މީސްމީޑިޔާ އަކީ ވަރަށް ތަފާތު ތަނެކެވެ. ވަރަށް ނުފޫޒު ގަދަ ތަނެކެވެ. އާއްމުކުރަން ބޭނުން އެއްޗެއް އާއްމުކޮށް ފެތުރޭ ތަނެކެވެ. މިއަދު މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ފަލަސްޠީނުގެ ހާލަތު މުޅި މީސްމީޑިޔާއިން އެބަ ފެނެއެވެ. ފަލްސްޠީނަށް ހިތްވަރުދިނުމުގެ ގޮތުންނާއި ފަލަސްޠީނުގެ ދިފާއުގައި މީސްމީޑިޔާގައި ހިއްސާ ކުރާ ޕޯސްޓް ތަކުގައި ކަރާ ބޭނުން ކޮށްފައި ހުރެއެވެ. މި ރިޕޯޓުގައި މި ބަލާލަނީ ފަލަސްޠީނާއި ކަރަލާއި ހުރި ގުޅުމަށެވެ.
1948ވަނަ އަހަރު އިސްރާއީލުގެ ހަރުކަށި ޒައިނިސްޓުން ފަލަސްޠީނުގެ ބިންތައް ފޭރި ހިންގި ނަކްބާ ގެ ޢަމަލުގެ ކުރީގައި އެ ބިންތަކަކީ ދަނޑުވެރިކަން ކުރުމަށް ބޭނުން ކުރަމުން އައި ބިންތަކެކެވެ. އެ ބިންތަކުގައި ކަރަލަކީ ނިކަން ގިނައިން ހައްދާ އުޅުނު ބާވަތެކެވެ. ހާއްސަކޮށް ހޫނު މޫސުމުގައެވެ. މިއަދުގެ ޖެނިން އޭ މި ކިޔޭ ސަރަހައްދަކީވެސް އޭރުގައި ނުލާހިކު ގިނައިން ކަރާ ހައްދާ އުޅުނު ސަރަހައްދެކެވެ.
ފަލަސްޠީނު ރަމްޒު ކޮށްދިނުމަށް ކަރަލުގެ ނިޝާން ބޭނުން ކުރަންފެށީ 1967ވަނަ އަހަރުގެ ފަހުގައެވެ. 1967ވަނަ އަހަރު އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތުލް އާއްމަށްފަހު ފަލަސްޠީނު ދުނިޔޭގެ އުދަރެހުން ފުހެލުމުގެ ނިޔަތުގައި ފަލަސްޠީނުގެ ދިދަ ބޭނުން ކުރުން މަނާކުރިއެވެ. އަދި އެ ދިދަ ބޭނުން ކުރާ މީހުންނަށް ހަރުކަށި އަދަބު ދެވެން ފެށުނެވެ. އެހިސާބުން ފަލަސްޠީނުގެ ދިދަ މީސްތަކުންގެ ލޯތަކު މަތިން ގެއްލެމުން ދިޔައެވެ.
މިދަނޑިވަޅުގައި ފަލަސްޠީނުގެ ފަންނުވެރިން، އެގައުމު ރަމްޒުކޮށްދިނުމުގެ ގޮތުން ކަރާ ފޮއްޗެއްގެ ނިޝާން ބޭނުން ކުރަން ފެށިއެވެ. މިއަދުވެސް ފަލަސްޠީނު ރަމްޒުކޮށްދޭން އެ ބޭނުން ކުރަނީ ހަމަ މި ކަރަލުގެ ނިޝާނެވެ.
ކަރަލުގެ ނިޝާނުން ފަލަސްޠީނުގެ ދިދަ ވެސް ރަމްޒުކޮށްދެއެވެ. ކަރާ ފޮތީގައި އެ ގައުމުގެ ދިދައިގެ ހުރިހާ ކުލައެއް އެތުރިފައި ހިރެއެވެ. ކަޅު ކުލައިގެ އޮށްތަލާއި ފެހި ހުދު ކުލައިގެ ހަރު ފުއްގަނޑާއި، ފެހި ކުލައިގެ ހަރު ތޮށިގަނޑާއި އަދި ރަތްކުލައިގެ މަޑު ފުއްގަނޑެވެ. ރަނގަޅަށް ފުށްއަރާ ދޮންވެފައިވާ ކަރައެއް ފޮތިކޮށްލުމުން މި މަންޒަރު ސިފަކޮށްދޭނެއެވެ.
1980ވަނަ އަހަރުގެ ތެރޭގައި ފަަލަސްޠީނުގެ ބައެއް ފަންނާނުން ވަނީ އިސްރާއީލުން ހައްޔަރުކޮށް އަނިޔާކޮށްފައެވެ. ސަބަބަކަށްވީ އެބައިމީހުންގެ ހުނަރު ބޭނުންކޮށްގެން އެހެން ސިފަސިފައިގާ ފަަލަސްޠީނުގެ ދިދަ ދުނިޔެއަށް ރަމްޒުކޮށްދިނުމެވެ. މިއީ އެ ކަރާ ފޮތީގެ ނިޝާނެވެ. މިއީ އެ ކަރާ ފޮތީގެ ކުރެހުންތަކެވެ. ކަރާ ފޮއްޗަކަށް ބަލާލަށްވެސް އިސްރާއީލުގެ އެ ފިނޑި ޔަހޫދީ ބައިގަނޑަށް ކެތެއް ނުވިއެވެ.
އޭގެ ފަހުން ފަލަސްޠީނުގެ ފަންނާނެއް ކަމަށްވާ ޙާލިދް ހައުރާނީ އުފެއްދި ސިލްކް ސްކްރީނެއް ކަމަަށްވާ "ދަ ސްޓޯރީ އޮފް ވޯޓާރމެލަން" ގެ ސަބަބުން މުޅި ދުނިޔެއަށް މި ނިޝާން ފެތުރި، ކަރަލުގެ ނިޝާނަކީ ފަލަސްޠީނުގެ ފަހުރެއް ކަމުގައި ވެގެން ދިޔައެވެ. ކަރަލުގެ މި ނިޝާނުން ރަމްޒުކޮށްދެނީ ހަމަ އެކަނި ފަލަސްޠީނެއް ނޫނެވެ. ބުނެދެނީ ވާހަކައެކެވެ. ފަލަސްޠީނުގެ މިނިވަންކަމަށް އެގައުމުގެ ބަޠަލުން ކުރާ މަތިވެރި ޖިހާދުގެ ވާހަކައެވެ.
ކަރަލުގެ ނިޝާނާއި ފަލަސްޠީނު ދިދަ މާނަ ކުރުމުގައި ތަފާތުތަކެއް އެބަ ހުއްޓެވެ. އެހެނީ ދިދަ ރަމްޒުކޮށްދެނީ މުޅި ގައުމެވެ. ނަމަވެސް ކަރަލުގެ ނިޝާން މުޅި ދުނިޔެއަށް ދައްކުވައިދިން ޙާލިދް ހައުރާނީ ދައްކުވައިދޭ ކަރަލުގެ ނިޝާނުގައި ވަނީ ފަލަސްޠީނުގެ ރަމްޒު އެކަންޏެއް ނޫނެެވެ. އޭގައި ވަނީ އެބައިމީހުންގެ ޖިހާދާއި، ދީނާއި ޤައުމުގެ ހައްގުގައި އެބައިމީހުން ކުޅަ ހަނގުރާމަތަކާއި ދީނާ ޤައުމުގެ ހައްގުގައި ފަސްނުޖެހޭނެ ކަމުގެ ރަމްޒެވެ. މިކަމަށް އިޝާރާތް ކުރަނީ ކަރާ ފޮތީގައިވާ ރަތްކުލައިގެ ބައި ބޮޑު ކަމުންނެވެ. އެއީ އޮހޮދިޔަ ޝަހީދުންގެ ލެއެވެ. ފަލަސްޠީނުގެ ބިން ރަމްޒުކޮށްދިނުމުގައި ލެޔަކީ އެއްމެ ގިނަ އެކައްޗެވެ. މުޅި އެބިން ވަނީ ޝަހީދުންގެ ލޭގެ ކޯރުތަކުން ބަންޑުން ކޮށްލާފައެވެ. ކަރާ ފޮތިން ބުނެދޭ އެއް ވާހަކަ އަކީ މިއީއެވެ. އެ ލޭތަކުގެ ތެރެއިން ހިތްވަރު ކުރާ މުޖާހިދުން ރަމްޒުކޮށްދެނީ ކަރަލުގެ ތެރޭގައިވާ ކުދި ކަޅު އޮށްތަކެވެ. އަދި އިސްލާމީ ރިސާލަތު ދެމި އޮންނާނެ ކަމުގެ އުންމީދު ދައްކުވައި ދެނީ ކަރަލުގެ ހުދު ބައިންނެވެ. އެއަށްފަހު ރައްކާތެރިކަމާއި އަމާންކަން މިންވަރު ކުރައްވާނެކަން ރަމްޒުކޮށްދެނީ ކަރަލުގެ ހަރު، ފެހި ތޮށިގަނޑުންނެވެ.
މީސްމީޑިޔާގައި އަހަރެމެން ފަލަސްޠީނު ރަމްޒުކޮށްދޭން ނުވަތަ ފަލަސްޠީނުގެ ޖިހާދު ރަމްޒުކޮށްދޭން ކަރަލުގެ ނިޝާން ބޭނުންކޮށް ހަދާއިރު، ކަރަލާއި ފަލަސްޠީނާއި އެބައިމީހުންގެ ޖިހާދާއި ހުރީ ކޮން ގުޅުމެއްކަން އެނގުން މުހިއްމެވެ. މިއަދު އަނެއްކާވެސް މުޅި ދުނިޔެ މި ދަނީ ފަލަސްޠީނުގެ ފަންނާނުން ދިރުވާ އާލާކުރުވި މި ފަންނުން ޝުއޫރު ފާޅު ކުރަމުންނެވެ. މާތް ﷲ ފަލަސްޠީނުގެ މުޖާހިދުންނަށް ކާމިޔާބު ދެއްވާންދޭވެ! އަނިޔާވެރި، ގޮތެއް ފޮތެއް ނެތް އިސްރާއީލުގެ ޒައިނިސްޓު ޔަހޫދީންނާއި އެ ބައިމީހުން ހިންގާ ގަތުލް އާއްމުތަކަށް ހިތްވަރުދޭ އެންމެން ބަލިކުރައްވާ ނިކަމެތި ކުރައްވާންދޭވެ! އާމީން!
ހަވާލާ: އަނާނިޔާ (2022)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން