ދުނިޔޭގެ ތަހުޒީބު ގައުމުތައް ކަމަށް ބުނެ، މުޅި ދުނިޔޭގައި ބޮޑާވެގަނެގެން އުޅޭ ހުޅަނގުގެ ގައުމުތަކުން، އެބައިމީހުން މުޅި ދުނިޔޭގައި ދައްކާ އެއް ވާހަކަ އަކީ ސުލްހައިގެ ވާހަކަ ތަކެވެ. އަނިޔާ އާއި ދެކޮޅު ވާހަކައެވެ. އިންސާނީ ކަރާމާތުގެ ވާހަކައެވެ. ޖުމުލަކޮށް އިންސާނީ ހައްގުތަކުގެ ވާހަކައެވެ. މި ބައިމީހުން މި ދައްކާ އިންސާނީ ހައްގުތަކުގެ ވާހަކަ މުޅި ދުނިޔެ އަޑު އަހައިފިއެވެ. އަހަރެމެންނާ އަހަރެމެންގެ ދަރީންގެ ކަންފަތްތަޖުގައި ގަދައަށް ޖައްސުވައިފިއެވެ. އަހަރެމެން ގޭ ތަކާއި މަދަރުސާ ތަކުގެ އޮޅިތަކުގެ ތެރެއަށް އެވާހަކަތައް ގެނެސް ރަނގަޅަށް ފައްތައިފިއެވެ. އެހެނަސް އެބައިމީހުން އެ ކިޔާ "އިންސާނީ ހައްގު" ތަކަކީ ބޮޑު އޮޅުވާލުމެކެވެ.
އާދޭހެވެ! މިއަދު މުޅި ދުނިޔެ އެކަމަށް އެބަ ހެކި ވެއެވެ. ހެކި ވިޔަސް އަދިވެސް ދުނިގެ އެކަން ގަބޫލު ކުރާތީ ނުފެނެއެވެ. މިއަދުވެސް އެބައިމީހުން ރީތި ނަންނަމާއި މޮޅު ޝުއޫރުތައް ލިޔެ، ހައްގުތަކާ އަނިޔާތަކޭ ކިޔައިގެން ދުވަސްތައް ފާހަގަ ކުރަމުން ދާއިރު، އިސްލާމީ ގައުމުތަކާއި މުޅި ދުނިޔެ މި ދަނީ އެ ދުވަސްތައް ފާހަގަ ކުރުމުގައި އެބައިމީހުން ބުނި ކުލައެއްގެ އަންނައުނުވެސް ލައިގެން ޝުއޫރު ފާޅު ކުރަމުންނެވެ. މިއީ ލަދުވެތި ކަމެކެވެ. އެބައިމީހުން އިންސާނީ ހައްގުތަކޭ ކިޔައިގެން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އަދިވެސް އަހަރެމެން މުސްލިމުން ވީ އެބައިމީހުން ބުނި ގޮތެެއް ހަދައިގެން ތިބެން ހެއްޔެވެ؟
އިންސާނީ ހައްގުތައް ލިބެން ވަނީ ހުޅަނގުގެ ގައުމުތަކާއި އެބައިމީހުނަށް ވާގިވެރިވާ މީހުނަށް އެކަންޏެވެ. އަނިޔާ ވެސް ނުކުރެވޭނީ އެ ގައުމުތަކާ އެ ގައުމުތަކަށް ވާގިވެރިވާ މީހުންނަށް އެކަންޏެވެ. ނޫން ނަމަ އެއްވެސް އިންސާނީ ހައްގެއް، އިންސާނީ ކަރާމާތެއް ނޯންނާނެވެ. އަނިޔާވެސް ކުރަންވީއެވެ. ނިކަން ދެކިބަލާށެވެ. ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން ކަތިލަމުން އެ ގެންދަނީ އެ އުސޫލުގެ ދަށުންނެވެ.
ހުޅަނގުގެ އެ ބުނާ ތަހުޒީބުވެފަ ތިބި ގައުމުތަކާ އެބައިމީހުން ބަހައްޓަން ބޭނުންވާ ފަދަ ގުޅުމެއް ނެތަތީވެ، ފަލަސްޠީނުގެ މުސްލިމުން ކަތިލުން އެއީ ހުޅަނގުގެ ގައުމުތަކަށް ވާގިވެރިވާ އިސްރާއީލަށް އޮތް ހައްގެއް ކަމަށް "އިންސާނީ ހައްގު" ތަކޭ ކިޔާ ގައުމުތަކުން ގަބޫލު ކުރެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާ ކުރުމަކީވެސް އެއާ ދެކޮޅަށް އަޑު އުފުލެން ޖެހޭ އަނިޔާތަކެއް ކަމަށް "އިންސާނީ ހައްގު" ތަކޭ ކިޔާ ގައުމުތަކަމުން ގަނޫލެއް ނުކުރެއެވެ. އަދި ފަލަސްޠީނުގެ ކުޑަކުދިންނާ އަންހެނުންނާ، ފަލަސްޠީނުގެ އިންސާނުންނަށް އެއްވެސް "އިންސާނީ ހައްގެއް" ލިބިފައި ނުވާފަދަ މޭރުމަކުން އެބައިމީހުންގެ އަމަލުތައް ދަނީ ބަހައްޓަމުންނެވެ. އަދި ފަލަސްޠީނުގެ ކުޑަކުދިންނާ އަންހެނުންނާ އަދި އެ ގައުމުގެ އިންސާނުންނަށް ނުހައްގު އަނިޔާތައް ދިނުމަކީވެސް، ފަރުވާލެއް އޮތް ކަމެއް ކަމުގައި އެބައިމީހުންގެ އަމަލުތަކަކުން ނުފެނެއެވެ. ގައިމު ފަަލަސްޠީނުގެ ރައްޔިތުންނަށް "އިންސާނީ ހައްގު" ތައް ކަށަވަރު ކޮށްދޭން ތިޔަ ބުނާ ހުޅަނގުގެ ތަހުޒީބު ގައުމުތަކުން އުޅޭ ނަމަ، އެކަން ނުވާންވީ ސަބަބެއް ނެތެވެ. އެހެނީ ދިވެހިރާއްޖެ ފަދަ ކުދި ކުދި އާބާދީތައް އޮންނަ ގައުމުތައްވެސް އެބައިމީހުން ޖަހާހާ ބެރަކަށް މި ދަނީ ނަށަމުންނެވެ.
އޭ މުސްލިމު ދިވެހި ލޮބުވެތި ރައްޔިތުންނޭވެ! އެބައިމީހުން "އިންސާނީ ހައްގު" ތަކޭ ކިޔާ ވާހަކަ ދައްކާއިރު، އަނިޔާ އާއި ދެކޮޅޭ ބުނެ އަޑު އުފުލާއިރު، އެ ވާހަކަތައް އިޖާބަ ދޭން ހެޔޮވާނީ ކޮންފަދަ އަކުން ހެއްޔެވެ؟ އެބައިމީހުން މިވެނި ދުވަހަކު މިވެނި ޝިއާރެއްގައި މިވެނި ވައްތަރެއް ޖައްސާށޭ ބުނީމާ، އެ ބުނާ ގޮތެއް ހަދަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އަދިވެސް އެބައިމީހުން އެ ބުނާ "އިންސާނީ ހައްގު" ތަކަކީ ހަމަ ހުރިހާ އިންސާނުންނަށް ލިބިދޭ ހަމަ ހަމަ ހައްގުތަކެއް ކަމަށް އަހަރެމެން ގަބޫލު ކުރަނީ ހެއްޔެވެ؟ އަދިވެސް އެބައިމީހުން އަނިޔާތަކާއި ދެކޮޅޭ ބުނެ ވާހަކަ ދައްކާއިރު، އެބައިމީހުން ހަގީގަތުގައިވެސް އަނިޔާތަކާއި ދެކޮޅު ކަމަށް ގަބޫލުކުރަނީ ހެއްޔެވެ؟
އާނއެކެވެ! ރަނގަޅަށްވެސް މިތިބީ އެބައިމީހުންގެ ފަލްސަފީ އަޅުވެތިކަމެއްގައި އަހަރެމެން ގައިދު ވެފައެވެ. އަރަބި އިސްލާމީ ގައުމުތަކަށަ އަހަރެމެން ފާޑު ކިޔާއިރު އަހަރެމެންގެ ހާލުވެސް މިއޮތީ ހަމަ އެގޮތަށެވެ. އެބައިމީހުން ޖަހާހާ ބެރަކަށް ނަށަމުން ތަނީ ކޮންމެ ހަމަ އަކުން، ފަލަސްޠީނުގެ އެތައް ރައްޔިތުންނެއްގެ ހައްގުތައް ނިގުޅައިގަނެ އަނިޔާތަކެއް ދެމުންދާ ހާލުގައެވެ. އެކަމަށް ބީރު ކަންފަތެއް ދީގެން ތިބޭ ހާލުގައެވެ.
އާދޭހެވެ! އިންސާނީ ހައްގުތައް ލިބުން އޮތީ ވަކި ބަޔަކަށެވެ! އަނިޔާވެސް ނުކުރެވޭނީ ވަކި ބަޔަކަށެވެ! އިންސާނީ ހައްގުތައް ނުލިބޭނެ އިންސާނުން މި ދުނިޔޭގައު އުޅޭކަމަށް "އިންސާނީ ހައްގު" ތަކޭ ކިޔާ މީހުން އެބަ ގަބޫލުކުރެއެވެ. އެމަންޒަރު މި ދަނީ މުޅި ދުނިޔެ ބަލަމުންނެވެ! ހެޔޮވާނި ކިހިނަކުން ހެއްޔެވެ؟
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން