މައިމީހާގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން ޢިލްމަކީ އުނގެނި ދަސްކުރަން އޮތް އެއްޗެކެވެ. އެކި މީހުން ޢިލްމު އުނގެނި ދަސްކުރާނީ އެކި ގޮތަށެވެ. ޢިލްމު އުނގެނުމުގައި ތިމާ ގަބޫލު ކުރާ ހަމަތަކާއި މިންގަނޑުތަކާއި އަނެކާ ގަބޫލުކުރާ މިންގަނޑުތަކާ ހަމަތައް ތަފާތު ވެދާނެއެވެ. ނަމަވެސް މިކަމުގައި މުހިންމީ އެމީހަކަށް އެއްޗެއް އެނގި ދަސްވުމެވެ. އެއީ ކޮންމެ ގޮތަކުން ކަމުގައި ވީނަމަވެސް މެއެވެ.
ދިވެހިރާއްޖޭގެ ކަންކަން ތަރުތީބުވެފައިމިވާ ގޮތުން، ގާތްގަނޑަކަށް އުމުރުން 16 އަހަރުވަންދެން ސުކޫލުގައި ކިޔަވަން އުޅުން މަޖުބޫރެވެ. އެއަށްފަހު އެކުއްޖަކު ބޭނުން ދާއިރާއަކުން ހާއްސަ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އޮވެއެވެ. މިއަށް މަތީ ތައުލީމޭ ކިޔައެވެ. ދިވެހިރާއްޖޭގައި ކަންކަން ތަރުތީބުވެފައިވާ ގޮތުން އަސާސީ ތައުލީމަކީ ހަމަ ކޮންމެ ދިވެއްސެއްގެ މައްޗަށް އަސާސީ ކަމެކެވެ. ނަމަވެސް މަތީ ތައުލީމަކީ އިހްތިޔާރީ ކަމެކެވެ. ބައެއް ކުދިން މަތީ ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ހިފާއިރު، އަނެއްބައި ކުދިން އަސާސީ ތައުލީމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުމެއެވެ. މިއީ މި ރާއްޖޭގައި ކަން ހިނގާ ގޮތެވެ.
މި ކުޑަކުޑަ ދިވެހި ރާއްޖޭގައި މަތީތައުލީމު އުނގެނޭ ދަރިވަރުންނީ މަދު ބައެއް ނޫނެވެ. އެކި ގޮތް ގޮތަށް އެކި މަރުހަލާތަކުގައި ތައުލީމު އުނގެނި ދަސްކުރަން ގިނަ ދިވެހިންގެ ޝައުގުވެރިކަން ހުރެއެވެ. ނަމަވެސް މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުރަސް އަޅާ ކަމަކަށް ވެފައި ވަނީ އާއްމު ދިރިއުޅުމެވެ. އެންމެންނީ ފުދިގެން އުޅޭ ބައެއް ނޫނެވެ. އެންމެންނީ ހައިބަތު ބޮޑު، މަތީފަޑީގެ ތަނަވަސް އާއިލާތަކަށް ނިސްބަތްވާ ބައެއްވެސް ނޫނެވެ. އެހެންކަމުން ދިރިއުޅުމުގައި ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައި ތިބި މީހުން މި ދުނިޔޭގައި ދިރިއުޅުމަށްޓަކައި ކޮންމެވެސް ކަމެއް މި ދުނިޔޭގައި ކުރަން މަޖުބޫރުވެއެވެ. އާދޭހެވެ! މި ދައްކަނީ ވަޒީފާއެއް އަދާކުރާ ވާހަކައެވެ. ދިރިއުޅުމަށްޓަކައި އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރާ ވާހަކައެވެ.
އެއްބަޔަކު މަތީ ތައުލީމަކާ ނުލާ މަސައްކަތުގެ މާހައުލަށް ނުކުންނައިރު، އަނެއް ބަޔަކު މަސައްކަތުގެ މާހައުލަށް ނުކުންނަނީ ކޮންމެވެސް ވަރަކަށް މަތީ ތައުލީމު ހާސިލް ކުރުމަށް ފަހުގައެވެ. މިގޮތަށް، ކޮންމެވެސް ވަރަކަށް މަތީ ތައުލީމު ހާސިލް ކުރުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނަ ގިނަ މީހުންނީ އަދިވެސް ތައުލީމު ހާސިލް ކުރުމަށް ލޯބި ކުރާ މީހުންނެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުން، މަސައްކަތު މާހުލަށް ނުކުތުން މަޖުބޫރު ކުރުވީއެވެ.
އާދޭހެވެ! މަޖުބޫރު ކަމުގައި މަސައްކަތް ކުރަމުންވެސް ތައުލީމު ހާސިލްކުރުމަކީ ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. އަދުގެ ތައުލީމީ ނިޒާމު އެކަމަށް ފުރުސަތުދޭކަމީ އުފާކުރާ ކަމެކެވެ. ތައުލީމީ ނިޒާމު އެކަމަށް ފުރުސަތު ދިނެއް ކަމަކު، ގިނަ ބައެއްގެ މާލީ ހާލަތު އެކަމަށް ތަންނުދޭ ކަމީ މިކަމުގައި ކަންބޮޑުވާ އެއްކަމެވެ. ދިވެހިރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތުންނަމަ، މަސައްކަތުގައި އުޅެމުން، އާއިލާއަށް ހަރަދުކޮށް، އެ އާއިލާ ބަލަހައްޓަމުންވެސް މަތީތައުލީމު އުނގެނުމުގެ ފުރުސަތު ފަހިވެފައި އޮވެއެވެ. އަދި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ލުއި އެތައް ގޮތެއްވެސް ވަނީ ފަހިވެފައެވެ. މިއީ ތައުލީމު އުގެނުމާ ދަސްކުރުމަށް ބޭނުންވާ ދިވެހިންނަށް އޮތް ފަހި ފުރުސަތުތަކެކެވެ.
މި ފަދަ ފުރުސަތުތައް ފަހިވެފައިވާކަމީ ތައުލީމީ ޖީލެއް ބިނާކުރުމަށް މުހިންމު ކަމެކެވެ. ނަމަވެސް އެއްބަޔަކު ފާޅުގައި މި ފުރުސަތުތަކަށް އިންކާރު ކުރަމުންދަނީ ތައުލީމުގެ ފެންވަރު ދަށްވަނީ ކަމަށް ބުނެއެވެ. އެބައިމީހުން ގަބޫލުކުރާ ގޮތުގައި މަތީ ތައުލީމުވެސް އުނގެނުން އޮތީ އަސާސީ ތައުލީމު އުނގެނޭ ގޮތަށެވެ. މާނައަކީ ދިރިއުޅުމުގެ ހުރިހާކަމެއް ހުއްޓާލުމަށްފަހު ސީދާ މަތީ ތައުލީމު އުނގެނުމަށް ހުސްވެ ހުރެ ތައުލީމު އުނގެނުމެވެ. ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނާނަމަ، މިއީ ދިވެހިންނަށް ކުރަން ފަސޭހަ ކަމަކަށް ނުވެއެވެ. އާދޭހެވެ! އެބުނާ ތަނަވަސް، ހައިބަތު ބޮޑު އާއިލާތަކަށް ނިސްބަތްވާ މީހުންނަށް މިއީ ފަސޭހަ ކަމަކަށް ވެދާނެއެވެ. ނަމަވެސް ގިނަ ދިވެހިންނަށް މިއީ ފަސޭހަ ކަމެއް ކަމުގައި ނުބެލެވެއެވެ. އެހެނީ މަތީތައުލީމު އުގެނޭ އުމުރަކީ ހަރުދަނާ ދިރިއުޅުމެއް ވެސް އުޅެން ޖެހިފައިވާ އުމުރަކަށް ވުމެވެ. ހަރުދަނާ ދިރިއުޅުމަކަށް ކުރަންޖެހޭ އެތައް ކަމެއް ތަރުތީބުވެފައި ހުރެއެވެ. އެ އުމުރުގައިވެސް މައިންބަފައިން ބުރަ މަސައްކަތުން ހޯދާ ފައިސާއިން މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު އޮތް މީހެއްނަމަ އެގޮތުގައި ކުރިއަށް ދާންވީއެވެ. ނަމަވެސް ގިނަ ދިވެހި އާއިލާތަކުގައި އެ ތަނަވަސްކަމެއް ނުހުރެއެވެ. މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
މަތީތައުލީމު އުނގެނުމަށް ހުރި ލުއިތަކަކީ ތައުލީމުގެ ފެންވަރު ދަށްވާން ޖެހޭ ސަބަބެއް ނޫނެވެ. ފެންވަރު ދަށްވުމާ ނުވުން ބިނާ ވަނީ ތައުލީމު ހާސިލް ކުރާ ގޮތުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެތައް ބައިވަރު ސަބަބުތަކެއް މިކަމުގައި ވެއެވެ. އެހެންކަމުން ފެންވަރު މަތި ކުރުމުގެ ނަމުގައި ފުރުސަތުތައް ހަނި ނުކުރާށެވެ. ހަނި ކުރެވޭ ކޮންމެ ފުރުސަތަކީ ގެއްލިދާ އެތައް ބައެއްގެ ހައްގުތަކެކެވެ. އެއީ އޭގެ ސަބަބުން އެތައް ބަޔަކު ތައުލީމު ހާސިލްކުރުމުން މަހުރޫމު ވެދާނެ ކަމެކެވެ. މިއީ ވިސްނާލުން ހެޔޮ ނުކުތާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން