އެމެރީކާގައެވެ.
"ބުދުގުރު" ގައި ވެސް ދެ ލަފުޒު ވާތީ ފެނެއެވެ. އެއީ "ބުދު" އަދި "ގުރު" އެވެ. މިއީވެސް ވަކިން ދެނަމެއްގެ ގޮތުގައި ކިޔާ އުޅޭ ނަންނަމެވެ. "އެންސިސްޓްރީ" މަޖައްލާގައި ވާ ގޮތުން "ބުދު" ނުވަތަ "ބުޑޫ" މިއީ ގަދީމީ އެމެރިކާ ނަމެކެވެ. މި ނަން ނިސްބަތް ކުރެވެނީ އިސްކޮޅުން ކުރުކޮށް ތިބޭ ނަސްލެއްގެ ބަޔަކަށެވެ. ހަމަ އެ މަޖައްލާގައި ބުނާ ގޮތުން އެއްމެ ފަހުން މި ނަސްލުގެ، މި ނަން ކިޔާ ބަޔަކު ފެނިފައު ވަނީ 1920ވަނަ އަހަރުގެ ތެރޭގައެވެ. އެ އާއިލާ ދިރިއުޅިފައިވަނީ ލޫސިއާނާ ސަރަހައްދުގައެވެ. އިންޑިޔާ ބަހަށް ބަލާލާއިރު، "ބުދު" މި ލަފުޒުގެ މާނަ ނުވަތަ އެއްކަހަލަ ބަސްތަކުގެ ގޮތުގައި "އެންސިސްޓްރީ" މަޖައްލާގައި ފާހަގަ ކޮށްފައިވަނީ ބުދުތަކަށް އެކި ބަހުރުވަތަކުން ކިޔާ ނަންތަކެކެވެ.
ދެން އޮތީ "ގުރު" މި ނަމެވެ. "އެންސިސްޓްރީ" މަޖައްލާ އާއި "ހައުސް އޮފް ނޭމްސް" މަޖައްލާގައި ބުނެފައިވާ ގޮތުން މިއީ ސީދާ ހިންދޫ ބަހެކެވެ. ހިންދޫ ދީނުގެ އެދުރުންނާއި ފާދިރީންނަށް ނިސްބަތްކޮށް "ގުރު" ނުވަތަ "ގުރޫ" ކިޔާ އުޅެއެވެ. އަދި މިއީ އެހެން ބައެއް ބަސްތަކަށްވެސް ނުފޫޒު ފޯރުވި ލަފުޒެއްކަމަށްވެސް ވެއެވެ.
ކޮންމެ އަކަސް "ބުދުކުރު" މި ލަފުޒާއި "ބުދުގުރު" މި ލަފުޒުގައި ތަފާތުތަކެއް ހުއްޓެއްކަމަކު، ފޯކުލޯރެއްގެ ހައިސިއްޔަތުން ގަބޫލުކުރެވޭ ބައެއްކަހަލަ ކަންކަން އެބަހުއްޓެވެ. އެހެންކަމުން އަޅުގަނޑު ގަބޫލު ކުރާ ހިތް އޮތީ ކެންދޫ މީހުން މި ކިޔާ "ބުދުކުރު" އަކީ އަސްލު އިންޑިޔާގެ (ހިންދޫއިންގެ) ނަމެއް ކަމަށްވާ "ބުދުގުރު" މި ނަމުން އުފެދިފައިވާ ނަމެއް ކަމެވެ. އެހެނީ ދިވެހި ރާއްޖޭ އިސްލާމް ވުމުގެ ކުރިން މި ރާއްޖޭގައި އޮތީ ބުދު ދީނެވެ. އެހެންކަމުން މި "ބުދުކުރު" އަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިން، ފަސްދޭތެރޭގެ ރަށެއްގައި އުޅުނު، ބުދު ދީނުގެ "ގުރޫ" އެއް ނުވަތަ ފަދިރީއެއް ނުވަތަ އެދުރެއް ކަމަށް ވެދާނެއެވެ. ނުވަތަ ގެންގުޅުނު ބުދެއް ކަމުގައިވެސް ވެދާނެއެވެ. ފަހަރުގައި މި މީހަކީ ނުވަތަ ބުދަކީ އިސްކޮޅުން ކުރު މީހެއް ނުވަތަ ބުދެއް ކަމަށް ވެދާނެއެވެ. އެހެނީ ގަދީމީ އެމެރިކާގައި "ބުދު" ނުވަތަ "ބުޑޫ" ގެ ނަން ނިސްބަތްކުރާ އެފަދަ ކުރު ނަސްލެއް އޮތަތީއެވެ. ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެމީހަކަށް ނުވަތަ އެ ބުދަކަށް މަލާމާތް ރައްދު ކުރުމާއި ކުޑައިމީސް ކުރުމުގެ ގޮތުން އެމީހެއްގެ ނުވަތަ ބުދެއްގެ ނަމާއި ގުޅުވައިގެން ފޯކުލޯރެއް އުފަން ކުރުވީ ކަމަށްވެސް ވެދާނެއެވެ. އެހެނީ އިންޑިޔާގެ ބަހުރުވަތަކާއި ދިވެހި ބަހާއި ގުޅިފައިވާ ކަމަށް ބަހަވީ އިލްމުވެރިން ފާހަގަކޮށްފައި ވާތީއެވެ. މިފަދަ ދާދި އެއްކަހަލަ މިސާލަކަށް "ރަންނަމާރި" ވާހަކަ ފަހަރުގައި ވެދާނެއެވެ.
ކެންދޫގެ ބައެއް އިސްރަށްވެހިން ފާހަގަ ކުރާގޮތުގައި ކެޔޮދޫގެ ރުށްރުކުގައި ނުކުންނަ ކުރުނބަލުގެ އޮށް ކުޑަވާނެޔޯލައެވެ. ކާށީގެ ބޮނބިގަނޑުވެސް ހުންނާނީ ޒާތަކަށް ކުރުގެޅިފަޔޯލައެވެ. މިގޮތަށް އެއްޒަމާނެއްގައި ގިނަ ދުވަސްތަކެއް ވަންދެން ރުށްރުކުގެ މަތިވަރު ހުރިޔޯލައެވެ. "ބުދުކުރު" ކިޔާތީ ހުންނަ ގޮތެއް ކަމުގައި ވެޔޯލައެވެ. އަދި އެހެން ކިޔުން މަދުވެ، "ބުދުކުރު" ގެ ވާހަކަ ދައްކާ އަޑު އިވޭލެއް މަދުވުމުން ކެޔޮދޫގެ މަތިވަރު ހެޔޮވެސް ވިޔޯލައެވެ. މިއީވެސް ކެންދޫ ބައެއް މީހުން ކިޔައިދިން ވާހަކައެވެ.
ހައްތަހާވެސް ދެއްކިދާނެ ވާހަކަތަކެވެ. އަސްލު ދުށް މީހަކު ނެތެވެ. ތަނަކު ލިޔެފައިވެސް އޮތީކީ ނޫނެވެ. ނަމަވެސް "ބުދުކުރު" ގެ ވާހަކަ އަކީ ކެންދޫގައި ދެއްކި ވާހަކައެކެވެ. ފޫޅުދިގު ހަންޑި އާއި ސަންތިމަރިޔަބު ފަދައިންނެވެ. ކުޑަކުދިން ނުކާތީ ކިޔަމަންކުރުމާ މައްސަލާ ކުރުމާއި ކާންދިނުމުގެ ގޮތުން "ބުދުކުރު" ގެ ވާހަކަ ކިޔާ އުޅުނެވެ. ނުކަންޏާ ގެންދާނީ "ބުދުކުރު" ކައިރިއަށެވެ. ނުވަތަ "ބުދުކުރު" އަންނާނެއެވެ. އެހާރުން އެދަރިން ކައިފާނެތެވެ. ބުދުކުރަކީ ކެންދޫގެ ތާރީޚާއި ގުޅިފައިވާ ނަމެކެވެ.
ހަވާލާ:
. ނޭމްސް ލުކް (2019).
. ހައުސް އޮފް ނޭމްސް (2013).
. އެންސިސްޓަރީ (2020).
. ކެންދޫގެ ބައެއް އިސްރަށްވެހިން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން