ދިވެހިންނަކީ ކަނޑަށް މަރެއް، މޫދަށް މަހެއް ފަދަ ބައެކެވެ. ދިވެހިންނަކީ އެބައިމީހުންގެ ހިތްތަކުގައި، މޫދަށާއި ކަނޑަށް އެހެން ގައުމުތަކުގެ މީހުންނަށްވުރެ މާ ބޮޑަށްވެސް ލޯބި ޖެހިފައިތިބި ބައެކެވެ. ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ އެއް ބައެވެ. އެ ކަނޑުތަކަކީ ދިވެހިންނަށް އަމާން، ރިޒުގު ތަނަވަސް ވަސީލަތެކެވެ. މަދުންނަމަވެސް ކަނޑުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވިނަމަވެސް، ހަގީގަތުގައި ދިވެހިންނާ އެބައިމީހުންގެ ކަނޑުތަކާ ދެމެދު އޮންނަނީ އަޖައިބެއްކަހަލަ ގުޅުމެކެވެ. އެހެނަސް، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަސް ވެގެންދިޔައީ ދިވެހިން އެންމެ ލޯބިވި، އަދި ދިވެހިންނަށް އަމާން ތަނެއް ކަމުގައިވި ކަނޑު، ނާމާން ބިރުވެރި ތަނަކަށް ވެގެން ދިޔަ ދުވަހަކަށެވެ.
އެއީވެސް އިއްޔެ ނޫން ކުރީ ދުވަސްފަދަ، އާދައިގެ އާދިއްތަ ދުވަހެކެވެ. އަމާންކަންމަތީ، އުފަލާއި ހިތްހަމަޖެހުމުގެ ކުލަތައް ދުނިޔެމަތިން ފެނުނު ދުވަހެކެވެ. ނަމަވެސް، ދުވަހުގެ ވަކި ހިސާބަކުން އެ ދުވަސް ބަދަލުވެގެންދިޔައީ އެތަކެއް ބަޔަކަށް ބިރާއި ނާމާންކަން ކުރިމަތިކުރުވި "މަރު" ދުވަހަކަށެވެ. ދިވެހިން އެއްމެ ލޯބިވާ މޫދާއި ކަނޑުގެ ސަބަބުން ދިވެހިންނަށް ބޮޑެތި އެތައް ގެއްލުންތަކެއް ލިބުނު ދުވަހެކަށެވެ.
2004ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނީޝިޔާގެ އުތުރު ސުމަޓްރާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދާއި ގާތުން، ރެކްޓަ މިންގަނޑުން 9.1ގެ ބާރުމިނުގެ ބިންހެލުމެއް އުފެދުނެވެ. އާއްމުގޮތެއްގައިވެސް ބިންހެލުންތައް އަންނަ މި ސަރަހައްދަށް އައި މި ބާރުގަދަ ބިންހެލުމުން ކަނޑުގައި ބިޔަ އުސް ރާޅުތަކެއް އުފެދުނެވެ. މި ރާޅުތައް ކަނޑުގައި ދަތުރުކުރަމުން ދިޔައިރު، ދިވެހިރާއްޖެ ވެސް ހިމެނިގެން ގޮސްފައިވަނީ މި ރާޅުތަކުގެ މަންޒިލްތަކުގެ ތެރެއިން، ނިކަމެތި މަންޒިލަކަށެވެ.
އިންޑޮނީޝިޔާއަށް އައި އެ ބިންހެލުމުގެ ލޮޅުމުގެ ކުޑަ އިހުސާސެއް ދިވެހިރާއްޖެއަށް އޭރު އިހުސާސްކުރެވުނުކަމަށްވެސް ބުނެއުޅުނެވެ . އެ ބިންހެލުމުން އުފެދުނު ރާޅުތައް ރާއްޖޭގެ ގިނަ ރަށްތަކަށް އަރަން ފެށިކަމަށް ރެކޯޑްކުރެވިފައިވަނީ ގާތްގަނޑަކަށް އެދުވަހުގެ ހެނދުނު 9:20 ގައެވެ.
ކަނޑާއި މޫދުގެ ރާޅުތަކުން ފެނުނު މި ބިރުވެރިކަމަކީ މީގެކުރިން ދިވެހިން ދެކެފައި ނުވާފަދަ ކަމެކެވެ. އެހެންކަމުން އެފަދަ ކަމަކަށް ދިވެހިންނަށް، ކުޑަކޮށްވެސް ތައްޔާރުވެވިފައިވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި ބައެއް ފަރާތްތަކަށް ބޮޑެތި އަނިޔާތައް ލިބި، އެތަކެއް ބަޔަކު ލޯބިވާ މީހުންނާއި އަލްވަދާއު ކިޔަން ޖެހުނެވެ. މީގެ އިތުރުން، ވީނުވީއެއް ނޭނގި އެތަކެއް ދިވެހިންނެއް ވަނީ ކަނޑުގެ ރާޅުތަކުގެ ތެރެއަށް ގެއްލިފައެވެ.
ދިވެހިރާއްޖޭގެ ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި ހާދިސާގައި ރާއްޖެއިން ޖުމްލަ 82 މީހަކު ނިޔާވިއެވެ. އަދި 24 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެ ފަރާތްތަކުގެ އެންމެހާ ފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.
ސުނާމީގެ ރާޅުތައް ދިވެހި ފަސްގަނޑުން ފައިބާގެން ދިއުމުން ދެން ކުރިމަތިލާން ޖެހުނު ވިލުންވެރިކަމުގެ މަރުހަލާ އަކީ ދިވެހިންގެ އެއްބައިވަންތަކަށް މުޅި ދުނިޔެއަށް ދައްކުވައިދިން ކަމެކެވެ. އެތައް ބަޔަކު ހާލުގައި ޖެހި، ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދިމާވިއިރު، ތަރައްގީގެ ސަފުގައި ދިވެހިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކެއް ފަހަތަށް ޖެހިގެންދިޔައެވެ. މި ހިތްދަތިކަމާއި މާޔޫސްކަމުގައިވެސް ދިވެހިންގެ އެކުވެރިކަމާ އެއްބައިވަންތަކަން ދައްކައި، ގައުމީ ރޫހުގައި ކުރިއަރައިގޮސް ގައުމު އާރާސްތުކުރުމުގެ ވަރުގަދަ ޖިހާދު ދިވެހިން ފެށީ، މުޅި ދުނިޔެއަށް މިސާލު ދައްކަމުންނެވެ. ވީ މިންވަރަކުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމު ކޮޅަށް ޖަހައި ނެގެހެއްޓުމުގައި ބައިވެރިވިއެވެ. ވަކި ވަކި ކުދި ކުދި ރަށްރަކެއްގައި ދިވެހިން ތިއްްބެއްކަމަކު އެ ބިރުވެރި "ބޮޑުރާޅު" ވެގެންދިޔައީ ހައްސާސީ ދަނޑިވަޅެއްގައި ދިވެހިން އެއްބައިވަންތަކުރުވި ކަމަކަށެވެ.
ސުނާމީގެ އެ ނާމާން ބިރުވެރިކަމަށް މިއަދު 19 އަހަރު ފުރިއްޖެއެވެ. އެ ހަނދާންތައް އަދިވެސް ގިނަބަޔެއްގެ ހިތުގެ ތެރޭގައި ގަދައަށް ބިންވަޅު ނެގިފައި އެބަހުއްޓެވެ. އެފަދަ ދުވަހެއް ދެން އަލުން ތަކުރާރު ނުވާން ހިތާހިތުން ކޮންމެ އަފްރާދަކުވެސް އެދޭނެއެވެ. އެހެނަސް، އެފަދަ ކޮންމެ ނިޔާ އަކީ އެކަމުގެ އާރާ ބާރު ފުރިހަމައަށް މިލްކުވެ ވޮޑިގެންވާ މާތް ﷲ ގެ ހަޟްރަތުގައި މެނޫނީ ވާނޭ ނިޔާއެއް ނޫނެވެ. މިފަދަ ބިރުވެރި ނާމާން ކަންކަމުން ރައްކާތެރިކަން އެދި އަބަދުވެސް އެކަލާންގެ ހަޟްރަތުގައި ދުޢާ ކުރާށެވެ. އަޅުގަނޑުމެންގެ ދުޢާ އަކީވެސް މިފަދަ ބިރުވެރި ހާދިސާތަކާއި ނާމާން ކާރިސާތަކުން ދިވެހިން ރައްކާތެރިވުމެވެ. މާތް ﷲ އަޅަމެންނަށް އަމާންތަކެއް ކަމުގައި ކަނޑުތައް ލައްވާށި! އާމީން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން